ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ރިޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
03 އޯގަސްޓް 2025 - 23:40
ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން މާލޭގެ ސުޕީރިއާ ކޯޓުތަކުގައި މިދިޔަ ޖޫން މަހުގެ 19 އާ ހަމައަށް ބަލާއިރު ނުނިމި 8،000 އަށް ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށާއި އެހެންވެ، އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށްގެން އެ ކަމަށް ހައްލެއް ނެތް ކަމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ކޯޓުގައި މައްސަލަތައް ނުނިމި ދިގުލައިގެންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް ރިޒާ ވިދާޅުވީ، ވަރަށް ދުވަސްވީ މައްސަލަތައް ސުޕްރީމް ކޯޓުގައި މިހާރު ވެސް އެބަހުރި ކަމަށެވެ. ހާއްސަކޮށް މަރުގެ މައްސަލަތައް އެ ކޯޓުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސްހިސާބު ނުދެއްވި ނަމަވެސް ރިޒާ ވަނީ ހައި ކޯޓުގެ އިތުރުން ސުޕީރިއާ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސްހިސާބު ހާމަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ހާމަކުރެއްވި ގޮތުގައި:
- ހައި ކޯޓުގައި 981 މައްސަލަ (11 ފަނޑިޔާރުން)
- ކްރިމިނަލް ކޯޓުގައި 2،053 މައްސަލަ (11 ފަނޑިޔާރުން)
- ސިވިލް ކޯޓުގައި 4،072 މައްސަލަ (17 ފަނޑިޔާރުން)
- ފެމިލީ ކޯޓުގައި 214 މައްސަލަ (ހަތް ފަނޑިޔާރުން)
- ޖުވެނައިލް ކޯޓުގައި 21 މައްސަލަ (ތިން ފަނޑިޔާރުން)
- ޑްރަގް ކޯޓުގައި 1،330 މައްސަލަ (ތިން ފަނޑިޔާރުން)
ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުން އަވަސް ކުރަން ހުރިހާ ކޯޓުތަކުން އެއް ރޫހެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެއް ރޫހެއްގައި އެއް މިސްރާބަކަށް ދާންޖެހޭ ކަމަށެވެ.
"ގުޅިފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ގުނަވަނެއް އިހުމާލުވީ ކަމަށް ވީ ނަމަވެސް ޝަރީއަތްތަކަށް ބުރޫއަރާނެ. އަޅުގަނޑު މި ދަންނަވާ ގުނަވަންތަކުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ބަންޑާރަ ނައިބުގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ދިފާއީ ވަކީލުން މީގެ ތެރޭގައި ހިމެނޭ،" ޖޭއެސްސީގެ ރައީސް ވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ރިޒާ އާއި ޖަމީލް އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވިގޮތުގައި، ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި އެ އެންމެންގެ ބައިވެރިވުން އެބައޮތެވެ. އޭގެ ތެރޭގައި ހެކިން ހާޒިރު ނުކުރެވުމާއި ތަރުޖަމާނުން ނުގެނައުން ފަދަ އެތައް ސަބަބެއް ހިމެނޭ ކަމަށް ރިޒާ ވިދާޅުވި އެވެ.
"އެހެންވީމާ މައްސަލަތައް އަވަސް ކުރެވޭނީ ހަމައެކަނި ކޯޓުތަކުގެ މަސައްކަތަކުން ނޫން. ކޯޓުތަކާއި ފަނޑިޔާރުން ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާ. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އެހެން ނަމަވެސް އިހުނަށް ވުރެ ދެ ގުނައަށް މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭ،" ރިޒާ ވިދާޅުވި އެވެ.
މައްސަލަތައް އަވަސް ކުރުމަށް ޖޭއެސްސީގެ ރައީސް ވިދާޅުވީ:
- އެއްދަންފަޅިން ނުފުދޭ ނަމަ ދެ ދަންފަޅިއަށް ބަދަލުކުރަންޖެހޭ.
- ކޯޓުތަކަށް ބޭނުންވާ ވަސީލަތްތަކާއި ޖާގައިގެ މައްސަލަ ހައްލު ކުރަން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާ. އޭގެ ނަތީޖާއަކީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހުޅުމާލެ އިން އާ އިމާރާތެއް ލިބި ޖާގަ ތަނަވަސްވުން.
- ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސްހިސާބު ޖޭއެސްސީން ކޮންމެ ތިން މަހަކުން އެއްފަހަރު ބަލާ. ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ތަފާސްހިސާބު ފޮނުވާއިރު މައްސަލަތައް ކެންސަލްވާ ސަބަބު ބަޔާން ކުރަންޖެހޭ.
ރިޒާ ވިދާޅުވީ، ފަރުވާ ދެވޭނީ ބަލި ރަނގަޅަށް އެނގިގެން ކަމަށާއި އެހެންވެ މައްސަލަތައް ލަސްވާ ސަބަބު އެނގެންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މެޖިސްޓްރޭޓް ކޯޓެއްގައި ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސްވުމުން ޖޭއެސްސީ އަށް އެކަން ބަޔަކު ހުށަހެޅުމުން ބެލިއިރު ދިފާއީ ވަކީލު އެދިގެން 2-3 ފަހަރު އެ މައްސަލަ ކެންސަލް ކޮށްފައިވާ ކަމަށެވެ. އެހެންވެ، މައްސަލަތައް ލަސްވާ ސަބަބު ޖޭއެސްސީ އަށް ބޭނުންވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
ޖޭއެސްސީގެ ރައީސް މިރޭ ފާހަގަކުރެެއްވި އެއް ކަންބޮޑުވުމަކީ މަދަނީ އިޖުރާއަތުގެ ގާނޫނަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ގެނައި ބަދަލުތަކުގެ ސަބަބުން މައްސަލަތައް ލަސްވާ ލަސްވުމެވެ.
ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ 60 ޕަސެންޓު މީގެ ކުރިން ނިންމަނީ ދެފަރާތް ވާހަކަ ދައްކައިގެން ނުވަތަ ޑިސްޕިއުޓް މަރުހަލާ އިން ކަމަށް ވިޔަސް މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެކަން ވަނީ އުވިފަ އެވެ.
އެހެންވެ، ސިވިލް ކޯޓުގައި މައްސަލަތައް ލަސްވާ މައްސަލަ ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތަކުންނާއި ބޭންކުތަކުން ވެސް ޝަކުވާއެއްގެ ގޮތުގައި ލިބިފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މީގެ ހަތް މަސް ކުރިން އެކަށައަޅައި ބަންޑާރަ ނައިބުގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށެވެ. އަދި އެ އަށް ގޮތެއް ނިންމުން އެ އޮފީހުން ލަސްވާތީ އެކަން އަވަސް ކޮށްދިނުމަށް ވެސް ޖޭއެސްސީން އެދިފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ވީ އެންމެ އަވަހަކަށް އެ އިސްލާހުތައް ރައްޔިތުންގެ މަޖިލިހަށް އައިސް ކޮމިޓީ މަރުހަލާގައި ފަނޑިޔާރުންގެ މަޝްވަރާ އާއި ލަފަ އާއި އިރުޝާދު ހޯދައިގެން އަދި އެ ފަންނުގެ ވަކީލުންގެ ހިއްސާއާ އެކު މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވިއްޖެ ނަމަ މައްސަލަތައް މިހާރަށް ވުރެ ހަލުއިވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ވިދާޅުވީ، ރާއްޖޭގައި އެއް އަޑަކުން އެންމެން ދައްކަނީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނިންމުން ލަސްވާ ވާހަކަ ކަމަށެވެ. ހާއްސަކޮށް ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ ހިތްދަތި އިހުސާސްތަކުގެ ސިޓީތައް ޖޭއެސްސީ އަށް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
"މިއީ ހައްސާސީ ކަމެއް. މިއީ ވަރަށް ސެންސިޓިވް، ވަރަށް ނާޒުކް ވަރަށް ހުތޫރަތްތެރި ކަމެއް. މައްސަލަތައް ލަސްވުމަކީ އެތައް ބައެއްގެ ހައްގުތައް ގެއްލޭނެ ކަމެއް. އެތައް އާއިލާތަކެއް އެކަމުގެ ނިކަމެތިކަން އިހުސާސް ކުރަމުން އެބަދޭ،" ރިޒާ ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި މިރޭ އެންމެ ބޮޑަށް އަލިއަޅުވައިލެއްވީ ވެސް ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ގޮސް ލިބޭ ޝަކުވާތަކުގެ މައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޗދސޗ
05 August 2025
ރައްޔިތުންގެ ކަމަކީ ކޯޓުތައް އިންސާފުނޫން ކަމަށް ބުނެ ހަޅޭލެވުން، އެހެން ތިއްބާ ތިމާގެ މައްސަލައެއް ކޯޓަށް ވަންނަ ހިސާބުން މައްސަލަ ދިގު ދެންމުމާއި ލަސްކުރުމާއި ކޯޓަށް ހާޒިރު ނުވުމާއި ބަހަނާ ދެއްކުމާއި ދެން ވެސް ހުރިއްޔާ ހުރި ކަމެއް ކުރަނީ... މީ މިއަދުގެ ޙާލަތު. ޝަރީޢަތް ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ދެން ވެސް ބުނާނީ. ޒިންމާ ނަގާނެ މީހަކު ނެތް.
ދަރެސް
04 August 2025
ތި ކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ މީހާ ތި ވާހަކަ ގޮވީމަ މާ ތާހިރެއް ނޫން. ޖުޑިޝަރީ އެފިޝަންޓްކޮށް ހަރުދަނާ ކުރަން އޮތް ކޮމިޝަނެއް ތީ. ސިޔާސީކަމެއް ނޫނީ ތިތާކު ނުހިނގާ. ހަރުދަނާ ކުރަން ކުރާކަމެއް ހަރާމް.
ީސިސިސި
04 August 2025
މައްސަލަތައް ދިގުދެމިގެން ދިޔުމަކީ ވެސް ވިޔަފާރިއެކޭ
ށިިސިސިެ
04 August 2025
މުސާރަ ބޮޑުކުރޭ. އޭރުން ވެދާނެ.
ގުދުގުދާބެއްޔާ
04 August 2025
މެލޭސިޔާ އަދި ސިންގަޕޫރުގައި އޮންނަ ސިސްޓަމް ގެނެސްބަލަ! މައްސަލަ ހުށަހަޅާތާ މަސްދުވަހުގެ ތެރޭގަ ޖެހޭނީ ނިންމަން! ނޫނީ އިސްތިއުފާ!
£/&/&
04 August 2025
އެ ސިސްޓަމުގެ މީހުން އެބައުޅޭ ފޭސްބުކުގަ ވަރަށް ޑިސިޕްލިން ވެގެން
ޓިނު
04 August 2025
ޝުޖާޢު ކުންފުންޏާ އަވަހައް ނިންމަން ތިކަން ހަވާލުކުރަންވީނު؟
އެޗް އެމް
04 August 2025
ނިންމާ ކޮންމެ މައްސަލަ އަކަށް އެއް މިލިއަން ރުފިޔާ ދޭގޮތަށް ހަދާ. އޭގެ ފަހުދުވަހަށް އަލި ނުވިލެނީސް ހުރިހާ މައްސަލަތައް ހުންނާނީ ނިމި ހަލާސް ވެފަ.
ކަމަނަކޮއެ
04 August 2025
މިހާރުވެސް ކަން ހިނގަނީ ތިހެން. ގިނަފައިސާ އަޅާ ކޮޅަކަށް މައްސަލަ ނިންމައި ދެނީ. ނޫނީ މައްސަލަ ލަސްކޮށް ދަންމާލާ ނިޒާމުން ބޭރު ކޮށްލަނީ
ކޮޅުކެހި
04 August 2025
ދެހަސްމުން މަރުވަންދެން އެތިބެނީ މައްސަލަ ފައިލްކޮށްލީމަ ނިމުނީ ، އަހަރެންގެ މަންމަ މައްސަލަވެސް ހައިކޯޓްގައި ބަރާބަރު 2 އަހަރުވަނީ މަންމަގެ ގޯތީގެ މައްސަލައެއް އެއީ ދަށުކޯޓުން ގޯތި ދިނުމަށް ސިޓީ ކައުންސިލް މައްޗަށް ހުކުމްކުރީމަ ހެކި އުފައްދައިގެން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ / ޖުޑީޝަރީ ފެއިލް ފެއިލް ފެއިލް
ޖަލީލީ
04 August 2025
މީގެން އެނގެނީ ބޮޑު މުސާރަ ނަގައިގެން ފަނޑިޔާރުން އެކަށީގެންވާގޮތެއްގަ މަސައްކަތް ނުކޮށް ތިބޭކަން. ކޯޓް ކުޑަވެ ނުވެގެން، ނިޒާމީ މައްސަލަ ތަކުގެ ސަބަބުން މިފަދަ އުޒުރުތަށް ދެއްކުން މިމީހުންގެ ކަމަކީ. އިންސާފުު ލަސްވުމަކީ އިންސާފު ގެއްލުން. މައްސަލަތަށް ލަސްކުރާ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ޖެހޭ.
ވެރީޓަޔަޑް ގާޒީ
04 August 2025
އިހްލާސްތެރިކަމާ އެކު ތިޔަ ކަން ހައްލުކުރަން އުލެފިއްޔާ ތިއި ނުވާނެ ވަރުގެ ކަމެއް ނޫން ގިނަވެގެން 3 އަހަރު ތިޔަ ހުރިހާ މައްސަލައެއް ނިންމޭނޭ. އެކަމަކު ބައެއް މައްސަލަތަކަކީ ގަސްތުގައި ދިގު ދަންމާ ކުރިއަށް ނުދިޔަދި ހިފަހައްޓާފަ ހުރި މައްސަލަތައް ޚާއްސަކޮށް ހައިކޯޓުގައި. ބައެއް މައްސަލަތަތައް އިސްތިއުނާފް ކުރި ފަހުން 3-4 އަހަރު އެބަހުރި 5-6 އަޑުއެހުން ތާވަލްކޮށްފަ އެކި ސަބަބުތައް ދައްކާގެން 1 އަޑުއެހުމެއް ނުބޭއްވި އެއްވެސް ވަރަކަށް މައްސަލަނުހިނާ.