ދުނިޔެ

ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ: ޕުޓިން

ސައުތު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން.-- ފޮޓޯ: އޭއެފްޕީ

13 ސެޕްޓެމްބަރ 2023 - 13:54

2 comments

މިހާރު ރަޝިޔާ އަށް ވަޑައިގެން ހުންނެވި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުންއާ އެކުގައި ހުރިހާ ދާއިރާއަކުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި، ރައީސް ކިމް ރަޝިޔާގައި މިވަގުތު ހުންނެވީ އެކަމަށްޓަކައި ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއަ ޕުޓިން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ކިމްއާ އެކުގައި ބާއްވަވާ މަޝްވަރާތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޕުޓިން ވިދާޅުވީ ދެ ގައުމަށް ފައިދާ ހުރި ކޮންމެ ދާއިރާއެއްގައި ވެސް ކިމްއާ އެކުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެ ދެ ބޭފުޅުން މަޝްވަރާ ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ޕުޓިންގެ ދައުވަތަކަށް ރަޝިޔާ އަށް ވަޑައިގެން ހުންނެވި ރައީސް ކިމްއާ މިއަދު ބައްދަލުކުރެއްވީ، ރަޝިޔާގެ އިރުމަތީގައި އަލަށް ހަދާފައިވާ ޖައްވީ ބަނދަރު، ވޮސްޓޮޗްނީ ކޮސްމޮޑްރޯމްގަ އެވެ. ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ވޮސްޓޮޗްނީ ކޮސްމޮޑްރޯމްގައި ރައީސް ކިމްއާ ބައްދަލުކުރެއްވީ، ސެޓެލައިޓް އުފެއްދުމުގައި އުތުރު ކޮރެއާ އަށް އެހީވާން ރަޝިޔާ ބޭނުންވާތީ އެވެ.

އޭގެ އިތުރުން އަސްކަރީ ދާއިރާ އިން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުންނާއި ދެ ގައުމުގެ ދެމެދުގައި ހަތިޔާރުގެ ވިޔަފާރި ހިންގުމާ ބެހޭ ގޮތުން ވެސް ކިމްއާ އެކުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް އުތުރު ކޮރެއާ އިން ވަނީ ޖައްވަށް ސެޓެލައިޓެއް ފޮނުވުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ނާކާމިޔާބުވެފަ އެވެ. އެންމެ ފުރަތަމަ މި އަހަރުގެ މެއި މަހުގެ ތެރޭގައި ޖައްވަށް އުދުއްސައިލި ސެޓެލައިޓް، ޖައްވަށް ފުރުވައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަނޑަށް ވެއްޓުނީ އެވެ.

އޭގެ ފަހުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޖައްވަށް ފޮނުވައިލި ސެޓެލައިޓް ދުނިޔޭގެ ވައިގެ ފަށަލައިން ބޭރުވާ ހިސާބަށް ނުފޯރަނީސް އޭގެ ތިން ވަނަ މަރުހަލާގައި ރޮކެޓް ފެއިލް ވެގެން ވެއްޓުނީ އެވެ. އުތުރު ކޮރެއާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އޮކްޓޫބަރުގެ މަހުގެ ތެރޭގައި ސެޓެލައިޓެއް ޖައްވަށް ފޮނުވުމަށް އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އުތުރު ކޮރެއާގެ ޖައްވީ ދިރާސާތަކާ ބެހޭ ގޮތުން، ރައީސް ޕުޓިން ވިދާޅުވީ ރައީސް ކިމްއަކީ ސެޓެލައިޓް އިންޖިނިއަރިން އަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަވާ ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން އުތުރު ކޮރެއާއަކީ އަމިއްލަ ޖައްވީ ޕްރޮގްރާމެއް ތަރައްގީ ކުރަމުން އަންނަ ގައުމެއް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ރައީސް ޕުޓިންގެ ދައުވަތަކަށް ރައީސް ކިމް ރަޝިޔާ އަށް މި ވަޑައިގަތީ އުތުރު ކޮރެއާގައި އުފައްދާފައިވާ ޒަމާނީ ހަތިޔާރު ގަތުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށް އެފަދަ ކަމެއް ނުކުރުމަށް އިންޒާރު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހުޅަނގުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ އިން ހަތިޔާރު ގަންނަން ބޭނުންވަނީ ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައިގައި ބޭނުން ކުރުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ އިން ގަންނަން ބޭނުންވަނީ އުތުރު ކޮރެއާގައި އުފައްދާފައި ހުރި ވަޒަނާއި ބޮޑުބަޑީގެ އުންޑައިގެ އިތުރުން، ބައެއް ބާވަތުގެ މިސައިލް އެވެ. އުތުރު ކޮރެއާއަކީ ގިނަ އަދަދަކަށް ހަތިޔާރު އުފައްދާ ގައުމަކަށް ވެފައި، 1953ގެ ކޮރެއާ ހަނގުރާމައަށް ފަހު އެއްވެސް ހަނގުރާމައެއް ކޮށްފައި ނުވާތީ، ގިނަ އަދަދެއްގެ ވަޒަން ހުންނާނެ ކަމަށް ބެލެވެ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި މަޝްވަރާ ކުރެއްވުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އެއްގަމު މަގުން ރޭލުގައި ރަޝިޔާ އަށް ވަޑައިގަތީ އިއްޔެ އެވެ. އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގް އިން ރަޝިޔާގެ ޚާސާން އަށް ރައީސް ކިމް ވަޑައިގަތީ، ރައީސް ކިމް އަށް ޚާއްސަ އަސްކަރީ ރޭލުގައި 15 ގަޑިއިރުގެ ދަތުރަކަށް ފަހު އެވެ.

ޚާސާން އިން ރަޝިޔާގެ ރޭލަކަށް ބަދަލުވެވަޑައިގެން، ފަސް ގަޑިއިރުގެ ދަތުރަކަށް ފަހު ދެން ވަޑައިގަތީ، ރަޝިޔާގެ އިރު ދެކުނުގައި އޮންނަ ބަނދަރު ސަހަރެއް ކަމަށްވާ ވިލަޑިވޮސްޓޮކް އަށެވެ. ރައީސް ކިމްގެ އަރިހުގައި އުތުރު ކޮރެއާގެ އަސްކަރީ އިސް ޖެނެރަލުންތަކަކާއި އަސްކަރީ ސިނާއަތްތެރިކަމުގެ ތަޖުރިބާކާރުންގެ ޓީމެއް ބައިވެރިވެ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުސްތޫރީ

14 September 2023

މަރުހަބާ ރައީސް ކިމް. މަނިކްފާން ޒާއާމަތުގަ ޖައްވަށް ސަޓަލައިޓް އުދުއްސުމުގެ އާ އުސްމިން ތަކަކަށް ނޯތު ކޮރެއާ ގެންދަވާނެ ކަމަށް ވަރަށް އުންމީދު ކުރަން.

The name is already taken The name is available. Register?

ކިމް

13 September 2023

އެއްވެސް ބަޔަކަށް ނޭނގޭނެ ރޭލްގައި ހަތިޔާރާއި އެއްޗެހި ގެންދިޔަސް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454