ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއާ އެކު ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ.-- ފޮޓޯ: ނިޝާން އަލީ| މިހާރު
04 އޯގަސްޓް 2025 - 10:53
މުޖުތަމައަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ފަނޑިޔާރުން، ކޯޓާއި ކޯޓުން ބޭރުގައި ވެސް ސުލޫކާއި އަހުލާގު ދެމެހެއްޓުމަކީ ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް ކަމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒާ ވިދާޅުވީ ފަނޑިޔާރުންނަށް އޭނާ ވަސިއްޔަތްކުރައްވާނެ ތިން ކަމެއް އެބައޮތް ކަމަށެވެ. އެއީ؛
• ފަނޑިޔާރުންނަކީ ދިރާސާކުރައްވާ ބަޔަކަށް ވުން.
• އަމާނަތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުން.
• މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވުން.
ރިޒާ ވިދާޅުވީ ފަނޑިޔާރުންނަކީ އިލްމީ ދިރާސާކުރައްވައި، އިލްމަށް ލޯބި ކުރައްވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ފަނޑިޔާރުކަމަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި އަދާކުރާ ކަމަކަށް ވެއްޖެ ނަމަ އެކަން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރުކަމަކީ އެކަމަށް ޝައުގުވެރިކަން ހުރެގެން، އެ އަށް ލޯބި ހުރެގެން، އެކަމުގެ ހިތް އެކަމަށް އޮވެގެން ކުރާ ކަމެއް ކަމުގައި ވެއްޖެއްޔާ ނޫނީ އެންމެ ފުރިހަމަ ގޮތުގައި އެކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ފަނޑިޔާރުން ވާން ވާނީ ގާނޫނުތަކަށް އަހުލުވެރި އަދި އެ ގާނޫނުތަކަށް އަންނަ ބަދަލުތައް ރަނގަޅަށް ދިރާސާކުރައްވައި، އަލަށް ނުކުންނަ ގާނޫނުތަކާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އަދި އެހެނިހެން ގައުމުތަކުގެ ޝަރުއީ ނިޒާމުތައް ދިރާސާކުރާ ބަޔަކަށް."
ފަނޑިޔާރުން ރަނގަޅަށް ދިރާސާތައް ކުރައްވާ ނަމަ ކޯޓުގެ ނިންމުންތައް ނިންމަން ފަސޭހަވެ، ހައްގު ގޮތް އެނގި ތިިބެ، ހައްގަށް ހުކުމް ކުރުމަށް ނުވަތަ ހައްގަށް ވާސިލްވާން ފަސޭހަވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މަގާމަކީ ވަރަށް އަމާނާތްތެރި، ވަރަށް ބޮޑު ޒިންމާއެއް އަދި މަސްއޫލިއްޔަތެކެވެ. އިސްލާމީ ޝަރީއަތުގައި ގަޟާއީ ނިޒާމަކީ އިސްލާމް ދީނުގައި އިސްކަންދީފައިވާ ނިޒާމުތަކުގެ ތެރެއިން ނިޒާމު ކަމަށާއި އަލްއަދުލު އެއީ، ﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެއް ކަމަށް ވުމުން، އިސްލާމް ދީނުގައި ޖުޑިޝަރީއަށް ދީފައިވާ އަހައްމިއްޔަތު އެކަމުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންނަކީ ހުރިހާ ހާލަތެއްގައި ވެސް ޝަރުއީ ދާއިރާއަށާއި މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މުޅި މުޖުތަމައުގެ ކުރިމަގު ބިނާވަނީ ފަނޑިޔާރުންގެ ހަރަކާތްތަކާއި ނިންމުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުންނަކީ މުޖުތަމައުގެ އެންމެ އިސްފަންތީގައި ތިއްބަވާ ބޭފުޅުން ކަމަށް ވީ ހިނދު، ތިބޭފުޅުންގެ އަމަލުތައް އެއީ ކޯޓު އެތެރޭގައި ކަމަށް ވިޔަސް، ކޯޓު ތެރޭގެ މުވައްޒަފުންނާ ކުރާ މުހާތަބެއް ކަމަށް ވިޔަސް، ޝަރީއަތުގެ މަޖިލީހުގައި ހަސްމުންނާއި މުހާތަބު ކުރެއްވުން ކަމުގައި ވިޔަސް، އަދި ކޯޓުން ބޭރުގައި އެހެން އިންސާނުންނާއި ކުރާ މުއާމަލާތެއްގައި ކަމުގައި ވީ ނަމަވެސް، ތިބޭފުޅުންގެ އަހުލާގާއި ސުލޫކު އޮންނަން ވާނީ ވަރަށް ހަރުދަނާ އުސޫލުތަކެއް މަތީގައި،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ސްލޫކާއި އަހުލާގު ދެމެހެއްޓުމަށް އިލްމާސްކުރައްވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުވޭދާ ރަމީޡް
05 August 2025
ރައީސް މުއިއްޒް ނޫނީ ނުދެކެން ފަޑިޔާރުގެއަށް އަތް ނުބާނާ ވެރިޔެއް. ނުލާހިކު ހާމަކަން ބޮޑުކޮށް މިދަނީ ކަންކަން ރާވަމުން. އެކަން އަހަންނަ ވަރަށް ބޮޑަށް ފާހަގަވޭ
ޝިއުނާ މުހައްމަދު
05 August 2025
މީ ވަރަށް ރަނގަޅު ނަސޭހަތެއް. މިހެން ނޫން ގޮތަކަށް ފަޑިޔާރުންގެ އިތުބާރު ނުދެމެހެއްޓޭނެ
ލިހާޒް މުހުސިން
05 August 2025
ފަޑިޔާރުގެ އިސްލާހުކުރަން މިސަރުކާރުން ކުރާ މަސައްކަތް ވަރަށް ފާހަގަ ކޮށްލަން.
ބަދަން ސިތާރާ
04 August 2025
ފަޑިޔާރުންގެ ސުލޫކާ އަޚުލާޤާއި ނަޒާހަތްތެރިކަމާއި އިތުބާރު އޮންނާނީ އެބައިމީހުންނަށް މަގުދައްކަން ތިބިމީހުންގެ ފުށުން އެކަން ދައްކައިދީގެން ނޫންބާއެވެ. މަގާމެއް އޮތިއްތާ ބޯކޮއްޕާލުމާއި ގުންފައިޖަހާ ތިމަތިމާމެން ބޭނުންހައިގޮތަކަށް، ހަމައެކަނި ވެދާނެގޮތަކަށްބަލައި ކަންކަން ނިންމާ މީހުން، އެމީހުންނާ ހަވާލުވެ ތިބެގެން މިކަންވާނެބާ! ކިޔަމަންވާން ދަސްވާނީ އަމުރުމައުރޫފު އޮންނަގޮތެއްގެ މައްޗަށެވެ. އިސްމީހާ ތިހިރީ ކޯޓުގެ ބަރުކަމަށް ގުދުވެފައި ނޫންތޯއެވެ.
ދުލުގަހިފާ ދެމުމަކީ ތިއީ
04 August 2025
ތިކަހަލަ ވާހަކަ ނުދައްކަވާ. މިހާރުވެސް އެހާ އިންސާފުވެރި އަޚުލާޤު ރަނގަޅު ނަޒާހަތްތެރި ބައެއް އެއީ. ދެން އިތުރަށް އެމީހުން ރަނގަޅު ވާކަށް ރައްޔިތުން ނޭދޭ. ފުދިއްޖެ. ނަމޫނާ ބައެއް
ނަމްން
04 August 2025
ނަމޫނާ މިހާރުވެސް ފެނޭ. ނޫޅޭންވީ ގޮތުގެ ނަމޫނާ. ނުކުރާންވީ ކަންތައްތަކުގެ ނަމޫނާ.
އިންޓަރޕްރެޓޭޝަން އެކްޓް
04 August 2025
މައްސަލަތައް ދިގުދައްމާ ފަނޑިޔާރުން ބަލައި ފިޔަވަޅު އަޅާން ޖެހޭ، 8 ހާސް މައްސަލަ ނުނިމި އޮތް އިރު، ނިމުނުމައްސަލަތަކުގެ ތެރޭގައި ގިނަ ދުވަސްވެގެން އަނބުރާ ގެންދިޔަ މައްސަލަތައް ކަށް ނޭނގޭ ގިނަވާނީ. އޭގެ އިތުރުން ޖިނާއީ މައްސަލަތައް ސާބިތުނުވުމުގައިވެސް ގިނަދުވަސްވުން ވަރަށް ބޮޑު ދައުރެއް އަދާކުރޭ
ސައްޔާރާ
04 August 2025
ކޮންްކަމަކުންތޯ؟ މިހެން އަހާލަންޖެހުނީ ނަމޫނާ ނުދައްކަވާ ދާއިރާއެއް ނެތީމަ. މީހުންގެ އަނބިންނަށްގުޅާ، ރިޝްވަތުނަގާ، ބޮޑެތި ކުށްވެރިން ދޫކޮށްލާ، ވަކިބައެއްގެ މައްސަލަ ބަލަން ޖެހުނީމާ މައްސަލަ ބާތިލުކޮށް ފޮނުވާލާ، ފަރުވާ އެހާކުޑަ، ސިޔާސީ ކަންކަމާ އެހާވަރަށް އުޅޭ، މަތީ ކޯޓަކަށް ދާން ބޭނުންވީމާ، ސަރުކާރުން ލިޔެދޭ ހުކުމުގައި ސޮއިކުރޭ……މިހެންގޮސް ބުނާނެ އިތުރު ކަމެއްނެތް…ހުސް ނަމޫނާ…
ބުލީ
04 August 2025
ފަޑިޔާރުންތިބީ ނަމޫނާދައްކަން ފަޑިޔާރުންނަށް ޢަދުލަށް ނިޔާކަނޑައެޅުމުގައި ދިމާވާހާވެސް ދައްޗަކާ ގޮންޖެހުމަކީ އޭރަކުއޮންނަ ސަރުކާރަކުން ފަޑިޔާރުންނަށާއި ޖުޑިޝަރީޢަށް ނުފޫޒުފޯރުވާ ފަޑިޔާރުންނަށް ބިރުދައްކާ މައްސަލަ މިކަން ޙައްލުކުރެވިގެންނޫނީ ދުވަހަކުވެސް ޖުޑިޝަރީ ރަގަޅެއްނުވާނެ. މިކަން މިހާރު ކުރަމުން މިގެންދަނީ ބިރެއްނެތި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި!
ކޮއްކޮ
04 August 2025
ޖޭއެސްސީގެ ރައީސް ޢަދުލުވެރިވިނަމަ މިހާލަތަށް ޖުޑިޝަރީ ވެއްޓިގެން ނުދާނެ!