ފަނޑިޔާރުންގެ ހުވާ: ހުކުމްކުރުން ލަސްކުރި މެޖިސްޓްރޭޓަކު ސަސްޕެންޑްކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
13 ޖުލައި 2023 - 11:36
މައްސަލައެއްގެ ހުކުމް ނުކޮށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބޭއްވި މައްސަލައެއްގައި މެޖިސްޓްރޭޓަކު ހަތް ދުވަހަށް ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ސަސްޕެންޑް ކުރަން ނިންމީ މައްސަލައެއްގެ ހުކުމް ނުކޮށް އެއް އަހަރާއި ފަސް މަހަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވަނީ އޭނާގެ އިހުމާލުން ކަން ސާބިތުވާތީ ކަމަށެވެ.
ޖޭއެސްސީން ބުނީ ހުކުމް ކުރުމުގެ މަޖިލިސް ތާވަލް ނުކޮށް އެއް އަހަރާއި ފަސް މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބޭއްވުމަށްފަހު ހުކުމް ކުރަން ތާވަލްކުރި ދުވަހު ދައުވާލިބޭ މީހާ ރަށުގައި ނެތުމުން ކަމަށް ބުނެ ހުކުމް ކުރުން ކެންސަލްކުރި ކަމަށެވެ. އަދި އެ މައްސަލަ ފަހުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އަދި އޭނާގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކާ ހިލާފް އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑްކުރަން އިއްޔެ ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
މިދިޔަ މަހު ވެސް މިފަދަ މައްސަލައެއްގައި އެ މެޖިސްޓްރޭޓަށް ނަސޭހަތް ދޭން ޖޭއެސްސީން ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިސްކިންގް
13 July 2023
ތިކަހަލަ ފަޑިޔާރުން ބައިވަރު ދަށުކޯޓު ތަކުގަވެސް. ނޫސްވެރިން އިންވެސްޓިގޭޓިވް ޖާނަލިޒަމް ހާދާލަބަލާ!
ތިޔުޔ
13 July 2023
ތިޔަ ކަހަލަ ފަނޑިޔާރެއް ހުންނާނެ ހދ.ހަނިމާދޫގަވެސް