08 އޯގަސްޓް 2023 - 20:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުންނަށް ދޫކޮށްލެއްވީ އެމަނިކުފާނުގެ އަސާސީ ހައްގެއް ނިގުޅައިގެންފި ކަމަށް ގަބޫލު ކުރައްވާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ކަމަށާއި އެވަރުގެ ކުޑަ ޓެސްޓަކުން ދެ ޕާޓީގެ ސެނެޓު ފެއިލްވެ އެމަނިކުފާނަށް އިހާނެތިކޮށްހިތާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ތޯރިގު މިހެން ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވާފައި ވަނިކޮށް ޕީޕީއެމް/ޕީއެންސީގެ ސެނެޓުން އެ އެންގެވުން ބަލައިނުގަނެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަހަތަށް އަރަން ނިންމުމާ ގުޅިގެންނެވެ.
ރޭ ޕީޕީއެމް އޮފީހުގެ ކުރިމަތީ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓޮމް ވަނީ ސެނެޓަރުންގެ ނިންމުމާއި އެ މެންބަރުން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ޔާމީންގެ ނޯޓުކޮޅު އައިސްފައި ވަނީ އެމަނިކުފާނުގެ މަންމާފުޅު އަވަހާރަވުމާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޔާމީންގެ ފޯމް ރިޖެކްޓު ކުރުމާއި ސުޕްރީމް ކޯޓުން ވެސް އެމަނިކުފާނުގެ ހައްގު ގެއްލުވާލި ވަގުތެއްގައި ކަމަށެވެ.
އިންސާނަކު އަސަރުގައި ހުންނެވި ވަގުތެއްގައި ނިންމެވި ނިންމުމަކާ ދޭތެރޭގައި ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ކަންތައް ކުރެއްވި ގޮތާމެދު ހިތާމަ ކުރައްވާ ކަމަށް ޓޮމް ވިދާޅުވި އެވެ.
"ތެދުވެރިކަމަށް ދެއްކިގެން ކޮންމެ ފަހަރަކު ޔާމީން ދޫކޮށްލާ ދޫކޮށްލާ އޭ ގޮވާއިރު އިއްޔެ އެންމެ ޓެސްޓަކުން ޔާމީން ޓެސްޓު ކުރަން ދެންނެވީމާ ކީކޭތޯ ވިދާޅުވީ. ނޫނެކޭ،" ޓޮމް ވިދާޅުވި އެވެ.
ޓޮމް ވިދާޅުވި ގޮތުގައި ޔާމީންގެ ނޯޓު ކޮޅުގައި އޮތީ ވަރަށް އާދައިގެ ވާހަކައެކެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބެއްގައި ވާދަ ކުރުމުގެ އަސާސީ ހައްގު މި ސަރުކާރުން ނިގުޅައިގެންފި ކަމަށް ގަބޫލު ކުރާ ކަމަށާއި އެމަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރަމުން މިދަނީ ހައްގުގައިތޯ ނުހައްގުންތޯ ކަމަށް ޓޮމް ވިދާޅުވި އެވެ.
"މިދެންނެވި ނޯޓުގައި އޮތް އިބާރާތުގައި [ކަން ކުރެއްވީ] ރައީސް ޔާމީނާ ދޭތެރޭގައި ވަރަށް އިހާނެތި ގޮތަކަށް،" ޓޮމް ތަކުރާރު ކުރެއްވި އެވެ.
"ރައީސް ޔާމީން ބޮޑުކުރި ޕާޓީއެއް، މެމްބަރުންތަކެއް އެ ޕާޓީގެ އޮފީހުގައި ތިބެގެން ރައީސް ޔާމީނާ ދޭތެރޭގައި ދެއްކެވި ވާހަކަފުޅުތައް އަޅުގަނޑުގެ ހިތަކުން ފިލައިގެން ނުދާނެ."
ވޭތުވެދިޔަ ދުވަސްތަކުގައި ޕީޕީއެމްގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި އިންތިހާބެއް ބޮއިކޮޓް ކުރަން އެދުމުން އުނދަގޫ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޓޮމް ވިދާޅުވި އެވެ. ޔާމީން އާ މަޝްވަރާ ކޮށްގެން ގޮތެއް ހޯއްދެވޭނެ ކަމުގެ އުންމީދު ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސެނެޓަރުން އެ ޓެސްޓުން ވަރަށް ބޮޑަށް ފެއިލްވީ ކަމަށް ޓޮމް ވިދާޅުވި އެވެ.
އެހެންވެ، ޕީޕީއެމްގައި ތިއްބެވި ޔާމީންގެ ސަޕޯޓަރުން އަރިހުން ޓޮމް އެދިވަޑައިގެންނެވީ އެ މެންބަރުންގެ ހިތުން ޔާމީންގެ ނަން ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އެހެން ޕާޓީތަކަށް ދިމާވި ހާލަތު ޕީޕީއެމް އަށް ވެސް ދިމާވެދާނެ ކަމަށް ބަލައި ޔާމީންގެ ޓީމުތައް ރުކުރުވާލަން ޖެހޭ ކަމަށް ޓޮމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުޓްބޯޅަ
09 August 2023
5 އަހަރު ތިބެފިން މަގުމަތީގައި ވަޒީފާއެއް ނެތީ. މިހާރު ފައިނަލް ކުރަންވީ އަނެއް 5 އަހަރު މަގުމަތީގައި ތިބެން. ކަލޭ ދޯ؟ މަޖްލިސް މުސާރަ ލިބިގެން ހުރި މީހާގެ ސިކުޑި ހުންނާނީ ކުޑަކޮށް ދުޅަވެފައި. ނުވިސްނޭނެ. ނަފްސާނީ ގުޅައެއް ކާލާފައި ވާހަކަ ދައްކަބަލަ.
ޢެޑްމުންޑޯ
09 August 2023
އެއީ ޓެސްޓެއްނޫން ، ރީތިކުރަން ނޫޅޭ ، އެއީ ޔާމީނުގެ އަމިއްލަ އެދުން ބޮޑުކަމާއި އެހެންމީހަކު ޕީޕީއެމުން ނުވަތަ ޕީއެންސި އިންވެސް ކުރިމަތިލިއަނުދިނުން ، އެކަމކު ، އެކަމުންވެސް ޔާމީނުގެ އަގުވެއްޓި ފެއިލް ވެގެން އެދިޔައީ ،
ޙަސަން އަޙްމަދު
09 August 2023
އަމިއްލަ ކެނޑިޑޭޓުން ކުރިމަތިލާ އިރު ގިނަ ފައިސާތަކެއް ދައްކަން ޖެހެނީ ރިޔާސީ އިންތިޚާބު ކުޅިވަރަކަށް ހެދިޔަ ނުދޭށޯ. އެކަމަކު ބޮޑެތި ޕާޓީތަކުން ފާޅުގައި މި ގޮވަނީ ކެންޑިޑޭޓު ނެރެނީ ވަކި މީހެއްގެ އުފަލާ ހިތާމައައްޓަކާ ކަމަށް. ދިވެހި ގައުމައްޓަކައި ގައުމުގެ މައްސަލަތަކާއި ގައުމުގެ މަސްލަހަތުތަކައްޓަކަައި ކެންޑިޑޭޓުން ކުރިމަތިލުމުގެ ވާހަކައެއް ނޫން.
ބަރާބަރު
09 August 2023
"އެމީހަކު ކަންކުރި ގޮތަކަށް އެމީހަކާމެދުވެސް ކަންކުރެވޭނެ." މިއީ ވަރަށް ވަރުގަދަ ވާހަކައެއް. ޔާމީން ތިޕާޓީގެ މައްޗަށް އަތްގަދަކުރިގޮތް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވޭ. އެހެންވީމާ ހަމަ އެގޮތަށް އަތްގަދަ ކުރާނެ އެހެން މީހަކު ފެނުމަކީ ނުވެ ނުދާނެ ކަމެއް.
ވައްކަރު
09 August 2023
ސެނެޓެއްނޫން ފެއިލްވީ. ފެއިލްވީ ޓޮމް. ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކުޅިބަލަން ތިބޭކަށް ގަބޫލެއް ނުކުރެވޭނެ. މިކަން ޓޮމްއަށް ނުވިސްނުނީތީ ހިތާމަކުރަން. ހަގީގަތުގައި ޔާމީނަށް ހެވެއް އެދޭނަމަ ރިޔާސީ އިންތިޚާބަށް ކުރިމަތިލާންޖެހޭ. އަދި ޔާމީނަށް ލުޔެއް ދެވެން އޮތީވެސް އިންތިޚާބު ކާމިޔާބުކޮށްގެން.
އަފްރާސިޔާބު
09 August 2023
އަޅެ ކީއްކުރަން އެދޭ ހެވެއްހޭ؟ ޖަލުގައި ތިބި އެންމެނަށް ތި ހެޔޮ އެދި ބަލަ. ގައިމުން ޔާމީނު ނުނަަސް ޖަލަށް ހުކުމް ކޮށްފައި އެތައް ބަޔަކު އެބަތިބި. އޭނާ އަށް ހައްގު ނޫން ހުކުމެއް އިއްވިއްޔާ ކޯޓުން އެކަން ނިންމާނީ. ކަލޭމެން ޕްރެޝަރ ކޮށްގެން ކުށްވެރިން ޖަލުން މިނިވަން ކުރަނީ އިމިއްލަ އެދުން ބޮޑުވީމާ. ތީ ކޮންމެހެން ޔާމީން ދެކެ ލޯބިން އުޅޭ ބައެއްނޫން. ކޮންމެވެސް އެއްޗެއް ހޯދުމުގެ ބޭނުމުގައި.
ރިޕަބްލިކަން
09 August 2023
ޔާމީނު ދެން އަންނި އެއުޅޭގޮތަށް އާ ޕާޓީއެއް އުފައްދަންވީނުން. ދަ ރިޕަބްލިކަންސް ރަނގަޅުވާނެ ނަމަކަށް.
އިބުރާ
09 August 2023
ދަ ޕްރިސަންސް ވެސް ރަގަޅުވާނެ
ރައީސް
09 August 2023
ޕާޓީތައް ދާނީ އެކި ދައުރަށް ބަދަލުވަމުން. ޕޕމ އަކީ ރމ އުފެއްދެވި ޕާޓީއެއް. ދެން އައީ ރޔ ދައުރު. އެ މިހާރު އެ ނިނުނީ. މިހާރު މީ މުއިއްޒު ދައުރު. ދެން ކުރިޔަށް އޮތް 5 އަހަރަށް ނޫނީ 10 އަހަރަށް ޕާޓީގެ ވެރިޔަކަށް ވާނީ މުއިއްޒު. އޭގެ ފަހުން އަނެއްކާވެސް އެހެން މީހެއް އަންނާނެ.
ހަލީލް އަޙްމަދު
09 August 2023
ކޮންމެ މީހަކުވެސް އުޅެނީ ބޮޑުމީހާ ގާތު ބޮޑުވާން، ޓޮމްވެސް އެގޮތަށް އުޅެނީ.
އިބުރާ
09 August 2023
މަވެސް އެނޯޓުގެ މައުލޫމާތު ލިބުނީމަ ހިތަށް އެރީ މިއޮތީވާ މޮޅު އެއްޗެއް ހަދާލާފައޭ. އެކަމަކު މުއިއްޒު އޭތި ޔާމީންގެ އަތަށް ގޮއްވާލައިފި. އޭގަ ބުނެފަ އޮތީ ކޯޓު ހުކުމް އިންސާފުވެރި ނޫން ކަމަށް ވާނަމަ އިންތިޚާބު ބޯއިކޮޓު ކުރަން. އެހެން ވީމާ ސެނެޓުން އެނިންމީ ކޯޓު ހުކުމް އިންސާފުވެރިއޭ. ޔާމީނާއި އޭނަ އިސްވެރިން މިހުރިހާ ދުވަހަކު ހެދީ ދޮގޭ
ޓޮމްބެ
09 August 2023
ޓޮމް ވަރުގެ ސިޔާސީ ކަނޑުކޮހެއް އަދި މިއުޑުދަށަކުން އަޅުގަނޑު ނުދެކެމެވެ