އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
03 ޖުލައި 2023 - 12:50
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ތާވަލުކުރި ޖަލްސާއަށް، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ބައިވެރިވާން އެކަށީގެންވާ ވަގުތު ނުދީ އެ ޖަލްސާ ރިޔާސަތުން ވަކި ގޮތަކަށް ކުރިއަށް ގެންދަން އުޅުނު ކަމަށް ތުހުމަތުކޮށްފި އެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އެދުމުގެ މަތިން ދައުރުން ބޭރުން މިއަދަށް ޖަލްސާއެއް ތާވަލުކޮށް، އެޖެންޑާކުރީ މިހާރު ދިގުލައިގެން ގޮސްފައިވާ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތެވެ.
އެކަމަކު، ޖަލްސާ ފެށުމާ އެކު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެ ބަދަލާ އެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އަފީފް މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ފެށިތާ ފަސް ވަރަކަށް މިނެޓުގެ ތެރޭގަ އެވެ.
ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލުމުން، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދާއި ޗެކްމާކް ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމާ ގުޅިގެން ކޮމިޓީތަކަށް އަންނާނެ ބަދަލު މަޖިލީހުގެ އިދާރާއިން އެދިގެން ދީފައިވާ ކަމަށެވެ.
މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 56 އިން 54 އަށް މަދުވުމާ އެކު، ދާއިމީ ކޮމިޓީތަކުން އުނިކުރަންޖެހޭ އެމްޑީޕީގެ ހަތަރު ސްލޮޓުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު ޖަލްސާ ފެއްޓުމަށް ފަހު، ކޮމިޓީތަކުގެ ރިޕޯޓު މެމްބަރުންނާ އަލުން ހިއްސާކުރަން ކަމަށް ބުނެ، ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"މިއީ މަޖިލީހުގެ ގަވާއިދު ދަންނަކަމެއް ނޫން. މަޖިލީހުގެ ގަވާއިދުން ކޮމިޓީތައް އެކުލަވާލުން ލާޒިމުކުރާ ގޮތެއް ވެސް ނޫން މިއީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ދެ މެމްބަރަކު ޕާޓީން ވަކިވެވަޑައިގެންނެވިކަން ދުރާލައި އެނގޭއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އެނގި ތިބެ، ޖަލްސާއެއް އެޖެންޑާކުރި ކުރުމަކީ، އަސްލަމް ވިދާޅުވި ގޮތުގައި މެމްބަރުންގެ ވަގުތަށް ވެސް މަޖިލީހުގެ އިދާރާއިން އެއްވެސް މިންވަރަކަށް އިހުތިރާމު ނުކުރުމެވެ.
އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ހަމަ ކުއްލިއަކަށް ވަރަށް ވަގުތު ކުޑަތަންކޮށް ޖަލްސާއަކަށް ގޮވާލީމާ އެމްޑީޕީގެ މެމްބަރުން ވަރަށް މަދުވާނެ ކަމަށް ބެލިގެން އެކަން ކުރެއްވީ ކަމަށް. ދެން އެ ނޫން ގޮތަކަށް އެކަން ފެނުނީމަ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް: އަސްލަމް
އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުން ޗުއްޓީގައި ތިއްބަވަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް މިއަދު ބާއްވާކަން މެމްބަރުންނަށް އެންގީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ހަމަ ކުއްލިއަކަށް ވަރަށް ވަގުތު ކުޑަތަންކޮށް ޖަލްސާއަކަށް ގޮވާލީމާ، އެމްޑީޕީގެ މެމްބަރުން ވަރަށް މަދުވާނެ ކަމަށް ބެލިގެން އެކަން ކުރެއްވީ ކަމަށް. ދެން އެ ނޫން ގޮތަކަށް އެކަން ފެނުނީމާ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް،" އަސްލަމް ތުހުމަތު ކުރެއްވި އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު އެކުލަވާލާފައިވަނީ މަޖިލީހުގެ ރައީސަށް ވެސް ލިބިވަޑައިގަންނަވާ އިހުތިޔާރުތަކާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް ނޫނެވެ. އެކަމަކު ނަޝީދުގެ ފަރާތުން ފެންނަމުންދަނީ އެ ބާރުތައް ތަކުރާރުކޮށް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން، މަގާމު ދިފާއުކުރައްވާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި، އެ ގުރޫޕުގެ ޑެޕިޔުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވިދާޅުވީ މިއަދު ޖަލްސާއެއް އޮންނަކަން ގިނަ މެމްބަރުންނަށް އެނގުނީ އެމްއެންޑީއެފްގެ ސެކިއުރިޓީންގެ ފަރާތުން ކަމަށެވެ.
މަޖިލިސް ޗުއްޓީގައި އޮތުމުން ގިނަ މެމްބަރުން އަތޮޅު ތެރޭގައި ތިއްބެވިއިރު، ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވަން ވަގުތު ނުލިބޭ ވަރަށް ލަސްކޮށްފައި ޖަލްސާ އޮންނަކަން މެމްބަރުން އެންގުމަކީ، އެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މިއީ އަޅުގަނޑު ދަންނަވާނީ ކަނޑައެޅިގެން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން. މިފަދަ ކަންކަން އަޅުގަނޑުމެން ބަލައެއް ނުގަންނާނަން،" އަނދުން ހުސެއިން ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ހިސާބުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަންޖެހުނެވެ.
މިއަދުގެ ބައްދަލުވުމުގައި ވެސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް އިތުބާރުގެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދާނެތޯ ނޫސްވެރިން ސުވާލުކުރުމުން އަސްލަމް އަނެއްކާވެސް ވިދާޅުވީ، މަޖިލިސް ހުއްޓިގެން އުޅެނީ ދެ މައްސަލަ އެއްފަހަރާ ވެއްދުމުން ނޫން ކަމަށެވެ. އަދި އެއިން އެއްވެސް މައްސަލައެއް އަނބުރާ ގެންދަންޖެހޭ ހާލަތެއް ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މީގެ އިތުރުން، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސުޕްރީމް ކޯޓަށް ދިއުމާ މެދު ވެސް އަސްލަމް ދެއްވީ ހަމަ އެއް ޖަވާބެކެވެ. އޭނާ ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، ކޯޓާ ހަމައިން ހައްލެއް ހޯދުމަކީ އެންމެ ފަހުން ހިޔާރުކުރައްވާނެ މަގު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
04 July 2023
ނަސީދަކީ ދި ޑިކްޓޭޓަރ!
އައުގޭ މޫސާ
03 July 2023
އަސްލަމްބޭ އާދޭ ކޮފީއަކަށް ރޮބާ މެންގެ ޖަމްބު ގަސްދޮށަށް! ހިނި އިބްރާހިމްބެވެސް މިރޭ މިތާ އެބައިންނެވި، ކޮންމެވެސް ތިޔަކަމުން އަރައިގަނެވޭނެ ބުއްދިއެއް ކުރެވޭތޯ އުޅެންވާނެ ނޫންތޯ؟ އަދި ސިޔާސީކަންކަމުން މަރުވީއެއް ނޫން ވިއްޔާ!
ގައުމީ ލޯބި
03 July 2023
ތާއީދު ނެތީސް ގޮނޑީގައި އިންނަ އިނުމަށް މިކިޔަނީ ޑިކްޓޭޓަރުންގެ ސިފަޔޭ... ޑިމޮކްރެޓިކުން އެގޮތަށް ނޫޅޭނެ.. ރީތި ލޭބަލް ޖެހިޔަށް މީހާ އަކީ އަޑިނުބައި ނުލަފާ ޑިކްޓޭޓަރެއް ކަމުން ޑިމޮކްރަސީގެ ހަމަޔަށް ތިމާޔާ ޖެހުނީމަ ޢަމަލެއް ނުކުރެވޭ! އެހެންމީހުން ލައްވާ ތިމާބޭނުންވާ ކަންކަން ކުރަން ބޭނުންކުރާ ހަތިޔާރެއް އެކިޔާ ޑިމޮކްރަސީއަކީ! ވަރަށް ވެދުން
މުހަން
03 July 2023
ރައީސް ނަޝީދު މަޖްލިސް ޖަކްސާތައް ބާއްވާ ވަރު ގިނަވެގެން އެކަމާ އެއްޗިހި ގޮވި ބަޔަކު މިހާރު ކޮން ވާހަކައެއް.ތި މަޖްލިސް ހިގާކަންވެސް ބަޔަކަށް އެގުނީ އޭގެ ފަހުން
ބަތްކައްކާ
03 July 2023
ކިޔާއެެއްޗަކަށް އެއްޗެހިކިޔާނީ. މީހާއަކަށްނޫން.
އަސްލު...
03 July 2023
މަޖިލީހުގެ މިހާރުގެ ރައީސް އަކީ ގޮތްދޫނުކުރައްވާ ބޭފުޅެއްކަން އެބޭފުޅާގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ވަނީ ޔަގީންވެ ފެނިފަ، އަދި އެބޭފުޅާގެ މަޖިލީސް ތަަޖުރިބާވެސް ވަރަށްމަދުވާނެ، އަދި ތަޖުރިބާއަކީ މިހާރު އެހާމުހިންމު އެއްޗެއް ނޫންކަން އަޅުގަނޑުމެންނަށް މިސާބިތު ކޮއްދެނީ މަޖިލީހުގެ ރިޔާސަތު އަފީފުގެ އަމަލުފުޅުން، ރައްޔަތުންގެ ޓެކުސްފައިސާ އިސްރާފުގެ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުންދޭމައްސަލަ ބަލަންޖެހޭ. ވަރަށް ނުލަފާބައެއް......
މިހުރީ ޞޯލިޙަށް ވޯޓުދޭން ކެތްމަދުވެފަ
03 July 2023
މިރައީސް ކަމުދަނީ އެހެންވެގެންނެވެ. އެހާ ޖެއްސުން ކުރާއިރު ވެސް ޤާނޫނުން ބޭރުން ހަމަ އެކަކުވެސް ހައްޔަރެއް ނުކުރައްވައެވެ. ވާދަވެރިންނަށް އެއްޗެތި ވިދާޅެއް ނުވެއެވެ. ހިކުމަތްތެރިކަމާއިއެކު ޤައުމު ހިންގެވުމުގައި ދެމިހުންނެވީ އެވެ.
އޮނަރަބްލް އަފީފު ދީދީ
03 July 2023
ސްޕްރީމް ކޯޓަށް ދާނަމޭ ބުނެ ބޮޑެތި އިންޒާރުދޭ މީހާއަށް ނޭގޭ ޤާނޫނާއި ޤަވާއިދާއި ޙިލާފަށް ކަންކޮށްގެން ތިބީ ތިމާމެންކަން. # ވެރިކަމުގައި ހުންނެވިބޭޅާއަށްވެސް މިހާރު އިގޭނެ މަޖިލީހުގެ ގޮނޑީގައި 20 އަހަރު އިންނެވިކަމުގައިވިޔަސް ހާޒިރީގެ ފުލުން ރެކޯޑް ހަދާ މީހާއަކީވެސް ތިމަންނާ ފަދަ މީހެއްކަން. # އެމްޑީޕީގެ ޕީޖީ ޤްރޫޕް ލީޑަރަކަށް ލީޑަރެއްގެ ސިފަނެތް "ވެރިއަކު" ލައިގެން ތިކަމެއް ނުވާނެ. ފުރަތަމަ ކުރާންވީ ކަމަކީ ޕީޖީ ލީޑަރުކަމުން އަސްލަން ދުރުކުރުން.
މުހައްމަދު...
03 July 2023
ދައުލަތުގެ މަގާމުތަކަށް ކުފޫހަމަނުވާ ބައެއް ހޮވީމަ ދިމާވާނެ ކަންކަން ފެންނަމުން ތިދަނީ. ފިލްބަލަން އަދިވެސް ތިއްބަވާ.
އަހަންމާ ..
03 July 2023
ބޭބީ އަސްލަމް ނަޝީދާއި ވާދަ ކުރަން އުޅުނު ކަމުގައިވިޔަސް އެކަމެއް ނުވާނެ. ބޭބީ އަސްލަމް އެހެން ކަމަކާއި އުޅޭ. ފުރަތަމަ ނިދާ ހޭލައިގެން މަޖިލިސް ޖަލްސާ ތަކަށް ދެވޭތޯ ބަލާ. އޭގެ ފަހުން ނަށީދު އާއި ވާޑަ ކުރަން ވިސްނާ. ތިއީ ހާޒިރީގެ ފުލުގައި އޮންނަ މެންބަރެް.