ރައީސް ސޯލިހް މިއަދު ނޫމަރާގައި: ކޯޓުތަކަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވި
09 ޖުލައި 2023 - 18:55
މައްސަލަތަކުގައި ހުކުމް ކުރުމުގެ ބާރާއި އިހްތިޔާރު ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަމާ އެކު މިހާރު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ ގާނޫނީ އިމުގެ ތެރެއަށް ރުޖޫއުވެ ގާނޫނީ ތަރަހައިގެ ތެރޭގައި ކަންކަން ނިންމުން ކަމަށެވެ. ޝަރުއީ ދާއިރާ މިނިވަންކުރުމަށް ކުރެއްވި މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށް ނުފޫޒެއް މި ސަރުކާރަކުން ނުފޯރުވަ އެވެ.
ރައީސް މި ޔަގީންކަން މި ދެއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހައި ކޯޓާއި ކްރިމިނަލް ކޯޓުގައި މުހިންމު ޝަރީއަތްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.
އަންނަ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ކަނޑައަޅާފައިވީ ނަމަވެސް، ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާތީ މި ވަގުތަށް އެމަނިކުފާނުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ.
އާރަށު ކުއްޔަށް ދިނުމުގައި ހިޔާނާތްވެފައިވާ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު މި މަހުގެ ތެރޭގައި ގިނަ އަޑުއެހުންތަކެއް ބާއްވައިގެން ނޫނީ، ޔާމީނަށް ފުރުސަތު އޮއްވައި މައްސަލަ ނުނިމޭނެ އެވެ.
އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހަށް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު ޔާމީންގެ ވަކީލުން ޔަގީންކުރާ ގޮތުގައި އެހާ ތަނަށް ހައިކޯޓުން މައްސަލަ ނިންމާނެ އެވެ. އެ މައްސަލަ ނުނިމުނު ނަމަވެސް، ޕީޕީއެމްގެ ކެންޑީޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަދި، ކެންޑިޑެންސީ އިލެކްޝަން ކޮމިޝަނުން ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް ވެސް ދާނެ ކަމަށާއި އެ ކޯޓުން ޔާމީނަށް ކުރިމަތިލެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕީޕީއެމްއިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިބީގުނބުހިލިފަ
10 July 2023
ކޯޓުތައް މިނިވަންވީމަ އެންމެ މީހެއްގެ މައްޗަށް ފުލުފުލުގަ ކުރެވޭ ޝަރީއަތްތަކަކާ ހެދި އެމީހުން އުޅެންޖެހޭލެއް މާ ބުރަބޮޑުވެއްޖެ މިހާރު. މަސައްކަތް ބުރަކަމުން ހަމަނޭވާ ނުލެވޭ އެމީހުންނަށް.
މުންޖިޗޭ
10 July 2023
މިނިވަންކަމުގެ ތިލަފަތުގެ ބުރަދަން އެނގޭނީ ޙިސާބު ބައްލަވާދުވަހު، މިއަދު ދެކެވޭ ވާހަކަތަކަށް ބުރަވެ އަދި ކަން ހިނގާގޮތަށް ނަޒަރުކޮށް އެއްޗެއް ބުނާނަމަ، ބުނެވޭނީ ހިޔަޅުގެ ވިސްނުމާއި އަޚްލާޤު ގެންގުޅެ އެއްއަތުން ކުރާ ކަންތައް އަނެއްއަތަށް ނޭނގޭ ގޮތަށް ސިއްރުން ކަމަށް ހީކޮށް ތިޔަކުރާ ކަންތަކާއި ޖަހާ ސަކަރާތުގެ އަސަރު އެބަފެނެޔޭ، ސަބަބުވެރި އިންސާނާއަށް އެރުވި އިނާމާއި، މަތީ މަރުޙަލާގައި ލަސްކުރަން ކުރާ މަސައްކަތުގެ ޙަޤީޤަތް ބޭރުން އެހެރަ ފެންނަނީއޭ.
ސުރުޚީގޯސް
10 July 2023
ކުރިން ނޯ ޤާބިލްވީ އަލީވެސް ޔާނު ހުކުމުން. މިނިވަންކަމާއެކު ސ ކޯޓުން ހުކުމް ކުރުމުން ދެން ބަލަން ފެށީ މަހާޒް ފަނޑިޔާރު ތަނަކުން ބަތްޕާރުސަލެއް އޯޑަރު ކުރި މައްސަލަ. އެކަމަކު މިނިވަން ކަމާއެކު ޙުކުމް ކުރެވޭނެއޯ؟ މިހާތަނަށް މިޤައުމުގަ ތިއްބެވި އެންމެ ތަޖުރިބާކާރު ހުނަރުވެރި ފަނޑިޔާރުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރައްވާފައިވަނީ މި ވެރިކަމުގައި. ހައިކޯޓުގެ އިސްފަނޑިޔާރުކަން ކުރާނެ މީހަކު ނުވި، ސިވިލް ކޯޓުންވެސް ތަރުޙީބެއް ނުލިބުނު. މިނިވަން؟؟
ރަމަ
10 July 2023
%100 ޕަސެންޓް ރަގަޅުވާހަކައެއް އެހެން ނޫންނަމަ ސްޕްރިމްކޯޓުން ޔާމީން މިނިވަން ނުވާނެ. ރިޝްވަތު ދީގެންނަމަވެސް ނުދީނަމަވެސް އެކަންއެއޮތީ ނިންމާފަ.
ކަމަ
10 July 2023
ސުޕްރީމް ކޯޓު މިނިވަންވެފައި އޮތްކަން އެނގުނީމަ ދެން ޔާމީންގެ އެހެން މައްސަލައެއް އެހިސާބަށް ނުދާވަރު އެބަ ކުރޭ ނޫންބާ.
ގަމާރު އިބްރާހިމް
10 July 2023
ޢިބްރާހިމްގެ ނުފޫޒުގައި ދައުލަތަށް ޚިޔާނާތްތެރިވާ ގިނައަދަދެއްގެ ވަގުންނާއި ސިޔާސީ ޑީލު ހަދައިގެން ސެލެކްޓިވް ޖަސްޓިސްގެ ހާއްޔަކަށް ރާއްޖެވެއްޖެ. އެމްއެމްޕީއާރުސީގެ ޚިޔާނާތްތެރިން ނާއި ދުވާފަރު ކައުންސިލް ކޭސްއިން އެކަނިވެސް މުނާފިގުން އެގޭނެ. ދެންކޮން ކޯޓެއްގެ ވާހަކަތޯ ރޭސިސްޓް އިބްރާހިމް މިދައްކަނީ
ކޯޓު
10 July 2023
މިހާތަނަށް ޔާމީނުގެ ވެރިކަމަށް ވުރެ ސ ކޯޓު އޮތީ މިނިވަންކޮށް. ހައިކޯޓު މިނިވަންވެދާނެ. އެކަމު، ސ ކޯޓާއި ކްރިމިނަލް ކޯޓުގެ މިނިވަންކަން ކަށަވަރު ނުކުރެވޭ ބައިވަރު ސަބަބުތައް އެބަހުރި. ވަކިވަކި ފަނޑިޔާރުންނާއި ލޯޔަރުންނާއި ސުވާލުކޮށްފިނަމަ ބުނާނީ ކުރިން ނެތް ބައިވަރު ކަންބޮޑުވުން ދަށުކޯޓުތަކުގައި އޮތްކަމަށް. ސީދީ ޖޭއެސްސީ ގެ ބާރު އޮތްގޮތުން މިހާރު މުޅިޖުޑީޝަރީ ފުނޑެނީ. ފަހުން ނަގަނީވެސް މުޅިންވެސް ކަމުނުދާ ފަނޑިޔާރުން. މެރިޓަށް ނުވަލާ. މިނިވަން؟
ފާނަކޮށި
10 July 2023
މާނައަކީ މަސްތުވާތަކެތީގެ ޑީލަރުންނާއި ބޮޑެތި ވައްކަންކޮއްގެން ކުށުގެމީހުންނާއި މީހުންމެރުމުގެ ތުހުމަތުވާމީހުން މިނިވަންކުރުން ދެއްތޯ....
މުހައްމަދު..
10 July 2023
ޖުޑިޝަރީގެ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ވަނީ ޖުޑިޝަރީގެ ބާރުން. ރިޔާސީ ބާރުން ޖުޑިޝަރީ ދާއިރާގެ ކަންކަމާއި މެދު ވާހަކަ ދައްކަންޏާ ޖުޑިޝަރީ މިނިވަނެއް ނޫން.
ޖަމީލުބެ
10 July 2023
ކުރީގެ ރައީސްގެ އިސްތިއުނާފު އަޑުއެހުންތައް ސަޕޯޓަރުން ޝައުގުވެރިކަމާއި އެކު އަޑުއަހަނީ ކޯޓުތަކަށް އިތުބާރު ކުރާތީ. އިސްތިއުނާފުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް ކޯޓުގަ އެދެނީ، އަދުރޭމެން ކޯޓްތަކަށް އިތުބާރުކުރާތީ. އިސްތިއުނާފުގެ އަޑުއެހުންތައް މާބޮޑަށް ގާތްގާތުގަ ތާވަލު ނުކުރުމަށް ކޯޓުގަ އެދެނީ، އަދުރޭމެން ކޯޓްތަކަށް އިތުބާރުކުރާތ. ހިސާބު އަކުރެއް ދިމާނުވުމުން، ކޮށްފައިވާ ހުކުމް ސްޕްރީމް ކޯޓުން ބާތިލުކުރުމުން، ކޯޓްތަކުގެ މިނިވަންކަން ޔަގީންވި
ޖސޖސޖޖސ
10 July 2023
އަހަރެމެން ބަނޑަށް ހީހީ ހަލާކުވާ ކަހަލަ ޖޯކު ނުކިޔަބަލަ