އެޓާނީ ޖެނެރަލް މުހައްމަދު ރިފްއަތު.-- ފޮޓޯ: މިހާރު
31 މެއި 2023 - 12:24
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުރުބާރުނެތް ކަމުގެ މައްސަލާގައި ގާނޫނީ ގޮތުން ސުވާލު އުފެދިގެން އުޅެނީ، އޭޖީގެ ދިފާއު ލިޔުމުން އެކަނި ފޮނުއްވާފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ދިފާއުވުމަށް އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބެއް ފޮނުއްވައިފަ އެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކުރެވޭ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބޭނެ އެވެ.
ނަމަވެސް ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅާފައިވާތީ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެ މައްސަލަ މަޑުޖައްސާލައިފަ އެވެ.
ޖަލްސާ އަލުން ފެއްޓެވުމަށް ފަހު ނަޝީދު ވިދާޅުވީ ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނާއެކު ކުރެެެއްވި މަޝްވަރާ އިން ހައްލެއް ނުލިބުނު ކަމަށެވެ.
މެޖޯރިޓީ އޮތް އެމްޑީޕީން ދެކެނީ އާންމު ކޮމިޓީގެ ނިންމުމެއް އޮތަސް ލިޔުމުން ވެސް ޖަވާބުދާރީވުމަށް ގާނޫނުއަސާސީން ލިބިދޭ ހައްގު ބޭނުން އޭޖީ އަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީތަކެއްގެ ވިސްނުން ހުރީ ޑޮކިއުމެންޓަރީ އެވިޑެންސާ އެކުގައި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީ ވެވަޑައިގަންނަވަންޖެހޭ ގޮތަށެވެ. އަދި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީވެވަޑައިނުގަންނަވާ ގޮތަކަށް ގާނޫނުއަސާސީ ބަޔާން ނުކުރާ ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގާނޫނުއަސާސީ އާ ހިލާފަށް މިނިސްޓަރަކު ވަކިކުރުމުގެ މަސައްކަތް ކުރުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިރާޖީ ލަފައެއް ހޯދަން. ގާނޫނުއަސާސީ މާނަ ކުރެވުނު އިރު ނުވަތަ އެކުލަވާލި އިރު އޮތް ގޮތާއި މި ބާވާތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން،" ނަޝީދު ވިދާޅުވި އެވެ.
އޭގެފަހުން، ހެނދުނު ސައިގެ ވަގުތަށްފަހު މަޖިލީހުގެ ޖަލްސާ އަލުން ފަށައި، މިއަދުގެ އެޖެންޑާގައި ދެން އޮތް އައިޓަމަށް ބަހުސް ފެށި ނަމަވެސް، ގިނަ މެމްބަރުން ވާހަކަ ދެއްކެވީ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅުވަ އެވެ.
އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، އިތުބާރުނެތް ކަމުގެ މައްސަލަތަކުގައި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު ވަޒީރުންނަށް ލިބޭ ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ. އެހެންކަމުން އަނގަބަހުން ދިފާއުވުމުގެ ހައްގަކީ ބޭނުންކުރުން ލާޒިމު ހައްގެއް ނޫން ކަމަށާއި، ރިފްއަތުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
އޭގެ ރައްދުގައި ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގައި އޮންނަ ގޮތާމެދު ސުވާލު އުފެދިގެން އުޅެނީ ރިފްއަތުގެ ދިފާއު ހަމައެކަނި ލިޔުމުން ފޮނުއްވާފައިވާތީ ކަމަށެވެ.
"...އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެމްބަރަކަށް ލިބިގެންވެއޭ. މިސާލަކަށް މީގައި މި އިންނަނީ އަނގަބަހުން ނުވަތަ ލިޔުމުންނެއް ނޫން،" ގާނޫނުއަސާސީގެ 101 ވަނަ މާއްދާއާ ހަވާލާދެއްވައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހައްގު ދޫކޮށްލެއްވުމުގެ ހައްގު ބަންޑާރަ ނައިބަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް، އޮޅުން އަރަނީ އެ ހައްގު އެކީގައި ދޫކޮށްނުލައްވައި، ލިޔުމުން އެކަނި ދިފާއު ފޮނުއްވާފައިވާތީ އެވެ.
ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ނަޝީދު ނިންމެވި ނިންމުމާމެދު ވެސް އެމްޑީޕީ މެމްބަރުން ސުވާލު އުފެއްދެވި އެވެ.
ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހެޅޭނީ މަޖިލީހުން ފާސް ކުރާ ގަރާރަކުން ކަން ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ މަޖިލީހުން ފާސްނުކޮށް އެފަދަ ލަފައެއް ނުހޯދޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"މަޖިލީހުން ފާސްކުރަން ހުށަހަޅައި، މަޖިލީހުން ފާސްވެއްޖެ ނަމަ މި މަޖިލީހަށް ލިބޭނީ،" އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުކަމާ
31 May 2023
އެ އުޅެނީ ކަރުގަ ކައްޓެއް ޖެހޭތީއެވެ.
ބޮޑުމީހާ
31 May 2023
ތީ އޭނައަށް ލިބިގެންވާ ހައްގެއް ނޫން..ދައުލަތުގެ ދެވަނަ ބާރުން ފުރަތަމަ ބާރު ކަންކުރީ ރަގަޅަށްތޯ ގޯސްކޮށްތޯ ބެލުމަށް ހިގާ މައްސަލައެއްގައި ދައުލަތުގެ ސްޓޭންޑް ތަފްސީލުކުރަންޖެހޭނެ..މިކަހަލަ ފިޑި ވަޒީރުން ލީމާ މޮރިޝަސްއިން ބުނެލާއިރަށް މުޅި ގައުމުވެސް ދީފާނެ
އަރަފު
31 May 2023
ކަންދުވިއްކާލާފަ އަދި މިއުޅެނީ ޖަވާބުދާރީ ނުވެ ރެކެން، މީނާގެމައްޗައް ދައުވާކުރަން ޖެހޭ
މަތީނު
31 May 2023
އިސްތިރާޖީ ލަފައަކީ ކޮބައިބާ؟ އަހަރެމެން ދަންނަނީ އިސްތިޝާރީ ލަފާ
މީހަކު
31 May 2023
މިއީ ސުވާލެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށް ބެލެވެނީ. އަޅުގަނޑަށް ފެންނަ ގޮތުގައި މިއުޅެނީ ގިނަ ދުވަހު އީވާ މަޤާމުގައި ބެހެއްޓޭނޭ ގޮތެއް ހަދާން. ބޮލުން ވަރަށް ކުޅޭން މަސައްކަތް ކުރާނެ. ނަމަވެސް ބޯ ރަނގަޅެއް ނޫން
އަސޭލ
31 May 2023
ސޯލިހުގެ ޢެމްޑީޕީގަ ގާނޫނަކަން ގަވައިދަކައް ބެލުމެއް ނޯވޭ؟
އަންޑޭ
31 May 2023
ނަޝީދޫ ޙައްޤެއް ލިބުނީމާ އެ ދޫކޮށްލީމާ ވެސް ކަމަކުނުދޭ؟ ކަޑަވަނީ ދެއްތޯ! އީވާ އަށް އެ ވަގުތު ހިމަނައިގެން ޖަވާބުދާރީވާން ވަގުތު އިތުރުކޮށްލާ!
ދުރުމި
31 May 2023
"...އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެމްބަރަކަށް ލިބިގެންވެއޭ" ނަޝީދަކަށް ނޭންގޭތޯ "ލިބިގެންވެއޭ" ބުނެވޭ ބަހުގެ މާނައެއް. މީހަކަށް ލިބެން އޮތްއޮތްޗެއް އެމީހަކު އަމިއްލައަށް ދޫކޮށްލުމުން ދެން އެކަމާ ނަޝީދު ކޮން ތެޅުމެއް ތެޅޭކަށް. ގާނޫނު އާސާސީ ލިޔުނު މީހުން ލިޔެފައެއް ނެތޭ އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީ "ވާންވާނޭ" ނުވަތަ "ވާންޖެހޭނޭ" . އޮތީ ހައްގު ލިބިގެންވެއޭ. އެ ހައްގު އޮތީ ދީފައެވެ.