ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު
23 މެއި 2023 - 15:22
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހެޅުމާ އެކު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، ވަކި ބަޔަކު ބޭނުންވިޔަސް އެ މަނިކުފާނު މަގާމުން ދުރު ނުކުރެވޭނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމުންނެވެ.
އެމްޑީޕީގެ 49 މެމްބަރަކާއި އަމިއްލަ މެމްބަރު ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ގެ ސޮޔާ އެކު، އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާއިރު، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އެ ގުރޫޕުގައި، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒަށް ނިސްބަތް ކުރައްވައި ނަޝީދު ފުރަތަމަ ވިދާޅުވީ، ހަ ވަރަކަށް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބިރު ދައްކައިގެން ކަންކަން ކުރަމުންދާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، އަލީ ނިޔާޒް ވިދާޅުވީ އޭނާއަށް އެއްވެސް މީހަކަށް ބިރު ނުދެއްކޭނެ ކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އޭނާއަކީ މެޖޯރިޓީއަށް ތަބާވެވަޑައިގަންނަވާ "ހަގީގީ ޑިމޮކްރެޓެއް" ކަމަށް ވިދާޅުވި އެވެ.
އަނެއްކާވެސް ނަޝީދު ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕާއި ޕާޓީގެ ލީޑަޝިޕުން އަމަލުކުރަމުންދާ ގޮތާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ. ދެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައީސްކަން ގެއްލުމުން ނިޔާއާ އެންމެ ގާތުގައި ހުންނަވާނެ ކަމަށެވެ.
"ނިޔާ، އަޅުގަނޑަށް މި ފެނުނީ ތިޔަ ދެބެއިން ބައެއްގެ ދަށު ވަރަށް ބޮޑަށް ވީ ތަން. އެކަމު ނިޔާ، ރައީސްކަން ގެއްލުނީމަ އަޅުގަނޑު ހުންނާނީ އެންމެ ކައިރީގައި،" އަލީ ނިޔާޒްގެ މެސެޖާ ވިދިގެން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވުމާ އެކު ގުރޫޕު ތެރެ ވަރަށް ބޮޑަށް ހޫނުވި އެވެ. އަދި ނަޝީދަށް ނިސްބަތްކުރައްވައި، "މޮޔަވެއްޖެ" ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ އެ މަނިކުފާނު މަގާމުން ދުރުކުރަން ފާޅުގައި ގޮވާލައްވައިފަ އެވެ.
"ބިގޭ [އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން]، ނިޔާ، އަސްލަމް [ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް] ވަރަށް ވިސްނަވާތި. އީވާ ބޭރުކުރުން ނޫން ގޮތަކަށް ދީލާލައިފި ނަމަ، އެއްވެސް ކަމެއްގަ އެއްބާރުލުންދިނުން ނިމުނީ،" ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވި އެވެ.
ބައެއް މެމްބަރުންގެ ދަށުވި ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ރައްދު ދެއްވި އެވެ.
"މީގެ ކުރިން އެންމެ މީހެއްގެ ދަށުވީ ދޯ. މިހާރު ގިނަ ބަޔަކާ އެއްބައިވީ. ރަނގަޅު ގޮތް ޗޫޒް ކުރީ،" ޔައުގޫބު ވިދާޅުވި އެވެ.
މެމްބަރުންގެ ނުރުހުމުގެ މެދުތެރެއިން ނިިޔާ ވަނީ އޭނާ އަބަދުވެސް ނަޝީދަށް އިހްތިރާމްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އެކަމަކު ޕާޓީ ދޫކޮށްލާ ހިސާބުން އިތުރު ޗޮއިސްއެއް ނޯންނާނެ އަޅުގަނޑަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ހޫނުކަން މައިތިރިނުވެ، މެމްބަރުން ގެންދެވީ ނަޝީދު ބޭރުކުރުން އަވަސް ކުރަން ގޮވާލައްވަމުންނެވެ.
"މީނާ ބޭރުކުރުން އަވަސްކޮށްލަން ފެނޭ. އަހަރެން ޕީޖީއަށް ހުށަހަޅާނަން،" ނަޝީދު މުޅި ގައުމު ފިތުނަކޮށްފިކަމަށް ތުހުމަތުކުރައްވައި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ޗީފް ވިޕު އަބްދުލްމުޣުނީ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނިޔާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
މެމްބަރުންގެ އެ ވާހަކަތަކަށް ނަޝީދު ރައްދު ދެއްވީ، ޕީޖީ ގުރޫޕުގެ އިސް މެމްބަރުންނަށް ވަރުގަދަ އިންޒާރަކުންނެވެ.
"ބިގޭ، ނިޔާ، އަސްލަމް ވަރަށް ވިސްނަވާތި. އަޅުގަނޑު ވަކި ނުކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވުމާއެކު އެ ގުރޫޕު އަނެއްކާވެސް ހޫނުވި އެވެ. އަދި ނަޝީދު ވިޔަސް، މެމްބަރުން ބޭނުންނަމަ ވަކި ކުރެވޭނެ ކަމަށް ގޮވާލަމުން ދިޔަ އެވެ.
"އެމްޑީޕީ އެމްޕީސް ތިޔަ ތަނަކަށްލީ ވެސް. އެ އެމްޕީސް ބޭނުމިއްޔާ ބޭރުކުރެވޭނެ. ރަނގަޅު ވަގުތުގަ އެކަން ކުރާނެ،" މުޣުނީ ވިދާޅުވި އެވެ.
އަދި ނަޝީދު ދެކޮޅު ހެއްދެވި ނަމަވެސް، އީވާ މަގާމުން ވަކި ކުރުން ޕީޖީ ގުރޫޕުން ނިންމައި، ސޮއި ވެސް ހަމަކޮށްފައިވާ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވި އެވެ.
"ނައިބު ރައީސަކަށް އިންނަވަންޖެހޭނީ އެމްޑީޕީގެ މެމްބަރެއް،" އޭނާ ވިދާޅުވި އެވެ.
ނަޝީދު އިސްވެ އުފެއްދެވި "ފިކުރެއްގެ ދިރުން" ގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާއިރު، އީވާއާއެކު އެ ފެކްޝަނުގައި ތިއްބެވި 12 މެމްބަރުން ވަނީ އެމްޑީޕީން ވަކިވެފަ އެވެ.
ނަމަވެސް، ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ. އަދި "ދަ ޑިމޮކްރެޓްސް" ގެ އެއްވެސް ހަރަކާތެއްގައި ވެސް އެމަނިކުފާނު މިހާތަނަށް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް، ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އިއްޔެ މަޖިލިހުގައި އިއުލާން ކުރި ގޮތުން ނަމަ 55 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންތިމަރިއްޔާ
25 May 2023
މައުމޫނު އައް ޖެހުނު ބަލާ ކަލޭމެނަށް މިހާރު ތަސައްވަރު ވާނެ. އެއްވެސް ކަހަލަ ގަވައިދެއް ގާނޫނެއް އިހުތިރާމެއް. ޖަލައް ލީމަ ލީވަހަކަ
އެލެކުސް ޑިިކުސަން
25 May 2023
މަ ބުނޫ ހާދާ ޑިކުޓޭޓަރު ވަސް އެބަދުވައޭ.... ޑިކުޓޭޓަރު ޑިކުޓޭޓަރު ޑިކުޓޭކަރު ޑިކުޓޭޓަރޫ....
ތުނޑުހަސަނު
24 May 2023
ތިޔަކީ ކެނެރީގޭ ނަޝީދަށް ޚާއްސަ މަގާމެއް ނޫން. އެހެންވީމަ ވަކިކުރެވޭނެ.
ގޮއްޔެ
24 May 2023
އޭނައާ ކުޅޭކަށްމީހަކު ނުވެސް އުޅޭ, އެއީ މިހާރު ހަތްޕުނޑު
ށަވިޔަނި
24 May 2023
ކޮމެކަމެއްވެސް ކުރެވޭނެ
ވަގުއަހަނދޭ
24 May 2023
ހަރުމުދާ ކަމަށް ހަދައިގެން އުޅެނީ ކޮންމެއެއްޗެއްވެސް. މަގާމުގަނޑެއް ވިޔަސް.
ހަސަންކާރި
24 May 2023
މީ ވަރަށް ފައްކާ "ޑިމޮކްރެޓެއް"!!! ނަމުން ޑިމޮކްރަސީ އެކަމަކު މެޖޯރިޓީއަށް ތާއީދު ކުރާކަށް ބޭނުމެއް ނޫން. ޑިމޮކްރެޑިކް ނިޒާމުގެ އެއް އަސާސަކީ ޕްރައިމަރީން ބަލިވީމައި މޮޅުވި މީހާ ފަހަތައް އެރުން. އެކަމެއް ނުވި. ސިޔާސީ ނިޒާމާ ބެހޭގޮތުން ރެފެރެންޑަމެއް ބޭއްވީމައި ރައްޔިތުންގެ ނިންމުން ގަބޫލުކުރުން. އެކަމެއްވެސް ނުވި. ރިޔާސީ އިންތިޚާބުން ބަލިވީމައި ޕާޓީގެ އެހެން މީހުންނަށް ފުރުސަތު ދިނުން. އެކަމެއްވެސް ނުވި. ތިހެން ގިނައިން އުޅެނީ ޑިކްޓޭޓަރުން
އެލެކްސް ޑިއްކޫ
25 May 2023
އާދެ ޑިކްޓޭކަރެއް. ކުރުކޮން ލޯބިން ޑިއްކޫ
ވިސްނާށޭ
24 May 2023
އިސްތިއުފާދިން އަންނި މިހާރު އެއުޅެނީ އަމިއްލައަށް ވަކިވާން ނުކެރިގެން، ކެޑޭމީހާގެ ލަގަބު ލިބިދާނެތީ ބިރުން. ވީމާ އެރާވާ އެއްޗަކީ، އެމްޑީޕީއިން ލައްވާ ބޭރުކުރުވަން. ވީމާ ރަގަޅުވާނީ އަޅާނުލާ ބޭންދިއްޔާ. މަޑުމަޑުންގޮސް އޮއްސޭނެ.
ރުންކުރު
23 May 2023
ކިތަންމެ ގަދަފައި ވިއްދާފަ ހުއްޓަސް ޕާޓީއަށްވުރެ އެއްވެސް މީހަކު ބާރުގަދަވެގެން ނުވާނެ. އޮންނަ އުސޫލުގެ ތެރެއިން ޕާޓީގެ ރައީސެއް ކަމަކު ވަކިކުރެވެންޖެހޭނެ. ޕާޓީއަކީ ވަކި މީހެއްގެ މިލްކަކަށް ވެގެން ނުވާނެ.
އަންދަލޫސިޔާ
23 May 2023
އީވާއަށް މަޖުލިސް ނައިބު ރައީސްކަން ހިބައިން ދީފަތޯ އޮތީ؟ ރައީސް ނަޝީދު ވެސް އެމްޑީޕީން ކެނޑުން ނުވަތަ އިދިކޮޅު ޕާރޓީ އަކާ އެކު ނުކުމެ އެމްޑީޕީ އާ ދެކޮޅަށް ޙަރަކާތެއް ހިންގާ ދުވަހު ބޭރުކުރަންޖެހޭނެ!