ވިޔަފާރި / ވޭސްޓް މެނެޖްމެންޓް

ކުނިން އާ ތަކެތި އުފެއްދުމަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވައިފި

މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވަނީ. -- ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރުއެފް) ހުޅުވައިފި އެވެ.

ކޮކާކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ހުޅުވި މި ފެސިލިޓީ އަކީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ މާއްދާތައް އުފެއްދުމަށް ހުޅުވި ތަނެކެވެ.

އެ ތަނުގައި ޕްލާސްޓިކްގެ ބާވަތްތައް ފިއްތާ ބްލޮކް ގޮތަށް ބަދަލުކުރާ ބޭލާ މެޝިނަކާއި ޕިކަޕަކާއި ބަރުދަން ބަލާނެ އާލާތްތަކާއި ފޯކްލިފްޓެއް ހިމެނޭއިރު، ބޭލްކޮށްފައިވާ ޕްލާސްޓިކް ބަހައްޓާނެ ތަނެއް ވެސް ހުރެ އެވެ.

ޕެޓް ޕްލާސްޓިކް އަލުން ބޭނުންކުރުމަށް އެއްކޮށް، ތަރުތީބުކޮށް، ބޭލްކޮށް، އެކްސްޕޯޓްކުރުމަށް ފަރުމާކޮށްފައިވާ މިތަން ހެދުމް އެ ފައުންޑޭޝަނުން 150،000 ޑޮލަރުގެ ފައިސާގެ އެހީ ދީފައިވެ އެވެ.

ފެސިލިޓީގެ މަސައްކަތްތައް ކުރާނެ ގޮތް ދައްްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވައިދެއްވީ އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް އެވެ.

ރަސްމިއްޔާތުގައި ގައިސް ވިދާޅުވީ މިއީ ޕެޓް ޕެކޭޖިންގެ ވަށާޖެހޭ އިގްތިސާދެއް އުފެއްދުމުގައި އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ސަރުކާރާ އެކު ފަށާފައިވާ މުހިންމު މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ އާ މިންގަނޑެއް ކަނޑައެޅޭނެ ކަމަށާއި އެ ފެސިލިޓީގެ ސަބަބުން ޕްލާސްޓިކް ކުނިން ތަޣައްޔަރުވުން ކުޑަވެ މުޖުތަމައުއަށް އިގްތިސާދީ އާ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ރައީސް ސާދިޔާ މެޑްސްބްޖާގް ވިދާޅުވި ގޮތުގައި ކޮކާ ކޯލާ ކުންފުންޏަކީ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ އީޖާދީ ވިސްނުމާއި އިންވެސްޓްމަންޓުން ތަފާތުތަކެއް ގެނެސްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި އެ ފެސިލިޓީ ހުޅުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮކާ ކޯލާއިން ބުނި ގޮތުގައި އެމްއާރްއެފް އަކީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެކެވެ. އަދި އެ ނިޒާމަކީ ވަށާޖެހޭ އިގްތިސާދެއް ގާއިމުކުރުމާއި، ކުނި މެނޭޖުކުރުމާއި، ތަޣައްޔަރުވުން ހުއްޓުވުމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށާއި، ޕެޓް ފަދަ އަލުން ބޭނުންކުރެވޭ ތަކެތީގެ ބޭނުންތެރިކަން ފުޅާކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެއް ކަމަށް ބުންޏެވެ.

ކޮކާ ކޯލާއިން ބުނީ ކުނި ނެގުން ފަދަ ސިނާއަތްތައް އުފައްދައި މުޖުތަމައުއަށް ވަޒީފާގެ ފުރުސަތުތައް ވެސް މި ފެސިލިޓީގެ ސަބަބުން ފަހިވެގެން ދާނެ ކަމަށެވެ.

އެ ފެސިލިޓީ ހުޅުވީ ހުޅުމާލޭ 2 ގަ އެވެ. މި ފެސިލިޓީ އަކީ ކޮކާ ކޯލާއިން މޯޕާ ގުޅިގެން ކުރާ މަސައްކަތުގައި، ޕްލާސްޓިކް ކުނިން ތަޣައްޔަރުވުން ހުއްޓުވުމަށާއި ރާއްޖޭގައި ވަށާޖެހޭ އިގްތިސާދެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެހީތެރިވި ފުރަތަމަ ޕްރޮޖެކްޓެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454