ރިޕޯޓް

ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!

މުސްތަގުބަލަށް ނުވިސްނައި، އެތައް މިލިއަން އަކަފޫޓެއްގެ އަގުހުރި ބިންތަކެއް ވަގުތީ މަންފާއަކަށް މަދު ބަޔަކަށް ހިބައިން ދިނުމުން ދެން ނުކުންނާނެ ނަތީޖާއާ މެދު ސުވާލު ކުރަންޖެހެ އެވެ.

މުހަންމަދު ވިޝާމް އަދި ފާތިމަތު ޝަނާ މުހަންމަދު

20 ޖުލައި 2023 - 07:20

199 comments

މި ސަރުކާރުގެ "ބިންވެރިޔާ"ގެ ސްކީމާ މެދު ޝަކުވާ ގިނަ އެވެ. އެއް ބަޔަކަށް އުސޫލު މުޅިން ގޯހެވެ. އަނެއް ބަޔަކަށް މާލޭ މީހާގެ ޝަރުތު ކުރި ގޮތް ކަމަކުނުުދެ އެވެ. ހަމައެކަނި މާލޭ މީހުންނަށް އަގުބޮޑު ގޯތިތަކެއް ދިނުމަކީ އެ ބަޔަކަށް ބޮޑު ޖަރީމާ އެކެވެ. އެއާ އެކު "މާލެ-ރާއްޖެތެރޭ"ގެ ޒަމާންވީ ކޯޅުމުގައި ހުޅުފަޅައިގެން ގޮސް، މި ސްކީމަށް ވަނީ ރައްޔިތުންގެ މެދުގައި އޮތް ބޮޑު ފިތުނައެއްގެ ދަރަޖަ ލިބިފަ އެވެ.

އެކަމަކު މި އަރައިރުމުގެ ތެރެއަށް ކޮންމެހެން ކުރަންޖެހޭ މުހިންމު ސުވާލު ވަނީ ގެއްލިފަ އެވެ.

މާލެއަށް ދިމާވެފައިވާ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ މި ސްކީމުން ހައްލުވާނެ ހެއްޔެވެ؟ ނޫނީ ހައްލުވާނީ ކޮން މިންވަރަކަށް ހެއްޔެވެ؟

ސާޅީސް އަހަރު ފަހުން މާލޭ ރައްޔިތުންނަށް ގޯތި ދޭކަމީ ސަރުކާރުން އިންތިޚާބަށް ޖަހާ އެންމެ ވަރުގަދަ އެއް މެޑަލް އެވެ. މިވަގުތު ފަޅެއްގެ ސިފައިގައި އޮތް ނަމަވެސް، ސަރުކާރުން ނިންމާފައިއޮތީ މި ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭށެވެ. އެއީ ޖުމްލަ 19،858 މީހުންނަށް 6،200 ގޯއްޗެވެ. އެއީ، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯއްޗެވެ.

މި އެންމެންނަށް ލިބޭ ގޯތިތައް ފިޓުކުރާ ސަރަހައްދުގެ ސީދާ ބޮޑުމިނެއް ސަރުކާރުން އަދި ނުބުނެ އެވެ. އެކަމަކު މި ސްކީމާ ގުޅޭގޮތުން ސަރުކާރުން މިހައިތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވަކިވަކި މީހަކަށް އެންމެ ބޮޑުކޮށް ލިބޭ ގޯތީގެ ސައިޒަކީ 1،250 އަކަފޫޓެވެ. ދެ މީހަކު ޖޮއިންޓްވެއްޖެނަމަ، ގުޅޭ ކޮންމެ މީހަކަށް 400 އަކަފޫޓް އިތުރުކޮށްދެ އެވެ. އެކަމަކު ޖޮއިންޓުވެގެންވެސް އެންމެ ބޮޑުކޮށް ލިބެނީ 4،000 އަކަފޫޓުގެ ގޯއްޗެކެވެ.

މި ސްކީމުގެ އުސޫލުގައި ޖޮއިންޓްވެގެން އެންމެ ގިނަ މީހުން ލާނެ ކަމަށް ސަރުކާރުން ހިސާބު ޖަހާފައިވަނީ 7 މީހުންނެވެ. އެ ހިސާބުން ބަލާއިރު، 4،000 އަކަފޫޓުގެ ގޯއްޗަކުން ކޮންމެ މީހަކަށް ލިބޭނީ 570 އަކަފޫޓެވެ. ގޯތި ދޭ މުޅި ސަރަހައްދުގެ ސައިޒެއް އަދި ފޮތި ކުރާނެ ގޮތެއް ނޭނގޭއިރު، މި އެވަރޭޖަށް ބަލައި، ޝަރުތު ހަމަވާ ކޮންމެ ބޮލަކަށް މަދުވެގެން 570 އަކަފޫޓުގެ މަގުން ހިސާބުކުރުމުން، އެ އަދަދު 11،319،060 އަކަފޫޓަށް އަރަ އެވެ. ދުލަށް ފަސޭހަކޮށް ބުނާނަމަ އެއީ 11.3 މިލިއަން އަކަފޫޓެވެ.

926 ހިޔާ ޓަވަރު

އެންމެ ކުޑަކޮށް ގޯތި ދޫކުރާނެ ކަމަށް އަންދާޒާ ކުރެވޭ ސަރަހައްދުގެ ސައިޒު ރަނގަޅަށް ފަހުމުވާން، މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި ހިޔާ ފްލެޓު މަޝްރޫއުގެ ސައިޒުން އަޅާކިޔާލުން މުހިންމެވެ.

ހިޔާ ޓަވަރެއްގެ ސައިޒަކީ 12،246 އަކަފޫޓެވެ. އެހެންވެ، އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވަނީ 195،920 އަކަފޫޓުގެ ބިމެއްގަ އެވެ. އެ ނިސްބަތުން ގޯތި ދޭނެ ކަމަށް ލަފާކުރެވޭ 11.3 މިލިއަން އަކަފޫޓުގައި ގާތްގަނޑަކަށް "57 ހިޔާ މަޝްރޫއު" ހިންގޭނެ އެވެ. އެއީ 926 ޓަވަރުގައި 440،000 ފްލެޓެވެ.

1،216 ފަހި ދިރިއުޅުން ޓަވަރު

އެކަމަކު "ކޮތަރު ކޮށި"ތަކެއްގެ ގޮތުގައި ސިފަ ކުރާ ހިޔާ ފްލެޓުތައް ދިރިއުޅުމަށް އެކަށީގެންނުވާ ކަމަށް މި ސަރުކާރުން ބުނެ އެވެ. އެހެންވީމާ، މި ސަރުކާރުގެ ފްލެޓު މަޝްރޫއު، "ފަހި ދިރިއުޅުން" ޕްރޮޖެކްޓްގެ ނިސްބަތުން ބަލާއިރު، ގޯތި ދޭ 11.3 މިލިއަން އަކަފޫޓުގެ ސަރަހައްދުގައި މަދުވެގެން ފަހިދިރިއުޅުމުގެ "38 މަޝްރޫއު" ފިޓު ކުރެވޭނެ އެވެ.

ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ޖުމްލަ 4،000 ފްލެޓު ހިމެނޭ 32 ޓަވަރު އަޅާފައިވަނީ 294،738 އަކަފޫޓުގެ ބިމެއްގަ އެވެ. މިގޮތަށް ބަލާއިރު، ގޯތި ދޭ މުޅި ސަރަހައްދުގައި ފަހިދިރިއުޅުމުގެ 1،126 ޓަވަރު އެޅޭނެ އެވެ. އެއީ 152،000 ފްލެޓެވެ.

ބޯހިމެނުމުން ފެންނަ މަންޒަރު!

މި ހަމައިން ބަލައި، ވަރުން އަޅުވަން ޖެހެނީ މިފަހުން އާންމުކުރި ބޯހިމެނުމުގެ ތަފާސްހިސާބުތަކާ އެވެ. މިދިޔަ އަހަރު ބޯހިމަނައި، މި މަހު އާންމުކުރި ހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ދިވެހިންގެ އާބާދީ އަކީ 382،751 އެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅެނީ 160،187 މީހުންނެވެ.

އެ އަދަދުން 9 އަހަރުން ދަށުގެ 23،430 ކުޑަކުދިން އުނިކުރުމުން، ގޯތި ދޭ ސަރަހައްދުން މާލޭގައި މިހާރު ދިރިއުޅޭ ކޮންމެ ބޮލަކަށް ފަހި ދިރިއުޅުމުގެ ޕްރޮޖެކްޓުގައި އަޅާ ސައިޒުގެ ފްލެޓެއް ދީފައި ބާކީ ވެސް ވާނެ އެވެ. މިއީ އަދި އެކުގައި ދިރިއުޅޭނެ އާއިލާތައް ވެސް ނުހިމަނަ އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި، ގޯތި ލިބޭ ކޮންމެ މީހެއްގެ އާއިލާ ހިމަނައިގެން، ގާތްގަނޑަކަށް 60،000 މީހުން ހިޔާވަހިކުރެވޭނެ އެވެ. އެއީ ކޮންމެ ބޮލަކަށް މަދުވެގެން 2 ބަލަދުވެރިންގެ ރޭޓުންނެވެ. ސަރުކާރުގެ މި ފޯމިއުލާ ފަހި ދިރިއުޅުމުގެ ފްލެޓަށް ބޭނުންކުރާނަމަ، މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ ބޮލަކަށް ފްލެޓެއް ބޭނުންމެއް ނުވާނެ އެވެ. ކޮންމެ 3 މީހަކަށް ފްލެޓެއްގެ މަގުން ހިސާބު ޖަހާނަމަ، ކުޑަކުދިން ވެސް ހިމަނައިގެން، މާލެ ސަރަހައްދުގައި މިހާރު ދިރިއުޅޭ "މާލެ-ރާއްޖެތެރޭ" މީހުން ވެސް ހިމަނައިގެން، މުޅި އާބާދީއަށް ބޭނުންވާނީ ގާތްގަނޑަކަށް 53،400 ފްލެޓެވެ.

ގޯތި ދޭ މުޅި ސަރަހައްދުގައި ފްލެޓު އަޅާނަމަ، މާލޭ ސަރަހައްދުގައި މިހާރު ދިރިއުޅޭ މުޅި އާބާދީއަށް ހިޔާވަހިކަން ދީފައި، ގާތްގަނޑަކަށް ލައްކަ އެއްހާ ފްލެޓު އަންނަން އޮތް ޖީލަށް ވެސް ބާކީ ކުރެވޭނެ އެވެ.

ގޯއްޗެއް ފްލެޓެއް ނޫން ދައްކަންވީ ހިޔާވަހިކަމުގެ ވާހަކަ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުން ބޭނުންވަނީ ލިބޭ މުސާރަކޮޅުގެ 80 ޕަސަންޓު ކުއްޔަށް ދޭންނުޖެހޭނެ މުސްތަގުބަލެކެވެ. ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ގިނަ މީހުންނަށް ވަރިހަމަ އެވެ. މި ގޯތިތައް ނިސްބަތުން މަދު ބަޔަކަށް ލިބޭއިރު، ބޯހިޔާވަހިކަމުގެ މައްސަލަ އަޑިއަޅާވަރުގެ ހައްލެއް ނެރެވޭނެ ހަނި ފުރުސަތެއް އޮތަސް، އެކަމަށް ފީނަންޖެހެނީ އެހެންވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މާލެ ނޫން މީހުންނަށް ވެސް ފުރުސަތެއް އޮންނާނެ ގޮތަށް ގޯތި ދޭން މި ފަރިކުރާ ޖާގަ ބޭނުންކުރެވޭ ގޮތެއް ހޯދަންޖެހެ އެވެ. މިގޮތުން ބަލާއިރު، ގޯތި ލިބޭ 19،858 މީހުންނަށް ފަހިދިރިއުޅުމުގެ 5 މަޝްރޫއު ހިންގައިގެން ކޮންމެ ބޮލަކަށް ފްލެޓެއް ދެވޭނެ އެވެ. އެކަމަށް ދާނީ 11.3 މިލިއަން އަކަފޫޓުގެ އެންމެ 13 ޕަސަންޓެވެ. ބާކީ އޮތް 87 ޕަސަންޓު ބިން، މުސްތަގުބަލުގައި ފެންމަތިވެދާނެ އެހެން ބޭނުންތަކަށް ހާއްސަ ކުރުމުގެ ފުރުސަތު މި ސަރުކާރަށް ވެސް އަދި އަންނަން އޮތް އެހެން ސަރުކާރުތަކަށް ވެސް އެއިރަށް ލިބޭނެ އެވެ.

ގޯއްޗަސް ފްލެޓަސް، ސަރުކާރުން ފައިސާ ނުހޯދާ ނުވާނެ

ފްލެޓުގެ ޚިޔާލު ހުށަހެޅުމާއެކު، އެންމެން ވެސް ކުރާނީ އެއް ސުވާލެކެވެ. އެކަމަށް ސަރުކާރުން ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ ގޯތި ދިނީމާ، އެ ބޮލުރިހުމެއް ސަރުކާރަށް ނޯންނާނެ ކަމެވެ. ލޯނު ނަގައިގެން ބިމުގައި ގެދޮރު އަޅާނީ އެ މީހަކު އަމިއްލައަށް ވީމަ އެވެ. އެކަމަކު މިއީ ވަރަށް ބޮޑު ކުށްހީއެއް ކަން ފެންނަންހުރި މާލީ ހިސާބުތަކަށް ވަރަށް ތިލަކޮށް ބަލައިލިޔަސް އެއޮތީ ފެންނާށެވެ.

އަނެއްކާވެސް އެންމެ ކުޑަމިނުން ބަލާއިރު، 11.3 މިލިއަން އަކަފޫޓުގައި ހަމައެކަނި ގްރައުންޑު ފްލޯ އިމާރާތްކުރަން 14.5 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ ކޮންސްޓްރަކްޝަން ކުންފުނިތަކުން އިމާރާތްކުރުމަށް އަކަފޫޓަކަށް 1،300ރ. އިން ބެލުމުންނެވެ. މިއީ ގޯތި ލިބޭ ކޮންމެ މީހަކު ހަމައެކަނި ގްރައުންޑު ފްލޯއާ ހަމައަށް ގެއެއް އަޅައިގެންނެވެ.

"އެ އަދަދަށް ވެސް ލޯނު ދެވޭނެ ސްޓްރެންތެއް ބޭންކުތަކުގައެއް މިހާރަކު ނުހުންނާނެ،" ބޭންކިން ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާގެ ވާހަކައަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ބާރު ލިބެ އެވެ. ރާއްޖޭގެ ހުރިހާ ބޭންކުތަކުން، މިދިޔަ އަހަރަށް އެކަނި ބެލި ނަމަވެސް ދޫކޮށްފައިހުރީ ޖުމްލަ 35 ބިލިއަން ރުފިޔާގެ ލޯނެވެ. އެކަމަކު ރިއަލް އެސްޓޭޓާއި އިމާރާތްކުރުން އެއްކޮށްލައިގެން ދޫކުރީ 10 ބިލިއަން ރުފިޔާގެ ލޯނެވެ. ބޭންކުތަކުން ލޯނު ދޫނުކުރަނީ އެކި ދާއިރާތަކަށް ތްރެޝްހޯލްޑްތަކެއް ކަނޑައަޅައިގެންނެވެ. އެހެންވެ، އެ ދާއިރާއަކަށް ކަނޑައަޅާފައިވާ އަދަދަށް ލޯނު ދެވުމުން އެއަހަރު އެ ދާއިރާއަކުން ލޯނު ދިނުން ހުއްޓާލާނެ އެވެ.

މީގެން ދައްކުވައިދެނީ، 19،858 މީހުންނަށް ގްރައުންޑު ފްލޯ އެކަނި ހަދާލެވޭ ވަރަށް ލޯނު ދޭނެ ފައިސާ ނެތް ކަމެވެ.

"ދެން ޖެހޭނީ އިންޑިއާ ނޫނީ ޗައިނާގެ އެގްޒިމް ބޭންކެއް ކަހަލަ ތަނަކުން ސަރުކާރު މެދުވެރިވެގެން ބޭންކުތަކަށް ފަންޑިން ހޯދައިދިނުން. އެ ނޫން ގޮތަކަށް މިކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މާލީ ދާއިރާއެއްގެ ތަޖުރިބާކާރެއް ވިދާޅުވީ، ސަރުކާރު މެދުވެރިވެގެން އެހާ ގިނަ އަދަދެއްގެ މީހުންނަށް ލޯނު ދިނުމުގައި ލުއި ގޮތްތަކެެއް ކަނޑައެޅުންވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

"މިހާރު ވެސް އިންޓްރެސްޓް ރޭޓުތައް އެ އޮންނަނީ ބޭންކްތަކަށް ދޫކޮށްލާފަ. ބޭންކްތަކަށް ފައިދާ ނުނެގޭނެ ގޮތަކަށް އެ ތަންތަނުން ލޯނު ދޭކަށް އެއްބަހެއް ނުވާނެ. ލޯނު ދޭނީ އެ ލޯނު ނެގޭނެ އިކުއިޓީ ހުރި މީހުންނަށް. ގޯތި ދީފައިވާ ކިތަން މީހުންނަށް އަސްލު ލޯނު ނަގައިގެން ގެ ހެދޭނީ؟،"

އޭނާ އެ ވިދާޅުވި ގޮތަށް މި ދޭ ގޯތިތަކުގައި ގެދޮރު އަޅަން ސަރުކާރުން ފައިސާ ހޯދަންޖެހޭނަމަ، އެތައް މިލިއަން އަކަފޫޓެއްގެ ބިން ސަލާމަތް ކުރެވޭނެ ގޮތަށް ފްލެޓު ނާޅަންވީ ކީއްވެތޯ ސުވާލު އުފެދެ އެވެ.

ހާއްސަކޮށް، 19،858 މީހުންނަށް ފަހިދިރިއުޅުމުގެ ފެންވަރުގެ ފްލެޓު އަޅަން ހޭދަވާނީ 17.5 ބިލިއަނެއްހާ ރުފިޔާ ކަމަށްވާތީ އެވެ. އެކަމަކު ހިސާބު އަކުރުން ކޮންމެ ހަގީގަތެއް ފެންނަން އޮތަސް، ބައެއް މީހުން ބުނާނެ އެހެން ވާހަކައެއް ވެސް އެނގެ އެވެ.

އެހެން ރަށްރަށުން ބިން ހިއްކާފައި ގޯތި ދޭއިރު، މާލޭ މީހުންނަށް ގޯއްޗެއް ހައްގު ނޫނީ ހެއްޔެވެ؟ މާލޭ މީހުންނަށް ހައްގު މިންވަރަކީ ކޮންކްރީޓު ފްލެޓެއް ހެއްޔެވެ؟

މިއީ ހަގީގަތުގައި މި ސުވާލު ގޮސް ނިމެންޖެހޭ ހިސާބެވެ. ރާއްޖެ އިން ތަރައްގީގެ މިސާލު ނަގާ ސިންގަޕޫރުގެ އާބަން ޑިވަލޮޕްމެންޓް އޮތޯރިޓީން 2001 ވަނަ އަހަރު ހެދި ހައުސިން ޕްލޭންގައި ވެސް ހައްލެއްގެ ގޮތުގައި ބަލާފައިވަނީ "ވާޓިކަލް ހައުސިން" ނުވަތަ ފްލެޓް އަޅައިގެން ބޯހިޔާވަހިކަން ދިނުމުގެ ޕްލޭނެކެވެ. ސިންގަޕޫރުގެ ޕްލޭންގައި ވަނީ ކުރިއަށް އޮތް 50 އަހަރަށް ހައުސިންނަށް ހައްލު ހޯދޭނެ ގޮތްތައް ހިމަނާފަ އެވެ. ސިންގަޕޫރު ފަދައިން ރާއްޖެއަކީ ވެސް ބިމުގެ މައްސަލަ އިންތިހާއަށް ބޮޑު ގައުމަކަށްވާ އިރު، ރާއްޖޭގެ ބޯހިޔާވަހިކަމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވައި ނުލެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ފަޅުތައް ހިއްކައިގެން ބިން އިތުރު ކުރެވުނަސް، އެކަން އެގޮތަށް ކުރެވޭނީ ކިހާ ދުވަހަށް ހެއްޔެވެ؟

ސަރުކާރުން 20،000 އެއްހާ މީހުންނަށް ގޯތި ދީގެން ވެސް މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ނެތެވެ. އަނެއްކާ އަނެއް 10 އަހަރު ފަހުން މާލޭގެ ރައްޔިތުން ކުރަން ފަށާނީ ބޯހިޔާވަހިކަމެއް ނެތް ޝަކުވާ އެވެ.

ރާއްޖޭގައި ބިން މަދުއިރު، އެއްވެސް ރަށަކުން މިހާރު ބަންޑާރަ ގޯތި ދިނުމުން ބޯހިޔާވަހިކަމުގެ މުޅި މައްސަލަ އެއްފަރާތްކޮށް މާލޭގެ ހާލަތަށް ރާއްޖޭގެ ރަށްތައް ވެސް ދިއުން ނޫން ގޮތެއް ނުވާނެ އެވެ. އާބާދީ އިތުރުވަމުންދާ ނިސްބަތަށްބަލާއިރު، މިއީ ކުރިމަތިލާންޖެހޭ ހަގީގަތެކެވެ. ހާއްސަކޮށް މާލެ ސަރަހައްދާ މި ހަގީގަތް އަރާހަމަކުރިތާ އެތައް އަހަރެއް ވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނީ އަތޮޅުތެރެ ތަރައްގީކޮށްގެންނޭ ސިޔާސީ ވެރިން އަޑަށް ކިތަންމެ ބާރުލާފައި ވިދާޅުވިޔަސް، މިއިން ޒަމާނެއްގައި އެކަން ވާކަށް ނެތެވެ. އަސާސީ ބޭނުންތަކަށް މާލެއަށް ޖަމާވުން ފިޔަވައި އިތުރު ގޮތެއް ނެތެވެ. ކުރިއަށް އޮތް އަހަރު ތަކުގައި މާލެއަށް ހިޖުރަކުރާ މީހުން އިތުރުވާނެ ކަން ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ވެސް ސާފެވެ.

ކަން މިހެން އޮތް އިރު، އެންމެ ފަސޭހަ މަގު ހިޔާރުކޮށް، މުސްތަގުބަލަށް ނުވިސްނައި، އެތައް މިލިއަން އަކަފޫޓެއްގެ އަގުހުރި ބިންތަކެއް ވަގުތީ މަންފާއަކަށް މަދު ބަޔަކަށް ހިބައިން ދިނުމުން ދެން ނުކުންނާނެ ނަތީޖާއާ މެދު ސުވާލު ކުރަންޖެހެ އެވެ. ސާޅީސް އަހަރު ކުރީގެ މާޒީ ތަކުރާރުކޮށްގެން، އަނެއްކާވެސް ވާރުތަވާ އާ ބިންވެރިންތަކެއް އުފެދި، އަންނަން ތިބި ޖީލު ވެސް ކުލީގެ ދަންތުރައިގަ ނުޖެހޭނެ ގޮތެއް ހޯދަންޖެހެ އެވެ. ސިޔާސީ މަންފާތައް އެކަހެރި ކޮށްގެން ހަދާ ޕްލޭނެއްގެ ތެރެއިން ނޫން ގޮތަކަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް ހައްލެއް ނެތެވެ.

199 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 13%
icon angry icon angry 32%
icon wow icon wow 5%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޅިފަޅިކޮށް

01 August 2023

ބަންޑާރަ ގޯތި ތަރިކަމުދަލަށް ވުމުގެ މައްސަލަ ހައްލުކުރަންޖޭ. ފަޅިފަޅިކޮށް ތަރިކަމުދަލުގެ ގޮތުގައި ބަހަނީ ދައުލަތުގެ މުދާ. ހިލޭ ގޯތިދިނުން ހުއްޓާލާ

The name is already taken The name is available. Register?

ހަސަނު

25 July 2023

ރަށްރަށު މީހުންވެސް ބޭނުންވަނީ މާލެއިން ގޯތި.. ރަށުގާވެސް ގޯތި، މާލެއިންވެސް ގޯތި... ތަންކޮޅެއް ދަހީ.

The name is already taken The name is available. Register?

ކުންފުނިތަކުން ލާވޯޓުން ހޮވޭނެ

27 July 2023

ސަރުކާރުންވެސްބަލާކަމެއް ނޫންތީކީ، ސްޓެލްކޯފްލެޓުން ފިރިމީހާއަށް ހިޔާފްލެޓުން އަނބިމީހާއަށްލިބި ކުއްޔަށްދީފަ ތިބިމީހުން ބައިވަރު. މިހާރުވެސް ކުންފުނިތަކުންދޭ ފްލެޓް ރަށުގަގޯތިހުރި ދެމަފިރިންނަށްވެސްދީފަހުރީ، އެސްޓީއޯން ފިރިމީހާއަށް އެޗްޑީސީން އަނބިމީހާއަށް، ބޮޑުދަރިމީހަކާނީނަސް އޭނާޔަށް އެކުންފުނިންވެސް. ފްލެޓްމިލްކުކޮށްގެން ވަކިވެދާ ސްޓާފުންގެބަދަލަށް އަންނަސްޓާފަކަށް ކުޑަކުލިގަޑަކަށް ދިއްކޮށްލާނެ ބޯހިޔާވަހިކަމެއްވެސް ނެތް.ލިބޭހާ ރުފިޔާކުއްޔަށް.

The name is already taken The name is available. Register?

ފާތިހުބެ

22 July 2023

ހުޅުމާލެއާ ތިލަފުއްޓަކީ ތިމަންމެން ރަށޭކިޔާ މާލޭބޭފުޅުން ހާދަމޮޔައޭ. ނުގަވާއިދުން ރައީސް މަގޭއަނބިމީހާވެސް ކަލެއަށްދީފާނެ. ޙަޔާތެއްހުރިމީހެއް ނުބުނާނެ އެއީ ތިމަންނަގެ އަނބިމީހާއެކޭ.

The name is already taken The name is available. Register?

ޢަލީމްބެ

22 July 2023

ކެޕިޓަލް ސިޓީއަށް ހުޅުމާލޭ ފަޅު އިތުރުކޮށް ޗައިނާމީހުންކައިރީ ރާއްޖެއަށް އެންމެމިހިންމީ މިބުރިޖުއެޅުމޭ ފަހުން ވަކިގަބީލާއެއްގެ ތަރިކައޭ ބުނެފަ އިބޫ ރަށްރަށަށް ކެމްޕޭނަށް އިބޫއަަށް އެރިގެންނުވާނު.

The name is already taken The name is available. Register?

މާލެ މީހެއް

21 July 2023

މާލެ ގަ އުޅޭނެ ކަމެއް ނެތް ރާއްޖެ ތެރޭ ކުދިންނެ، ދޭ ރަށަ.

The name is already taken The name is available. Register?

އައްޑުއަންސް.

21 July 2023

މޮޔަބުގޮވާ. ތިގޮލާމެން ޖެހޭނީ މާލެއިން ފައިބަން. ވެރިރަށުގައި ދިރިއުޅޭނީ ކިޔަވައިގެންތިބޭ މީހުންނާއި ފައިސާ ގެންގުޅޭ މީހުން. ކަންނެތް ވަޒީފާ އަދާ ނުކުރާ ކުލިން ދިރިއުޅެން އުޅޭ ބަޔަކަށް މާލެކަހަލަ ރަށްރަށުގައި ދިރިނޫޅެވޭނެ.

The name is already taken The name is available. Register?

މުފީދާ

22 July 2023

ރަށަށްދާނީ ސަރުކާރު ހިންގުން އަހަރެމެން ރަށަށް ބަދަލު ކުރީމަ

The name is already taken The name is available. Register?

މިސްރާބު

21 July 2023

މިލިއުން ކިޔާލުމުން ވަރަށް ސާފުކޮށް އެނގޭ މާލެ އަށް 'ކުރިމަތި' ވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ އަކީ އެއްވެސް ސަރުކާރަކުން ހައްލުކުރަން ބޭނުން ނުވާ, ފަސޭހައިން ހައްލު ކުރެވިދާނެ ކަމެއް ކަން.

The name is already taken The name is available. Register?

ހަސަންހުދެބު

21 July 2023

މާލޭ މީހުން ނިދާނެ ތަންތަން މަދުތޯ ބަލާބަލަ ބުރިބުރިއަށް ހިއްލާފަ ހުރި ބިޔަ ބިލްޑިންތަކުގެ ކޮންމެ ފްލޯއެއްގަ އެތައް އެޕާޓްމަންޓެއް. އެއިންތަނެއްގަ ގޯތީގެ ވެރިފަރާތްވެސް އޭނާގެ ދަރިންވެސް އުޅެނީކީ ނޫން. ކުށްޔަށް ނޫނީ ގެހަދާފަ ދޭކަށް ބޭނުމެއްނުވޭ.

The name is already taken The name is available. Register?

ޞުހާ

21 July 2023

ރާއްޖެތެރެ ގޯތިތަކުގެވެސް އަގު ނަގަންވީ އޭރުން ބަރާބަރުވާނެ…. 7 ހާސް އަކަފޫޓުގެ ގޯތި ހިލޭ….ބޮޑުވަރު…

The name is already taken The name is available. Register?

މަގޭ ހިޔާލު

21 July 2023

ކިތަންމެ އެންޓިވިއަސް މިފަހަރު މާލޭ ރައްޔިތުންގެ ވޯޓު ލިބޭނީ މާލޭ ރައްޔިތުންނަށް ވީ ވައުދު ފުއްދައިގެން. ޢެހެންނޫނީ މުޅި ދިވެހިރާއްޖެރިން ބަންޑާރަގޯތި ދިނުން ވަގުތުން އުވާލްންވީ. ޢެއްވެސް ރަށެއްގެ މީހަކަށް ވެސް ގޯތި ދެވިގެންނުވާނެ. ބިންބޮޑު ލާމުންވެސް ގޯތިދެވިގެން ނުވާނޭ. ޜަށްރަށު މީހުންނަށް ހޮލިޑޭ ހައުސް ރަށުގެ..މާލޭ ސިޓީގައި ފްލެޓް. މީ ހަގީގަތް. ގެޒެޓްގައި ރަށްރަށުން ބަންޑާރަ ގޯތި އިއުލާންތާށް ވަގުން ބާތިލްކޮށްފަ 25 ބުރި ކޮތަރުކޮށި ހަދާ.

The name is already taken The name is available. Register?

ޅޮލް

21 July 2023

މިޔޮށް ހުރިހާ ދުވަހަކު އެއީ ކޮތަރު ކޮއްޓެކޭ ކިޔާފަ މިހާރު ކޮން 900 ހިޔާ ފުލެޓް އެޅޭނޭ ތިކިޔަނީ. ކުޑަ ތަނެއްގަ ބައި މިލިޔަން މިހުން އުޅެންފެށީމަ ދެން ނުކުންނާނެ މައްސަލަތަކޯ؟ ހުޅުމާލެ ސްލަމް އަކަށް ވާކަށް ބޭނުމެއް ނެތް. 1000 ޓަވަރު އެޅުނަސް އަޅާކަށް ނުއެއްޖެހޭނެ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454