އެމްއެމް އެކްސްޕޯޓުގެ ބާޖެއް ވަނީ 2014، 2015 އަދި މީގެ ދެ މަސްދުވަސް ކުރިން ވެސް ރާއްޖޭގެ ފަރަކަށް އަރައިފައި. އެ ކުންފުންޏާ މެދު ކަމާބެހޭ އެހެން އިދާރާތަކުން ފިޔަވަޅު ނާޅާތީ އީޕީއޭގެ ކަންބޮޑުވުން އެބައޮތް.
އެމްއެމް އެކްސްޕޯޓްގެ ހިލަ ބާޖު ފުވައްމުލަކު ފަރަށް އަރައިފައި.-- ފޮޓޯ: ރިޒާ އިސްމާއިލް
10 ޖުލައި 2023 - 16:08
ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް، މިދިޔަ ހުކުރު ދުވަހު އެ ރަށުގެ ފަރަށް އެރި މައްސަލަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގުނުކޮށް އުޅެނިކޮށް، އެ ބާޖު މިއަދު ރާއްޖެ އިން ފިލައިފި އެވެ.
ފުވައްމުލަކުގެ ފަރަށް އެރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް (އެމްއެމް އެކްޕޯސްޓް)ގެ ބާޖެކެވެ.
އެ މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް "މިހާރު" އަށް ވިދާޅުވީ، ފަރަށް ނާރާ ކަމަށް ބުނެ، އެ އިދާރާ އަށް އެއްވެސް އެންގުމަކާ ނުލައި މިއަދު ހެނދުނު އެ ބާޖު ރާއްޖެ އިން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެ ބާޖު ފުރައިގެން ދިޔުމުގައި އެމްއެމް އެކްސްޕޯޓުގެ ރާއްޖޭގެ އެޖެންޓް، މެއިންލައިން ޝިޕިންގެ ބައިވެރިވުން ވެސް އެބައޮތެވެ. އެކަން ކުރީ އީޕީއޭ އަށް އޮޅުވާލައިގެން ކަމަށް ވެސް ނައީމް ތުހުމަތު ކުރެއްވި އެވެ.
This incident has resulted in the loss of countless marine species that cannot be recovered within our lifetime or for future generations. Pls have a look at the attached media #fuvahmulahReefDamage @MoEnvmv @MoTmv @presidencymv @EPAMaldives @PoliceMv pic.twitter.com/VO7STMm1AM
— Diving Association of Fuvahmulah (@dafmaldives) July 10, 2023
"މެއިންލައިން ޝިޕިން އިން ބުނަނީ ތިމަންނަމެންނަށް މައުލޫމާތު ލިބެނީ އެ ބާޖު ފަރަށް ނާރާ ކަމަށޭ. އެހެންވީމާ ބާޖާ ބެހޭ މައުލޫމާތު ލިބުނީމާ އީޕީއޭއާ ހިއްސާ ކުރާނަމޭ ކިޔާފައި އީޕީއޭ އިން ފޮނުވި އީމާލެއިލަށް ޖަވާބު ރަނގަޅަށް ނުދީ ތިބެ ބަހައްޓާފައި އެ ތަނަށް [ފުވައްމުލަކު ފަރު މައްޗަށް] ހުރިހާ ހިލަތަކެއް ފޭބީމާ ފުރައިގެން ދިޔައީ،" ނައީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނޯންނާނެ އޭތި ހިފަހައްޓާކަށް ބުނަފައެއް. އެއީ، އެ މީހުން އެބަ ބުނޭ ފަރަކަށް ނާރައޭ. އެކަމަކު ފޮޓޯ އާއި ވީޑިއޯއާ އެއްޗެހިން އެބަ ފެނޭ އެތާ ފަރު މައްޗަށް ހިލަތައް އަޅާލާފައި އޮތް ތަނާއި ފަރަށް ގެއްލުން ލިބިފައި ހުރި ތަން."
ނައީމް ވިދާޅުވީ، ބާޖު ފުރައިގެން ދިޔަ މައްސަލަ ބަލަން އީޕީއޭ އިން މިހާރު ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާރު ރާއްޖޭގެ ހުރިހާ ފަޅުތަކާއި ފަރުތައް ހަލާކުކުރަމުން އެމީހުން އެ ދަނީ: ނައީމް
ނައީމް ވިދާޅުވި ގޮތުގައި، އެމްއެމް އެކްސްޕޯޓްގެ އުޅަނދުފަހަރުތަކުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ ފަޅާއި ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެ މައްސަލަތަކުގައި އެ ކުންފުންޏާ މެދު އީޕީއޭ އިން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރިޔަސް މިހާތަނަށް އެއްވެސް ޖޫރިމަނާއެއް ވެސް ދައްކައިފައެއް ނުވެ އެވެ.
ކަމާބެހޭ އެހެން އިދާރާތަކުން ވެސް އެ ކުންފުންޏާ މެދު އެއްވެސް ފިޔަވަޅެއް ނާޅާތީ ނައީމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އެންމެ ދެރަ ކަމަކީ އެމްއެމް އެކްސްޕޯޓާއި މެއިންލައިން ޝިޕިންގެ އެހާ ގިނަ މައްސަލަ އުޅޭއިރު ވެސް އެ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭތީ،" އޭނާ ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގެ ހުރިހާ ފަޅުތަކާއި ފަރުތައް ހަލާކު ކުރަމުން އެ މީހުން އެ ދަނީ."
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެމްއެމް އެކްސްޕޯޓްގެ ބާޖެއް ފިލައިގެން ދިޔަ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މި ކަހަލަ މައްސަލަތަކުގައި އޮންނަ އުސޫލުގެ ދަށުން އަބަދުވެސް އަމަލުކުރާ ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ތަފުސީލެއް މިނިސްޓްރީން އަދި ނުދެ އެވެ.
ރީތި ގޮނޑުދޮށެއް އޮންނަ ފުވައްމުލަކު ފަރަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެ ރަށުގެ ޑައިވް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބާޖު ފަރަށް އެރުމުގެ ސަބަބުން ފަރުގެ 350 މީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައި ވެ އެވެ. އެ ސަރަހައްދުގައި 5-10 މީޓަރާ ދެމެދުގެ ފުން އަދި 10-15 މީޓަރު ފުޅާ ވަޅުގަނޑުތަކެއް ވެސް ހެދިފައިވެ އެވެ.
މިދިޔަ މޭ މަހު ވެސް ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓްގެ ބޯޓެއް ހއ. ދިއްދޫ ފަރަށް އަރާފައިވެ އެވެ. އެ މައްސަލަ ތަހުގީގުކޮށް، އެސަސްމަންޓް ނިމި މިހާރު އޮތީ ޖޫރިމަނާ ކަނޑައަޅާ މަރުހަލާގަ އެވެ.
ޓަގުތަކާއި ބޯޓުފަހަރު ފަރަށް އެރުމުގެ ދިގު ތާރީހެއް އޮތް އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގު ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި ވެސް އެރި އެވެ. އެ ކުންފުނި 110 މިލިއަނުން ޖޫރިމަނާކުރިޔަސް އެ ފައިސާ އަދިވެސް ނުދައްކާތީ އެ މައްސަލައިގައި ދައުލަތުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަން އޮތީ ކޯޓަށް މައްސަލަ ފޮނުވައިފަ އެވެ.
އެ ކުންފުނީގެ ޓަގު ބޯޓަކާއި ބާޖެއް 2014 ވަނަ އަހަރު ކ. ތިލަފުށީ ފަރަށް ވެސް އެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖައިބެއް
11 July 2023
މީ ކުޑަކުޑަ ބޮއްކުރައެއްތަ ހުރެފަ ފިލައިގެން ދާން؟ މީހަކު އަޖައިބު އަންތަރީސް ނުވާނެތަ؟ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ނިކުމެ ހަދާކަށް ހަމަ ހުއްދަ ގަނޑެއްވެސް ބޭނުން ނުވަނީތަ؟ ކޮބާތަ މާރިޔާ ދީދީ؟
ދޮން ހަސީނާ
11 July 2023
އީޕީއޭ އިން އާމްދަނީ ހޯދާކަމަކަށް މިކަން ވެގެން ނުވާނެ. އެކަށީގެން ނުވާ ބޮޑެތި އަދަދުތަކުން ޖުރުމައިނާ ކުރަނީ ހަމަ އެބޭފުޅުން ތިމާވެއްޓަށް އޮންނަ ލޯތްބަކުންތޯ؟ ނުވަތަ ފަރަށް އަރާ އުޅަނދުގެ ސަބަބުން ގައުމަށް އެހާބޮޑުގެއްލުމެއް ލިބެނީތޯ؟
ފިނރުޓޭ
11 July 2023
ބޭރުގެ ކުންފުނިތަކަަކަށް ރާއްޖޭގެ ކަނޑުފަޅު ތަކެއް ނޭނގޭނެ ދޯ! އެހެންވީމަ، އޭގެން ބޯޓެއް ރާއްޖޭގެ ރަށަކަށް ބޮޑުހިލަ ޒާތުގެ މުދާ ހިފައިގެން ދާނަމަ، އެ ހިސާބުގަނޑުގެ ކަންކަން ދަންނަ މީހުން ބޯޓަށް އަރުވައިގެން ނޫނީ ޕައިލެޓް ބޯޓެއްގެ އިރުޝާދު ދަށުން ލަފާފުރާ ގޮތް ހެދުން ބުއްދިވެރިވާނެ ކަަމަށް ފެންނަނީ އިނގޭ!
ބޮލި މުލައް
11 July 2023
ނައީމޫ މޮޔަފުޅުވީތޯ މީ އިންތިހާބުގެ ދުވަސްވަރު އިންޑީޔާގެ ކުންފުނިތަކާ އެއްވެސް އިދާރާޔަކުން އަމުދުން ދިވެހި ސިފައިންގެ ކޯސްޓްގާޑަށް ކައިރިވާކަށް ނުކެރޭނެ
އެނދިމަރިޔަނބު
11 July 2023
އެންމެނަށްވެސް އިނގޭ މީ ރާއްޖެކަން. ރާއްޖޭގަ ގާނޫނު ނުހިނގާކަން. ހަދާނެ އެއްޗެއް ހަދާފަ ދާންވީ. މި ގައުމުގަ އުނދަގޫވާނީ ގާނޫނާ ގަވައިދަށް އުޅެން. ގާނޫނީ އިމުން ބޭރުގަ އުޅުން މާ ފަސޭހަވާނެ.
އަންނިި
11 July 2023
ހާދަ ޒިންމާދާރުކަން ކުޑަ ޖަވާބެކޭ؟ އީޕީއޭ އިން ފަރަށް އެރި ބާޖުގެ ކުންފުނި ކައިރީ މިއަހަނީ ފަރަށް އެރިހޭ. ނާރައޭ ބުނެފަ އެފިލީ.. މިއީ ކުށްވެރިއަކަށް އަދަބެއް ކަނޑައަޅަން އޭނަ ކައިރީގައި ކުށް ކުރިންތޯ އަހާލުން ކަހަލަ ކަމެއް. ނުކުރަމޭ ބުނެފަ ސަލާމަތްވެވެން އޮއްވާ ހިއެއް ނުވޭ ކުށްކުރީމޭ ބުނާނެހެންނެއް
މުގާބޭ ބެ
11 July 2023
އެމްއެމް އެކްސްޕޯޓަކީ ޔާމީން އެސްޓީއޯގައި ހުރި ދުވަސްވަރު ކަމިޝަން ނަގަން ދިވެހި ބަޔަކާ އިންޑިޔާ ބަޔަކާ ގުޅިގެން އުފެއްދި ކުންފުންޏެއް. ތިކުންފުންޏަ ހީއެއް ނުވޭ ކަމެއް ވާނެހެނެއް. ތިއީ ބޮޑު މާފިޔާ ކުންފުންޏެއް
އައްޔަ......,
11 July 2023
މިރާއްޖެއަކުނޯންނާނެ މަރުނުވާއެންންމެ ގާގަނޑެއްވެސްފަރެއްގަ ދެންކޯއްޗެއްހަލާކުވީ , ހެދުނުވަޅުތަކައް ގާއެޅިހަމަވާނެ,
ގުދުގުދާބެއްޔާ
11 July 2023
އިންޑިޔާގެ އެމްއެމް އެކްސްޕޯޓަކީ ކޮންބައެއްކަން އިގޭތަ؟ މީގެ 25 އަހަރުކުރިން އެއީ އިންޑިޔާގެ ވަރަށް ފަގީރު ކޮންޕެނީއެއް! އެމީހުން މުއްސަނދި ކޮއްދިނީ އެސްޓީއޯއިން ވަކިން ޚާއްސަކޮށް ބޭސް އެމީހުން މެދުވެރިކޮށް އެތެރެ ކުރަނީ! އަދި މިނޫންވެސް އެހެންތަކެތި. ކުރުކޮށް ބުނާނަމަ އެއީ އެސްޓީއޯގެ ސިސްޓަރ ކޮންޕެނީ! 20 އަހަރު އެސްޓީއޯގައި އުޅުނު މީހެއްގެ ހައިސިއްޔަތުން މިކަން ވަރަށްރަގަޅަށް ދެނަހުރިން!
ފިރުދޮސް
11 July 2023
ގެއެއްގެ ވަލު ދިޔަހިއްކާލިއަސް އީޕީއޭ އެމިހެއް ފަހަތުން ދުވޭ ..