"އިނބަ" ބްރޭންޑުގެ ގަސްކާނާ، ފިޝަރީޒް މިނިސްޓަރު ޝައިނީ މިއަދު އިފްތިތާހުކޮށް ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖެނުއަރީ 2017 - 12:01
ލާމު އަތޮޅުގައި ގާއިމްކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ ގަސްކާނާގެ އުފެއްދުންތައް މިއަދު ބާޒާރަށް ނެރެފި އެވެ.
ލ. ފޮނަދޫގައި ގާއިމްކޮށްފައިވާ ލާމު ފާމާސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ "އިނބަ" ބްރޭންޑުގެ ގަސްކާނާ އިފްތިތާހުކޮށް ދެއްވީ، ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެވެ.
"އިނބަ" ބްރޭންޑުގެ ގަސްކާނާ އިފްތިތާހު ކުުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު (ވ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ޖުލައި 29 ގައި ރަޖިސްޓްރީކުރި ލާމު ކޯޕަރޭޓިވް ސޮސައިޓީ އަށް ވަނީ ގަސްކާނާ އުފައްދަން ބޭނުންކުރާ މެޝިނަރީ އާއި އެކަމަށް ބޭނުންވާ ކުނި އެއްކުރާނެ އުޅަނދުތަކާއި އެހެނިހެން އާލާތްތައް ފޯރުކޮށް ދީފަ އެވެ. އެ ތަކެތި ބޭނުންކޮށްގެން، ލ. އަތޮޅުގެ 385 ގެ އަކުންނާއި 27 ވިޔަފާރި އަކުން އަދި 10 ސަރުކާރުގެ އޮފީހަކުން ކުނި އެއްކޮށް، މެނޭޖުކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފަސް ކިލޯ އާއި ދެ ކިލޯގެ ޕެކެޓުގައި ބަންދުކޮށްގެން ނެރޭ "އިނބަ" ބްރޭންޑުގެ ގަސްކާނާ ތައްޔާރުކުރަން ބޭނުންކުރަނީ އުކާލާ ކުންޏާއި ހިކި ފަތެވެ. މި 100 ޕަސެންޓް އޯގެނިކް އުފެއްދުން ވިއްކަން ލ. އިސްދޫ އާއި ފޮނަދޫގައި ދެ ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޯޑަރު ދިނުމުން ލ. އަތޮޅުގެ ހުރިހާ ސަރަހައްދަކަށާއި މާލެ އަށް ފޯރުކޮށްދޭނެ ކަމަށް، 251 މެމްބަރަކު ހަރަކާތްތެރިވާ ސޮސައިޓީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި، ކޯޕަރޭޓިވްތައް އުފައްދައި އެ ކޯޕަރޭޓިވްތައް މެދުވެރިކޮށް ދިވެހި އުފެއްދުންތައް ބާޒާރަށް ނެރުމުގެ މަސައްކަތަށް މިހާތަނަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން، 2.4 މިލިއަން ރުފިޔާ ލާމު ކޯޕަރޭޓިވް އަށް ހޭދަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ކޯޕަރޭޓިވްތަކުގެ މަސައްކަތްތައް ކުރަމުން ދިޔައިރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އެބަ ދޭ،" ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝައިނީ ވިދާޅުވި އެވެ.
"އިނބަ" ބްރޭންޑުގެ ގަސްކާނާ ބާޒާރަށް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޝައިނީ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި ހިންގާ މި ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ލިބޭތޯ އެ ފަންޑާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ބޭރުގެ އެެހެން ފަންޑިން އެޖެންސީތަކާ ވެސް ވާހަކަދައްކާނެ ކަމަށް އޭނާ މިނިސްޓަރު ވިދާޅުވި އެވެ.
"މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސްގެ ވަރަށް ބޮޑު އިސް ނެންގެވުމަކާ އެކީގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކާ މި ކުރާ މަސައްކަތުގައި ވަރަށް ރަނގަޅު ކުރިއެރުންތަކެއް ލިބިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަސިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ލާމު ކޯޕަރޭޓިވް ހިމެނޭ ގޮތަށް ޖުމްލަ އަށް ކޯޕަރޭޓިވް ސޮސައިޓީއެއް ވަނީ އުފައްދައިފަ އެވެ. އެއީ އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ (އައްޑޫ މީދޫ) އާއި ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީ (ފުވައްމުލަކު) އާއި ވާދޫ ފާމާސް ކޯޕަރޭޓިވް ސޮސައިޓީ (ގދ. ވާދޫ) އާއި ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީ (ގއ. ގެމަނަފުށި) އާއި މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީ (ފ. މަގޫދޫ) އާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ (ޅ. ނައިފަރު) އަދި ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ (ހއ. ހޯރަފުށި) އެވެ.
މި ސޮސައިޓީތަކުގައި 67 މީހުން ރަސްމީކޮށް ވަޒީފާ އަދާކުރަމުން އަންނައިރު، ގާތްގަނޑަކަށް 30 އުފެއްދުމެއް ވަނީ ބާޒާރަށް ނެރެފަ އެވެ. އޭގެ ތެރެގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ބާވަތްތައް ހިމެނެ އެވެ. އެ ތަކެތި މާލެ އާއި ރަށްރަށުގެ ފިހާރަތަކުގެ އިތުރުން، މެގަ މޯލްޑިވްސް އިން ވެސް ލިބެން ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫނި ރާއްޖެ
29 January 2017
ޝައިނީ ޒިންދާބާދު!
ދިސްވޭ
29 January 2017
ކޯރޕަރޭޓިވް ސޮސައިޓީސް ތަކަށް ނުކުރެވޭނެ ދަނޑުވެރިކަން ރާއްޖޭގައި. އެއީ ވާނެ ކަމެއް ނޫނެވެ. އެއީ ޔޫއެން އިން އުފައްދައިގެން އުޅޭ ކަނޑުކޮސް ތިއަރީ އެކެވެ. 251 މެމްބަރުން ހަރަކާތް ތެރިވާ ސޮސަައިޓީ އެއް ވެއްޖެނަމަ ފުރަތަމަ ކަމަކީ ތީގައި ދަރަންޏަށް ޒިންމާ ވާނެ ފަރާތެއް ނުހުންނާނެއެވެ. ތިޔާ މީޑިއާ ގައި އެމެން ޖައްސާ ސްޓަންޓް އެއް ކަމަށްވާނީ. މަމެން ތިކަން ނުކުރާނަން އެއްގޮތަކަށް ވެސް ގަބޫލެއް. އޮގަނިކް ގަސް ކާނާ ރަށްފުށު މީހުންނަށް އުފައްދަން އިނގޭނެއޭ ވެސް މަމެން ނަށް ގަބޫލުކުރަން ދަތިއޭ މަމެން ބުނަން ނެތީމު އެވެ. ރިސޯރޓް ތަކަށް އެކަން ނުކުރެވިގެން އުޅޭ އިރު ރަށް ފުށު މީހުންނަށް އެކަން އެއްވެސް މިންވަރަށް އެގްރިކަލްޗްރަލް ސައެންސް ބޭނުން ނުކޮށް އެކަން ކުރެވިދާނެ ކަމާއި މެދު ވެސް ޝައްކު އެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރަން ބޭނުން ނަމަ މާލެ ސަރަހައްދުން ފަޅެއް ހިއްކާ އެތަނުގައި ގްރީން ހައުސް ހަަދައިގެން އެތަނުގައި ދަނޑުވެރިކަން ކުރަން ދޭންވީ އެސްޓީއޯ ފަދަ ކުންފުންނަކަށް ސަރުކާރުން. އެއިރަށް އެކަން ވާނެއެވެ. އެއީ ޔަގީން ކަމެކެވެ.