ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ދެ ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
28 މެއި 2023 - 12:52
ބިދޭސީއަކު އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީ މަގުން ރާއްޖެ އައި ސްވިޒަލެންޑްގެ މީހަކު އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ ކޮކެއިންގެ މައްސަލާގައި ދެ ދިވެއްސަކު ހައްޔަރުކޮށް، ބަންދުކޮށްފައި ވަނިކޮށް މިދިޔަ މަހު ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އެ މީހުން ދޫކޮށްލީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި އޮތަސް، އެކަން ބެލި ގޮތެއް އެނގެން ނެތް ކަމަށެވެ. އެހެންވެ، އެ މީހުން ދޫކޮށްލީ ބަންދުކުރަންޖެހޭ ހާލަތެއް ނެތިގެން ނުވަތަ ހާލަތު ބަދަލުވެގެން ކަން އެ އަމުރުން އެނގެން ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން ސަބަބު ބަޔާން ކުރުމެއް ނެތި އެ މީހުން ޝަރުތުތަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށެވެ. އަދި އެގޮތަށް އަމަލު ކުރުމަކީ މަތީ ކޯޓުތަކުގެ ނިންމުންތަކާ ހިލާފް ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރާ ފަނޑިޔާރުން އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރާ ކަމަށެވެ. އަދި އެ މީހުން ބަންދުކުރަން އެދި ހަތް ދުވަސް ތެރޭގައި ދައުލަތުން ދަށު ކޯޓުގައި އެދިއްޖެނަމަ އެކަމާ ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހުސައިން މަޒީދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީތާ
29 May 2023
ބަރުދަން އިތުރުވި ވަރަކަށް އެމީހުންގެ ޢިއްޒަތާއި ޝަރަފު ބޮޑުވާނެ. ތީ 2 ގުރާމް ނަމަ މިހާރު ތިބޭނީ ޖަލުގައި. މިޤައުމުން މިކަން ހުއްޓުވޭނޭގޮތެއް މެދުވެރިކުރައްވާށި. އާމީން
އިސްމާލި
28 May 2023
"ދެ ދިވެއްސަކު ހައްޔަރުކޮށް، ބަންދުކޮށްފައި ވަނިކޮށް މިދިޔަ މަހު ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ." ތެދެއް. ޑުރަގަކީ މިހާރު މިތާ މުޖުތމައަށް ނުރައްކާ އެއްޗެއް ނޫން އަދި އެ އެތެރެކޮށްވިއްކާމީހުންކީ މުޖުތަމާއަށް ނުރައްކާ ބައެއް ނޫން.
ގެދާނޯމޮސް
28 May 2023
ވެރިކަމުގެ އާރާއި ބާރު ކެނޑެން ފެށީމާ ކޯޓްތަށް ލޯހުޅުވެން ފެށީއެވެ.