ޚަބަރު / ހައި ކޯޓް

އެމްއެންބީސީގެ ދަރަނިން 30 މިލިއަން ޕީއެސްއެމުން ދެއްކި ގޮތާ މެދު ހައި ކޯޓުގެ ފަނޑިޔާރުން ސުވާލު އުފައްދައިފި

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް ދޭންޖެހޭ 78 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ދެއްކި ގޮތާ މެދު ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދަވައިފި އެވެ.

ދައުލަތުގެ މީޑިއާ ހިންގަން އުފެއްދި އެމްއެންބީސީ އިން ބިގާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 78 މިލިއަން ރުފިޔާ ދައްކަން އެމްއެންބީސީގެ މައްޗަށް ސިވިލް ކޯޓުން ކުރިން ހުކުމް ކުރިއިރު ދައުލަތުގެ މީޑިއާ ހިންގުން އޮތީ ޕީއެސްއެމްގެ ދަށަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެމްއެންބީސީ އުވާލާފައެއް ނުވެ އެވެ.

ބިގަށް އެމްއެންބީސީން ދައްކަންޖެހޭ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ 2020 ވަނަ އަހަރު ޕީއެސްއެމުން ދެއްކި އެވެ. އެކަމަކު ފަހުން ޕީއެސްއެމުން ވަނީ އެއީ ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އެމްއެންބީސީގެ ދަރަންޏަށް ޕީއެސްއެމުން ޒިންމާވާން ޖެހުނީ ކީއްވެގެންތޯ ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ. އެމްއެންބީސީ މިހާރު ވެސް ވުޖޫދުގައި އެބައޮތްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޕީއެސްއެމްގެ ވަކީލުން ވިދާޅުވީ ދައުލަތުގެ މީޑިއާ ހިންގުން ގާނޫނެއްގެ ދަށުން ޕީއެސްއެމްގެ ދަށަށް ބަދަލު ކުރިޔަސް، އެމްއެންބީސީ އަދިވެސް އެބައޮތް ކަމަށެވެ. އެކަމަކު އެ ކުންފުނި އަދިވެސް އޮތީ އުވާލުމުގެ މަރުހަލާގައި ކަމަށް ޕީއެސްއެމްގެ ވަކީލުން ވިދާޅުވި އެވެ.

އެމްއެންބީސީ ވުޖޫދުގައި އޮއްވާ އެ ކުންފުނީގެ ދަރަނި ޕީއެސްއެމުން ދެއްކީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވުމުން ޕީއެސްއެމްގެ ވަކީލުން ވިދާޅުވީ އެ ފައިސާ ނުދައްކަން 2016 ވަނަ އަހަރު ނިންމާފައި އޮތުމަށް ފަހު، ފައިސާ ދައްކަން ޕީއެސްއެމްގެ ބޯޑުން ފަހުން ނިންމީ ޕްރައިވެޓައިޒޭޝަން ބޯޑުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އެމްއެންބީސީގެ އެއްބަސްވުންތައް ޕީއެސްއެމަށް ބަދަލުވިއިރު ބިގްގެ އެއްބަސްވުން އެ ކުންފުނީގެ ދަށަށް ބަދަލުނުވާ ކަމަށް ޕީއެސްއެމްގެ ވަކީލުން ވިދާޅުވި އެވެ.

"ހަގީގަތުގައި ޕީއެސްއެމްއަށް ބިގްގެ ކޮންޓްރެކްޓް ބަދަލުވެގެނެއް ނުދޭ،" ޕީއެސްއެމްގެ ވަކީލް ވިދާޅުވި އެވެ.

އެހެންވީއިރު، އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދެއްކީ ކީއްވެގެންތޯ ބެންޗުން ސުވާލު އުފެއްދެވި އެވެ.

"ފައިސާ ދައްކާފައި. އެ ހުކުމަކީ ތި ބޭފުޅުންގެ މައްޗަށް އޮތް ހުކުމެއް ކަން އެހެން މީހުންނަށް ގަބޫލު ކުރެވޭ ގޮތަށް އަމަލު ކޮށްފައި، 30 މިލިއަން ރުފިޔާ ދައްކާފައި މިހާރު ތި ބޭފުޅުން ތި ވިދާޅުވަނީ ގަބޫލެއް ނުކުރަމޭ ތި ބޭފުޅުންގެ މައްޗަށް އޮތް އެއްޗެއް ކަމަކަށް،" ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވި އެވެ.

"ޕީއެސްއެމްގެ ބޯޑުން ނުނިންމާތޯ އެހެން ތަނެއްގެ ދަރަނި ދައްކަން. ވަރަށް ބައިވަރު މީހުން ތިބޭ ނޫންތޯ ދަރާފައި."

ޕީއެސްއެމްގެ ވަކީލުން ވިދާޅުވީ ފަހުން ހުރި ލިޔުންތައް ބެލިއިރު އެމްއެންބީސީގެ ހުރިހާ އެއްބަސްވުންތަކެއް ޕީއެސްއެމަށް ބަދަލުނުވާ ކަމަށެވެ. ބިގާ އެކު ހެދި އެއްބަސްވުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލުނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ފަނޑިޔާރުން ވިދާޅުވީ ކޯޓުން ބޭރުގައި ކުންފުނިތަކުން "ކުޅޭ ކުޅިވަރުތައް" ކޯޓަށް ނޭނގޭނެ ކަމަށާއި އެހެންވެ، ދަރަނިތަކާ މެދު އެމްއެންބީސީ އާއި އެމްބީސީގެ އިތުރުން ޕީއެސްއެމްއިން އަމަލުކުރަން ނިންމި ގޮތް ލިޔުމުން ހުށަހެޅުމަށް ފަނޑިޔާރުން އެންގެވި އެވެ.

"ފައިސާ ދައްކަންވީމަ އެކި ތަންތަނުން މި އަންގަނީ އެތަނަށް ފައިސާ ދައްކާ، މިތަނަށް ފައިސާ ދައްކާ. އެއީ ކުންފުނީގެ ނިޒާމެއް ނޫނެއް ނޫންތޯ." ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ކުންފުނިތަކުން ޒިންމާވާން ނުޖެހޭ ދަރަނިތައް ދައްކައިގެން ނުވާނެ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ފަހު އެއީ ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް ބުނެ ފަހުން ކޯޓުތަކަށް އަޔަސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

"ބޯޑަށް ނިންމޭތޯއޭ އެ ބޭފުޅުންނާ ނުބެހޭ ދަރަނިތައް ދައްކަން. މި ގައުމުގައި އެބަހުއްޓޭ އެތައް ބައިވަރު ދަރަނިވެރިން،" ބެންޗުން ސުވާލު ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށްފަހު އެވެ.

ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއްކަލާބެ

21 August 2023

ތިޔަ ފައިސާ ދެއްކިބަޔަކު ތިކަމަށް ޒިންމާވާން ޖެހޭނެ. ކޯޓުގެ ނިންމުން ބޯޑަށް ބަދަލުކުރެވޭތަ. ކުފޫހަމަނުވާ މީހުންނާ ތަންތަން ޙަވާލު ކުރީމާ ވާނެހަތަރެތިވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454