ކްރިމިނަލް ކޯޓު: ބަޑި ގެންގުޅުމުގެ ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
01 ޖޫން 2023 - 12:30
މީގެ 10 އަހަރު ކުރިން މާލޭގައި، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ގެންގުޅުނު މީހެއްގެ މައްޗަށް ކުށް ސާބިތުވިޔަސް، ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކުރުމުން އިއްޔެ އޭނާ އެއްކޮށް މިނިވަންވެއްޖެ އެވެ.
ސެޕްޓެމްބަރު، 2013 ގައި މާލެ ގެއަކާއި ވޯކްޝޮޕަކުން، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ފެނުނު މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމާއި ލ. ގަމު ހިމާޔަތް، މޫސާ ޔޫސުފްގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ހަސަން ނަސީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގައި ނަސީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިޔަސް، ގާނޫނަށް އައިސްފައިވާ ބަދަލާ އެކު އެ ކުށް މިހާރު ފެތެނީ ގާނޫނުލް އުގޫބާތުގެ 711 ވަނަ މާއްދާގެ ދަށުން ބަޑި ގެންގުޅުމުގެ ކުށަށް ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި އެ ކުށުގައި އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރިޔަސް، ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު ހުކުމެއް ނެތް ކަމަށެވެ.
އޭރު އަމަލުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަތިޔާރު ގެންގުޅުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވިޔަސް، ގާނޫނުލް އުގޫބާތުގައި ބަޑި ގެންގުޅުމުގެ އަދަބަކީ އެއަށް ވުރެ ކުޑަ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ކުށެއް ކުރުމާއި ހުކުމް ކުރުމާ ދެމެދު ގާނޫނަށް ބަދަލަކުން، އަދަބު ލުއިކޮށްފިނަމަ އެ މީހަކަށް ދޭންޖެހޭނީ ފަހުން އަންނަ ގާނޫނުގައި އޮންނަ ލުއި އަދަބެވެ.
ކޯޓުން ބުނީ މޫސާ ޔޫސުފާ އެތަކެއްޗާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށެވެ.
އެ މައްސަލާގައި ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރިން އެ މައްސަލަ ބޭރުކޮށްލި އެވެ. އެކަމަކު 2021 ވަނަ އަހަރު ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިޓައްޕަން.
01 June 2023
މައިލޯސަމުސަލެއްގެ މައްސަލަފަދަ ވާލުޔާރުނުވާ މީހަކު ކަޓުވާލާ ވިހިތިރީސް ރުފިޔާފަދަ ކަމެއް ސާބިތުވެގެން ނޫނީ ކިތައްމެ ބޮޑުމައްސަލައެއް ސާބިތުވެގެން ވިއަސް ނުހިފެހެއްޓޭ. އެއަކީ ނާދިރުކަމެއް. ކުށްކުވެރިޔާ ކުށަށްއަރައިގެން އޮއްވައި ކުށްވެރިޔާއާއި ކުށާއި ކުށުގެވެއްޓާއި ހެއްކާއި ގަރީނާ އެއްކޮށް ބޮޑިބަދެ ތައްކޮށްގެން ގިންދިޔައަކަސް ވާނެކަމެއްނެތް.
ކުދުބެއްޔާ
01 June 2023
ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ބެހެއްޓީ ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ނުކުރަނީސް ހެއްޔެވެ.
ބާކީބައި
01 June 2023
އޭނަ ބަންދުގައި 3 އަހަރަށްވުރެ ގިނައިން ހޭދަކޮށްފައިވާތީ އެ މުއްދަތުން ކެނޑުނު 7 މަހާ 7 ދުވަސް ފިޔަވައި ބާކީ އޭނަ ޖަލުގަ އިތުރަށް ހޭދަކުރި ބައިން އޭނަ ދެން ޖަލަށް ދާންޖެހޭ ފަހަރަކު ކެނޑެންވާނެ.
އިސްމާލި
01 June 2023
"އޭރު އަމަލުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަތިޔާރު ގެންގުޅުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވިޔަސް، ގާނޫނުލް އުގޫބާތުގައި ބަޑި ގެންގުޅުމުގެ އަދަބަކީ އެއަށް ވުރެ ކުޑަ އެވެ." މި ވާ ގޮތެއް ނޭނގުނު. މުޅި ދުނިޔޭގައިވެސް ޓެރަރިޒަމް ގެ ބިރު ދަނީ ބޮޑުވަމުން. މި ރާއްޖޭގައި ޓެރަރިޒަމް ގެ ކުށަށް ލިބޭ އަދަބު ދަނީ ކުޑަވަމުން.
ބަކުންބެ
01 June 2023
އަފީފޫ ފެނޭތަ؟ ކަލޭމެންގެ ހިސާބުގަނޑު މީހުން މިއުޅެނީ.