ރިޕޯޓް

ޔާމީންގެ ރިޔާސީ ޓިކެޓް މަތީ ކެމްޕެއިން ނުކޮށް އޮތީ "ބިރުދެއްކުން"!

ޕީޕީއެމްގެ މި އަހަރުގެ ރިޔާސީ ޓިކެޓް މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުގެ ރޭ ޔާމީނާ ހަވާލުކުރަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެކެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށް އެހާ ގިނަ ބަޔަކު ޖަމާވީ "މަޖުބޫރު ކަމެއް" ނެތި "ހިތު ލޯބިން" ނެވެ. ހަފުލާ އަށް ދިޔަ މީހުންގެ އަދަދާ މެދު ކިޔާނެ ފާޑެއް ނެތެވެ. މުޅި ކާނިވާ ސަަރަހައްދު ފުރައިލި އެވެ. އެކަމަކު، އެ ޓިކެޓް ޔާމީނާ ހަވާލުކުރުމަށް ފަހު މިވީ 10 ވަރަކަށް މަސް ތެރޭގައި އެ ޖޯޝެއް ނުފެނުނެވެ. އިދިކޮޅު ހަރަކާތަށް އައި ކުރިއެރުމެއް ފެންނާކަށް ނެތެވެ. ދުރަށް ރާވައިގެން ހިންގި ކެމްޕެއިނެއް ނެތެވެ.

އެމްޑީޕީ ނަގާފައި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމެވެ. ނަމަވެސް ހަރަކާތްތަކަށާއި ކަންކަން ރާވާ ގޮތަށް ބަލާއިރު ފެންނަނީ އެންމެ ބަލިކަށި އެއް ޕާޓީގެ ގޮތުގަ އެވެ. އެހެން ޕާޓީތަކަށް ފުލުފުލުން މީހުން ސޮއިކުރުމާއި ފޯމުތައް ހަވާލު ކުރުމުގެ ހަފުލާތައް ބާއްވަމުން އަންނައިރު ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އަށް އެކަން ވާތަނެއް ނުފެނެ އެވެ. އަބަދުވެސް ފެންނަނީ އެ ވަގުތަކު އެ ހިނގާ ކަމެއްގެ ތެރޭގައި ޕާޓީ ވަރަށް ބޮޑަށް ތާށިވެފައި ތިބޭ ތަނެވެ. ހުރިހާ ކަމެއް އެއްފަހަރާ ކުރުމުގެ ގާބިލްކަން ހުރި ތަނެއް ފެންނާކަށް ނެތެވެ.

މަދު މީސްކޮޅެއް އެއްކޮށްލައިގެން ދޭތެރެއަކުން ޕީޕީއެމްގެ އޮފީސްތެރޭގައި "ޖަގަހަ ޖަލްސާ" ބޭއްވިޔަސް އެ އިން މާ ބޮޑު އަސަރެއް ނެތެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީން މިނިވަންކުރުމަށް ގޮވާ ދުވަސްވަރެއްގައި މުޅިން އޮންނަނީ އެ ކަމެވެ. "އިންޑިއާ އައުޓް" ގޮވާ ދުވަސްވަރެއްގައި މުޅި ޕާޓީގެ ފޯކަސް އެކަމަށެވެ. އެންމެ ފަހުން އޮތީ ޗާގޯސްގެ މައްސަލަ އެވެ. ޕީޕީއެމުން އިސްވެ، ޗާގޯސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އެހެން ޕާޓީތަކާ ގުޅިގެން ފުޅާ މަސައްކަތެއް ފެށިޔަސް އެކަން ވެސް މިހާރު ފެންނަނީ މަޑުޖެހިފައިވާ ތަނެވެ. މާ ބޮޑު އާރެއް ނުލި އެވެ. ޗާގޯސްގެ މައްސަލާގައި ޕީޕީއެމްގެ އިސްނެގުން ރަނގަޅެވެ. އެހެން މީހުންނަށް ހިތްވަރަކަށް ވި އެވެ.

އިމުގެ މައްސަލާގައި ސަރުކާރުގެ ނިންމުންތައް ކުށްވެރިކޮށް ޕީޕީއެމުން މިދިޔަ އޭޕްރީލް މަހު މާލޭގައި ބޭއްވި އެއްވުން.--- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ޔާމީން ޖަލުން މިނިވަންކުރަން ގޮވާލައި ހަގީގަތުގައި މާ ބޮޑު ކަމެއް ކުރާ ތަނެއް ނުފެނެ އެވެ. ބައިނަލްއަގްވާމީ ފިއްތުންތަކެއް ނެތެވެ. މަދު ބަޔަކު ނެރެގެން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ހިންގާ ހަރަކާތަކުން ނަތީޖާއެއް ނުފެނެ އެވެ. ކުރުކޮށް ބުނާ ނަމަ ބަޔަކަށް ޕްރެޝަރަކަށް ނެތެވެ. ރައްޔިތުންގެ މަޖިލިހަށް ބަލާ ނަމަ އޮތީ ޕީޕީއެމްގެ މައިނޯރިޓީ ގެއްލޭ ހިސާބުގަ އެވެ. ދަ ޑިމޮކްރެޓްސް އަށް ސިޔާސީ ޕާޓީއެއްގެ ޖާގަ ލިބުމާ އެކު، 14 މެމްބަރުނާ އެކު، މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކަށް ވާނީ އެ ޕާޓީ އެވެ.

ޔާމީން ޖަލުން ބޭރުގައި ހުންނެވި ދުވަސްވަރު ބޮޑު ސިންގާ ސެނެޓެއް އުފައްދާފައިވާއިރު، އެ ސެނެޓްގެ ބައްދަލުވުންތައް ވެސް ބަރާބަރާބަށް ހިނގާ ކަމަކަށް ނުވެ އެވެ. މިހާރު ވެސް ސެނެޓް ނުބާއްވާތާ ދެ މަހެއްހާ ދުވަސް ވެއްޖެ ކަމަށް ވެ އެވެ. ސެނެޓުން ކަންކަން ނުނިންމާތީ، ސެނެޓަރުން ތިއްބަވާ ޕީޕީއެމްގެ ވަޓްސްއެޕް ގުރޫޕެއް ދާދި ފަހުން ވެސް ހޫނުވި އެވެ. ސެނެޓަށް ކަންކަން ސިއްރު ކުރާ މައްސަލަ ބައެއް ބޭފުޅުން ނެންގެވި އެވެ.

ޔާމީނާ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓްމަހު ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުން.---ފައިލް ފޮޓޯ: ޕީޕީއެމް

ދިގު މުއްދަތުގެ ޖަލު ހުކުމާ އެކު، މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޔާމީނަށް ނުކުންނެވިދާނެ ކަމާ މެދު ބޮޑު ސުވާލެއް އުފެދިފައިވާއިރު، އެ ކަމުގައި ވެސް އެ ޕާޓީ އޮތީ އަދި ގޮތެއް ނުނިންމޭ ހިސާބުގަ އެވެ. ޔާމީން ޖަލަށް ލާފައިވާތާ ވެސް ހަތް މަސް ވެއްޖެ އެވެ. މިދިޔަ ހަތް މަސް ތެރޭގައި ވެސް އެ މަނިކުފާނާ ނުލައި ޕާޓީ ސްޓްރެޓެޖިކް ކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރާ ލީޑަޝިޕެއް އާންމުންނަށް ފެންނާކަށް ނެތެވެ. ޔާމީނާ ނުލައި ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖެ އަށް ފަތުރާލާނެ ހިތްވަރެއް، ގާބިލްކަމެއް ވެސް ނެތެވެ.

ކަރެކްޝަނަލް ސާވިސްގެ ލޯންޗެއްގައި ޔާމީން ޖަލަށް ގެންދަނީ: ޔާމީން ޖަލަށް ލާފައިވުމަކީ ކެމްޕެއިނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ޕީޕީއެމްގެ ލީޑަޝިޕުން ބުނޭ.---ފައިލް ފޮޓޯ| މިހާރު

އެ މައްސަލާގައި ދާދި ފަހުން ޕީޕީއެމްގެ ވަޓްސްއެޕް ގުރޫޕްގައި ތަންކޮޅެއް ބޮޑަށް ހޫނުވި އެއް ބޭފުޅަކީ މުއާޒް ހަލީމެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، މައްސަލައަކީ އޭ ޓު ޒެޑަށް ވެސް ކަންކަން ކުރާނެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ޕްލޭނެއް ޕީޕީއެމްގައި ނެތުން ކަމަށެވެ. ޔާމީންގެ ކެމްޕެއިނަށް ޕާޓީގެ ލީޑަޝިޕުން ފޯކަސް ނުކުރާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީން 2023 ވައިރަލް ވާން ޖެހޭނެ. މުޅި ރާއްޖޭގައި އެ އަޑު ގުގުމަން ޖެހޭނެ. ޖަގަހަތައް ފުލީ އޮޕަރޭޝަނަލް ވާން ޖެހޭނެ. ރައީސް ޔާމީންގެ ފޮޓޯތަކާއި ޕީޕީއެމްގެ ކުލަތައް ރަށްރަށުން ފެންނަން ޖެހޭނެ. ޕިންކް ފޮތިތައް ހުންނަން ޖެހޭނީ ދެމިފައި. ޕިންކް ކުލަ ފެންނަން ޖެހޭނެ ގިނައިން،" ޔާމީންގެ ސަރުކާރުގައި ވެސް އިސް މަގާމު ފުރުއްވި އަދި އެ މަނިކުފާނަށް ފުރިހަމަ އަށް ތާއީދު ކުރައްވާ މުއާޒް ވިދާޅުވި އެވެ.

އޭނާ ވަނީ ސެނެޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ވެސް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެ މައްސަލަ ނަންގަވައިފަ އެވެ. އެ ގުރޫޕްގައި އޭނާ ވިދާޅުވީ "މި ޕާޓީ މިހާރު ފެންނަނީ އަމާޒެއް ނެތި އޮޔާދާ ކަނދުފައްޗެއްގެ ސިފައިގައި" ކަމަށެވެ.

"ރީތިކޮށްލަން އެއްވެސް ބޭފުޅަކު ވާހަކައެއް ވިދާޅުވާނެ ކަމެއް ނެތް. އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮވެ އިބޫ ސޯލިހު ހިތް އެދޭ ގޮތަކަށް ނުވަތަ އޭނާ ރާވާހާ ގޮތަކަށް ދީލާލައިގެން ތިބުމަށް ވުރެ އަޅުގަނޑުމެންގެ ޕާޓީ އާއި އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު އަދި ޕީޕީއެމްގެ ސަޕޯޓަރުންނަށް އެންމެ ފައިދާ ހުންނާނެ ގޮތަށް ކަންކަން ކުރަން ޖެހޭ،" އެ ހޫނު ޒުވާބުގެ ތެރޭގައި މުއާޒް ވިދާޅުވި އެވެ.

"ޕްލޭން އޭ ފެއިލް ވެގެން ދާއިރު ޕްލޭން ބީ އިން ޒެޑަށް ވެސް ޕްލޭންތައް ހުންނަން ޖެހޭ."

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުންގެ މީޑިއާ ބްރީފިންއެއް: ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފަށަން އެކި ތާރީހުތައް ދެއްވި ނަމަވެސް ނަތީޖާއެއް ނެތް.---ފައިލް ފޮޓޯ: މިހާރު

ޔާމީންގެ ކެމްޕެއިން މިދިޔަ ރޯދަމަހަށް ފަހު ރަސްމީކޮށް ފަށާނެ ކަމަށް ޕީޕީއެމް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. އެކަމަކު، ރޯދަ މަސް ނިމި ތިން މަސް ވީއިރު ވެސް އެ ކަމެއް ނުވި އެވެ. ކެމްޕެއިން ދަތުރުތަށް ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށް މިދިޔަ މަހުގެ 17 ގައި ވެސް އޭނާ އިއުލާން ކުރެއްވި އެވެ. އެކަމަކު، އޭގެ ފަހުން ދެ ހަފުތާ ވީއިރު ވެސް އެކަމެއް ނުވި އެވެ. ކެމްޕެއިން މެނޭޖަރު އައްޔަން ކުރެވޭވަރު ވެސް ވީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ރައީސް ޔާމީން 2023 ވައިރަލް. ވާން ޖެހޭނެ. މުޅި ރާއްޖޭގައި އެ އަޑު ގުގުމަން ޖެހޭނެ. ޖަގަހަތައް ފުލީ އޮޕަރޭޝަނަލް ވާން ޖެހޭނެ. ރައީސް ޔާމީންގެ ފޮޓޯތަކާއި ޕީޕީއެމްގެ ކުލަތައް ރަށްރަށުން ފެންނަން ޖެހޭނެ. ޕިންކް ފޮތިތައް ހުންނަން ޖެހޭނީ ދެމިފައި. ޕިންކް ކުލަ ފެންނަން ޖެހޭނެ ގިނައިން: މުއާޒް

ޔާމީންގެ ކެމްޕެއިން ކުރިއަށް ނުގެންދެވޭ މައްސަލާގައި، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ، އެންމެ ބޮޑު ދައްޗަކީ ޔާމީނާ މުއާމަލާތް ނުކުރެވުން ކަމަށެވެ. ނޯޓުން މުއާމަލާތް ކުރަން ޖެހުމެވެ. ޕާޓީގެ ކަންކަމާ މަޝްވަރާ ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމެވެ.

"ރައީސް ޔާމީނާ އެކު، ޑޮކިއުމަންޓޭޝަން މަސައްކަތެއް ނުކުރެވޭ. ރައީސާ މަޝްވަރާ ކުރާކަށް ވެސް ފުރުސަތެއް ނުދޭ. އެހެންވެ ކެމްޕެއިނަށް ވަރަށް ބޮޑެތި ޗެލެންޖުތަކެއް އެބަހުރި. އަޅުގަނޑުމެންނަކީ ކެމްޕެއިންގައި ވަރަށް ބޮޑަށް ފޮޓޯ ޖަހާ ބައެއް. އެކަމަށް ވެސް ހުރަސްތަކެއް އެބަހުރި. ރައީސް ޔާމީން ޖަލުގައި ހުންނެވުމުގެ ސަބަބުން ކުރިއަށް ދާން ބޭނުންވާ ސްޕީޑްގައި ބައެއް ފަހަރު އުނދަގޫތަކެއް ހުރެދާނެ،" ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމަކު، އޭނާ ދެއްވި ޔަގީން ކަމަކީ ކެމްޕެއިނާ ގުޅޭ ކަންކަން ކުރިއަށް ގެންދާ ކަމެވެ. މެނިފެސްޓޯއާ ގުޅޭ މަޝްވަރާތަކާއި އެހެން ކަންކަން އެކި ފެންވަރުގައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ: މިހާރު

"ސްޓްރެޓީޖިކް ޕޭޕަރު ނިމިގައި އޮތް ކަން އެނގޭ. ގްރާސްރޫޓް ލެވެލްގައި މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެބައޮތް. ދެން އޮތީ މެނިފެސްޓޯ. ރައީސް ޔާމީން ހުންނެވި ދުވަސްވަރު މެނިފެސްޓޯގެ ވެސް ވަރަށް ބޮޑު ބައި އޮތީ ނިމިފައި. ޒުވާނުންނާއި މަސްވެރިކަމާއި އިގްތިސާދާއި އުމްރާނީ ތަރައްގީ ފަދަ މައިގަނޑު ބައިތައް ހުންނާނީ ނިމިފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އަބްދުއްރަހީމެކޭ އެއްގޮތަށް އާދަމް ޝަރީފް ވެސް ވިދާޅުވީ، ކެމްޕެއިން ދަތުރުތައް ވަރަށް އަަހަށް ފަށާނެ ކަމަށެވެ. މިދިޔަ ރޯދަމަހުން ފެށިގެން އެ ބޭފުޅުން އެހެން ވިދާޅުވެ އެވެ. އެއީ އާ ވާހަކައެއް ނޫނެވެ. ބަލަން ތިބި މީހުންނަށް ފެނުނީ ކެމްޕެއިނާ ގުޅޭ ކަމެއްގެ ގޮތުގައި ކެމްޕެެއިން މެނޭޖަރު އައްޔަން ކުރިތަން އެކަންޏެވެ. ކެމްޕެއިން ފަށަނީ ކިޔަކިޔައި ތިއްބާ އިންތިހާބު ބޯމަތިވެއްޖެ އެވެ. އަންނަ މަހުގެ 23 ގައި އިންތިހާބަށް އިއުލާން ކުރާނެ އެވެ. ޕާޓީ ދޫކޮށް ދާ ބަޔަކު ދަނީ އެވެ. ކުރިމަގެއް ފެންނަން ނެތް ކަމަށް ބުނެ އެވެ.

އޮތީ ބިރު ދެއްކުން؟

އާންމުންނަށް ފެންނަ މަންޒަރަކީ ޕީޕީއެމްގެ ޓިކެޓާ މެދު ކިރިޔާ ކަޅި އެއްލާލިޔަސް ނުވަތަ އެފަދަ މަޝްވަރާއެއް، ޒުވާބެއް ވެސް ރަސްމީ ހައިސިއްޔަތެއް ޕީޕީއެމްގައި އޮތް ބަޔަކު ކޮށްފި ނަމަ އެ ބަޔަކާ މެދު ސުވާލު އުފައްދައި، ފޯނުން ނުވަތަ ހާޒިރުކޮށް ސުވާލު ކުރާ ތަނެވެ.

ޔާމީންގެ ކެންޑިޑެސީއާ މެދު އެ ގޮތަށް ސުވާލު އުފެއްދި ކަމަށް ބުނެ، މީގެ ދުވަސްތަކެއް ކުރިން އެފަދަ އުނދަގުލެއް ކުރިމަތި ކުރުވީ މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒަށެވެ. އޭނާގެ މައްސަލަ ބަލަން އެންގެވީ ސީދާ ޔާމީނެވެ. ސުލޫކް ކޮމިޓީ އަށް ހާޒިރުކޮށް، އޭނާގެ ބަޔާނެއް ނެގި އެވެ. ރަމީޒަށް ކުރި ތުހުމަތުތަކާ މެދު އޭނާ އެ ކޮމިޓީގައި އިންކާރު ކުރެއްވިޔަސް މައްސަލަ ބަލައި ނުނިމެނީސް ޕާޓީން ވެސް ވަކިވެވަޑައިގަތީ އެވެ. ސަބަބު ވިދާޅު ނުވިޔަސް، ޕީޕީއެމަށް އެހާ އިހުލާސްތެރި އަދި ޔާމީނާ އެހާ ގާތް ބޭފުޅަކު އެ ނިންމެވުން ކުއްލި ގޮތަކަށް ނިންމެވުމުގެ ފަހަތުގައިވާ ސަބަބުތަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ރަމީޒް: އޭނާ ޕީޕީއެމް ދޫކުރެއްވީ އުފެދުނު އަރައިރުންގަނޑަކަށް ފަހު.

ޔާމީން ޖަލުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކައި އަދި ކެމްޕެއިން ނުކުރާތީ އެ ކަމަށް ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގައި ދާދި ފަހުން ވާހަކަ ދެއްކެވި ބައެއް ބޭފުޅުންނަށް ވެސް ޕީޕީއެމްގެ ލީޑަޝިޕްގެ ސުވާލުތައް ކުރިމަތިވި އެވެ.

ޕީޕީއެމުން ޔާމީނަށް ކެމްޕެއިން ނުކުރާ މައްސަލާގައި އެ ފަހަރު ފާޑުވިދާޅުވި މުއާޒް "މިހާރު" އަށް ވިދާޅުވީ، ޕާޓީގެ އިސްބޭފުޅަކު ގުޅުއްވައި ސުވާލު ކުރެއްވި ކަމަށެވެ. އެކަމަކު، އެ ވަގުތު އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވުމުން ލީޑަޝިޕްގެ ބޭފުޅުންގެ ކުރިމައްޗަށް ހާޒިރެއް ނުވެ އެވެ. ނަމަވެސް، އެހެން ބައެއް ބޭފުޅުން އެ ފަހަރު ހާޒިރުކޮށް، ސުވާލުކުރި އެވެ. އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކުރެއްވި ޓުވީޓެއް ވެސް އޭގެ ފަހުން ޑިލީޓް ކުރެއްވި އެވެ.

"އަޅުގަނޑު އެ ގޮތަށް ގުރޫޕްގައި ވާހަކަ ދެއްކި ސަބަބު އެ ބޭފުޅުން އޮޅުން ފިލުވަން ބޭނުންވީ. އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ވިސްނުން. އަޅުގަނޑަކީ ބައެއް ފަހަރު އަންޕޮޕިއުލާ ވާހަކަ ދައްކާ މީހެއް. އަޅުގަނޑަށް ފެންނަ އެއްޗެއް އަޅުގަނޑު އަބަދުވެސް ބުނަން. މީގެ ކުރިން ވެސް ބުނެފައި ހުންނާނެ،" މުއާޒް ވިދާޅުވި އެވެ.

"އެހެން ބުނީމާ ޕާޓީގެ އެސްޖީ ނޫނީ އެހެން ލީޑަޝިޕްގެ ބޭފުޅުން ގުޅުއްވާފައި އައްސަވާނެ ކޮން މަގްސަދެއްގައި ދެއްކި ވާހަކައެއްތޯ."

ނަމަވެސް ސެނެޓްގެ އެހެން މެމްބަރަކު ނަން ނުޖަހަން ޝަރުތުކޮށް ބުނީ، އެއީ ޔާމީން ނޫން ބޭފުޅަކު ކުރިއަށް ނެރެފާނެތީ ދައްކާ ބިރެއް ކަމަށެވެ. ޔާމީން ނޫން ބޭފުޅެއް ނުވަތަ ޕާޓީގެ ހަރަކާތްތައް ވެސް އެހެން ކަމަކަށް ފޯކަސް ކުރަން ލީޑަޝިޕުން ބޭނުން ނުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ޕާޓީގެ ފޯކަސް ގެންދަން ރައީސް ޔާމީން ބޭނުންފުޅުވަނީ އެ މަނިކުފާނު ޖަލުން ސަލާމަތް ކުރަން. އެކަމަކު، އެއީ ފަސޭހައިން ވާނެ ކަމެއް ނޫން. އެ ވާހަކަ ފާޅުގައި ދެއްކިޔަސް ވަނީ ގޯސް. ހީވަނީ މުޅި ޕާޓީ ހަލާކު ކޮށްލަން އުޅޭ ހެން. ލީޑަޝިޕުން އެ މަސައްކަތް ކުރަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

މީގައި ދިމާވާ ކަމަކީ އެހެން ޗޮއިސްއެއްގެ ވާހަކަ ދައްކަން ބޭނުންވާ ބަޔަކު ވެސް އުޅޭ. އަޅުގަނޑުމެން ނުދެކެން އެ ހާލަތެއް އަދި އޮތް ކަމަކަށް. އެއީ ސެނެޓްގެ އިއްތިފާގުން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައި. ދެން ގާނޫނީ ސުވާލުތަކެއް ކުރަން ޖެހޭ ހާލަތެއް އަދި ނާދޭ."--- އާދަމް ޝަރީފް

އާދަމް ޝަރީފް އެ މައްސަލާގައި ވިދާޅުވީ، ޕީޕީއެމްގެ އެއްބައިވަންތަކަމާއި ވަހުދަތު ހިފެހެެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެއީ ބިރު ދެއްކުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން ވެސް އެކަން ދިމާވީ އަޅުގަނޑުމެން ލީޑަޝިޕްގެ ބައެއް މީހުން އޮފީހުގައި ތިބި ވަގުތަކާ. އެހެންވެ، އަޅުގަނޑުމެން އެއްބަސްވީ އެ ބޭފުޅުންނާ ބައްދަލު ކޮށްލާފައި ކަންކަން ސާފުކޮށްލަން. އެއީ ކަމެއް ޑޮކިއުމެންޓް ކުރާކަށް ނުވަތަ ކޮމިޓީއެއް ހަދައިގެން ސުވާލު ކުރި ކުރުމެއް ނޫން. އެ ބޭފުޅުންގެ ކޮންސާތައް އަޑު އަހާލީ،" އޭނާ ވިދާޅުވި އެވެ.

"މީގައި ދިމާވާ ކަމަކީ އެހެން ޗޮއިސްއެއްގެ ވާހަކަ ދައްކަން ބޭނުންވާ ބަޔަކު ވެސް އުޅޭ. އަޅުގަނޑުމެން ނުދެކެން އެ ހާލަތެއް އަދި އޮތް ކަމަކަށް. އެއީ ސެނެޓްގެ އިއްތިފާގުން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައި. ދެން ގާނޫނީ ސުވާލުތަކެއް ކުރަން ޖެހޭ ހާލަތެއް އަދި ނާދޭ."

އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ޔާމީންގެ ކެންޑިޑެސީއާ މެދު ސުވާލު އުފައްދައި ވާހަކަ ދެއްކޭނީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާއިރު، ގާނޫނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ނަމަ އެވެ.

"އިސްތިއުނާފު އެ އޮތީ ފެށިފައި. އެހެންވީމާ އަދި ސުވާލެއް ނެތް. އިންތިހާބަށް އިއުލާން ކުރާއިރު، ރައީސް ޔާމީން އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި ޖަލުގައި ހުންނަވައިފިއްޔާ އެ ގާނޫނީ ސުވާލު ކުރެވޭނީ. ހުރިހާ އެންމެން ކަލެކްޓިވްކޮށް، ޕީޕީއެމްގެ ބަހުރުވައިން ބުނާ ނަމަ އެ މަނިކުފާނު ހުންނެވީ ހަރާން ހުކުމެއްގައި. އެކަން އެއްކޮޅުން ގަބޫލު ކޮށްގެން ތިބެފައި ގާނޫނީ ސުވާލެއް މި ވަގުތު ކުރެވޭނެ ކަމަކަށް ނުދެކެން. ރިޔާސީ ޓިކެޓަކީ އަމާނާތެއް." އޭނާ ވިދާޅުވި އެވެ.

މުއާޒް ވެސް ވިދާޅުވީ، ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތާ މެދު އަދި ސުވާލެއް ނެތް ކަމަށާއި ހުރިހާ ވެސް މައްސަލައަކީ ޔާމީން ނެތި ކެމްޕެއިން ކުރުމުގެ އެއްވެސް ކަމެއް ޕީޕީއެމްގެ ލީޑަޝިޕަށް ނުކުރެވުން ކަމަށެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި މާލޭގައި ޕީޕީއެމުން ބޭއްވި ބޮޑު އެއްވުމެއް ކުރިއަށް ގެންދަނީ.---ފައިލް ފޮޓޯ: މިހާރު

"ކެންޑިޑެސީ ޕްލޭން އޭ ޓު ޒެޑަށް ނެތީމާ ފެއިލްވީ ނޫންތޯ؟ އެ ވާހަކަ އަޅުގަނޑު މި ދައްކަނީ އަަބަދުވެސް. ރައީސް ޔާމީން. އަޅުގަނޑު ވެސް ހިތުގެ އަޑިން ގަބޫލު ކުރަން ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތިލެވުމާ މެދު ސުވާލެއް ނެތް ކަން. އެކަމަކު، ކެމްޕެއިނަށް ޕުޝް ކުރާނެ ބަޔަކު ނެތް،" މުއާޒް ވިދާޅުވި އެވެ.

ދެން އޮތް ސުވާލަކީ 2018 ގައި ހަމަ މި ފަދަ ހާލަތެއް އެމްޑީޕީ އަށް އޮތް ކަމަށް ބުނެ ދައްކާ ވާހަކަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން ފާސްކުރީ އެ ޕާޓީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ޖަލު ހުކުމެއް އޮތުމުންނެވެ. އެކަމަކު، އެމްޑީޕީން ފަހު ވަގުތާ ހަމައަށް ވެސް ނަޝީދުގެ ކެމްޕެއިން ކުރިއަށް ގެންދިޔަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުޅި ކެމްޕެއިން އަނބުރާލީ އިންތިހާބަށް އިއުލާން ކުރުމުގެ ކުރިންނެވެ.

"އޭރު ތަފާތަކީ ރައީސް ނަޝީދު ހުންނެވީ ރާއްޖެ އިން ބޭރުގައި. މިހާރު ނަމަ ރައީސް ޔާމީން އެ ހުންނެވީ ޖަލުގައި. އެހެންވެ، އެމްޑީޕީ އަށް އެ ގޮތަށް ކެމްޕެއިން ކުރެވުނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ޓުވީޓް

ޕީޕީއެމްގެ ނައިބު ރައީސް އިއްޔެ ކުރެއްވި ދިގު ޓުވީޓުގައި ވިދާޅުވި ގޮތަށް ޔާމީނަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް އެންމެ ފުރަތަމަ ލިބިވަޑައިގަތް ލީޑަރެވެ. އެއީ މީގެ 10 މަސް ކުރި އެވެ. އެކަމަކު، އެހާ ކުރިން ޓިކެޓް ދެއްވުމަށް ފަހު، އިންތިހާބަށް އިއުލާން ކުރަން މަހަކާ ގާތްވި އިރު ވެސް ކެމްޕެއިންގެ ނަން ވެސް ވިދާޅުނުވެ، ދެއަތް އުރާލައިގެން ތިބުމުން ލިބެނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ ހަގީގަތުގައި ޕީޕީއެމްގެ ފެންވަރަކީ އެހެން މީހުން އެ ޕާޓީގެ ފަހަތުން ދިއުމެވެ. އެކަމަކު، އެ އަށް ވުރެ ކުދި ޕާޓީތައް ވެސް އުޅެނީ މާ މަތީގަ އެވެ.

60 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 11%
icon angry icon angry 64%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރޯސް

13 June 2023

ޙަޤީޤަތަކީ، އަބަދުވެސް ކާމީހުން ކަނީއެވެ. ޔާނުގެ މައްސަލައަކީ ފާޅުގައި ކެއުމާއި ނުބައި ކަން ދެއްކުމެވެ. އަދި އަދީބު ބޭނުންކޮށްގެން ކަންކަން ގޯހުން ގޯހަށް ދިޔައީމާ ނޫނީ ކަންކަން ޤަބޫލު ނުކުރުމެވެ. ޙަޤީޤަތަކީ ކަންތައްތަކެއް ކޮށްދީފައިވާ ވެރިއެއް، ޚުދުމުހުތާރު. އަންނިއަކީވެސް ހުދުމުހުތާރު މީހެއް. ޞާލިހުގެ ޞާލިހުކަން އެހާބޮޑު. ދިވެހިންނަށް މިއޮންނަނީ އަބަދުވެސް ކަމުނުދާ ލިސްޓުން އެންމެ ކުޑަ ގޯސް ޚިޔާރު ކުރުމުގެ ފުރުޞަތު. ޞާލިޙެއް އައީމަވެސް ވީގޯސް

The name is already taken The name is available. Register?

ވައިމަތި

12 June 2023

ވާންވީ ގޮތަކީ ޕާރތިއާ މެދު ޔާމީނު ގޮތްދޫކޮށް ހިތްތިރިކޮށް ޕާރތީއަށް ހެއު އެދިގެން ޔާމީނަށް ނުނިކުމެވޭ ނަމަ ރިޔާސީ ކެންޑިދޭޓަކީ މިވެނި މީހާ ކަމަށް ބުނުމާ އަދި އޭނާގެ ނައިބަކީ މިއީ ކަމަށް ބުނަންވީ ޔާމީނަކީ ރިޔާސީ ކެނޑީދޭތުކަން ކިތަންމެ ކުރިޔަކަުންވެސް ކަނޑައެޅިދާނެ އެއީ އެންމެ ފުރަތަމ ކަނޑައެޅުނު ރިޔާސީ ކެންޑިދޭތު ކަމަށް ވުމަކުން ލިބޭ މޮޅެއް ނެތް ޔާމީނު ރިޔާސީ ކެންޑިޑޭތަކަށް އިއްލާނު ކުރެވުނު އިރު އޭނާގެ ނައިބަކީ ކޮބައިކަން ބުނެލަންވެސް ނުކެރުނު!!

The name is already taken The name is available. Register?

ފިނިފެންމާ ސައިއްޓޭ

11 June 2023

މިނިވަނަކަށްވުރެ ގައިދީއެއްގެ ބާރުގަދަ ވާނީ ޕީީޕީއެމްއިމް ދެން އަންނަން ތިބިބައެއްގެ ހާދަ ކަންފުޅެއް ނެތީމައޭދޯ

The name is already taken The name is available. Register?

މީދޫ އާދަނު

11 June 2023

ޕީޕީއެމް ވެރިކަން ބޭނުން ނަމަ ލަސްނުކޮށް ކެންޑިޑޭޓަކު ދައްކައި ކެމްޕެއިން ފަށަން ޖެހޭ. ރައީސް ޔާމީން މިނިވަން ވާނެ ކަމުގެ ހުވަފެން ދައްކައިގެން އާއްމު މެންބަރުން ހައްލައިގެން ގެންގުޅުމަކީ އާއްމު މެންބަރުންނަށް ދެވޭ އަނިޔާއެއް

The name is already taken The name is available. Register?

ސަލާމަތްކުރޭ

11 June 2023

ޕީޕީއެމްއަކީ ގާބިލް ލީޑަރުން ތިބި ޕާޓީއެއް. ރައީސް ޔާމީންގެ ވެރިކަމުގަ ގައުމުގެ އިގްތިސާދު ކުރިއެރުވުމަގަ އިސްކޮށް އުޅުނު މިނިސްޓަރު ސައީދު އަދި ގައުމުގެ އުމްރާނީ ތަރައްގީގެ ކަންކަން ބެލެހެއްޓި މާލެޭސިޓީގެ މޭޔަރ މިނިސްޓަރު މުއިއްޒު ކަހަލަ ލީޑަރުންނަކީ ގައުމު ހިންގޭފަދަ ލީޑަރުން

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

11 June 2023

ޖަލުގާ އޮތަސް އެމަނިކުފާނުންގެ ހުދުމުޚުތާރުކަމަށް ކުޑަވެސް ބަދަލެއް ނާދޭ. މުއިއްޒުވެސް ޖަމީލުވެސް އަދުރޭވެސް ބޭނުންވޭ ނުކުންނަން. އެހެނަސް ކީއްތޯ ކުރާނީ؟ އެމަނިކުފާނުންގެ ކޯފާގެ އަލިފަަނުގާ ފިހޭކަށް މިތަނުން އެކަކުވެސް ބޭނުމެއްނުވޭ.

The name is already taken The name is available. Register?

ގަމާރުޒް

11 June 2023

ޕީޕީއަށް މިވަގުތު އެންމެ ރަނގަޅު ޗޮއިސްއަކީ ނަޝީދުކަމަށް ފެނޭ. ނިކަން ހަވާލުކޮށްބަލަ. ފިސާރި ހިންގާލާނެ.

The name is already taken The name is available. Register?

ގައުމީދޫ:)

11 June 2023

މި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ ފަރާތްތަކުން ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ޑިގްރީ ފުރިހަމަކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ދެކެން. ނޫނީ ތަޢްލީމާއި ތަޖްރިބާގެ އަލީގައި ޕީޕީއެމް އިންތިޚާބު ދަމައިގަނެފާނެ.

The name is already taken The name is available. Register?

މިރައިސްދޯ

11 June 2023

ޖަލުގަ ހުރެގެން ބިރުދައްކަންޏާ ދެން ޖެހޭނީ މާފުށީ ޖަލުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ހައްޔަރުކުރަން.

The name is already taken The name is available. Register?

ހަކި

11 June 2023

މިހިރީ މި ޕާރޓީ ޔާމީނަށްޓަކައި ފިތިފަ ތިބިވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454