ދިރާސީ އާ އަހަރާ އެކު، ހުޅުމާލެ 2 ގައި އަލަށް ހުޅުވި ސަލާހުއްދީން ސްކޫލުގެ ކުދިންތަކެއް: މި އަހަރު މާލެ ސަރަހައްދުގެ ސްކޫލުތަކުގައި 25,000 އަށް ވުރެ ގިނަ ކުދިން ކިޔަވާނެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 އޯގަސްޓް 2023 - 08:39
ދޮޅު މަސް ދުވަހުގެ ޗުއްޓީ އަކަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން 84،000 އަށް ވުރެ ގިނަ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި 73،000 ކުދިންނެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ކުދިން ކިޔަވާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގްރޭޑް އެކަކަށް 7،000 އަށް ވުރެ ގިނަ ކުދިންނަށް އަލަށް މި އަހަރު ޖާގަ ދީފައިވާއިރު، އޭގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކަށް 2،491 ކުދިން ކިޔަވާނެ އެވެ.
މި ދިރާސީ އާ އަހަރުގައި ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކުގެ އަދަދަކީ 216 އެވެ. އޭގެ ތެރޭގައި މާލޭގައި އަލަށް ކިޔަވައިދޭން ފަށާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭގައި ހެދި ސީއެޗްއެސްއީގެ އާ އިމާރާތް އަދި ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ސަލާހުއްދީން ސްކޫލް ހިމެނެ އެވެ.
އެ ތިން ސްކޫލްގައި ވެސް ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ކުދިންގެ ކިޔެވުން މިއަދުން ފެށިގެން ވަނީ ވަގުތީ ގޮތުން ބަދަލުކޮށްފަ އެވެ. އަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތުގެ މަސައްކަތް އަދިވެސް ނުފަށަ އެވެ.
ހުޅުމާލެ ދޭއްގައި މިއަދު ހުޅުވި ސަލާހުއްދީން ސްކޫލްގެ ކުދިން އެސެމްބްލީގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެއްދަންފަޅި އަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ތަނެއް ހިންގާނެ އެވެ. އެއީ ވ. ތިނަދޫ ސްކޫލާއި ވ. ރަކީދޫ ސްކޫލާއި ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލާއި ކޮނޑޭ ސްކޫލް އަދި ދިއްދޫ ސްކޫލެވެ.
ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ނިމިފައި ކަމަށާއި ޓީޗަރުން ވެސް ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނޑި
06 August 2023
4 ޢަހަރުން ޓީޗިން ހަދާނީ ކާކު. ސެޓްފިކެޓް ގަނެ އެންމެންއަތުގަ އެހުރެ އެކައްޗެއްވެސް ނޭގޭމީހުންގިނަ ތަނަކަށް މިތަންވެސް ވާނެ
ކިރު ސައި
06 August 2023
ހުރިހާ ދަރިވަރުންނަށް ކާމިޔާބު އަދި އުފާވެރި ދިރާސީ އަހަރަކަށް އެދެން.
ޢައު
06 August 2023
ފޭސް 2 ގައި އަލައްޙުޅުވި ސުކޫލްގައި ކުދދިން ކިޔަވަން އެދަނީ ކޮންސްޓަރަކްޝަން ސައިޓަކަށް. ޢެތަން ފެނުނު މީހަކަށް އެނގޭނެ ވޯޓަށް ވެގެން ތަން ނުނިމެނީ ނަމެއްގައި ސުކޫލް ހުޅުވާފަ ކުުދިން މި ނެރުނީ ކޮންދްޓަރަކއޝަން ސައިޓަކަށް. މީ ނުރައްކާތެރިކަމެއް ނޫންތޯ؟