އާސެނަލްގެ ކޯޗު އާޓެޓާ. އެންމެ ވާދަވެރި ވާނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ކަމަށް ވަނީ ބުނެފަ
26 ޖޫން 2023 - 13:12
ލަންޑަން (ޖޫން 26) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކުގެ ފެންވަރާއި، ކްލަބްތަކުގައި ތިބި މޮޅެތި ކޯޗުންނާއި އެކު އަންނަ ސީޒަނުގެ ޕްރިމިއާ ލީގަކީ ތާރީހުގައި އެންމެ ވާދަވެރި ލީގަށް ވާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ފަހުވަގުތު އާސެނަލް ފަހަތަށް ޖައްސާލުމަށް ފަހު ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އެވެ.
"އަހަރެން އިންގްލެންޑްގައި 22 އަހަރު ހޭދަކޮށްފިން. މިވަރުގެ ވާދަވެރިކަމެއް ކުރިން ނުދެކެން. ޓީމުތަކުގެ ކޮލިޓީ އާއި ރޭވުންތެރިކަމާއި ޓީމުތަކުގައި ހުރި ހިދުމަތްތައް އަދި ބައިވަރު މޮޅެތި ކޯޗުން އެބަތިބި. އަންނަ ސީޒަން ވާނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ވާދަވެރި ސީޒަނަށް" އާސެނަލް ރަނގަޅު މިސްރާބަކަށް ގެންދަމުން އަންނަ ކޯޗު ބުންޏެވެ.
ހިތްދަތި ގޮތަކަށް އާސެނަލް އަށް ލީގު ގެއްލުމާ އެކު އާޓެޓާ މިހާރު ވަނީ އަންނަ ސީޒަނަށް އެ ކްލަބުގެ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އޭނާ ބުނީ ޕްރިމިއާ ލީގު އާސެނަލް އަށް ހޯދޭނީ އިތުރު ކުޅުންތެރިންނާއި އެކު ސްކޮޑް ވަރުގަދަކޮށްގެން ކަމަށެވެ.
ޓީމު ވަރުގަދަ ކުރުމަށް އާސެނަލް އިން ހޯދަން މަސައްކަތް ކުރަމުން އަންނަނީ ވެސްޓް ހޭމް ޔުނައިޓެޑްގެ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް އާއި ޗެލްސީ އަށް ކުޅޭ ޖަރުމަނުގެ އެޓޭކާ ކައި ހަވާޓްޒް އެވެ. ރައިސް ހޯދުމުގައި ކުރިއެރުމެއް ނުލިބުނަސް ހަވާޓްޒް އެ ޓީމަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.
އާޓެޓާ ބުނީ މެދުކެނޑުމަކަށް ފަހު އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން އާސެނަލް އަށް ފުރުސަތު ލިބުނަސް ލީގު ގެއްލުމުގެ ހިތާމަ އަދިވެސް ކުރާ ކަމަށެވެ.
"ސިޓީއާ 10 މަސް ދުވަހު ވާދަކޮށް ޕްރިމިއާ ލީގު ނުލިބުމުގެ ހިތާމަ މިއަދާ ހަމައަށް ވެސް އަހަރެން ކުރަން. މުހިއްމު ހަތަރު ވަރަކަށް ކުޅުންތެރިންނަށް އަނިޔާވުމުން ޓީމަށް އެކަމުގެ އަސަރު ކުރި. ފުލް ޓީމު އޮތްއިރު އާސެނަލް ފެނުނީ އެއް ފެންވަރެއްގައި ހިފެހެއްޓިތަން. އެކަމަކު އަނިޔާއާ އެކު މައްސަލަތައް ދިމާވި" ލީގު ގެއްލުމުގެ ހިތާމަ އަދިވެސް ކުރަމުން އަންނަ އާޓެޓާ ބުނެފައިވެ އެވެ.
އާޓެޓާ ބުނީ މިިދިޔަ ސީޒަނުގައި އޭނާގެ ޓީމު ލީގަށް ވާދަކުރި ސިޓީ އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށާއި އެންމެ ވަރުގަދަ ސްކޮޑާއި އެންމެ މޮޅު ކޯޗު ވެސް ހުރީ ސިޓީގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy