ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި ދެ އަހަރެއްހާ ދުވަސް ވަންދެން ދުރުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުރަތަމަ ފަހަރަށް އިއްޔެ ބައްދަލުކުރައްވައި، ގުޅިގެން މަސައްކަތް ކުރައްވާނެކަން ހާމަކުރެއްވުމާ އެކު ދެން އޮތީ ސިޔާސީ ބޮޑެތި ބަދަލުވުންތަކެއްގެ ފެށުން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އިބޫ އާއި ނަޝީދު އިއްޔެ އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ.

އެ ދެ ބޭފުޅުން އެއްގަލަކަށް އަރުވަން މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފައްޔާޒު "މިހާރު" އަށް ވިދާޅުވީ، އިއްޔެ އަށް ފަހު ވަރަށް ބޮޑު ބަދަލެއް އެމްޑީޕީގެ ތެރެއިން ފެންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ނޫނަސް އިސްލާހަށް ވަކާލާތުކުރާ ވަރަށް ގިނަ ބަޔަކަށް ވެސް އެއީ ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެ ދެބޭފުޅުން އެއްކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވާހަކަ ވިދާޅުވުމަކީ އެމްޑީޕީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް. ވަރަށް ބޮޑު އުންމީދެއް. އެ ދެބޭފުޅުން އެކުގައި ނުކުމެވަޑައިގެން ޕްރެސް މެދުވެރި ކުރައްވައި ރައްޔިތުންނާ މުހާތަބު ކުރެއްވުމަކީ ވަރަށް ރަނގަޅު މިސްރާބަކަށް އެމްޑީޕީ ކުރިއަށް ދާނެ ކަމުގެ ހެއްކެއް،" އިބޫގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ދެ އަހަރެއްހާ ދުވަހު ފުރުއްވުމަށް ފަހު، މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ ފައްޔާޒު އެ މަގާމުން އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ނަޝީދާއި އިބޫއާ މެދު އޮތް ސިޔާސީ ނުތަނަވަސްކަން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އިސްތިއުފާ ދެއްވި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގަ އާއި އިސްތިއުފާގެ ސިޓީގައި ވެސް ފައްޔާޒު ވަނީ ނަޝީދާއި އިބޫ ސިޔާސީ ގޮތުން އެއްގަލަކަށް އެރުވުމަށް ކުރެއްވި ގިނަ މަސައްކަތްތަކެއް ފާހަގަކުރައްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ފައްޔާޒު ވިދާޅުވެފައި ވަނީ މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އެތެރޭގައި އޮތް "ފިތުނަ" ނައްތާލުން ނުވަތަ އެ ވިސްނުން ބަދަލުކުރަންޖެހޭ ބަޔަކީ އެ ޕާޓީގެ ލީޑަޝިޕާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

އެންމެ ފަހުން، އެކަން އިއްޔެ ކާމިޔާބުވުމާ ގުޅިގެން ފައްޔާޒު ވިދާޅުވި ގޮތުގައި، އެއީ އޭނާ މިދިޔަ ދޮޅު އަހަރު ކުރެއްވި ބުރަ މަސައްކަތަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ހާއްސަކޮށް މާޔޫސްކަމުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ސިކުނޑި އަށް ވަރަށް ބޮޑު ފަސޭހައެއް މިހާރު ލިބިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މި އަހަރުގެ ޖޫން 23 ވަނަ ދުވަހުގެ ރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އޭރުގެ ޗެއަޕާސަން ފައްޔާޒާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މި އަހަރުގެ ޖޫން 23 ވަނަ ދުވަހުގެ ރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އޭރުގެ ޗެއަޕާސަން ފައްޔާޒާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑުމެން ވަރަށް ބޮޑު މާޔޫސްކަމެއްގައި ތިއްބާ މިކަން މިއަދު މިވީ. އެހެންވެ، މިއީ އުންމީދީ ދުވަހެއް. އަޅުގަނޑުމެން އެމްޑީޕީ މެމްބަރުން ގަބޫލުކުރާ ހަމަތަކުގައި ތިބެ، ގައުމު ހަލާކުވިޔަ ނުދޭން މަސައްކަތް ކުރަން ލިބުނު ފަސޭހައެއް މިއީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ބޭނުންވީ އެންމެން "އެކުވެގެން" މަސައްކަތް ކުރަން ކަމަށާއި ނަޝީދާއި އިބޫގެ ފުރަތަމަ ބައްދަލުވުމާ އެކު މިއަދު ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ގޮންޖެހުންތައް ހުއްޓަސް އެންމެ އަވަހަށް ދެން ވޯޓުލާނެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ ފޮނިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފައްޔާޒަކީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، ނަޝީދާއި އިބޫގެ ބައްދަލުވުމާ އެކު ވެސް އެ ޝައުގުވެރިކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިސް ވާނީ އެމްޑީޕީ ކަމަށް ވަރަށް ކުރުކޮށް އޭނާ ވިދާޅުވި އެވެ.

ނަޝީދާއި އިބޫ ވެސް އިއްޔެ އެއްބޭފުޅަކު އަނެއް ބޭފުޅަކާ ސަލާން ކުރައްވައި މީޑިއާ ކުރިމަތީގައި ދެއްވި ޔަގީންކަމަކީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި، މާޒީގައި އެ ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީއާ އެކުގައި ފެށި އެހެން ޕާޓީތައް ރޫޅިއްޖެ. އެކަމަކު އެމްޑީޕީ ހިފަހައްޓައިފި. މި ހިފެހެއްޓުން ހިފަހައްޓަނީ، އެންމެ މުހިންމު ސަބަބަކީ މި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް އޮންނަ ގޮތް،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.