އައިޖީއެމްއެޗްގައި އިންޓާންޝިޕްގެ އާ ބެޗުގެ އޮރިއެންޓޭޝަން ފެށުމުގެ ރަސްމިއްޔާތުގައި، އިންޓާން ޑޮކްޓަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އައިޖީއެމްއެޗް
21 ޖޫން 2023 - 15:52
އައިޖީއެމްއެޗްގައި އިންޓާންޝިޕް ހަދާ ޑޮކްޓަރުން ދެ އަހަރުގެ ބޮންޑު ފުރިހަމަކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.
ސިއްހީ ދާއިރާ އިން ދިވެހިން ބިނާކުރަން ބާރު އެޅުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުކޮށް، މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ މީހުންނަށް އެލަވަންސެއް ވެސް ދޭން ނިންމައި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނުކުރައްވައިފަ އެވެ.
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ 400ރ. ގެ އެލަވަންސް ދޭން ފެށުމަށް އެ ހޮސްޕިޓަލުން އިންޓާނުންނާ އެކު އެއްބަސްވުމެއް ހަދަން ނިންމައި އޭގައި ސޮއިކުރުވަން މީގެ ކުރިން މަސައްކަތްކުރި އެވެ. އެކަމަކު، އެއްބަސްވުމުގައި ހުރި ކަންބޮޑުވުންތަކާ ހެދި، މި ވަގުތު އިންޓާންޝިޕް ހަދާ 35 މީހުން ވެސް ސޮއިކުރަން ދެކޮޅު ހެދީ އެވެ.
އެހެންވެ، އެއްބަސްވުމަށް ފަހުން ބޮޑެތި ބަދަލުތައް ގެނެސް ސޮއިކުރަން މަސައްކަތްކުރި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންޓާންޝިޕް ހަދާ ޑޮކްޓަރުންނަށް އެލަވަންސް ދިނުމަށް ހެދި އެއްބަސްވުމަކީ ޕޭ ކޮމިޝަނުން އިންޓާންޝިޕް ހަދާ ޑޮކްޓަރުން ބޮންޑުކުރުމަށް ނިންމާފައިވާތީ ހެދި އެއްބަސްވުމެއް ކަމަށެވެ.
ނަމަވެސް، ޕޭ ކޮމިޝަނުން ދެ އަހަރުގެ ބޮންޑުގެ ބައި އުނިކޮށްފައިވާތީ އެގްރިމެންޓެއްގައި ދެން ސޮއި ނުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ޕޭ ކޮމިޝަންގެ ގަވައިދުގައިވާ ގޮތުގެ މަތިން އިންޓާންޝިޕް ފުރިހަމަކުރާ ޑޮކްޓަރުންނަށް އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައި." އޭނާ ވިދާޅުވި އެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ވާހަކަދެއްކި އިންޓާނަކު ބުނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ދަށުން އެއްވެސް މަގާމެއް ނޯންނަ އިރު އަދި މުސާރައެއްގެ ބަދަލުގައި ދޭ އެލަވަންސްއަކާ ހެދި ދެ އަހަރުގެ ބޮންޑެއް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.
އެއްބަސްވުން އޭރު އޮތްގޮތުން، ސަރުކާރަށް ހިދުމަތްކުރަން އެދިފައިވަނިކޮށް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި މަސައްކަތް ނުކޮށް ޕްރައިވެޓް ޕްރެކްޓިސް ކުރުމަކީ މަނާކަމެކެވެ. އަދި ޕްރައިވެޓް ޕްރެކްޓިސް ކުރަން ވާނީ ސަރުކާރަށް ހިދުމަތް ކުރަންޖެހޭ ހާލަތެއްގައި އެ ހިދުމަތަށް އެއްވެސް ހުރަހެއް ނޭޅޭ ގޮތަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު އިންޓާނުންގެ ތެރޭގައި ލޯނު ނަގައިގެން އަމިއްލަ ހަރަދުގައި ކިޔެވި މީހުން ވެސް ހިމެނޭއިރު މިއީ އިންސާފެއް ނޫން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އިންޓާނަކު ބުންޏެވެ.
ޕްރޮގްރާމްގެ އެއްވެސް ހިސާބަކުން ނުވަތަ އިންޓާންޝިޕް ނިންމާ ފަހުން ދިމާވާ އަމިއްލަ ބާރު ނުފޯރުވޭ ބޮޑު ކަމެއްގައި ހޮސްޕިޓަލަށް ގަބޫލުކުރެވޭ މަގުބޫލު އުޒުރަކާ ލައިގެން އެއްބަސްވުން އުވާލާ ނަމަ ވެސް އެހާތަނަށް ހޮސްޕިޓަލުން ހަރަދު ކުރި ފައިސާ، ދެ ފަރާތުން އެއްބަސްވާ ތާވަލަކާ އެއްގޮތަކަށް އަނބުރާ ދައްކަންޖެހެ އެވެ.
އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ފެށީ 2017 ވަނަ އަހަރު އެވެ. މެޑިސިން ކިޔަވާ ކުދިންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބެނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ. އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު، ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮލަންޓިއަރ
21 June 2023
ރަގަޅު ނިންމުމެއް، ދިވެހިރާއްޖޭގައި "ވޮލަންޓިއަރސް" ގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް 'އިރިއުޅުމުގެ އެލަވަންސް' އެއް ދޭންޖެހެއެވެ. ވޮލަންޓިއަރ ލޭބަލް އޮތުމަކީ އެމަސައްކަތްކުރާ ފަރާތްތަށް ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކަންތައްތައް ދުށްދާލެވޭނެފަދަ އެލަވްންްސް އެއް ދނެޖެހޭ ބައެއްކަމަށް ޤަބޫލުކުރަންޖެހެއެވެ. ކޮވިޑް ވޮލަންޓިއަރުންނަށް ޑެއިލީ އެލަވަންސްއެއް ދޭން ނިންމުމަކީ ރަގަޅު ނިންމުމެކެވެ.