މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން ފުރަން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި: މި އަހަރު ހައްޖަށް ދާ މީހުން މާދަމާ ފުރަން ފަށާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޖޫން 2023 - 12:21
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން މާދަމާ ފުރަން ފަށާއިރު ފުރަތަމަ ފްލައިޓްގައި 294 މީހުން ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ ހަ ފްލައިޓަކުން ކަމަށެވެ. އެ ފްލައިޓްތައް އޮންނާނީ މި މަހު 12، 13، 15، 16 އަދި 19 ވަނަ ދުވަހު އެވެ.
ފުރަތަމަ ގްރޫޕް ފުރާނީ މާދަމާ މެންދުރު ފަހު އެވެ.
• މި މަހު 13 ގައި ފުރާނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ދާ 90 މީހުން.
• މި މަހު 15 ގައި ފުރާނީ އަލްމަނާސިކް ގްރޫޕްގެ ހަވާލުގައި ދާ 90 މީހުން.
• މި މަހު 16 ގައި ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 290 މީހުންނާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ދާ 90 މީހުން.
• މި މަހު 19 ގައި ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 290 މީހުން.
ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ދިނީ 1،000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވެ އެވެ. ދެންހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
ހައްޖަށް ފުރާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ވެލާނާ އެއާޕޯޓާ ހަމައަށް ގެންގޮސްދިނުމަށް ދަތުރުފަތުރުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދީފަ އެވެ. ހައްޖާޖީން އެއާޕޯޓަށް ގެންދިއުމަށާއި ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ވެސް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.
1444 ވަނަ އަހަރު ޙައްޖުގެ އަޅުކަމަށް ޙައްޖުވެރިން ފުރުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް#MVIaffairs#hajj1444 pic.twitter.com/KnTSzHlk8i
— Ministry of Islamic Affairs (@MVIaffairs) June 1, 2023
ހައްޖަށް ދާ މީހުންނަށް އިންތިޒާމުތައް ހަމަޖައްސާދީފައިވާ ގޮތުގެ ތަފުސީލު.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި ބަހާ ހަމައަށް ގެންގޮސްދޭނެ އެވެ. ހައްޖާޖީންނާއި އެ މީހުންގެ އާއިލާއަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފުރުމުގެ އެއް ދުވަސް ކުރިން ފޮށިތައް އެއާޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ކަންކަން އިސްވެ ބެލެހެއްޓެވުމަށް ސަރުކާރުން މިއަދު ވަނީ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހަމަޖައްސަވައިފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy