ދުނިޔެ / އިމްރާން ޚާން

އިމްރާން ޚާން އިތުރު ދެ ހަފުތާއަށް ޖަލަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން: އިތުރު ދެ ހަފުތާއަށް އޭނާ ޖަލުގައި ބަހައްޓަން ދަށު ކޯޓުން ވަނީ އަމުރުކޮށްފައި.

30 އޯގަސްޓް 2023 - 13:22

4 comments

ކޮރަޕްޝަންގެ ކުށުގައި ތިން އަހަރަށް ޖަލަށް ލާފައި ހުރި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކަފާލާތުގެ ދަށުން މިނިވަންކުރުމަށް އިސްލާމް އާބާދުގެ ހައި ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނިކޮށް، އިތުރު ދެ ހަފުތާއަށް އޭނާ ޖަލުގައި ބަހައްޓަން ދަށު ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އިމްރާންގެ ވަކީލުން ވިދާޅުވި ގޮތުގައި އޭނާ އިތުރު ދެ ހަފުތާ އަށް ޖަލުގައި ބަހައްޓަން ދަށު ކޯޓުން އަމުރުކުރީ، ދައުލަތުގެ ސިއްރުތަކެއް ލީކް ކޮށްލުމުގެ ތުހުމަތުގައި މިހާރު ކުރަމުންދާ ތަހުގީގުގެ ބޭނުމަށެވެ. ދެ ހަފުތާ އަށް ޖަލުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ދަށު ކޯޓުން އަމުރު ކުރީ، އެޓޮކް ސަހަރުގެ ޖަލުގެ އިދާރީ ބައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.

ކޯޓުގެ އެ ނިންމުމާ ގުޅިގެން މިފެށޭ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިމްރާން ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. މިހާރު ކުރަމުންދާ ތަހުގީގުގައި އިމްރާންގެ މައްޗަށް ތުހުމަތު ކުރަނީ، އެމެރިކާގައި ހުންނަ ޕާކިސްތާނުގެ ސަފީރު، އެމެރިކާ ސަރުކާރަށް ފޮނުވި ސިއްރު ލިޔުމެއްގައި ހުރި ވާހަކަތަކެއް، ސިޔާސީ މަންފާއަކަށްޓަކައި އާންމުކުރެއްވި ކަމަށެވެ.

އިތުރު ދެ ހަފުތާ އަށް ޖަލުގައި ބަހައްޓަން ކުރި އަމުރާ ވިދިގެން ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރުމަށް، އިމްރާންގެ ވަކީލުން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. ކަފާލާތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮރަޕްޝަންގެ ކުށުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމަށް، ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗުން އިއްޔެ އަމުރު ނެރުނީ، އެ ހުކުމަށް އަމަލުކުރުން ހުއްޓުވައިދިނުމަށް އެދި އޭނާގެ ފަރާތުން ހައި ކޯޓަށް އިއްޔެ ހުށަހެޅުމުންނެވެ. ހުކުމަށް އަމަލުކުރުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ، ދަށު ކޯޓުގެ އެ ހުކުމްގައި އިޖުރާއީ އުނިކަންތަކެއް އެކުލެވޭ ކަމަށް، ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ބުނުމާ ގުޅިގެންނެވެ.

އެހެންކަމުން އިމްރާންގެ ފަރާތުން އެދުނު ގޮތަށް، ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރުން ހުއްޓައިލުމަށް ވެސް، ހައި ކޯޓުން އިއްޔެ ހުކުމް ކުރި އެވެ.

ދަށު ކޯޓުގެ ހުކުމްގެ ބާރު ކަނޑުވާލައި ކަފާލާތުގެ ދަށުން މިނިވަން ކުރިޔަސް، އިމްރާންގެ ކުރިމަތީގައި ހުރި ހުރަސްތައް ނެތިގެންދާން އަދި ކައިރި ވެސް ނުވެ އެވެ. އޭގެ ތެރެއިން މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މި އަހަރުގެ މެއި މަހު އިމްރާން ހައްޔަރުކުރުމާ ވިދިގެން ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި އިމްރާންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، އެންޓިޓެރަރިޒަމް ކޯޓުން އޭނާ ހައްޔަރުކޮށްގެން ތަހުގީގު ކުރުމަށް މިދިޔަ ހަފުތާގައި ނެރެފައިވާ އަމުރެވެ.

ޕާކިސްތާން ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މެއި މަހުގެ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީ އެވެ. އެ ތުހުމަތުގައި އެ ޕާޓީގެ އިސް ވެރިންތަކެއް ހައްޔަރުކޮށް ބައެއް މީހުންގެ މައްޗަށް ދައުވާކޮށް އަދި ބައެއް މީހުންގެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޮގަސްޓް 5، 2023 ގައި އިސްލާމް އާބާދުގެ ކޯޓުން އިމްރާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ދުވަސްވަރު (2018-2022) ހިންގެވި ކޮރަޕްޝަންގެ ކުށްތަކެއް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ. އެއީ ބޮޑުވަޒީރުގެ ހައިސިއްޔަތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ބައެއް ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، އެ މުއާމަލާތުގެ މައުލޫމާތުތައް ސަރުކާރުގެ ރަސްމީ އިދާރާތަކަށް ސިއްރު ކޮށްފައި އޮތުމުންނެވެ.

އޭނާ ވިއްކަވައިލެއްވި ތަކެތީގެ އަގު 140 މިލިއަން ޕާކިސްތާން ރުޕީ (497500 ޑޮލަރު) އަށް އަރާ ކަމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެ އެވެ. މި މައްސަލައިގެ ހުކުމުގައި ފަނޑިޔާރު ހުމައްޔޫން ދިލާވަރު ވިދާޅުވެފައިނީ އިމްރާން ޚާންގެ އަމާނާތްތެރިކަމެއް ނެތް ކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ބަތަލަކަށް ވުމަށް ފަހު، ސިޔާސީ މައިދާނަށް ވަދެވަޑައިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ އިމްރާންގެ މައްޗަށް 100 އަށް ވުރެ ގިނަ ޖިނާއީ ދައުވާ ކޯޓަށް ހުށަހަޅާފައި އެބަ އޮތެވެ.

އިމްރާން ޚާން ވިދާޅުވާ ގޮތުގައި ސަރުކާރުގެ މަގްސަދަކީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ނުދިނުމެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ޕާކިސްތާނުގެ އާންމު އިންތިޚާބު ބާއްވަންޖެހެ އެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން އެ ގައުމުގެ ރައީސް އާރިފް އަލްވީ، މިމަހުގެ 9 ވަނަ ދުވަހު ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި ވަގުތީ ސަރުކާރެއް އެކުލަވާލައިފަ އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަން އޮފް ޕާކިސްތާން (އީސީޕީ) އިން ބުނެފައިވަނީ، އެންމެ ފަހުގެ ބޯހިމެނުމުގައި އާބާދީއަށް އައި ބަދަލުތަކަށް ބިނާކޮށް، އިންތިޚާބީ ދާއިރާތަކުގެ އިންތައް އަލުން ކަނޑައެޅުމަށް ފަހުގައި ނޫނީ އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. އަދި އެކަމަށް ހައެއްކަ މަސްދުވަސް ނަގާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިމީހާ1

03 September 2023

މި ގައުމުގެ ވެރިންގެ އެކައުންޓް ތަކަށް މިލިއަން ޑޮލަރު ޖަމާވެގެން އެކަމާ ހެދި ކޯޓްތަކުން ހުކުމް ކޮށްފަ ޖަލަށްލާފަ ހުރި އިރުވެސް އަދިވެސް މި ކިޔަނީ އެއީ ހަރާމް ހުކުމެކޭ! އަޖައިބުވާ ވަރުވޭ ދިވެހިންގެ ވިސްނުމަށް. ދިވެހިންގެ މިހާރުގެ ވިސްނުން ހުރި ހިސާބަކީ، ވެރިކަމަށް އަންން މީހެއް ވިއްޔާ ވައްކަން ކުރާން ޖެހޭނެއޭ، ރިޝްވަތު ނަގަން ޖެހޭނެއޭ. ދައުލަތް ލޫޓުވާލަން ޖެހޭނެއޭ ބުނާ ހިސާބުގައި.

The name is already taken The name is available. Register?

އަބްޑޫޅް +

31 August 2023

ޕާކިސްތާނުގެ އިސްލާމީ ޖުމްހޫރިއްޔަތުގަ، މަތީ ކޯޓަށް ވުރެން ދަށު ކޯޓު ގެ ބާރުގަދައީ ދޯ؟

The name is already taken The name is available. Register?

ޖުހާ.

30 August 2023

ޕާކިސްތާނުގައި ވެރިކަންކުރަނީ އެމެރިކާގެ ޕަޕެޓުން. އާހިރަތުގެ ޢަޛާބައްވުރެ އެމީހުން އެމެރިކާދެކެ ގަންނަބިރު މާބޮޑު.

The name is already taken The name is available. Register?

އަލްމުދިޝް

30 August 2023

ވެރިކަން : މީ ފަހެ މުސީބާތެއް ލައިގަތުން ހެއްޔެވެ؟ ކައްވަޅުގެ އަޒާބުން ސަލާމަތް ވެގެންފި މީހާއަށް ދެވަނައަޒާބެއް ނެތެވެ. ނަމަވެސް ދުނިޔެވީ ހަޔާތުގަމިކަމުން މީހަކު ސަލާމަތް ވުންއޮތީ މަރުވީމާ ނޫންތޯޢެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454