ޚިޔާލު

އޮޅުންބޮޅުން: ސަރުކާރުގެ މުއައްޒަފުންނަށް ފުލެޓް ދިނުން

މާލޭގައި އިމާރާތްކުރި ފްލެޓްތަކެއް ލިބުނު މީހުން ގުރުއަތުގައި ބައިވެރިވަނީ: މި ގޮތަށް ހަދާ ބައެއް ފްލެޓް އިމާރާތްތަކުން ބައެއް މުއައްސަސާތަކުގެ މީހުންނަށް ސަރުކާރުން ފްލެޓް މިލްކުކޮށްދޭ

އަހުމަދު އަބްދުﷲ

30 ޖެނުއަރީ 2017 - 08:32

10 comments

ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ. ސަރުކާރުގެ މުއައްޒަފުންނަށް ސަރުކާރުން ތަފާތު ލުއިތައް ދެއްވުމުގެ ގޮތުން އެކިއެކި ކަންތައް ކުރައްވާ ވާހަކައެވެ. ޢާއްމު ގޮތެއްގައި ތަަފާތު އޮފީސްތަކުން ތަފާތު ޚިދުމަތް ދޭ ވާހަކައިގެ އަޑެވެ. ބައެއް އޮފީސްތަކުން އެތަނުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ހައްޖަށް ދެވޭ ގޮތަށް ހަމަޖައްސަވައިދެއްވައެވެ. އަނެއް ބައި އޮފީސްތަކުން އެތާގައި މަސައްކަތްކުރާ މީހުންނަށް ގެދޮރު ލިބިގަތުމަށް މަގު ފަހިކޮށްދެއްވައެވެ. މިކަހަލަ ކަންތައްތަކުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތެއް ޢާއްމެއް ނުކުރައްވައެވެ. މިހެންވުމުގެ ސަބަބުން މި ކަންތައްތައް ހިނގަނީ ކިހިނެއްކަމެއް ސާފުވެފައެއް ނުއޮވެއެވެ.

ސަރުކާރުން ދޭން ބޭނުންވާ އެއްޗެއް ބޭނުން ގޮތަކަށް ދެވިދާނެކަމަށް ބުނެވިދާނެއެެވެ. މިހާރު އެފަދަ ވާހަކަތައް ބަލައިގަންނަން ވަރަށް އުނދަގޫވާނެއެވެ. އެއީ ސަރުކާރުން ޚަރަދުކުރަނީ ރައްޔިތުންގެ ފައިސާ ކަމަށް ވާތީވެއެވެ. ރައްޔިތުން އެކިއެކި ނަންނަމުގައި ކޮންމެ ދުވަހަކު އެތައް ބައިވަރު ފައިސާއެއް ޓެކްސްގެ ގޮތުގައި ދައްކައެވެ. ޓެކްސް ބަލައިގަންނަ އޮފީހުގެ އާމްދަނީ ދަނީ ކޮންމެ މަހަކުހެން އިތުރުވަމުންނެވެ. އަހަރު ދުވަހަށް ބަލައިލާއިރު އެތައް މިލިއަނުން އިތުރުވަމުން ގޮސް އެތައް ބިލިއަން ރުފިޔާ އަށް އަރައެވެ. އެއީ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދުކުރުމަށް ރައްޔިތުން ސަރުކާރަށް ދައްކާ ފައިސާއެވެ. ސަރުކާރުން އެދިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ދައްކަން ޖެހޭ ފައިސާއެވެ. ތެދުފުޅެކެވެ. މިކަންތައްތައް ބެލެހެއްޓުމަށް ޤާނޫނުން ތަފާތު މުއައްސަސާތައް އުފައްދާފައިވެއެވެ. ރާއްޖޭގެ ޤާނޫނީ ސަޤާފަތަކީ ޤާނޫނުން މުސްތަޤިއްލުކޮށް ހުރިހާ ބާރުތައް ދީފައި، އެތަންތަނުން ވެސް ސަރުކާރުގެ މައި ސޯބު އެނބުރޭ ގޮތަށް އެނބުރުމެވެ. އެއީ ރާއްޖޭގެ ޤާނޫނުތަކުގައި ނުލިއެ އޮންނަ ސަޤާފީ ޤާނޫނެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިދެންނެވި ސަޤާފީ ޤާނޫނަކީ ކޮންމެހެން މަޖިލީހަކުން ފާސްކުރަން ޖެހޭ ޤާނޫނެއް ނޫނެވެ. އެ ޤާނޫނާ ޚިލާފްވެއްޖެ ނަމަ ރައްޔިތުން ބަލައެއް ނުގަންނާނެއެވެ. އަދި ވަގުތުން ފިޔަވަޅު އަޅާނެއެވެ. އެހެންވުމާ އެކު އެފަދަ ޤާނޫނާ ޚިލާފްވާން އެފަދަ ގިނަ ޤައުމުގެ ރައްޔިތުން ބޭނުމެއް ނުވެއެވެ. ރާއްޖޭގައި ދިމާވަމުން އަންނަ ގޮތަކީ އަދި ދިމާވާނީ މައިސޯބު އެނބުރޭ ގޮތަށް ކުދި ސޯބުތައް ނުއެނބުރޭ ނަމަ މެޝިނުގަނޑު ހުއްޓެނީއެވެ. ދެން ޖެހެނީ އެސޯބުތައް އެއްލާލައިފައި މައިސޯބު އެނބުރޭ ގޮތަށް އެނބުރޭ ސޯބުތަކަކަށް ބަދަލުކުރާށެވެ.

ސަރުކާރުގެ މުއައްސަސާތަކުން ހިނގާ ކަންތައްތައް ބަލަހައްޓަން އޮންނަ އެންމެ އިސް ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ މެންބަރުކަމަށް އެބޭފުޅުން ހޮވިފައި ވަނީ އެންމެ ފަސް އަހަރުދުވަހުގެ މުއްދަތަކަށް ކަމަށް ވުމާ އެކު ސަރުކާރުގެ ތަފާތު ބައިތަކުން ހިންގާ ކަންތައްތައް ބެއްލެވުމަކީ އެބޭފުޅުން ހޮވިފައިވާ ކުރު މުއްދަތުގެ ތެރޭގައި ކުރައްވަން ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ދާއިރާގެ މީހުންގެ ތެރެއިން ބޭނުން ބަޔަކަށް އިސްކޮލަޝިޕް ދެއްވިޔަސް، ބޭސްފަރުވާކުރުމަށް ޑޮކްޓަރުން ގެންދެވިޔަސް، އިސްކޫލުގައި ކިޔަވައިދިނުމަށް މުދައްރިސުން ގެންދިޔައަސް، އިސްކޫލެއް ހުޅުވިޔަސް، މުބާރާތްތައް އިންތިޒާމްކޮށްދެއްވިޔަސް، ނުފޫޒުގެ ބޭނުންކޮށްގެން ސަރުކާރުގެ ޚަރަދުގައި މަގު ހެދިއަސް، ނަރުދަމާގެ ނިޒާމެއް ހަދައި، ރަށް ބޮޑުކޮށް، ބަނދަރު ހެދިއަސް، އަދި ކޮންމެ ރަށަކަށް އެެއާޕޯޓެއް ހެދިއަސް، މެންބަރުކަމަށް ހޮވޭނެ ކަމުގެ ސައްތައިން ސައްތަ ޔަޤީންކަން އޮތުން އުނދަގުލެވެ. މާޒީގައި ވޯޓުލައިފައި ތިބި ބައެއް މީހުން ކަންތައް ކޮށްފައި އޮންނަ ގޮތުންނެވެ. މިހެންވުމާ އެކު ސަރުކާރުގެ ކޮންޓުރެކްޓްތައް ހޯދުމަށާއި، ސަރުކާރު ކުންފުނިތަކުން މުދާ ގަނެގެން ކުޑަ ފައިދާއަކާ އެކު ދެވަނަ ފަރާތަކަށް ވިއްކާލުމަށް ފުރުޞަތު ހޯދުމާއި، ލުއި ގޮތަކަށް ބިން ހޯދުމާއި، ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް އެހީތެރިވުމާއި، ތަފާތު ހުއްދަ ހޯދުން ފަދަ ކަންކަމަށް ބައިވަރު ވަގުތު ބޭނުންވާނެއެވެ. މިހެންވުމާ އެކު ސަރުކާރުން އެދޭ ގޮތަކަށް މަޖިލީހުގައި ވޯޓު ދިނުމުގެ އިތުރަށް އެހެން ކަންތައްކުރަން މަޖިލީހުގެ މެންބަރުންނަށް ވަގުތެއް ނުވާނެއެވެ.

ސަރުކާރުން ރައްޔިތުންގެ ފަސޭހައަކަށް ބައިވަރު ކަންތައްތައް އަތޮޅުތެރޭގައްޔާއި މާލޭގައި ކުރަމުން ގެންދާއިރު ވެސް ސަރުކާރާ ނުރެހޭ ފަރާތްތަކުން ރައްޔިތުންގެ ހިތުތެރޭގައި ޝައްކު އުފެދޭ ފަދަ ވާހަކަތައް ދައްކައެވެ. ސަރުކާރުން ވަކި ބަޔަކަށް ފުލެޓް ދެއްވާ ވާހަކަ އާއި ކަރަޕްޝަނުގެ އިންޑެކްސްގައި ރާއްޖެ ކުރިއަށް ޖެހިފައި އޮތް ވާހަކައެވެ. މިހުންނަނީ ޤަބޫލުކުރެވޭނޭ ވާހަކައެއް ނޫނެވެ. ކަރަޕްޝަން ހުއްޓުވުމަށް ވެސް ސަރުކާރުން ބައިވަރު ފިޔަވަޅު އަޅުއްވައެވެ. ފަތުރުވެރިކަމަށް ދޫކުރައްވާ ރަށްތައް ބީލަމަކާ ނުލައި ދޫކުރައްވާ ގޮތަށް ހަމަޖެއްސެވުމަކީ ވެސް ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެކެވެ. ބީލަމުން ރަށްތައް ދޫނުކުރުމުން، ބީލަން ބަލާ ބަޔަކަށް އެއްވެސް މިންވަރެއްގެ ނުފޫޒެއް މިހާރު ފޯރުވޭކަށް ނުއޮންނާނެއެވެ. ފޭދޫފިނޮޅު ސީނީންނަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލުމަށް ފަހު، މާލޭގައި ދިރިއުޅޭ މީހުން މުނިފޫހިފިލުވަން ދާން ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތަކަށް ފަޅެއް ހިއްކަވަނީއެވެ. މާލޭ ކައިރީގައި އޮތް ރީތި ފަޅުރަށެއް ބޮޑު އަގުގައި ވިއްކާލުމަށް ފަހު އެ ފައްޓަވަން އުޅުއްވަނީ ކޮން ކަހަލަ ފައިދާ ބޮޑު މަޝްރޫޢުއެއްތޯއެވެ.؟

މިހެން މިކަންތައްތައް އޮތް ކަމުގައިވިޔަސް ސަރުކާރުގެ މުއައްޒަފުންނަށް ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެތަނެއްގައި މަސައްކަތްކުރާތީވެ ސަރުކާރުން ފުލެޓް ދޫކުރެވޭ ނަމަ އެކަންތައް ކުރެވެންވާނީ ހަރުދަނާ އުސޫލަކުންނެވެ. ސަބަބަކީ އެތަންތަން އިމާރާތްކުރެވެނީ އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާއިން ކަމަށް ވާތީވެއެވެ.

މުހިއްމު މުއައްސަސާތަކުގައި އުޅުއްވާ ފަރާތްތަކަށް ސަރުކާރުން ފުލެޓް ދޫކުރާ ގޮތަށް ހަމަޖެއްސެވުމަކީ ސަރުކާރުން އެ މުއައްސަސާތަކުގެ މެންބަރުންނަށް ނުފޫޒު ފޯރުވަން ކުރައްވާ ކަމެއްކަމަށް ބެލުމަކީ ވަރަށް ދެކޮޅުނުޖެހޭކަމެކެވެ. ސަބަބަކީ އެ ފުލެޓަކަށް ދައްކަން ޖެހޭ ކުލި ފުލެޓްގެ އަގު ހަމަވަންދެން އެބޭފުޅުން ދައްކަވަން ޖެހޭތީވެއެވެ. އެތައް ސަތޭކަ ބަޔަކު ފުލެޓަށް އެދިފައި ތިއްބާ އެއްވެސް ގުރުއަތަކާ ނުލައި އެބޭފުޅުންނަށް ސަރުކާރުން ފުލެޓް ހަވާލުކުރައްވަނީ ރައްޔިތުންނަށް ރަނގަޅަކަށްޓަކައެވެ. އެއްވެސް ނުފޫޒެއްގެ އޮއިވަރެއްގައި ޖެހިޔަނުދިނުމަށެވެ.

މިހެން މިކަންތައްތައް އޮތް ކަމުގައިވިޔަސް ސަރުކާރުގެ މުއައްޒަފުންނަށް ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެތަނެއްގައި މަސައްކަތްކުރާތީވެ ސަރުކާރުން ފުލެޓް ދޫކުރެވޭ ނަމަ އެކަންތައް ކުރެވެންވާނީ ހަރުދަނާ އުސޫލަކުންނެވެ. ސަބަބަކީ އެތަންތަން އިމާރާތްކުރެވެނީ އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާއިން ކަމަށް ވާތީވެއެވެ. ނޫން ނަމަ ރައްޔިތުންގެ އޭތިމީތި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް ވާތީވެއެވެ. ފުލުހުންނަށް ނުވަތަ ސިފައިންނަށް، ނުވަތަ ފަނޑިޔާރުންނަށް ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރަކަށް ވީތީވެ، ފުލެޓް ދޫކުރެވޭ ނަމަ، އެބޭފުޅުން އެ ވަޒީފާ ދޫކޮށްލުމުން ނުވަތަ ވަކިވެވަޑައިގަތުމުން ވާނީ ކިހިނެއްތޯއެވެ؟ އެފަރާތްތަކަށް މިލްކުވެވޭ ގޮތަށް އޮތުމުން ސަރުކާރުން އަބަދުވެސް ކުރިން ދެންނި ތަންތަނުގައި އަލަށް ވަޒީފާ އަދާކުރައްވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ޓެކްސްގެ ފައިސާގައި އަލުން އާ އިމާރާތްތަކެއް ކުރައްވަން ޖެހޭނެއެވެ. ސަރުކާރުން ވަކި މުއައްސަސާއެއްގައި މަސައްކަތްކުރާތީވެ ދިރިއުޅޭނެ ތަނެއް ދައްކާ ނަމަ އެތަނެއް ދޫކުރެވިފައި ހުންނަންވާނީ އެ މުއައްސަސާ އަކަށެވެ. މިހާރުވެސް ހަމަޖައްސަވާ ގޮތަށް އެތަނެއްގައި ދިރިއުޅޭނެ ބަޔަކު އެ މުއައްސަސާއަކުން ހަމަޖައްސާ އުޞޫލަކުން ހަމަޖައްސާ ދުވަހަކަށް ތިބެވޭ ގޮތަށެވެ. މިސާލަކަށް ދަންނަވާ ނަމަ ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާގައި މާލޭގައި މަސައްކަތްކުރާ އަތޮޅުތަކުގެ މީހުންނަށް މާލޭގައި ޢާއްމުކޮށް ތަންތަން ކުއްޔަށް ދޫކުރާ އަގުގައި އެމީހުންނަށް ލިބޭ މުސާރައިން ކުއްޔަށް ހިފަން އުނދަގޫވެދާނެއެވެ. އެހެންނަމަވެސް މުއައްސަސާތަކަށް ދޫކުރެވޭ ތަންތާގައި ޚާއްޞަ ގޮތެއް ހަމަޖެއްސިދާނެެއެވެ. ތެދުފުޅެކެވެ. ފަނޑިޔާރުންނަކީ ޚިދުމަތުގައި އުމުރުން 70 އަހަރު ފުރެންދެން ތިއްބެވޭނެ ބޭފުޅުންނެވެ. އެހެންނަމަވެސް ޒުވާނުންނަށް ފުރުޞަތު ދިނުމުގެ ގޮތުން އަޅުގަނޑުމެންނަށް ޤާނޫނުއަސާސީ އަށް ބަދަލެއް ގެނެސްގެން ފަނޑިޔާރުކަމުގައި ހުންނެވުމުގެ އުމުރު 65 އަހަރަށް ތިރިކުރަން މަސައްކަތްކުރަން ވެއްޖެއެވެ. ފަނޑިޔާރުންގެ ތެރެއިން ބައެއް ފުންނާބު އުސް ފަނޑިޔާރުން ނިންމަވާ ނިންމެވުންތަކުގެ ފެންވަރު މަތިކަމުން ސަރުކާރުން އެބޭފުޅުން ވަޒީފާގައި ދިގު މުއްދަތަކަށް ބޭތިިއްބެވުމަށް ބޭނުންވާނެއެވެ. އެހެންނަމަވެސް އެބޭފުޅުންގެ ޤާބިލު ޚިދުމަތް ޤާނޫނު ކިޔަވައިދޭ ތަންތަނުގެ ދަރިވަރުން ވެސް ބޭނުންވާނެއެވެ. އޭރުން މުޅި ޤައުމުގެ ޤާނޫނީ މުސްތަޤްބަލަށް ވެސް އާރޯކަމެއް އަންނާނެއެވެ.

ހުޅުމާލޭ ފުރުމުގެ ކުރިން ސަރުކާރުން ފުލެޓް ނުވަތަ ގެދޮރު ހަމަޖައްސައިދޭން ބޭނުންވާ މުއައްސަސާތަކަށް ޚާއްޞަ ސަރަހައްދުތަކެއް ހަމަޖެއްސުން މުހިއްމެވެ. އެސަރަހައްދުތަކުގައި އުޅުއްވާނީ އަބަދުވެސް ސަރުކާރުގެ ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންނެވެ. ފަނޑިޔާރުކަން ކަހަލަ މުހިއްމު ވަޒީފާތައް އަދާކުރައްވާ ބޭފުޅުންނަށް މިފަދަ ސަރަހައްދެއް ހަމަޖެހިއްޖެ ނަމަ އެބޭފުޅުންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަވަން ވެސް ސަރުކާރަށް ފަސޭހަވާނެއެވެ.

މިވާހަކަ އަޅުގަނޑުމެން ދައްކަން ޖެހެނީ ކިހިނެއް ވެގެން ހެއްޔެވެ؟ އަޅުގަނޑުމެންގެ މަންދޫބުން މިފަދަ ކަންކަމާ މެދު ވިސްނެވުމުގެ ބައި ސަރުކާރަށް ދޫކުރައްވާފައި، އެބޭފުޅުންގެ ސިކުނޑީގެ އެބައި އަރާމުކުރާ ގޮތަށް ބާއްވާފައި އޮންނަކަމަށް ހީކުރެވޭތީވެއެވެ.

10 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 58%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

30 January 2017

ހެހެހެ އެއީ އިންސާނީ ތަބީއަތޭ، ރައީތުން ހަމަތިބެންޖެހޭނީ މަމަމެން ޕިންކީން ބޭނުންގޮތަކަށް ފުއްގަނޑު މޮޑޭނީ، ރީންދުލޭމެން ހަމަ ތިބެންޖެހޭނީ ދެން

The name is already taken The name is available. Register?

ބްލިސްޓަރިން ބާރނަކަލްސް

30 January 2017

ދިސް އިޒް ޑިމޮކްރަސީ

The name is already taken The name is available. Register?

އިބްރާހީމް

30 January 2017

ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމާއި، އެމީހުންނަށް އިތުރުގަޑީ ފައސާ ދިނުމާއި، ތަފާތު ނަންނަމުގައި އެލަވަންސް ދިނުން މައްސަލައަކަށް ނުވާއިރު، އަދި ސަރުކާރު ވަޒީފާއިން ރިޓަޔަރ ކުރާ މުވައްޒަފުންނަށް އެއްފަހަރާ ލިބޭ ޢިނާޔަތަކާއި، މަހުން މަހަށް ލިބޭ އެލަވަންސެއް ދިނުން މައްސަލައަކަށް ނުވާއިރު، ސަރުކާރު މުވައްޒަފުންނަށް ފްލެޓް ދިނުމުން މައްސަލައަކަށް ވާންޖެހޭތޯ؟ ސަރުކާރު މުވައްޒަފުންނަކީ މިހާރުވެސް ވަރަށް ކުޑަ މުސާރައަކަށް މަސައްކަތްކުރާ ބައެއް. ޚާއްޞަކޮށް ސިވިލްސާރވަންޓުން. އެހެންވީމާ އެމީހުން ކުރާ ޚިދުމަތަށް އެކަށީގެންވާ އުޖޫރައެއް ނުދެވޭކަން ސަރުކާރުން އަބަދުވެސް ޤަބޫލުކުރޭ. އެހެންވީމާ ފްލެޓްދީ އެމީހުންނަށް ލުއި ފަސޭހަ ގޮތަކަށް ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަކީ ބޭނުންތެރި ކަމެއް. މިހާރުވެސް ސަރުކާރުގައި 40 އަހަރު ޚިދުމަތް ކޮށްފަ ނުކުންނަ މީހާއެކޭ އެއްގޮތަކަށް ސަރުކާރަށް ޚިދުމަތެއް ނުކުރާ މީހެކޭ މާބޮޑު ތަފާތެއް ނޯވޭ. 65 އަހަރު ވުމުން 5000 ރުފިޔާ ކޮންމެ މީހަކަށްވެސް ލިބޭއިރު، ސަރުކާރަށް ޚިދުމަތް ނުކުރާމީހާއަށް މިހާރު މާރަނގަޅު. ޚިދުމަތް ކުރިމީހާއަށް ކުރިން ލިބޭ ޕެންޝަންގެ ލާރިކޮޅާއެކު 5000 ރުފިޔާ ހަމަކޮށްދެނީ. ޙަޤީޤަތުގައި ޕެންޝަނަރުންނަށް ޕެންޝަން ލާރިކޮޅު ދީފަ އޭގެ އިތުރަށް 65 އަހަރު ވެގެން ދޭންޖެހޭ 5000 ރުފިޔާ ދިނީމަ ދޮތްތޯ ހަމަހަމަވާނީ. ޕެންޝަން ލާރިކޮޅަކީ އޭނާ ވަރަށް ބޮޑު ޤުރުބާނީއެއް ވެގެން ހޯދި އެއްޗެއް. އެހެންވީމާ ދައުލަތަށް ޚިދުމަތްކުރި މީހުންނާއި ދައުލަތަށް ދުވަހަކުވެސް ޚިދުމަތް ނުކުރާ މީހުން ހަމަހަމައެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ދޮންކަމަނަ

30 January 2017

1. "ސަރުކާރުން ދޭން ބޭނުންވާ އެއްޗެއް ބޭނުން ގޮތަކަށް ދެވިދާނެކަމަށް ބުނެވިދާނެއެެވެ." ނުދެވޭނެ. ސަރުކާރުގެ މުދަލަކީ ރައްޔިތުންގެ މުދާ. ހަމަ ހިތައްއެރި ގޮތަކަށް ބަހަން ހުރި އެއްޗެއް ނޫން. އިންސާފުވެރި ޤަވައިދުތަކެއްގެ ދަށުން ރައްޔިތުންގެ މުދަލައް އެއްވެސް ގޮތެއް ހެދޭނީ. 2. މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް އެއްވެސް ކަހަލަ އެޕްލިކޭޝަން ޕްރޮސެސްއެއްނެތި ފްލެޓް ދިނުން މީ ދަ ޑެފިނީޝަން އޮފް ބޭރުގެ ނުފޫޒު. ރާއްޖޭގައި ޕޮލިޓިކްސްއާއި ވިޔަފާރި ނުވަތަ ލާރި މީ ގުޅިލާމެހިފައި އޮތް ގާތްގަނޑަކަށް އެކައްޗެއް. މިހެންވީއިރު ސަރުކާރުގެ މަޤާމުގަތުގައި މިތިބެނީ ވިޔަފާރިވެރިން ގިނަފަހަރައް. މިނިވަން މުއައްސަސާތަކުން އާންމުކޮށް ބަލަން މިޖެހެނީ މިކަހަލަ މީހުންގެ މައްސަލަ. އެއީ ވިޔާފާރިއާއި ގުޅިފައި ހުރި މައްސަލަ، ނުފޫޒުގެ ބޭނުން ނުބައި ގޮތުގައި ހިފުން، ނެޕޮޓިޒަމް ނުވަތަ މިނޫންވެސް މިފަދަ ކަންކަން. ވީއިރު ފްލެޓް 'ހަދިޔާ' އެއީ މިނިވަން މުއައްސަސާތަކުގައި ތިބޭ މީހުންނައް ނުފޫޒު ފޯރުވުން. އެއައް ދޭނެ އިތުރު ނަމެއް ނެތް.

The name is already taken The name is available. Register?

ހަބީބު

30 January 2017

ދައްނަވާނީ މިހާރު ނޫހައް ސުކުރިއްޔާއޭ ގައުމުގަ ބޭއިންސާފުން ހިންގާ މިކަހަލަ ކަންތައް މިނޫހުގަ ޖަހާތި މިހެންވީމަ އަޅުގަނޑު މިހާރު އެހެނޫހެއް ނުކިއަން ސަބަކީ ގައުގަ ވައްކަމާ އިޔާނާތާއި ހާޔަކައްވެ، އިގުތިސޯދީ ގޮތުނާއި އިތިމާއީ ގޮތުންގައުމު ބޮސްލާފަ އޮތްއިރު މިފަދަ ލިޔުން ނުފެންނަ ނޫތަކަކީ މިނިވަން ނޫސްތައް ކަމުގަ އަޅުގަނޑައް ގަބަބޫލު ނުކުރެވޭތި

The name is already taken The name is available. Register?

ނަހަމައިގެ ފަހި މާހައުލު

30 January 2017

ރަނގަޅު ލިޔުމެއް ލިޔުމުގަ ބުނާ ފަދައިން ފީތާއިން ފެނިގެންދަނީ ގައުމީ ކަންކަމަށް އިސްކަން ދިނުމުގެ ބަދަލްގައި ބޭނުންވާ ސިޔާސަތު ހަމއެކަނި ކުރި އަރުވަން އުޅޭތަން އެގޮތަށް ބަލާއިރު އެކަންކަމާ ވާހަކަ ދައްކަން ހުރި މަޖިލީހުގެ ދޫތައް މިވަނީ 5 އަހަރަށް ވިކި ހުސްވެފަ ނަތީޖާއެއްގެ ގޮތުން އޭގެ ނާޖާއިޒް ފައިދާ ނަގަން ފުރުޞަތު ވަނީ ފަހިވެފަ ތެދެއް މެޝިނެއްގެ ވިއްޔާ އެންމެ ފުރަތަމަ ރަނގަޅުވާންނވާނީ މައިސޯބު މައިސާބުގަ އޮރި ހުރެއްޖެއްޔާ ދެންހުންނަ ސޯބުތައްވެސް ބުރު އަޅާނީ މައި އެތި އަޅާގޮތަށް ދެން ސޯބުގަ ހުންނަ ފުޅާ ފިލުވާނީ ކޮންތާކުންތޯ؟ ދެން މަޖިލީހުގެ މެންބަރުންނަށް އެގޮތަށް ދިމާވެފަ ތިބީމަ މިއައިސް ޖެހެނީ ބިނާ ކުރުވަނިވި ފާޑުކިޔުމަށް ގާނޫނުތަކުން ރައްޔިތުންނަށް ދީފައިވާ ފުރުޞަތާ ހަމާގައި އެފުރުޞަތު މިހާރު ކޮބައިތަ!

The name is already taken The name is available. Register?

GAN Island

30 January 2017

ތިޔަ ހުރިހާ ކަމެއްގެ ހައްލަކީ social housing scheme އާއި ލަޤްޒަރީ ކޮންޑޯ ތައް ވަކިކުރުން. އަދި ދައުލަތުގެ އެހީތެރިކަމުގައި ބޯހިޔާ ވަހިކަން ދޭންޖެހޭ ''ނިކަމެތިންނަށް'' (އާމްދަނީގެ ގޮތުން ފުދުންތެރިކަން ނެތް މީހުން) އެމީހުންނަށް ލިބޭ އާމްދަނީއާއި އެކަށީގެންވާ މާހައުލެއްގައި ބޯހިޔާ ވަހިކަން ޤާއިމް ކޮށް ދިނުން. . . . . މުޅިދައުލަތް ހަރަދުކޮށް މާލެ ސަރަހައްދު ސިންގަޕޯރ ފެންވަރަށް ހަދާ އެތަނުގައި ނިކަމެތިމީހާ ދިރިއުޅޭނެ އަގުހެޔޮފްލެޓް އަޅާނެ ގޮތެއް ބުނެދީބަލަ ؟؟ މާލޭގައި އެވަރަށް ބިން އެބައޮތްތޯ ؟؟ . . . . ދައުލަތުގެ ޤާނޫނު އަސާސީގައި ލާމަރުކަޒީ އުސޫލުން ދިވެހި ދައުލަތް ހިންގުމަށް އަންގާފައިވަނީ އެހެންވެ. އެކަމަކު މާ ވަރުގަދަ ''އިކޮނޮމިސްޓެއް'' ވެރިކަމަށް އައިސް މުޅި ދައުލަތް ފުޑޫފުޑުކޮށް ޤާނޫނު ތައް އެކޮޅުކޮޅުން ޖަހައިފި.

The name is already taken The name is available. Register?

ބަކުރު

30 January 2017

ތަރައްޤީ ޔަޤީން! ކޮންމެ ކަމެއްގަވެސް ކޮރަޕްޝަން އެޔާ ނުލާ މިސަރުކާރަކަށް ނުވާނެ ހަމަ އެއްކަމެއްވެސް. 2018 ފެއިލް

The name is already taken The name is available. Register?

މަސް

30 January 2017

މިކަހަލަ ސާކާސްޓިކް ލިޔުންތައް ވަރަށް ނުފެނޭ. އެކަމަކު މީވެސް ރަނގަޅުގޮތެއް މީހުނަށް ވިސްނައިދިނުމަށް. އަދި މިއަށްވުރެ މިލިޔުން ފުރިހަމަ ކޮށްލެވުނީސް މަސްހުނިކޮށްނުލައި އެއްމައްސަލަ އެއް މިޞްރާބަކުން ލިޔުނުނަމަ...

The name is already taken The name is available. Register?

ޝިނާޒު ފަލަކް

30 January 2017

ހުޅުމާލެއިން ފެބްރުއަރީ މަހު ދޫކުރާ 750 ފްލެޓް މިހާރުވެސް ހުރީ ބައި އަޅާ ނުމިފަކަމަށްވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454