ދުނިޔެ / އުމްރާ

އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ

23 މެއި 2023 - 13:25

2 comments

މި ހިނގާ 1444 ވަނަ އަހަރު އުމްރާގެ އަޅުކަން ކުރުމަށް ހުއްދަ ދޫކުރުން، ޒުލްގައިދާ މަހުގެ 15 ވަނަ (ޖޫން 4) ދުވަހުން ފެށިގެން މެދުކަނޑާލާނެ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައް ބަލަހައްޓާ ވުޒާރާ އިން އިއްޔެ އިއުލާންކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި އުމްރާ ވުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ ޒުލްގައިދާ މަހުގެ 15 ވަނަ ދުވަހެވެ. އޭގެ ފަހުން މި އަހަރުގެ ނިޔަލަށް އެ ހުއްދަ ނުދޭނެ ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

އުމްރާވުމަށް ދޫކޮށްފައިވާ ވިސާއެއްގައި ސައޫދީ އަށް އެތެރެވެފައިވާ އެއްވެސް މީހަކަށް ހައްޖުގެ އަޅުކަމުގައި ވެސް ބައިވެރިއެއް ނުވެވޭނެ އެވެ. ހައްޖުގައި ބައިވެރިވުމަށް ވަކި ވިސާއެއް ދޫކުރާތީ، އުމްރާ ވިސާގައި މައްކާ އަށް އެތެރެވެފައި ތިބި އެންމެން ވެސް، ޒުލްގައިދާ މަހުގެ 20 (ޖޫން 18) ވަނަ ދުވަހުގެ ނިޔަލަށް ސައޫދީން ބޭރުވާންޖެހޭނެ އެވެ. އޭގެ ފަހުން މައްކާ އަށް އެތެރެވެވޭނީ މި އަހަރުގެ ހައްޖަށް ދޫކުރާ ވިސާގަ އެވެ.

މި ވަގުތު ސައޫދީގެ އެހެން ސަރަހައްދުތަކުން މައްކާ އަށް އެތެރެވެފައި ތިބި އެ ގައުމުގެ މީހުންނާއި ބިދޭސީންގެ ތެރެއިން ވެސް، ހައްޖު މޫސުމަށް މައްކާ އަށް އެތެރެވުމުގެ ޚާއްސަ ހުއްދަ ނެތް މީހުން މައްކާ އިން ބޭރުވުމަށް، ޝައްވާލް މަހުގެ 25 (15 މެއި) ވަނަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ. އަދި މައްކާ އަށް އެތެރެވާ ޗެކްޕޮއިންޓްތަކުން ބަލައި ފާސްކުރާ އިރު، ހައްޖުގެ ޚާއްސަ ހުއްދަ ނެތް އެއްވެސް މީހަކު މައްކާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވައިލާނެ ކަމަށް ވެސް ސައޫދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ކުރި އިއުލާންގައިވާ ގޮތުން، އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ވެސް، އެ ތާރީޚުން ފެށިގެން މައްކާ އަށް އެތެރެވެވޭނީ، މައްކާގައި ވަޒަންވެރިވެގެން އުޅޭ މީހުންނަށާއި، އުމްރާ ހުއްދަ ނުވަތަ ހައްޖު ހުއްދަ އޮތް މީހުންނަށެވެ.

މުޅި ދުނިޔޭގައި 2021 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ފެތުރުނު ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސައޫދީގައި އެޅި ފިޔަވަޅުތައް ދޫކޮށްލައި، ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާ އާއި މަދީނާ ހުޅުވައިލުމާ ގުޅިގެން، މިދިޔަ ރޯދަ މަހު ވެސް ތިން މިލިއަނަށް ވުރެ ގިނަ މީހުން އުމްރާވި އެވެ.

މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅު ބޮޑުކުރުމަށް މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިން، މިހާތަނަށް ނިމިފައި ހުރި ބައިތައް، މި ރޯދަ މަހަށް ހުޅުވައިލުމުން، އެ ދެ ހަރަމްފުޅަށް ޒިޔާރަތްކުރި މީހުންނަށް ވަރަށް ފަސޭހައިން އަޅުކަމުގެ ކަންތައް ފުރިހަމަ ކުރެވުނެވެ. މައްކާގެ ހަރަމްފުޅުގައި ހިމެނޭ މަޠާފް (ޠަވާފްކުރާ ސަރަހައްދު) ހަމައެކަނި އުމްރާވެރިންނަށް ޚާއްސަ ކޮށްފައި އޮތުމުން، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ކުރިއަށް ވުރެ ވަރަށް ކުޑަވެ، އަދި ފަސޭހަ ވެފަ އެވެ.

ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނި ގޮތުގައި އުމްރާގައި ބައިވެރި ނުވެ އެހެން އަޅުކަންތަކުގައި ތިބޭ މީހުންނަށް ހަރަމްފުޅުގެ އެހެން ސަރަހައްދުތަކުން ޖާގަ ތަނަވަސްވެފައި ވުމުން، ތަވާފް ކުރާ ސަރަހައްދާއި ސައުޔު ކުރާ ސަރަހައްދު މިހާރު އޮންނާނީ އުމްރާވެރިންނަށް ހުސްވެފަ އެވެ. އެހެންކަމުން، ގިނަވެގެން 104 މިނެޓް ތެރޭގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރެވޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މައްކާގެ ހަރަމްފުޅުގައި މި ރޯދަ މަހުގެ ތެރޭގައި ނަމާދުކޮށް ގުރުއާން ކިޔަވަން ބޭނުންވާ މީހުންނަށް ތިބެވޭނީ، މަޠާފް އާއި މަސްޢާ (ޞަފާ އާއި މަރްވާއާ ދެމެދު ހިނގާ ސަރަހައްދު) ފިޔަވައި އެހެން ސަރަހައްދުތަކުގަ އެވެ. މަޠާފް އާއި މަސްޢާ ޚާއްސަ ކޮށްފައިވަނީ އުމްރާވެރިންނަށެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބުރާހިމް

24 May 2023

އެހުންނަނީ ގަވާއިދާ ގާނޫނު ބަބާބަރު ސައުދީސަރުކާރައްބެލޭނެ އެއަދި މާމީހުންގިނަތަނެއް

The name is already taken The name is available. Register?

ސޭކުސްތާނު - އުމްރާގެ ހަރާން ވިޔަފާރި

23 May 2023

މި ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރަން ސިސިލްފަރު ގްރޫޕަށް މަންމަ ދެއްކީ 37،000 ރުފިޔާ. ސިސިލްފަރު ގްރޫޕުން ގޮސް ބެހެއްޓި ހޮޓަލުގައި ހުސް މީދަލާ، ކުރަތްޕާ ދުވަނީ, ފާހާނާއިން އަރަނީ ނަޖިސް ފެން. މަންމަމެން އެހީމަ ބުނީ ގްރޫޕުން ރިޒާރވް ކުރި ހޮޓާ ނުލިބުނިއްޔޯ. އުމްރާގެ ފަހު ދުވަހު ގޮސް އެއް ދުވަސް ކުރިން އެއަރޕޯރޓް ތެރެއަށް މަންމަމެން ދޫކޮއްލީ. އެދުވަހު ކާން ޖެހުނީވެސް އަމިއްލަ ޚަރަދުގައި، ނިދީ އެއަރޕޯރޓް ގޮނޑިތަކުގައި، ހަވާލުވާނެ މީހަކު ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454