އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފެށުމަށް އިއްޔެ މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
04 ޖޫން 2023 - 10:58
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ ތިއްބަވައިގެން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އަށްމުޅި އައްޑޫ އިން މިހާތަނަށް ސޮއިކުރީ 300 އެއްހާ މީހުން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިހާރު އައްޑު އަށް ވަޑައިގެން ހުންނެވި އިބުރޭ "މިހާރު" އަށް ވިދާޅުވީ އެ އަދަދު އެމްޑީޕީން ބަލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އޭރު ބެލި އިރު ސޮއި ކުރީ 60 ވަރަކަށް މީހުން ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ. ގާތްގަނޑަކަށް 300 އެއްހާ މީހުން މިހާރު ސޮއި ކުރާނެ ކަމަށް ލަފާ ކުރެވޭ މުޅި އައްޑޫ އިން،" ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިބުރޭ ވިދާޅުވި އެވެ.
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް "މިހާރު" އަށް ވިދާޅުވީ މީދޫ އޭނާގެ ދާއިރާ އިން ޑިމޮކްރެޓްސް އަށް މިހާތަނަށް ސޮއި ކުރީ 12 މީހުން ކަމަށެވެ.
މާލެ ފިޔަވައި އެމްޑީޕީ އަށް އެންމެ ގިނަ މީހުން ސޮއިކޮށްފައި ވަނީ އައްޑޫންނެވެ. މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި ރިޔާސީ ޕްރައިމަރީގައި ވެސް ވޯޓުލާ މީހުންގެ އާބާދީ ބޮޑަށް އޮތީ އައްޑޫގަ އެވެ. އެހެންވެ، އެ ދާއިރާގެ ތާއީދު ހޯދަން އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރެ އެވެ.
އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅީ 3،500 މީހުންގެ ސޮޔާ އެކު އެވެ.
ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ، ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރެއްވިޔަސް އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ. އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގަތް މެމްބަރުންތަކެއް، ނަޝީދުގެ ކުރިފުޅުމަތީގައި އެ މަނިކުފާނު ހިތްވަރު ދެއްވައިގެން އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވިޔަސް ފިޔަވަޅު ނާޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފުވެ އެހެން މެމްބަރުންނާ މެދު ފިޔަވަޅު އަޅާއިރު ނަޝީދަށް އެ އުސޫލުން އަމަލުކުރަން "ހަމަ ދަތި" ކަމަށެވެ. އެމްޑީޕީ މެމްބަރުންގެ ގޮތުގައި ތިއްބަވައި ސަރުކާރާއި ޕާޓީ އަށް ފާޑުވިދާޅުވަމުން އައި މެމްބަރުންތަކެއް ވަކިވުމަކީ މާބޮޑު ގެއްލުމެއްގެ ގޮތުގައި އެ ޕާޓީން ނުދެކެ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، ނަޝީދު ވަކި ހަރަކާތެއް ހިންގަވައި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވިޔަސް ވެރިކަމުގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއަށް ކާމިޔާބު ހޯދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމްޕަލް
05 June 2023
މިހާރު އެމް.ޑީ.ޕީ ބައެއް މީހުންގެ ޒިންމާއަކީ ތަސްބީހައެއް އަތަށް ލައިގެން ކޮންމެ ދުވަހަކު ވަކި ވަކި ދާއިރާ ތަކުން ޑިމޮކްރެޓްސް އަށް ސޮއިކުރީ ކިތައް މީހުން ތޯ ބެލުންތަ؟ ތިޔައިން ދައްކައިދެނީ، ޑިމޮކްރެޓްސްއާ ހެދި އެމް.ޑީ.ޕީ ހާސްވާކަން. ތިޔަ ވަރަށް ބަލާނަމަ ސޮއިކުރި މީހުންނަށް ބިރުދައްކާ، ސޮއި އަނބުރާ ނެގުމަށް ބާރުއެޅުން ފަދަ ކަންތައްވެސް ކުރާނެ.
ކޮވެލި
04 June 2023
ކޮވިޑްގައި މުޅި ދުނިޔެއަށް އަދި މި ގައުމަށް ދިމާވި ޙާލަތު އެކަކުވެސް ހަނދާނެއް ނެތް ދޯ. އަދިވެސް އެއުޅެނީ ގިނަ ގައުމުތަށް އެކަމުން އަރައި ނުގަނެވިގެން. ދެން ހަމަ ސިކުނޑިން ނުވިސްނާ ތިމާ ތާއީދު ކުރާ ކުލައިން ވިސްނިއަސް ތިމާއަށް ހެޔޮގޮތެއް ނުފެންނާނެ.
ބޮޑުމީހާ
04 June 2023
އައްޑޫ މީހުންނަކީ އެންމެ ސިޔާސީ ޗިޕްޖެހޭ މީހުން. އެގޮތުން އިއްޔެ އިބޫ އައްޑުއަށް ދިޔައީމަ އެކަން ފެނިގެން ދިޔައީ. މުޅި ދައުރު ނިމުނު އިރު ނުފެށުނު ޕްރޮޖެކްޓެއް 3 މަހަށް ވީމަ މިފެށީ. ވެރިކަން ފެށުނު އިރު އޮތް 2 ރިސޯޓް ދައުރު އެއްކޮށް ބަންދުކޮށްފަ، ރައީސް މި ބުނަނީ ހުރިހާ ހުރަސްތައް ނައްތާލާނަމޭ، ބުނާއިރަށް އައްޑޫ ރައްޔިތުން މިތިބެނީ އަތްޖަހަން....
ރިޝްފާނު
04 June 2023
އައްޑޫން އިބޫއަކަށް އަޢުލަބީއްޔަތެއް ނުލިބޭނެއެވެ. އެކަން ވަރަށް ސާފެވެ.
ހަސަން ނަސީރު
04 June 2023
މަދަނަ އިބްރޭ ހުރި ތަނެއްގައި ވައްކަން ނުކުރާނެގޮތެއް ނޯންނާނެއެވެ.
ސައިޚް
04 June 2023
އިބްރޭއަށް އެކަން އެނގުނީ ކިހިނެއް، އިލެކްޝަންސް ކޮމިޝަން ބޮލުގަ ވަގު އިލްޒާމް އެޅުވީތަ.؟ ލިސްޓް އިބްރޭއަށް ލިބުނީ ކިހިނެއް.؟ އިލެކްޝަންސް މެމްބަރުން ފުއާދު ހުއްޓާ ހާދަ ސިޔާސަ ވެއްޖޭ،
އަލިބެއްޔާ، އެކުވެރިސުވައިދީބް
04 June 2023
މަންޒަރު ބަދަލު ވެއްޖެ އެހެނަސް ތިކިޔާ އަދަދު ރަނގަޅެއް ނޫނެވެ.
ހޮމްބެ
04 June 2023
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަށް ދަންނަވާލަން، މީދޫ 12 މީހުން ސޮއިކުރީ އަދި ޕަޓީ ރަޖިސްޓަރ ކުރަން، ރަސްމީކޮށް މަސައްކަތް ފެށީމާ ދެން ބޮޑު މަންޒަރު ފެންނާނެ
ސަސސި
04 June 2023
ކަލޭމެން ގައިމު އެކަމާ ކަންބޮޑު ނުވާކަމަށްބުނި، އެކަމު އެހެން ކަމަކާ ވިސްނޭވަރެއް ނުވޭ.
މަތީނު
04 June 2023
ބަލަ އިލެކްޝަންސް ކޮމިޝަން މިހާރު ހިންގަނީ ރައީސް އޮފީހުގައި ތަ؟