ރިޕޯޓް / މަރުގެ އަދަބު

މަރުގެ ހުކުމަށްފަހު ނިމުމެއް ނެތް ބަންދެއްގައި!

ރާއްޖޭގެ މަރުގެ ހުކުމް އިއްވިޔަސް، އެ އަދަބު ތަންފީޒު ނުކުރާތީ އެ މީހުން ތިބެނީ ނިމުމެއް ނެތް ބަންދެއްގައި

މީހެއްގެ އަތުގައި ބިޑި އަޅުވަނީ: މަރަން ހުކުމް ހުކުމް ކުރިޔަސް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރާތީ އެފަދަ މީހުން ތިބެނީ ނިމުމެއް ނެތް ބަންދެއްގައި

މަރުގެ އަދަބު އަދަބަކީ ރާއްޖޭގެ ގާނޫނުގައި މިހާރު ހުރި އަދަބުތަކުގެ ތެރެއިން ތަންފީޒު ނުވާ ހަމައެކަނި އަދަބެވެ. އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގެ ދަށުން ގަސްދު މަރުގެ މައްސަލަތަކުގައި މަރަށް މަރު ހިފުމާއި މައާފް ދިނުމަކީ ވާރިސުންނަށް އޮތް ބާރަކަށް ވާތީ ކޯޓުތަކުން މަރުގެ ހުކުމް އިއްވަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އިސްތިއުނާފް މަރުހަލާތައް ވެސް ނިމިއްޖެ އެވެ. ނަމަވެސް އަދަބު ތަންފީޒު ނުވެ، އެ މީހުން ތިބީ މުއްދަތެއް ނެތް ގޮތަށް ބަންދުވެފަ އެވެ.

ރާއްޖޭގައި މަރުގެ ހުކުމެއް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ދެމެހެއްޓީ 2016 ވަނަ އަހަރު އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިތުރު ދެ މީހެއްގެ މަރުގެ އަދަބު ވެސް ސުޕްރީމް ކޯޓުން ދެމެހެއްޓި އެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރަން އޭރު ތައްޔާރު ވެސް ވި އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމަށް ފަހު ހުރިހާ ސަރުކާރެއްގައި ވެސް ސިޔާސަތު އޮތީ މަރުގެ އަދަބު ތަންފީޒު ނުކުރާ ގޮތަށެވެ. އެހެންވެ، އެފަދަ މީހުން ތިބެނީ މުއްދަތެއް ނެތް ގޮތަށް ޖަލުގައި ބަންދުކޮށްފަ އެވެ.

ނަތީޖާއަކަށް ވަނީ މަރުގެ ހުކުމެއް އޮތުމުން އެފަދަ މީހުން ޖަލުން ދޫކުރެވޭކަށް ނެތެވެ. އަނެއްކޮޅުން ސަރުކާރުތަކުގެ ސިޔާސަތު އޮތްގޮތުން އިސްތިއުނާފް ނިމުނަސް މަރުގެ ހުކުމް ތަންފީޒު ކުރެވޭކަށް ނެތެވެ. މާނައަކީ އެ މީހުން އެ ތިބީ ނިމުމެއް ނެތް، "ވާނުވާ" ބަންދެއްގަ އެވެ. މައްސަލައަކީ މިއީ އެވެ.

އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައި ތިބޭ މީހުންނާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ ހުކުމުގެ މުއްދަތު ހަމަވުމުން ނުވަތަ މައާފް ލިބުމުން ކޮންމެވެސް ދުވަހަކު މިނިވަންވާނެ އެވެ. ނަމަވެސް މަރަން ހުކުމް ކޮށްފައި ތިބޭ މީހުންނަށް މައާފް ދިނުން ނުވަތަ އަދަބު ލުއިކޮށް ދިނުމުގެ ބާރެއް ގާނޫނީ ގޮތުން ދައުލަތަށް ނޯވެ އެވެ. އެހެންވެ، އެ މީހުންނަށް އޮތީ މަރުގެ އަދަބު ތަންފީޒު ކުރަންދެން ނުވަތަ މަރުވަންދެން ޖަލުގައި ތިބުމެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ އާ ވައްތަރެއްގެ "ވާނުވާ" ބަންދެކެވެ.

"މަރަން ހުކުމް ކޮށްފައި އެ އަދަބު ތަންފީޒު ނުކޮށް ޖަލުގައި ބެހެއްޓުމަކީ މާ ބޮޑު އަނިޔާވެރި ކަމެއް."

ދާދިފަހުން ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މި ސުވާލު އަމާޒުވުމުން އެ އޮފީހުގެ ޖަވާބަކަށްވީ ވެސް އިސްތިއުނާފް މަރުހަލާ ނިމުމުން މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ޕީޖީ އޮފީހަށް އޮތް ބާރަކަށް ނުވާތީ އެ އޮފީހަށް ކުރެވޭނެ ކަމެއް ނެތެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

އަނެއްކޮޅުން ޖަލުތައް ތޮއްޖެހުމުގެ މައްސަލަ ބޮޑުވަމުން ދާއިރު، މިފަދަ މީހުން މުއްދަތެއް ނެތްގޮތަށް ޖަލުގައި ބައިތިއްބަން ޖެހުމަކީ ވެސް ކުރިއަށް އޮތް ތަނުގައި ގޮންޖެހުމަކަށް ވެދާނެ އެވެ. ސަބަބަކީ މަރަން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން އިސްތިއުނާފް ހިނގަމުންދާ އެތައް ބަޔަކު ވެސް ޖަލުގައި ތިބުމުންނެވެ.

މަރުގެ އަދަބު ތަންފީޒު ނުކޮށް ޖަލުގައި ބެހެއްޓުމަކީ ކުށްވެރިޔާއަށް ދެވޭ "އަނިޔާއެއް" ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް ކުރިން ނިންމާފައިވެ އެވެ. މަރަން ހުކުމް ކޮށްފައި ހުރި މީހެއްގެ އަދަބު ތަންފީޒު ކުރުން ލަސްކުރި މައްސަލައެއްގައި އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފް މަރުހަލާ ނިމުމަށްފަހު އެކަށީގެންވާ ސަބަބެއް ނެތި، މަރުގެ އަދަބު ތަންފީޒު ނުކުރާނަމަ އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ.

އެކަމަކު މީގެ އަނެއްކޮޅަށް ވިސްނާއިރު މީހުން މެރުމުގެ ކުށް ސާބިތުވެފައި ތިބި ބަޔަކު މަރުގެ އަދަބު ތަންފީޒު ނުކުރެވޭތީ ކަމަށް ބުނެ މުޖްތަމައުގެ ތެރެއަށް ދޫކޮށްލުމަކީ ވެސް އިތުރު ނުރައްކަލެކެވެ. އެހެންވެ، މިކަމަށް ހޯދަން ޖެހެނީ ގާނޫނީ އެހެން ހައްލެކެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަރުގެ ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމިފައިވާ މީހުން ޖަލުގައި ބައިތިއްބަނީ އެއްވެސް ގާނޫނީ ހަމައެއް ނެތި އެވެ. އަދި ވާރިސުން މަރަށް މަރު ހިފަން ބޭނުންވާނަމަ މަރުގެ އަދަބު ތަންފީޒު ނުކޮށް ޖަލުގައި ނުބޭތިއްބޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މަރުގެ އަދަބު ތަންފީޒު ނުކުރަންޏާ މުޅި އުމުރު ދުވަހު ހައްޔަރުކޮށްގެން ގެންގުޅެގެން ނުވާނެ. އެއީ މަރަން ހުކުމް ކޮށްފައި އެ އަދަބު ތަންފީޒު ނުކޮށް ޖަލުގައި ބެހެއްޓުމަކީ މާ ބޮޑު އަނިޔާވެރި ކަމެއް އެއްގޮތަކުން ބަލާއިރު." މަރަން ހުކުމްކުރި މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

"ދައުލަތުގެ ސިޔާސަތާއި ސަރުކާރުތަކުގެ ސިޔާސަތުތަކާއި މިކަންކަން އެބަހުރި."

އޭނާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒު ނުކުރާނަމަ ދެން އޮތް ހައްލަކީ ޖަލުގައި ހުންނަތާ ވަކި މުއްދަތެއް ވުމުން، މަރުގެ ހުކުމް ތަންފީޒުވީ ކަމަށް ގާނޫނުގައި ލިޔުމެވެ. އޭރުން މަރުގެ އަދަބު ތަންފީޒު ކުރުން ނުވަތަ ނުކުރުމާ މެދު ގޮތެއް ނިންމަން ސަރުކާރަށް ލާޒިމްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގައި ލިޔަންވީ މިސާލަކަށް، މަރަން ހުކުމް ކުރާ މީހުން ހުކުމަށްފަހު ޖަލުގައި ތިބޭތާ 25 އަހަރުވީމަ ދެން އެ އަދަބު ތަންފީޒު ކުރެވުނީ ކަމަށް ބަލަންޖެހޭ ގޮތަށް." އޭނާ ވިދާޅުވި އެވެ.

މާފުށީ ޖަލު --- ފޮޓޯ/މިހާރު

ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ އިސް ބޭފުޅަކު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކޮށް ޖަލުގައި ބައިތިއްބަނީ އެފަދަ މީހުންގެ މުޖްތަމައުގެ ތެރެއަށް ދޫކޮށް ނުލެވޭނެތީ އެވެ. ނަމަވެސް އަދަބު ތަންފީޒު ނުކުރެވެނީ ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އޭނާ އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ބައިވަރު ސަބަބު އެބަހުރި. ދައުލަތުގެ ސިޔާސަތާއި ސަރުކާރުތަކުގެ ސިޔާސަތުތަކާއި މިކަންކަން އެބަހުރި." ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.

މަރުގެ އަދަބު ދިނުމަކީ ރާއްޖޭގެ ގާނޫނުގައި އޮތް އަދަބެކެވެ. ނަމަވެސް ހުރިހާ ސަރުކާރަކުން ދަމަހައްޓަމުން އަންނަ ސިޔާސަތެއްގެ ސަބަބުން އެ އަދަބު ތަންފީޒު ނުކުރެވުމުގެ ނަތީޖާއަކީ އެފަދަ މީހުން ނިމުމެއް ނެތް ބަންދެއްގައި ތިބެން ޖެހުމެވެ. މިއީ އެއްގޮތަކުން ބަލާއިރު ދެވޭ އަނިޔާއެކެވެ. އެހެންވެ، މިކަމަށް އޮތް ހައްލަކީ ގާނޫނުގައި މިހާރު ވެސް އޮތްގޮތަށް އިސްތިއުނާފް މަރުހަލާ ނިމުމުން މަރުގެ އަދަބު ތަންފީޒު ކުރުން ނުވަތަ ގާނޫނީ އެހެން ހައްލެއް ހޯދުމެވެ.

7 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޝޫ

06 September 2023

ހާސްކަނޑާލާ. އުމަރު އައިމަ ހައްލުވާނެ

The name is already taken The name is available. Register?

މަބަލްދީބް

06 September 2023

ހައްލަކީ އުމަރު!

The name is already taken The name is available. Register?

ސިޔާސަތު

06 September 2023

ޤާނޫނާ ޚިލާފަށް އެއްވެސް ސަރުކާރަކަށް ސިޔާސަތެއް ކަނޑައެއް ނޭޅޭނެ. ޤާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ކުރަން އަންގާފައި އޮންނަ ކަންކަން، ސިޔާސަތޭ ކިޔާފައި ނުކޮށް ދޫކޮށެއް ނުލެވޭނެ. ސިޔާސަތަކީ ޤާނޫނީ އިމުގެ ތެރެއިން އެކުލަވާލަންޖެހޭ އެއްޗެއް. ޤާނޫނުގައި މަރުގެ ޙުކުމް ކަނޑައެޅިފައިވާނަމަ، އެ ޙުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުމަކެއް. އަދި އެކަން އެގޮތަށް ނުކުރުވާނަމަ، ކޮންމެވެސް ގޮތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވެން ޖެހޭނެ.

The name is already taken The name is available. Register?

ޙުސައިން ޢަބްދުﷲ

06 September 2023

މަޢުލޫމާތު ފުރިހަމަ އެއް ނޫން. މަރަށް ޙުކުމް ކުރި މީހުން 25 އަހަރު ނުވަނީސް ދޫކޮށްލާފައި އެބަހުރި. 25 އަހަރު ވީމާ ދޫވެސް ވެފައި އެބަހުރި. ބައެއް މީހުން އެ ފަހުން ރަނގަޅު ދިރިއުޅެއްވެސް އުޅޭ.

The name is already taken The name is available. Register?

ހަމާލް

06 September 2023

ހުކުމްތަކަކީ ބޭކާރު އެއްޗަކަށް ހަދަނީ ސަރުކާރުތަކުން ސިޔާސީބޭނުމަށް..ޖަލުހުކުމް ކުރާ މީހުން ގޭގައި ހުކުމްތަންފީޒް އެކުރަނީ..ބޮޑެތިކުއްތަކުގައި ބޮޑެތި ހުކުމް އިއްވާމީހުން އަހަރުނުވެ ދޫކުރަނީ..މިހެން ކަންކަންދާތީ ކުއްކުރާ މީހުން ޖެހިލުން ނުވާނެ..

The name is already taken The name is available. Register?

1828

06 September 2023

ތިކަމަކަށް ޤާނޫނީ އެހެން ހައްލެއްނެތް.

The name is already taken The name is available. Register?

ކޮލަމާފުށީ އޮންލައިން

06 September 2023

ހުސް ހައްލުކުރަންޖެހޭކަންތައް. އަޅުގަނޑު ގުދަނެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު ގުދަންތެރޭގައި އޮތްވާ ކާރިގެއެއްގައި އުޅޭ "ޕާޓޭ" އަކު އޭނަގެ ކަރުގައި ވަޅިއަޅާ އަދި ގައިގެ ދެ ތަނަކަށް ވަޅިޖެހިމައްސަލާގައި މި ޕާޓޭ ކުށްވެރިވާކަމަށް ކޯޓުންނިންމާ 7 އަހަރަށް ޖަލަން ލާންހުކުމް ކުރީ މީގެ ދެއަހަރުކުރިން. 6މަސްވަރު ޖަލުގައި ބަހައްޓާފައި މިހާރު އެއުޅެނީ މިނިވަންކަމާއި އެކު މާލެތެރޭގައި. ދެންކިހެނެތް ގައުމު ރަގަޅުވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454