ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

މިއީ ސިޔާސީ ވާދަވެރިއަކަށް ކުރާ ގޯނާއެއް: ޓްރަމްޕް

06 އޯގަސްޓް 2023 - 12:24

4 comments

އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާއަކީ، ސިޔާސީ ވާދަވެރިއަކަށް ކުރާ ގޯނާއެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން އުޅުމުގެ ތުހުމަތުގައި ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް، ވޮޝިންޓަން ޑީސީގެ ފެޑެރަލް ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ހާޒިރުކޮށް ދައުވާ އިއްވުމުން ޓްރަމްޕް ވިދާޅުވީ އޭނާ އެ ދައުވާއަށް އިންކާރުކުރައްވާ ކަމަށެވެ. ނަމާއި އުމުރު ވިދާޅުވުމަށް ފަހު ވަރަށް ކުރުކޮށް ޖަވާބުދާރީވަމުން ޓްރަމްޕު ވިދާޅުވީ އޭނާ، ދައުވާއަށް އިންކާރު ކުރައްވަނީ އެއްވެސް ނުފޫޒެއް ނެތި ހަމަބުއްދީގައި ހުންނަވައިގެން ކަމަށެވެ.

ކޯޓުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި އިންތިޚާބާ ގުޅޭ ގޮތުން އޭނާއާ ދެކޮޅަށް ކޯޓަށް މިހާރު ހުށަހަޅާފައިވާ ދައުވާއަކީ، އިދިކޮޅު ސިޔާސީ ވާދަވެރިއަކަށް ގޯނާ ކުރުމުގެ ގޮތުން ހިންގާ ކަމެއް ކަމަށެވެ. އަދި މިއީ އެމެރިކާ އަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ، ޓްރަމްޕުގެ މައްޗަށް ޖިނާއީ ތަފާތު ތުހުމަތުތަކުގައި، ހަތަރު މަސް ތެރޭގައި އުފުލި ޖިނާއީ ތިން ވަނަ ދައުވާ އެވެ. ނަމަވެސް އެ ތިން ދައުވާގެ ތެރެއިން އެންމެ ބޮޑު އަދަބެއް ކަނޑައެޅިފައި އޮންނަނީ، އިންތިޚާބުގެ ނަތީޖާއާ ބެހޭ ގޮތުން ކޮށްފައިވާ ދައުވާ އަށެވެ.

ދައުވާ އިއްވައި ނިންމުމަށް ފަހު ކޯޓުގެ ފަނޑިޔާރުން ވަނީ، މައްސަލައިގެ ޝަރީއަތަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް ޓްރަމްޕަށް އިންޒާރު ކުރައްވައިފަ އެވެ. އެ ގޮތުން މި މައްސަލައިގެ ހަގީގަތްތަކާ ބެހޭ ގޮތުން އެއްވެސް މީހަކާ މުއާމަލާތު ނުކުރުމަށް އިންޒާރު ކުރެއްވި އެވެ.

އަދި މި އެންގުމާ ޚިލާފަށް އަމަލު ކުރައްވައިފި ނަމަ، ހައްޔަރު ކުރުމުގެ އަމުރެއް ނެރުއްވައި، ހައްޔަރު ކުރައްވާނެ ކަމަށާއި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އަދަބު ކަނޑައަޅުއްވާނެ ކަމަށް ވެސް ފަނޑިޔާރުން އިންޒާރު ކުރެއްވި އެވެ.

ސްޕެޝަލް ކައުންސެލް ޖެކް ސިމިތު އިސްވެ ހުންނަވައި، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާގައި، ތަފާތު ހަތަރު ކުށެއް ހިމަނާފައިވެ އެވެ. އެ ހަތަރު ކުށަކީ؛ ދައުލަތަށް އޮޅުވައިލުމަށް ރޭވުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުން، އަދި އަނެކުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުމުގެ ކުށެވެ.

މީގެ ތެރެއިން، ދައުލަތަށް އޮޅުވައިލުމަށް ރޭވިކަމަށް ޓްރަމްޕަށް ތުހުމަތުކުރަނީ، އިންތިޚާބުގެ ރަސްމީ ނަތީޖާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ތަސްދީގު ނުކުރުމަށް އެދިވަޑައިގެން، ޓްރަމްޕު އޭނާގެ ނައިބުގެ ގޮތުގައި އޭރު ހުންނެވި މައިކް ޕެންސަށް އަންގަވައި އެކަމަށް ބާރު އެޅުއްވުމުންނެވެ.

ރިއާސީ އިންތިޚާބުގެ ނަތީޖާ ތަސްދީގު ކުރުމަށް ބާއްވާ ކޮންގްރެސް (ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އާއި މަތިގޭގެ ގުޅިފައިވާ) ބައްދަލުވުމުގެ ރިއާސަތު ބަލަހައްޓަވާނީ، މަތިގޭގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެމެރިކާގެ ދުސްތޫރީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން މަތިގޭގެ ރައީސަކީ އެ ވަގުތަކު އެ ގައުމުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.

ޓްރަމްޕަށް އިޖާބަ ނުދެއްވައި، މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ކުރި ލިބިވަޑައިގެންނެވި ނަތީޖާ ތަސްދީގުކުރުމަށް، ޖެނުއަރީ 6، 2021 ގައި ބޭއްވި ކޮންގްރެސްގެ ޖަލްސާ ކުރިއަށް ގެންދަވަން ޕެންސް ނިންމެވުމުން، ޓްރަމްޕު ދެން މަސައްކަތްކުރެއްވީ އޭނާގެ ސަޕޯޓަރުން މެދުވެރިކޮށް އެކަމަށް ހުރަސް އެޅުއްވުމަށެވެ.

އެ ގޮތުން އެ ޖަލްސާ ފެށެން ކުޑަތަން ވެފައި ވަނިކޮށް ގާނޫނު ހަދާ މަޖިލީހުގެ އިދާރާ، ކެޕިޓޯލްއާ މާ ދުރު ނޫން ހިސާބެއްގައި ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ އެކު އެއްވުމެއް ބާއްވައި، އިދިކޮޅު ޑިމޮކްރޭޓުން އިންތިޚާބު ވަގަށް ނަގައި ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެއްވި އެވެ. އަދި "އެމެރިކާ ފޭރިގަންނަން" ޑިމޮކްރޭޓުން ކުރާ މަސައްކަތް ހުއްޓުވުމަށް، ގާނޫނު ހަދާ މަޖިލީހަށް ދިއުމަށް އޭނާ ގޮވައިލެއްވި އެވެ.

އޭނާގެ ގޮވައިލެއްވުމާއެކު، ދެ ހާހެއްހާ މީހުން ކެޕިޓޯލް އަށް ގޮސް ބައެއް މީހުން އިމާރާތަށް ވަދެގަނެ، އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ދިނެވެ. އެ މައްސަލައިގައި ހާހެއްހާ މީހުންނަށް ވަނީ ޖިނާއީ ތަފާތު ތުހުމަތުތަކުގައި ދައުވާކޮށްފަ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ހިންގި މި އަމަލަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އެމެރިކާގެ ޒަމާންވީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް މުގުރައިލެއްވުމުގެ އަމަލެއް ކަމަށް ބަލައި، އެ މައްސަލަ ތަހުގީގުކުރަން ނިންމީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުންނެވެ.

މި ހަތަރު ކުށުގެ ތެރެއިން، ދައުލަތަށް އޮޅުވައިލުމަށް ރޭވުމުގެ ކުށް އެކަނި ސާބިތުވިޔަސް، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެފަދަ ހުކުމެއް އިއްވައިފި ނަމަ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ.

ދައުލަތަށް އޮޅުވައިލުމަށް ރޭވުމުގެ ކުށުގެ އިތުރުން ދެން ހުރި ކުށްތަކުގައި ޓްރަމްޕަށް ދައުވާ ކުރަނީ، ޖެނުއަރީ 6، 2021 ގައި ބޭއްވި ކޮންގްރެސްގެ ބައްދަލުވުމަށް ހުރަސްއެޅުމަށް އޭނާގެ ސަޕޯޓަރުން، ގާނޫނު ހަދާ މަޖިލީހުގެ އިދާރާ، ކެޕިޓޯލް އަށް ފޮނުއްވި މައްސަލައިގަ އެވެ.

މި ކުށްތަކުގައި ޓްރަމްޕުގެ މައްޗަށް ދައުވާ ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ނިންމީ، ތަހުގީގުގައި ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ގާނޫނީ ވަކީލުންގެ ބަޔާންތަކުގެ މައްޗަށެވެ. އޭގެ އިތުރުން، ޓްރަމްޕުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ވާހަކަތަކުން ވެސް، އެ ތުހުމަތުތަކަށް ބާރު ލިބެ އެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އިންތިޚާބާ ބެހޭ ގޮތުން އޭނާ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ފަރާތުން ސްޕެޝަލް ކައުންސެލް ޖެކް ސިމިތު މަސައްކަތް ކުރައްވަނީ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ދޮރު ޓްރަމްޕަށް ބަންދުކުރުމަށެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައީސް ޔާމީން

07 August 2023

"އައި ފީލް ޔޫ" - ރައީސް ޔާމީން

The name is already taken The name is available. Register?

އެމު އޭ

07 August 2023

ތިޔަކަހަލަ ގޯނާ މިގައުމުގަ މާގިނަ

The name is already taken The name is available. Register?

ޖުހާ.

06 August 2023

މިއީ އަނިޔާވެރިއެއް. މީނަނޫން ގޮތެއް އެމެރިކާމީހުން ހޯދަންވެއްޖެ.

The name is already taken The name is available. Register?

ވީ

06 August 2023

މިގައުމުގެ ޓުރަންޕު މިހާރު އޮތީ ޖަލުގާ. ދެން ބަލަންވީ ތިގައުމުގެ ޓުރަންޕު އެތަނަށް ފޮނުވާލެވޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454