ފަނޑިޔާރުންނަށް އެކި ފަރާތްތަކުން ފޮނުވާ ހަދިޔާތައް ބަލައި ނުގަތުމަށާއި އެފަދަ ހަދިޔާއެއް ލިބުނަސް ބޭނުން ނުކޮށް، ކޯޓުތަކާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެވެ.
ޖޭއެސްސީން މިދިޔަ ހަފުތާގައި ނެރުނު ސާކިއުލާއެއްގައި ވަނީ ރިޝްވަތެއް ނުވަތަ އެފަދަ އެއްޗަކަށް ވެދާނެ އެއްޗެއް ވެސް ފަނޑިޔާރުން ގަބޫލު ކޮށްގެން ނުވާނެ ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އެހެންވުމުން، އެކި ފަރާތްތަކުން ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާތައް ބަލައިނުގަތުމަށް އަންގާ ކަމަށް އެ ސާކިއުލާގައިވެ އެވެ. އަދި އެކި މުނާސަބަތުތަކާ ގުޅިގެން ޑިޕްލޮމެޓިކް މިޝަންތަކާއި ޖަމާއަތްތަކުން ފޮނުވާ ހަދިޔާތައް ބަލައިގަތަސް، އެ ތަކެތި ބޭނުން ނުކޮށް ކޯޓާ ހަވާލުކުރަން އަންގާ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރުންނަށް ސުލޫކީ މިންގަނޑަށް އަސަރުކުރާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ އެވެ. އެ މިންގަނޑާ ޚިލާފުވާ ނަމަ އެ ފަނޑިޔާރަކަށް ފިޔަވަޅު އެޅޭނެ އެވެ.