މެއި 7، 2022؛ ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަސް (މެއި 9) ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ތައްޔާރީތަކުގެ ތެރެއިން، އަސްކަރީ ދައްކައިލުމުގެ ރިހާސަލެއް ބާއްވަނީ. --އޭއެފްޕީ
31 މެއި 2023 - 12:54
ވައި ކަފާފައި ޖެޓް ބޯޓުތައް ދުއްވާ އަޑާއި، މިސައިލްތަކާއި ބޮންތައް ގޮވާ ބާރު އަޑުފައްގަނޑާއި ބޯމަތިން ޑްރޯން މަތިންދާބޯޓުތައް އުދުހޭ ބޫން އަޑަށް، ޔޫކްރޭން ރައްޔިތުން ހޭނި ފަރިތަވެފައި ތިބޭތާ އަހަރުދުވަސް ވީ އެވެ. މަތިންދާބޯޓުތަކަށް ހަމަލާދޭ މެޝިން ބަޑީގެ އަޑުތަކާއި، މިސައިލް ހަމަލާތައް އެރުމުން އިމާރާތްތަކުގެ ބިއްލޫރިތައް ކުދިކުދިވެގެން ފައިބާ އަޑަކީ ވެސް ޔޫކްރޭން ރައްޔިތުންގެ ކަންފަތްތަކަށް ފަރިތަ އަޑުތަކެކެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގައި އެ ހާލަތު އުފެދިފައި އޮންނަތާ އަހަރުދުވަސް ވިޔަސް، މިހާތަނަށް ވެސް ރަޝިޔާ ރައްޔިތުންނަށް އެއިގެ ހިލަމެއް ނުވެ އެވެ. ނަމަވެސް، މި ހަފުތާގައި ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ދެމުން ދާ ޑްރޯން ހަމަލާތަކުގެ ސަބަބުން، މޮސްކޯގެ ހާލަތު ވެސް ބަދަލުވާން ފަށައިފި އެވެ.
އިއްޔެ ހެނދުނުން ފެށިގެން މޮސްކޯ އަށް ދިން ޑްރޯން ހަމަލާތައް ބައެއް އިމާރާތްތަކަށް އަމާޒުވެ ބިއްލޫރިތައް ކުދިކުދިވެގެން ފޭބިއިރު، އާންމުންގެ މެދުގައިވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ. ވެރިރަށް މޮސްކޯއާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި، ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ފުޅާވެ، މޮސްކޯގެ އެންމެ އެތެރެއަށް، ޔޫކްރޭންގެ ރައްދު ހަމަލާތައް އަމާޒުވާން ފެށުމަކީ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މޮސްކޯގެ ހުޅަނގުދެކުނު ސަރަހައްދެއްގައި ހުރި، އާންމުން ދިރިއުޅޭ އުސް އީމާރާތެއްގެ އެންމެ މަތީ ބުރިތަކަށް އެރި ޑްރޯން ހަމަލާގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މޮސްކޯގެ މެދުތެރޭގައި ހުރި އާންމުން ދިރިއުޅޭ އިމާރާތެއްގެ 14 ވަނަ ބުރީގެ އެޕާޓްމަންޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ޔޫކްރޭން ހަނގުރާމަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް، ރަޝިޔާގެ ރައްޔިތުންނަށް މާބޮޑު ނުރައްކަލެއް ކުރިމަތި ނުވެ އޮތުމަށް ފަހު، އެ ނުރައްކާތައް ކުރިމަތިވާން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭންގެ އަސްކަރީ ހެލިކޮޕްޓަރުތަކެއް ރަޝިޔާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެތެރެއަށް ވަދެ، ރަޝިޔާގެ ބައެއް ތަންތަނަށް އެ ދުވަހު ހަމަލާ ދިނެވެ.
އޭގެ ފަހުން ރަޝިޔާގެ އެތެރޭގެ ތަންތަނަށް އަމާޒުވާ ހަމަލާތަކުގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިޔާގެ އެތެރޭގައި ރަޝިޔާ ސިފައިންނަށް ހަމަލާ ދެމުން ދަނީ، ރަޝިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އަދި އެހަމަލާތަކުގައި ޔޫކްރޭންގެ އަތެއް ނެތް ކަމަށް އެ ގައުމުން ބުނެ އެވެ.
ރަޝިޔާގެ އެތެރެއަށް ދޭ ހަމަލާތައް އިތުރުވެ އަދި ވެރިރަށް މޮސްކޯގެ އެކި ތަންތަނަށް ހަމަލާ ދެވޭ ދަރަޖައަށް ގައުމުގެ ވައިގެ ދިފާއީ ނިޒާމު ބޮއްސުންލައިގެން ދިއުމާ ގުޅިގެން، ރަޝިޔާ ރައްޔިތުންގެ ހިތްތަކުގައި މިހާރު ވަނީ، ސަރުކާރާ މެދު ޝައްކު އުފެދިފަ އެވެ. މި މަހުގެ ކުރީކޮޅު ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އަށް ދޭން އުޅުނު ޑްރޯން ހަމަލާތަކަކީ ވެސް، ރަޝިޔާ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދި ހާދިސާއެކެވެ.
ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި ދުޝްމުން އިއްޔެ މޮސްކޯގެ ތެރެއަށް ފޮނުވި ޑްރޯންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯންތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރެއަށް ގޮއްވައިލެވުނެވެ. އަދި ވައިގެ ދިފާއީ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ނަމަވެސް ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް އެންމެ ބޮޑަށް ވާގިވެރިވި، ކުލީ ސިފައިންގެ ގުރޫޕް ވަގްނާގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ވަނީ ސަރުކާރުގެ އެ ވާހަކަތައް ކުށްވެރިކޮށް، ސިފައިންގެ އިސް ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި ވެރިރަށް މޮސްކޯގެ އެންމެ އެތެރެއަށް ޑްރޯންތައް ފޮނުވާއިރު، އެކަން ހުއްޓުމުގެ ރޭވުންތެރިކަމެއް ނެތިއްޔާ، އެ ބަޔަކު މަގާމުތަކުން އިސްތިއުފާ ދޭންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލޯކު ދަ އިންޓަނޭޝަނަލް
31 May 2023
ޔޫކްރޭންއަކީ ވެސް، އަދި ރަޝިޔާއަކީ ވެސް ރާއްޖޭގެ ޓުއަރިޒަމްއަށް ނުލާހިކު މުހިއްމު، ގިނަ ޓުއަރިސްޓުން އަންނަ ދެ ގައުމު. އުންމީދުކުރަނީ ރަޝިޔާގެ ރަށްޔިތުންނަށް ވެސް މި ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ޔޫކްރޭންގެ ރައްޔިތުން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުން އެދާ ބިރުވެރިކަމާއި ނާމާންކަން އިހްސާސްވެ، ހަނގުރާމަ ހުއްޓާލަން އަޑުއުފުލާނެ ކަމަށް. ﷲ ހެޔޮވިސްނުން ދެއްވާށި.
ކީކިމިނި ދޮންކަނބުލޮ.
31 May 2023
ތިއަ ޑުރޯންތަކަކީ ޔޫކުރޭނުން ފޮނުވި އެއްޗެއްސެއް ނޫން. އެމެރިކާއިން ފައިސާ އާއި ހަތިއާރު ދީގެން ރަސިއާގެ ތެރޭގައި ހަރަކާތްތެރިވާ ގުރޫޕެއް އެއީ. ފޮޓޯ ނަގަން ބޭނުންކުރާ ސައިޒުގެ ވަރަށްކުދި ޑުރޯންތަކެއް ބޭނުންކޮށްފައިވަނީ. އެހާ ކުދިކުދި އެއްޗެއްސަށް ހަމަލާދިނުމަކީ އެއާ ޑިފެންސް ސިސްޓަމަށް މާ ފަސޭހަކަމެއް ނޫން. އީރާނުގެ ނިއުކުލިއަރް ސައިޓަށްވެސް މިގޮތަށް ހަމަލާދިން. އެމެރިކާގެ ޕެޓުރޮއިޓު ސިސަޓަމް ގޮއްވާލީމަ ލަދުން ސަލާމަތްވާން ކުރެވޭކަންތައް މިއީ.
ކެވެލި
31 May 2023
ދެން އެހެންވީމައި.. މޮސްކޯ ނުގުޑާކަމަށް ވާނެތަ؟ އަހަރެމެން ކަންބޮޑުވާން ޖެހޭނީ މި ހަނގުރާމަ ފުޅާވަމުން ގޮސް ތިންވަނަ ބޮޑު ހަނގުރާމައަށް ވެދާނެތީ. 1ވަނަ އަދި 2ވަނަ ބޮޑު ހަނގުރާމަވެސް ފެއްޓުނީ ޔޫރަޕް އާއި ރަޝިޔާގެ ސަރަހައްދުތަކުން. މިހާރުވެސް މި ހަނގުރާމައިގެ އަސަރުު ރާއްޖެއަށާއި މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ކުރަމުން އެދަނީ. .
ބަރަވެލި.
31 May 2023
ކެވެލި ނޫނަސް އަހަރުމެންވެސް ކަންބޮޑުވާ ކަމެއް މި ހަނގުރާމަ ފުޅާވެ ނުވަތަ ދިގުދެމިގެން ދިއުން. މި ހަނގުރާމައިގެ ސަބަބުން އެފުރިކާ އަދި ޔޫރަޕުގެ ރައްޔިތުން އެގެންދަނީ ވަރަށްބޮޑު ދަތިކަން ތަހައްމަލުކުރަމުން. ރާއްޖެވެސް ހަމަ އެފަދަ. މިއީ 3 ވަނަ ބޮޑު ހަނގުރާމައަށް ވާނެކަމަށް ބާވައިލެއްވި ތިން ދީނުގެ ޢިލްމުވެރިން ( ޔަހޫދީން އަދި ނަސާރާއިންނާއި އިސްލާމުން) ވެސް އެބަ ވިދާޅުވޭ. ކަން ހިނގާނީ އިލާހީ މިންވަރުފުޅާ އެއްގޮތަށް.