ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ތުހުމަތުތަކަށް ޓްރަމްޕް އިންކާރު، އެއްޗެއް ވިދާޅެއް ނުވި

14 ޖޫން 2023 - 11:07

ފްލޮރިޑާ (ޖޫން 14) - ދައުލަތުގެ ސިއްރު ލިޔުންތަކެއް ގާނޫނާ ހިލާފަށް ފޮރުވައިގެން ގެންގުޅުއްވި މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކަށް އޭނާގެ ފަރާތުން ގާނޫނީ ވަކީލުން އިއްޔެ އިންކާރު ކުރައްވައިފި އެވެ.

ފްލޮރިޑާގެ މަޔާމީގައި ހުންނަ ފެޑެރަލް ކޯޓުގައި އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލުން ވަނީ ޓްރަމްޕްގެ މައްޗަށް ކުރާ ދައުވާތައް އޭނާގެ ހާޒިރުގައި ޝަރީއަތުގައި އިއްވައިފަ އެވެ. ކޯޓް ރޫމުގައ ރަތް ޓައީއަކާ އެކު ކޯޓު ފަޓުލޫނުގައި ހަށަން ބަނދެލައްވައިގެން ހުންނަވައި ދައުވާތައް އަޑުއެއްސެވި ނަމަވެސް، އެ ދައުވާތަކާ މެދު ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

ޓްރަމްޕްގެ ބަދަލުގައި ދައުވާތަކަށް ޖަވާބުދާރީވީ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުންނެވެ. ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، ދައުވާތަކަށް ދޭން އޮތް ހަމައެކަނި ޖަވާބަކީ ކުށްވެރިވާ ކަމަށް ގަބޫލުނުކުރާ ކަމެވެ. ދައުވާތަކަށް ޓްރަމްޕުގެ ފަރާތުން އިންކާރުކުރުމާ ގުޅިގެން، ދެން އޮންނާނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމެވެ.

ޓްރަމްޕަށް ކުރާ ދައުވާތައް އިއްވި އިރު، ހަމަ މި މައްސަލައިގައި ދައުވާ އުފުލާފައިވާ، ރިޔާސީ ގަނޑުވަރުގައި ޓްރަމްޕްގެ އެންމެ އަރިސް މުވައްޒަފު ވޯލްޓް ނައުޓާ ވެސް ކޯޓަށް ހާޒިރުކޮށްފައި އިނެވެ. އޭނާ އަކީ ޓްރަމްޕުގެ އެންމެ އަރިސް ޚާދިމުގެ ގޮތުގައި ވައިޓް ހައުސްގައި މަސައްކަތް ކުރި، އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހެކެވެ. ޓްރަމްޕުގެ ވެރިކަން ނިމުމާއެކު ވޯލްޓް ވެސް ސިފައިންގެ ވަޒީފާ ދޫކޮށްލައި، ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ގެ މާރް-އާ-ލާގޯ ރިސޯޓްގައި، ޓްރަމްޕުގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ.

ގާނޫނާ ޚިލާފަށް ޓްރަމްޕު ގެންގުޅުއްވި ލިޔުންތައް ފޮރުވާފައި ހުރީ މާރް-އާ-ލާގޯ ރިސޯޓްގެ ފާޚާނާތަކާއި ފެންވަރާ ބައިތަކުގަ އެވެ.

މި މައްސަލައިގައި ވޯލްޓްގެ މައްޗަށް ދައުވާ ކުރަނީ، ދައުލަތުގެ ސިއްރު ލިޔުންތަކެއް ގާނޫނާ ޚިލާފަށް ފޮރުވައިގެން ގެންގުޅުމާއި ދައުލަތަށް ދޮގު ހެދުމުގެ ކުށުގަ އެވެ. އޭގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށާއި، ދައުލަތުން ކުރަމުން ދިޔަ ތަހުގީގަކަށް ބޭނުންވާ ލިޔުންތަކެއް ނަހަމަ ގޮތުގައި ހިފެހެއްޓުމާއި، ދައުލަތުގެ ލިޔުންތަކެއް ދައުލަތާ ހަވާލުނުކޮށް ފޮރުވުމާއި، ދައުލަތަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

އިއްޔެގެ އަޑުއެހުމުގައި ޓްރަމްޕާއި ވޯލްޓްގެ މައްޗަށް ކުރާ ދައުވާތައް އިއްވުމަށް ފަހު، ދެން އޮތީ ފަނޑިޔާރުންގެ ފަރާތުން ޓްރަމްޕަށާއި އޭނާގެ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް، އެ ދައުވާތަކާ ގުޅިގެން އަންގަންޖެހޭ އެންގުންތައް އެންގުމެވެ. ގާތްގަނޑަކަށް 45 މިނެޓަށް ދެމިގެން ދިޔަ އެ އަޑުއެހުންތަކުގައި ފަނޑިޔާރުން ވަނީ މުހިންމު ބައެއް ކަންކަން ކަނޑައަޅުއްވައިފަ އެވެ.

އެ ގޮތުން މެޖިސްޓްރޭޓް ފަނޑިޔާރު ޖޮނަތަން ގުޑްމޭން ކަނޑައެޅުއްވި ކަންކަމަކީ؛

• މި މައްސަލައާ ބެހޭ ގޮތުން ވޯލްޓްއާ އެކު ޓްރަމްޕް އެއްވެސް ވާހަކައެއް ދައްކައި އެއްވެސް މުއާމަލާތެއް ނުހިންގެވުން.

• މި މައްސަލައަށް ކަނޑައަޅާފައިވާ ކައުންސެލް މެދުވެރިކޮށް ނޫން ގޮތަކަށް، ޓްރަމްޕް މުއާމަލާތު ކުރައްވައިގެން ނުވާނޭ ހެކިވެރިންގެ ލިސްޓެއް ދައުލަތުގެ ވަކީލުން ތައްޔާރުކުރައްވައި ކޯޓަށް ހުށަހެޅުން

• ދައުވާ އުފުލިފައިވާ ދެ މީހުން ކުރެ އެއްވެސް މީހަކު، ގައުމުގެ އެތެރޭގައި ނުވަތަ ގައުމުން ބޭރަށް ދަތުރުކުރުން މަނާ ނުކުރައްވާކަން.

• ދައުލަތުގެ ފަރާތުން އެދުނު ގޮތަށް، ފިލައިގެން ދިއުމުގެ ނުރައްކަލެއް ނުވަތަ އިހުތިމާލެއް ނެތުމުން، ދެ މީހުން ކުރެ އެކަކުވެސް ހައްޔަރުނުކޮށް، އަދި އެއްވެސް ކަމެއް ޝަރުތުނުކޮށް ދެ މީހުން ވެސް މިނިވަންކޮށް ދޫކޮށްލާފައި ބެއިތިއްބުން.

• ޓްރަމްޕަކީ ކާކުކަން ސާފުކޮށް ދެނެގަނެވޭ ފަދަ މީހަކަށް ވާތީ، ފުލުހުން އޭނާގެ މަގްޝޮޓް (އިސްކޮޅު އަންގައިދޭ ގޮތަށް އަދި ކުރިމަތިންނާއި އަރިމަތިން ނަގާ މޫނުގެ) ފޮޓޯ ނުނެގުން.

ދައުލަތުގެ ސިއްރު ލިޔުންތަކެއް ގާނޫނާ ޚިލާފަށް ފޮރުވައިގެން ގެންގުޅުއްވި މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ކުރާ 37 ދައުވާގެ ތަފްސީލުތައް، ދައުލަތުގެ ވަކީލުން ވަނީ މި މަހުގެ 11 ވަނަ ދުވަހު އާންމު ކުރައްވައިފަ އެވެ. އެ މައްސަލައިގައި ޓްރަމްޕަށް ކުރާ ދައުވާތަކުގެ ތެރޭގައި ޖާސޫސް ކުރުމުގެ ގާނޫނުގެ ދަށުން ކުރާ ދައުވާތަކެއް ވެސް ހިމެނެ އެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފަހުކޮޅު އެމެރިކާގެ ބަންޑާރަ ނައިބުގެ މަގާމުގައި (ފެބްރުއަރީ 2019 – ޑިސެމްބަރު 2020) ހުންނެވި ވިލިއަމް ބާރް ވިދާޅުވާ ގޮތުގައި ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ދައުވާ ސާބިތުވިޔަސް، ޓްރަމްޕުގެ ސިޔާސީ ކުރިމަގު މުޅިން ގެއްލިގެންދާނެ އެވެ.

ރައީސް ޓްރަމްޕާއި ވޯލްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ސަބަބުން ދިގު މުއްދަތުގެ ޖަލު ހުކުމެއް އެއިން ކޮންމެ ބޭފުޅަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީގެ ކުރިން ވެސް އެމެރިކާގެ ބައެއް ރައީސުންނާއި ނައިބު ރައީސުން މަގާމުން ވަކިވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ މުހިންމު ލިޔުންތައް ގެންގުޅުއްވާފައިވެ އެވެ. ނަމަވެސް ޓްރަމްޕުގެ މައްސަލަ މިހާ ބޮޑު ކަމަކަށް ވެގެން މިއުޅެނީ، އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދެއްވުމުގެ އިތުރުން، އެ ލިޔުންތައް ސަރުކާރާ ހަވާލުކުރުމަށް ވެސް ދެކޮޅު ހައްދަވަމުން ގެންދަވާތީ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454