މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަނަންތަރާގެ ފާޒިލް.-- ފޮޓޯ: ވީއޭއެމް
10 ޖުލައި 2023 - 22:40
އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވައްކަރު މޯލްޑިވްސް ބަލިކޮށް އަނަންތަރާ ކިހަވައް ވިލާސް ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު އަނަންތަރާ ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓު އަނަންތަރާ އިން 26-24 އިން ގެންގޮސްފައި ވަނިކޮށް ވައްކަރުން ވަނީ ޖެހިގެން އައި ސެޓު 26-24 އިން ކާޟިޔާޞު ކޮށްފަ އެވެ. ނަމަވެސް އަނަންތަރާ ފައިނަލުން ޖާގަ ހޯދީ ދެން ކުޅުނު ދެ ސެޓު 25-20، 25-22 އިން ގެންގޮސްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ އަހުމަދު ފާޒިލް އެވެ.
ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނުނެވެ. ނަމަވެސް އެ މެޗު 3-1 އިން ކާމިޔާބު ކުރީ ވައްކަރުންނެވެ.
ރިސޯޓް ޗެމްޕިއަންޝިޕްގެ ޒޯން 5/6 ގެ ފައިނަލްގައި ފެނުނު މި ދެޓީމުގެ ކުރިމަތިލުމުގައި 3-2 ސެޓުން ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ ވެސް ވައްކަރެވެ. އަދި އެ ޒޯންގެ ގުރޫޕް ސްޓޭޖުގައި ދެ ޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ވައްކަރެވެ.
ޗެމްޕިއަންސް ލީގު ފައިނަލްގައި އަނަންތަރާ ނުކުންނާނީ، ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދި ބަނޑޮސް މޯލްޑިވްސް އާ ދެކޮޅަށެވެ. ގުރޫޕް ސްޓޭޖުގައި އަނަންތަރާ ވަނީ 3-1 ސެޓުން ބަނޑޮސް އަތުން ބަލިވެފަ އެވެ.
އެންމެ ފަހުން ބޭއްވި ތިން މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދި ބަނޑޮހާ ދެކޮޅަށް އަނަންތަރާ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރު 4 ޖަހާއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy