08 ޖޫން 2023 - 15:54
އަންނަ އަހަރު އެމެރިކާގައި އޮންނަ ރިއާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ކުރިމަތިލެއްވީ، އެމެރިކާ އަށް ހަގީގީ ބަދަލެއް ގެނައުމުގެ ބޭނުމުގައި ކަމަށް، ކުރީގެ ނައިބު ރައީސް މައިކް ޕެންސް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕެންސް ވަނީ ރިޕަބްލިކަން ޕާޓީގެ ރިއާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިދިޔަ ހޯމަ ދުވަހު، ކަމާ ބެހޭ ލިޔުންތައް ހުށަހަޅުއްވައިފަ އެވެ. އެއަށް ފަހު ރަސްމީކޮށް ކެމްޕޭން ފެއްޓެވީ އިއްޔެ އާންމުކުރި ވީޑިއޯ މެސެޖަކުންނެވެ.
އެ މެސެޖްގައި ޕެންސް ވިދާޅުވީ އެމެރިކާގެ ހަގީގީ މަގަށް އެމެރިކާ އަނބުރާ ގެންދިއުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި އެކަންކުރުމުގެ ތަޖުރިބާ ހުރި މީހުން އިސްނަގައި އެކަމަށް މަސައްކަތްކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށް ވެސް ޕެންސް ވިދާޅުވި އެވެ.
"ހަގީގީ ބަދަލު އެމެރިކާއަށް ގެނެސް، ޒަމާނުއްސުރެ އެމެރިކާގެ އާންމު ރައްޔިތުން ހަމަވިސްނުމުގެ މަތިން ގަބޫލުކުރާ އުސޫލުތަކުގެ މަގަށް އަނބުރާ އެމެރިކާ ގެންގޮސްދިނުމުގެ ތަޖުރިބާ ހުރި މީހުން ކުރިއަށް ޖެހެންވީ ވަގުތު މިހާރު ޖެހިފައިވާ ކަމަށް، ކުރިއަށް ވުރެވެސް ބޮޑަށް މިހާރު އަޅުގަނޑު ގަބޫލުކުރަން. އެސަބަބަށްޓަކައި އިންތިޚާބުގައި ވާދަކުރަން އަޅުގަނޑު މި ނިންމީ،"
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނައިބު ރައީސެއްގެ ގޮތުގައި، މައިކް ޕެންސް މަސައްކަތް ކުރެއްވީ ޓްރަމްޕަށް ވަރަށް ވަފާތެރި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް، 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގައި ޓްރަމްޕަށް ނާކިޔާބީއާ ކުރިމަތިވުމުން، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލުމަށް ޓްރަމްޕު ކުރެއްވި މަސައްކަތަށް، ޕެންސް އެއްބާރުލުން ނުދެއްވުމުން، ދެ ބޭފުޅުން ހަތުރުންނަށް ބަދަލުވި އެވެ.
އެމެރިކާގެ ދުސްތޫރީ ހަމަތައް ބަޔާންކުރާ ގޮތުން، ރިއާސީ އިންތިޚާބުގެ ނަތީޖާއަށް އަމަލުކުރެވޭނީ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ގުޅިފައިވާ ބައްދަލުވުމަކުން އެ ނަތީޖާ ތަސްދީގުކުރުމުންނެވެ. ދެ ގޭގެ ގުޅިފައިވާ ބައްދަލުވުމުގެ ރިއާސަތު ބަލަހައްޓަވާނީ، މަތި ގޭ (ސެނެޓް)ގެ ރައީސްގެ ހައިސިއްޔަތުން އެމެރިކާގެ ނައިބު ރައީސެވެ.
އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލުމަށް ޓްރަމްޕު ކުރެއްވި މަސައްކަތަށް ޕެންސްގެ އެއްބާރުލެއްވުން ލިބިވަޑައިނުގަތުމުން، ޓްރަމްޕު ވަނީ އޭނާގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ފޮނުވައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށް ދާއިރު، މައިކް ޕެންސް ވިދާޅުވެފައިވަނީ އެ ދުވަހު ޓްރަމްޕު އަމަލުކުރެއްވި ގޮތުން، އެ ވަގުތު ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގައި ތިބި އެންމެންގެ ފުރާނަ އަށް ނުރައްކާވެގެން ދިޔަ ކަމަށެވެ.
"އެ ދުވަހު ރައީސް ޓްރަމްޕު އަޅުގަނޑަށް ބާރު އެޅުއްވީ، އޭނާ އާއި އެމެރިކާގެ ގާނޫނު އަސާސީން ކުރެ ކޮންމެވެސް އެކައްޗެއް އިޚްތިޔާރު ކުރަންކަން، އެމެރިކާގެ ރައްޔިތުންނަށް ވެސް އެނގެން އެބަޖެހޭ. މިއަދު ވޯޓު ލާން ތިބި މީހުންގެ ކުރިމަތީގައި ވެސް އޮތީ އެ ދެ އިޚްތިޔާރު. އަޅުގަނޑު އަބަދުވެސް އިޚްތިޔާރު ކުރާނީ ގާނޫނު އަސާސީ."
އޭނާ ވިދާޅުވީ އެ ދުވަހަކީ އެމެރިކާގެ ޑިމޮކްރެސީ އަށް ކުރިމަތިވި ކަޅު ދުވަހެއް ކަމަށާއި، އެ ދުވަސް ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިއާސީ އިންތިޚާބު ކާމިޔާބުވެވަޑައިގެންފި ނަމަ، އެ ދުވަހުގެ އެ ހާދިސާއާ ގުޅިގެން ދައުވާ އުފުލާފައިވާ އެންމެންނަށް މައާފް ކުރާނެ ކަމަށް ރައީސް ޓްރަމްޕު ވިދާޅުވެފައި ވިޔަސް، އެމީހުންނަށް މައާފް ނުކުރައްވާނެ ކަމަށް ޕެންސް ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ މެދުގައި މަގުބޫލުކަން ހުރި ގޮތަށް ބަލާއިރު، ޓްރަމުގެ މަގުބޫލުކަން މިހާރު ހުރީ 53.7 އިންސައްތައިގަ އެވެ. މައިކް ޕެންސްގެ މަގުބޫލުކަން ހުރީ އެއަށް ވުރެ ފަސް އިންސައްތަ ދަށުގަ އެވެ.
މައިކް ޕެންސްގެ އިތުރުން، ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓް ހޯދުމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި، ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް، ނިއު ޖާޒީގެ ކުރީގެ ގަވަރުނަރު ކްރިސް ކްރިސްޓީ، އދ.ގައި ހުންނެވި އެމެރިކާގެ ކުރީގެ ސަފީރު ނިކީ ހޭލީ، އަދި ސެނެޓަރު ޓިމް ސްކޮޓް އާއި ނޯތު ޑަކޯޓާގެ ގަވަރުނަރު ޑަގް ބާރްގަމް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy