16 އޯގަސްޓް 2023 - 12:23
އެމެރިކާ ސިފައިންގެ މީހާ ޓްރެވިސް ކިންގް އުތުރު ކޮރެއާގެ ސަރަހައްދަށް މިދިޔަ މަހު ހުރަސްކުރީ ސިފައިންގެ ތެރޭގައި "ލާއިންސާނީ އަނިޔާވެރިކަމާއި ނަސްލީ ތަފާތުކުރުން" ގެ ސަބަބުން ކަމަށް އެ ގައުމުން ބުނެފި އެވެ.
ޕްރައިވެޓް ކިންގު ދެކުނު ކޮރެއާގައި ސްޓޭޝަން ކޮށްފައި ހުރުމަށްފަހު އެނބުރި އެމެރިކާއަށް ދާން ހަމަޖެހިފައިއޮތީ ޖުލައި 18 ވަނަ ދުވަހު އެވެ. އެކަމަކު ފުރަން އެއާޕޯޓަށް ދިޔުމަށްފަހު، ޓޫރިސްޓު ގުރޫޕަކާ އެކު ދެ ކޮރެއާ ވަކިކުރާ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) އިން ދުވެފައިގޮސް ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާ އަށް އެތެރެވި އެވެ.
ކިންގް އުތުރު ކޮރެއާގައި ހިފަހައްޓާފައިވާ ކަމުގެ އަޑުފެތުރިފައިވަނިކޮށް، އޭނާ ބޯޑަރު ހުރަސްކުރީ އެމެރިކާގެ އަސްކަރިއްޔާގެ ތެރޭގައި ނަސްލީ ތަފާތުކުރުން ބޮޑުވެގެން ކަމަށް އުތުރު ކޮރެއާއިން ރަސްމީކޮށް ވަނީ ބުނެފަ އެވެ.
އަދި އޭނާ ބޭނުންވަނީ އުތުރު ކޮރެއާ ނޫނީ އެހެން ގައުމަކުން ހިމާޔަތް ހޯދަން ކަމަށް ވެސް އެ ގައުމުން ބުންޏެވެ.
އެކަމަކު އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ޕްރައިވެޓް ކިންގް އަކީ އަހިލާގީ މައްސަލަތަކެއްގައި މީގެ ކުރިން ފިޔަވަޅުއަޅާފައިވާ މީހެކެވެ. އަދި ދެކުނު ކޮރެއާގައި ހުރި އިރު، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ތަހުގީގު ހިންގަން ވެސް އެމެރިކާ ސިފައިން އޮތީ ނިންމައިފަ އެވެ.
ކިންގްގެ އާއިލާއިން މީގެ ކުރިން ބުނީ، އަސްކަރިއްޔާގެ ތެރެއިން ނަސްލީ ފުރައްސާރަކުރުމުގެ ހާދިސާތައް ހިއްސާކޮށްފައިވާ ކަމަށާއި، އޭނާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ކިންގް އާ މެދު އަމަލުކުރާނެ ގޮތެއް ދެކުނު ކޮރެއާ އަދި ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދޭ
16 August 2023
އުތުރު ކޮރެއާއަށް ދިއުމުން ކިންގު އާމެދު އަމަލުކުރާނެ ގޮތެއް ބުނަންޖެހެނީ ދެކުނު ކޮރެއާއިންތަ؟