ރިޕޯޓް

ނިޒާމް ބަދަލުކުރުމާއި ބާރުތައް ބެހުން: ރަނގަޅު ވަގުތަކީ ކޮބާ؟

ރައީސް އާއި ނަޝީދު: ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން އޮކްޓޯބަރުގައި ވޯޓަކަށް ދިޔުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައި

21 ސެޕްޓެމްބަރ 2023 - 09:33

90 comments

ކުރިއަށް އޮތް ފަސް އަހަރަށް ގާނޫނުއަސާސީން ލިބިދޭ ހުރިހާ ބާރަކާ އެކު ވެރިކަންކުރާނެ ރައީސުލްޖުމްހޫރިއްޔާއެއް ހޮވަން މި މަހުގެ 30 ވަނަ ދުވަހު ރައްޔިތުން ވޯޓުލާއިރު، އިންތިހާބުވާ ރައީސް ހުވާކުރެއްވުމުގެ ކުރިން ވެރިކަމުގެ ނިޒާމް ބަދަލުވުމަކީ ވެދާނެ ކަމެކެވެ. އޮކްޓޯބަރު މަހު ނިޒާމީ ވޯޓެއް ނެގުމާ ދިމާއަށް ރައްޔިތުންގެ މަޖިލިސް އެ އޮތީ މިސްރާބު ޖަހައިފަ އެވެ.

މިސްރާބު ބަދަލު ނުވެ މި ދާ ގޮތަށް ގޮސް ވެރިކަމުގެ ނިޒާމު ބަދަލުވެއްޖެ ނަމަ، ސެޕްޓެމްބަރު މަހު އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި ބާރުތައް ބެހޭނެ ގޮތާއި ނިޒާމްގެ ސިފަތަކާ މެދު އުފެދޭ ސުވާލުތައް ގިނަ އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ މިހާރު އޮތް ރިޔާސީ ނިޒާމްގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ތާއިދު އޮތްތޯ ބެލުމަށެވެ. ނިޒާމާ މެދު ފެންނަ ގޮތެއް ބެލުމަށް ރައްޔިތުންގެ ވޯޓެއް ނެގުމަށް ފަހު ނަތީޖާ އަންނަ ގޮތަކުން ދެން އަމަލުކުރާނެ ގޮތަކާ މެދު މަޖިލީހުގައި އަދި ވާހަކައެއް ނުދައްކަ އެވެ.

ރިޔާސީ ނިޒާމާ ހިލާފަށް ބަރުލަމާނީ ނިޒާމަކީ ރައީސްގެ ބަދަލުގައި ސަރުކާރު ހިންގުމުގެ ބާރު މަޖިލީހުން ހޮވާ ބޮޑުވަޒީރަށް އޮންނަ ނިޒާމެކެވެ. ރައީސަކީ އާންމު ގޮތެއްގައި ވަރަށް ރަމްޒީ މަގާމެކެވެ. ބާރުތައް ހަނިވެފައި ކުޑަ އެވެ.

"ބަރުލަމާނީ އަށް ގިނަ ބަޔަކު ތާއިދުކޮށްފި ނަމަ ގާނޫނުއަސާސީ އަށް ބަދަލު ގެނެސް މި ހޮވާ ރައިސުލްޖުމްހޫރިއްޔާގެ ބާރުތައް ބަދަލުކުރަން ޖެހޭނެ. އެ ބަދަލު ގެނައީމާ ދެން މި ހޮވާ ރައީސުލްޖުމްހޫރިއްޔާ އަށް ކިހިނެއްތޯ ވާނީ އެ ސުވާލު އުފެދޭނެ. ބަދަލު ގެންނަ ހިސާބުން އޭނާގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތު ގެއްލުނީތޯ؟،" ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 2007 ވަނަ އަހަރު ނެގި ވޯޓުގެ ކަންކަން ބެލެހެއްޓި ހާއްސަ މަޖިލީހުގެ ކޮމިޓީގެ މުގައްރިރު މޫސާ ނިޒާރު ވިދާޅުވި އެވެ.

މޫސާ ނިޒާރު ގަބޫލުކުރައްވާ ގޮތުގައި ރައީސަކު އިންތިހާބުކޮށް، އެ ބޭފުޅަކު ހުވާކުރެއްވުމާ ދެމެދު ނިޒާމީ ވޯޓެއް ނެގުމަކީ ދައުލަތަށް އެންމެ ރަނގަޅު އަދި އިންސާފުވެރި ގޮތެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ކުރިމަތިލައްވައިގެން މިހާރު ތިއްބެވި ކެންޑިޑޭޓުން ކުރިމަތިލެއްވިއިރު ނިޒާމީ ވޯޓެއް ދެމެދަށް އަންނާނެ ކަމެއް ނޭނގެ އެވެ. އަދި، އެ ބޭފުޅުން ކުރިމަތިލައްވައިގެން ތިއްބެވީ ރިޔާސީ ނިޒާމެއްގެ ރައީސް ކަމުގެ މަގާމަށް ކަމަށް ވެފައި ރައްޔިތުން އެ ބޭފުޅަކު އިންތިހާބުކުރާނީ ވެސް އެ މަގާމަށްކަން ފާހަގަކުރެއްވި އެވެ.

"މީގައި އެންމެ ރަނގަޅު ގޮތަކީ މިކަމަށް ފުޅާ ގޮތެއްގައި ބަހުސްކޮށް އަންނަ ދައުރަކަށް ނިޒާމް ބަދަލުވެގެން ދާނެ ގޮތަށް ހެދުން. ނޫން ނަމަ، މި ރިޔާސީ އިންތިހާބުގެ ކުރިން މިކަން ކުރި ނަމަ މައްސަލައެއް ނެތް. އެކަމަކު ދެން ރައްޔިތުން އިންތިހާބުކުރާ ރައީސަށް މަސައްކަތް ކުރުމަށް ފުރުސަތު ނުދީ ގާނޫނުއަސާސީ ބަދަލުކޮށްގެން އޭގެ ފަހަތުން އޭނާ ދުވަން ޖެހުމަކީ ދައުލަތަށް އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ކެޔޮދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މޫސާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި: ރައީސް ވިދާޅުވެފައިވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތަސް ނިޒާމީ ވޯޓެއް ނަގަން ތައްޔާރަށް ހުންނެވި ކަމަށް. -- ފޮޓޯ: މިހާރު

ދެވަނަ ދައުރެއް ހޯއްދަވަން ރިޔާސީ އިންތިހާބުގެ ގަދަ ހިފުމުގައި މިހާރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު، އޮކްޓޯބަރު މަހު ނިޒާމީ ވޯޓަށް އެހުމަށް މިހާރު އެބަ އޮތެވެ. ވެރިކަމުގެ ނިޒާމު ބަދަލުވެއްޖެ ނަމަ އެމަނިކުފާނަށް މިހާރު ލިބިވަޑައިގަންނަވާ ހުރިހާ ބާރެއް ނޯންނާނެކަން ވެސް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް، ރައީސްގެ ވިސްނުންފުޅު ހުރީ އެއްކޮށް ބަރުލަމާނީ ނިޒާމެއްގެ ބަދަލުގައި މަސްހުނިކޮށް އޮންނަ ބަރުލަމާނީ ނިޒާމެއް ގެންނައުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާށެވެ.

"ބަރުލަމާނީ ނިޒާމުގައި ސަރުކާރު ބައްޓަންކުރާ ގޮތް އެކި ގައުމުތަކުގައި އެކި ގޮތަށް އެބަހުރި. ބާރުތައް ބައިކޮށްފައި ވެސް އެބަހުރި ރައީސަކަށް ވަކި ބާރުތަކެއް ދީފައި ބޮޑުވަަޒީރަކަށް ވަކި ބާރުތަކެއް ދީފައި ހުންނަ ނިޒާމެއް ވެސް އެބަ އޮތް، އަދި އެހެން ގޮތްތައް ވެސް އެބަ ހުރޭ. ޑީޓެއިލްއަކަށް އަޅުގަނޑުމެން ވާހަކަ ދައްކާނީ ފަހުން،" ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސަށް "މިހާރު" އިން ސުވާލުކުރުމުން ވިދާޅުވި އެވެ.

ރައީސް އެ ވިދާޅުވި ފަދަ ނިޒާމަށް ކިޔައި އުޅެނީ "ސެމި-ޕާލިމެންޓްރީ ސިސްޓަމް" އެވެ. ފްރާންސް އަދި ސްރީ ލަންކާ އަކީ މީގެ މިސާލެވެ. ފްރާންސްގައި ރައީސަކު އިންތިހާބުކުރަނީ ރިޔާސީ ނިޒާމްގައި އެކަން ކުރާ ގޮތަށެވެ. ބޮޑެތި ބާރުތައް އޮންނަ ރައީސާ އެކު ބާރުތައް ބެހިގެން ދަނީ އޭނާ އައްޔަންކުރައްވާ ބޮޑުވަޒީރަކަށެވެ. ސްރީ ލަންކާގައި ވެސް ރައީސް އާއި ބޮޑުވަޒީރަށް ބާރުތައް އޮންނަނީ ބަހާލައިފަ އެވެ. މައިތިރްޕަލަ ސިރިސޭނާ އާއި މަހިންދަ ރާޖަޕަކްސަ އަދި ގޮތަބަޔާ ރާޖަޕަކްސާ އަކީ ބޮޑެތި ބާރުތަކާ އެކު ސްރީ ލަންކާގައި ރައީސްކަން ކުރެއްވި ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލިސް: ބަރުލަމާނީ ނިޒާމެއްގައި ބޮޑެތި ބާރުތަކެއް މަޖިލީހަށް ލިބޭނެ.

ނަމަވެސް، އޮތް ސުވާލަކީ ރައްޔިތުންނާ ހަމައަށް ވޯޓަކަށް ދާއިރު މިކަންކަން ސާފުކޮށް އެނގިފައި ނެތުމުން ނުކުންނާނެ ނަތީޖާއަކާ މެދު އެވެ. މިހާރު ހަމައެކަނި އެނގެން އޮތީ ބަރުލަމާނީ ނިޒާމެއް ގެނަންނަ ފެނޭތޯ ވޯޓަށް އަހަންޖެހޭ ކަމެވެ. އެއީ ކިހާ މިންވަރެއްގެ ބަރުލަމާނީ ނިޒާމެއް ކަމެއް، ސަރުކާރު ބެހިގެންދާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ވާހަކަ ދައްކާނީ ފަހުން ކަމަށް ރައީސް ވިދާޅުވިޔަސް، ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެންމެ އިސް، އަދި މިހާރުން މިހާރަށް ވެސް ރައްޔިތުންނަށް އެނގެން ޖެހޭނެ މައުލޫމާތެވެ.

ނިޒާމީ ވޯޓަކަށް ރައްޔިތުންނާ ހަމައަށް ދިޔުމުގެ ކުރިން ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެކެވަޑައިގަންނަވާ ގޮތުގައި، އެކަމާ ގުޅިގެން ގެންނަންޖެހޭ ދުސްތޫރީ އިސްލާހުތައް މަޖިލީހުން ފާސްކުރުމެވެ. އިސްލާހުތައް ފާސްކުރުމުގެ ކުރިން ނިޒާމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ވޯޓަކަށް ދާއިރު، ވޯޓު ދެވެނީ ކޮން ކަމަކަށް ކަން އެނގެންޖެހޭ. ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާއިރު އެނގެންޖެހޭ އެއީ ކޮންވައްތަރެއްގެ ބަރުލަމާނީ ނިޒާމެއްތޯ؟ ސެރެމޯނިއަލް ހެޑް އޮފް ދަ ސްޓޭޓެއް ހުންނަ އިނގިރޭސި ނުވަތަ 'ވެސްޓް މިންސްޓަ' ސިސްޓަމްތޯ؟ ބޮޑުވަޒީރަކު ހުރުމާ އެކު، ބާރުތަކެއް ލިބިގެންވާ ދައުލަތުގެ އެންމެ އިސްވެރިޔަކު ހުންނަ ބަރުލަމާނީ ނިޒާމެއްތޯ؟ ދައުލަތުގެ އެންމެ އިސްވެރިކަމުގައި އަދި ސަރުކާރުގެ އެންމެ އިސްވެރިކަމުގައި ރައީސަކު ހުރެފައި މަޖިލީހުގައި ސަރުކާރު ލީޑުކުރަން ބޮޑުވަޒީރަކު ހުންނަ ނިޒާމެއްތޯ؟ މި ނޫން ވެސް އެހެން ތަފްސީލުތައް ރައްޔިތުންނަށް އެނގުން މުހިންމު. މިއީ ނިޒާމީ ވޯޓެއްގެ ކުރިން ކަމާބެހޭ ދުސްތޫރީ އިސްލާހުތައް ފާސްކުރުން މުހިންމު ސަބަބަކީ،" ޑރ. ދީދީ ވިދާޅުވި އެވެ.

މޫސާ ނިޒާރު ވެސް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަށް ދާއިރު ސަރުކާރު ބެހިގެންދާނެ ގޮތާއި ފްލޯ ކްރޮސް ކުރުމުން ދެން ވާނެ ގޮތް ފަދަ ކަންކަން ސާފުކޮށް ލިޔެވިފައި އޮންނަން ޖެހޭނެ ކަމަށެވެ.

ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު: މަޖިލީހުގެ ގަރާރުގެ ދަށުން ނަގާ ފެންނަ ނުފެންނަ ވޯޓަކުން ގާނޫނީ ނަތީޖާއެއް ނުނުކުންނާނެ ކަމަށް ވިދާޅުވި.

މިހާރު އަމަލުކުރާ ގާނޫނުއަސާސީ ވުޖޫދުކުރި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ވިދާޅުވީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރުގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް އެއިން ގާނޫނީ ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އެ ވޯޓުގެ ކުރިން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، ވޯޓަށް އަހަން ޖެހޭނީ އެ އިސްލާހުތަކާ މެދު ފެންނަ، ނުފެންނަ ކަމާމެދު ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިޒާމް ބަދަލުކުރަންޏާ ކޮންމެ ގޮތެއް ވިޔަސް ގާނޫނުއަސާސީގެ 79 ވަނަ މާއްދާ [ރައްޔިތުންގެ މަޖިލީހުގެ އުމުރު] ބަދަލުކުރަން ޖެހޭ. އެ މާއްދާ ބަދަލުނުކޮށް ބަރުލަމާނީއަކަށް ނުހެދޭނެ. އެ އިސްލާހުތައް ގެންނަން ޖެހޭނެ. އެ އިސްލާހުތައް މަޖިލީހުން ފާސްކޮށް އެ ރައްޔިތުން ބަލައިގަތީމާ ނިޒާމް ބަދަލު ކުރެވޭނީ. އެހެންވީމާ މަޖިލީހުގައި މި ނެގި ވޯޓުން ރައްޔިތުން ފެންނަ ކަމަށް ނިންމިޔަސް އޭގައި ގާނޫނީ ނަތީޖާއެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، އަސާސީ ހައްގުތަކާއި މިނިވަންކަން، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ އާންމު ވޯޓެއް ނަގައިގެން އެކަން ކުރަން ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ނަމަ އެވެ.

ކުރީގައި ނިޒާމީ ވޯޓު ނެގި ހާއްސަ މަޖިލީހުގެ ކޮމިޓީގައި ވެސް މަސައްކަތް ކުރެއްވި މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކާ އެކު ބަރުލަމާނީ ނިޒާމްގެ ސިފަތައް ވެސް މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި މިހާރު 115 ވަނަ މާއްދާއިން ރައީސަށް ދީފައިވާ ބާރުތަކަށް ވާނީ ކިހިނެއް ކަމާއި އެ ބާރުތައް ބެހިގެންދާނެ ގޮތް ފަދަ މައިގަނޑު ސިފަތައް މަޖިލީހުން ވޯޓުގެ ކުރިން ފާސްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުން ކަނޑައަޅާ ނިޒާމްގެ ސިފަތަކާ އެއްގޮތަށް ގާނޫނުއަސާސީ ބަދަލުކޮށްގެން އިސްލާހެއް ނުގެނެވޭނެ. ބައެއް މާއްދާތަކަށް. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އުމުރާ މެދު އިސްލާހެއް ނުގެނެވޭނެ ރައްޔިތުންގެ ވޯޓަކަށް އަހައިގެން މެނުވީ. އެހެނެއް ނޫން 115 ވަނަ މާއްދާ އަށް އިސްލާހު ގެނެވިދާނެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ،" މުއިއްޒު ވިދާޅުވި އެވެ.

އޮޅުންނާރާ ގޮތަށް މަޖިލީހުން ނިޒާމްގެ ސިފަތައް ލިޔެފި ނަމަ، ސެޕްޓެމްބަރު މަހު އިންތިހާބުކުރާ ރައީސްއާ މެދު ސުވާލުތަކެއް އުފެދޭނެ ކަމަށް މުއިއްޒު ގަބޫލެއް ނުކުރައްވަ އެވެ. މުހިންމު ކަމަކީ ނިޒާމްގެ ސިފަތައް މަޖިލީހުން ފާސްކޮށް، ރައްޔިތުންނަށް އެކަން އޮޅުންފިލާ ގޮތަށް އެމީހުންނާ ހަމައަށް ވޯޓަކަށް ދިއުމެވެ.

ބަރުލަމާނީއާ ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ހިޔާލު މިކަމުގައި ތަފާތެވެ. އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ފުރަތަމަ ރައްޔިތުން އެއްބަސްތޯ ބަލަންޖެހެ އެވެ. ރައްޔިތުން އެކަމަށް އެއްބަސްވާ ކަމަށްވާ ނަމަ، ހާއްސަ ގާނޫނެއް ހަދައި ނިޒާމްގެ ސިފަތައް ބަޔާންކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ބަރުލަމާނީ އަށް ރައްޔިތުން އެއްބަސްވާ ނަމަ ކިހާ ވަރަކަށްތޯ ބާރުތައް ކަނޑައަޅާނީ ރައްޔިތުންގެ މަންދޫބުން ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްގެން އެކަން ކުރެވޭނެ. ރައްޔިތުންގެ ވޯޓަކަށް އަހައިގެން ނޫނީ އިސްލާހު ނުކުރެވެން މި އޮންނަނީ 262 ވަނަ މާއްދާގައި ބުނާ ތިން ހާލަތް އެކަނި. އެ ނޫން ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހެދޭނެ ރައްޔިތުން ނިޒާމު ބަދަލުކުރަން އެއްބަސްވާ ނަމަ،" ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި، އިލްޔާސް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރާ ބެހޭ ގޮތުން މަޖިލީހުގެ މުޅި ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ

ނަމަވެސް، ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ކުރިން ނިޒާމްގެ ސިފަތައް މަޖިލީހުން ކަނޑައަޅަން ޖެހޭ ކަމަށް ވަކާލާތުކުރާ ބޭފުޅުން ތިބި ނަމަ، އެކަން ކުރާނެ ވަގުތު އަދިވެސް އެބަ އޮތް ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެ ސިފަތައް ވަކިން ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅައި އެ ފާސްކޮށް ވޯޓުގެ ކުރިން ހާމަކުރާނެ ވަގުތާއި ޖާގަ އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓަށް ދާން މަޖިލީހުން ފާސްކުރި ގަރާރުގައި އޮތީ އޮކްޓޯބަރު 30ގެ ކުރިން އެކަން ކުރާށެވެ.

"ރައްޔިތުންގެ ކުރިމައްޗަށް މި ގެންނަނީ އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ބަލަން. ރައްޔިތުންގެ މެޖޯރިޓީން ބުނާ ނިޒާމަކަށް މަޖިލީހުންނާއި މުޅި ދައުލަތް ޖެހޭނެ ތަބާވާން. ދެން އެއާ ގުޅިގެން ނިންމަން ޖެހޭ ނިންމުންތައް ނިންމަން ޖެހޭނެ. މިއީ ވަރަށް ބޮޑަށް ނަތީޖާ ނުކުންނާނެ ވޯޓެއް،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ގަބޫލުކުރައްވާ ގޮތުގައި މި ނިޒާމީ ވޯޓާ ގުޅިގެން މި މަހު އިންތިހާބު ކުރާ ރައީސްއާ ގުޅޭ ގޮތުން ސުވާލުތަކެއް ނުއުފެދޭނެ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 30 ވަނަ ދުވަހު ރައީސަކު ހޮވަން ވޯޓުލާއިރު ވެސް އަންނަ މަހު ނިޒާމީ ވޯޓު އޮތްކަން ރައްޔިތުންނަށް އެނގޭނެތީ އެވެ.

"ގިނަ ރައްޔިތުންނަށް އެއީ މައްސަލައެއް ކަމަށް ނުފެނި ނިޒާމް ބަދަލުކުރަން ފެންނަ ކަމަށް ވޯޓު ދީފި ނަމަ އެއީ މައްސަލައެއް ނޫން. ދެ ވަނަ ކަމަކަށް ދައުރެއްގެ މެދުތެރެއިން، މިސާލަކަށް 2026 ވަނަ އަހަރު ނިޒާމީ ވޯޓެއް ނުވަތަ 2020 ވަނަ އަހަރު އެ ވޯޓު ނެގި ނަމަވެސް، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ރައީސަކު ހުންނާނެ. އެހެންވީމާ ކޮންމެ އިރަކު ނެގިޔަސް ރައީސަކު ހުންނަވާނެ އިންތިހާބުކޮށްފައި ހުންނަ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ބަރުލަމާނީ އަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ޑިމޮކްރެޓްސްގެ އިލްޔާސަށް މި ދަނޑިވަޅުގައި ނިޒާމީ ވޯޓަށް ދިއުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި، ބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނެ ގޮތްތައް ވެސް އޮތްކަން އޭނާ ގަބޫލުކުރައްވަ އެވެ.

ކުރީގެ މެންބަރު މޫސާ ނިޒާރު މަޖިލީހުގައި ވާހަކަ ދައްކަވަނީ: އެންމެ މުހިންމު ކަމަކީ އަންނަ ބޮޑު ބަދަލާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުން ކަމަށް ވިދާޅުވި

ނިޒާމީ ވޯޓަކަށް މި ހާލަތުގައި ދާ ނަމަ، އެހެން ހުރިހާ ކަމަކަށްވުރެ ވެސް މުހިންމީ މޫސާ ނިޒާރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެކަށީގެންވާ ވަގުތު ދީ، އެ މީހުން ހޭލުންތެރިކުރުމެވެ. އަންނަން އުޅެނީ ކިހާވަރެއްގެ ބަދަލެއް ކަމާއި އޭގެ ނަތީޖާ ރަނގަޅަށް ކިޔައިދިނުން ކަމަށް ވިދާޅުވި އެވެ. އޭނާގެ ބޮޑު ހިއްސާއަކާ އެކު 2007 ވަނަ ކަންކުރީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

"ވަރަށް ބޮޑު ބަދަލެއް މި އަންނަނީ. އާ ސަރުކާރެއް އަންނަން މަދު ދުވަސްކޮޅެއް އޮއްވައި މިހާ ބޮޑު ބަދަލަކަށް ރައްޔިތުން ތައްޔާރު ކުރެވޭނީ ކިހާ ވަގުތެއް ނައިގެންތޯ އެ ވަގުތު ވަރަށް މުހިންމު. އެކަށީގެންވާ ވަގުތު ބޭނުންވާނެ. ސަރުކާރެއް ނޫން ހުރިހާ މުއައްސަސާތަކުން ނުކުމެ ރައްޔިތުން ހޭލުންތެރި ކޮށްދޭން ޖެހޭނެ. އޭރަށް އިންފޯމްޑް ޑިސިޝަނެއް ނެގޭނީ،" މޫސާ ނިޒާރު ވިދާޅުވި އެވެ.

"ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމަކީ އާދައިގެ ކަމެއް ނޫން. ބޮޑު ކަމެއް. މުހިންމު ކަމެއް. އެ ފުރުސަތު ރައްޔިތުން ބޭނުންވެއްޖެ ނަމަ ނުދޭންވީ ސަބަބެއް ނެތް. އެކަމަކު ރައްޔިތުންނަށް މީގެ މައުލޫމާތު ކިޔައިދީފައި ދެން އެކަން ކުރަންވާނީ. ކޮން ކަމެއްކަން ހިމަނަން މި އުޅެނީ ކިޔައިދޭން ޖެހޭނެ. ކޮން ކަމެއް ކިހާ ވަރަކަށް ކުރަން އުޅޭކަން ޖެހޭނެ ކިޔައިދޭން."

90 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙައިފައިހ

24 September 2023

ވެރިކަމަށް އާދެވޭނެ އެއްވެސް ގޮތެއްނެތީމަ ނިޒާމް ބަދަލުކޮއްގެން ކޮރަޕްޓް މެންބަރުން ގަނެގެން ވެރިކަން ލިބޭތޯ މިއުޅެނީ. ތިވޯޓުންވެސް ރީތި ގޮތަކަށް ބަލިކުރާނަން

The name is already taken The name is available. Register?

ބުލްބުލްއެހީދޭނުހޭ

23 September 2023

ޔޫރަޕުގައި ބަރުލަމާނީ އޮތަސް މި ނިޒާމެއް ރާއްޖެއަކަށް ނުގެނެވޭނެ. ތަންދޮރު ނުދަންނަ މީހުން މަޖިލީހަށް ހޮވާހާ ހިނދަކު ބަރުލަމާނީ ރާއްޖެއަށް އެކަށީގެންނެއް ނުވާނެ.

The name is already taken The name is available. Register?

އަލިބެއްޔާނާ

23 September 2023

ބަރުލަމާނީ އޮތަސް ރިޔާސީ އޮތަސް، ދިވެހިން ވާނީ ދިވެހިންނަށް. ވައްކަމެއްވެސް ކޮރަޕްޝަނެއްވެސް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ހުސޭނުބޭބެ

23 September 2023

ބަރުލަމާނީ ނިޒާމަށް %7 ލިބިދާނެ. މާ ބޮޑު ވަރެއް ނުވާނެ. 40 މިލިއަން ރުފިޔާ ބޭކާރުކޮށް ނުލާ.. ހެޔޮ ނުވާނެ

The name is already taken The name is available. Register?

އަމިއްލަ އެދުން

22 September 2023

އަންނި އާއި އެމްޑީޕީ ގައި މިއޮތީ މުޅިންވެސް ރައްޔިތުންނަށް އޮޅުވާލުން. ރައްޔިތުން ވާނުވާގަ ބައިތިއްބައިގެން މި މީހުންގެ ފާކޭޓަށް ޖަމާކުރުން. އަމިއްލަ އެދުމުން ފޯވެފަތިބި ބައެއް.

The name is already taken The name is available. Register?

އެނދިޔަމަރިޔަނބު

22 September 2023

މީނަ ދައުރެއްގެ އެއްބައި ވެރިކަން ކުރީތީ ބައިތުލްމާލުން ކޮންމެ އަހަރަކު މިލިއަނުން ފައިސާ، މީނަ އިއްޒަތުގަ ބަހައްޓަން ސަރުކާރު ޚަރަދުގަ ގަނޑުވަރަކާ ދުއްވާނެ ކާރާ، ހަށިފާރަވެރިން. މީނަ ބޮޑާހޭކީމަ ވަގުނތުން ނިޒާމީވޯޓު ނަގަން 30 މިލިއަން ރުފިޔާ ދީފަ، ގާނޫން އިސްލާހުކޮއްފަ އަނެއްކާ އަހަރެމެންގެ ވަގުތު ހުސްކުރަންވީ މީނައަށް؟ ފައިދާއެއް ގެއްލުން މީނަގެފުށުން. ނުވިތާކަށް ބޮޑުހުޅުގަ ގައުމަށް ދިން ގެއްލުން ކޮބާ؟

The name is already taken The name is available. Register?

ބިންމިސްކާ

21 September 2023

ބަރުލަމާނީ އައިސްފިނަމަ މިހާރު މިވާހެން ވެރިމީހާ ވެރިކަމުގަ ހުރެވޭނެ ކމުގެ މާބޮޑު ޔަގީންކަން ނެތީމަ ރައްޔިތުން ރުއްސަން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ. އެއީ އަހަރެމެން ވެރިން ހޮވާ އަސްލު ބޭނުން. މިހާރު މިވާގޮތަކީ ކައިރީ ތިބޭ ބަޔަކު 5 އަހަރު ވަންދެން މުއްސަނދިވަނީ. ހޮވި މީހުން ފެންނަނީ އިންތިޚާބަށްވީމަ. ބަރުލަމާނީ ސަޅި

The name is already taken The name is available. Register?

ދިވެހި ދަރި

21 September 2023

ތިޔައީ އިންޑިއާ ޢަޑީގައި ޢޮވެގެން ކުރުވާކަމެއް!. ބޭނުމަކީ މޑޕ އަށް ވެރިކަން ނުލިބޭނެކަން އެނގުމުން މުއިޒު ވެރިކަމުން ބައިލައި ނަށީދު ވެރިކަމަށް ގެންނަން! ޢޭރުން މުޅި ޢުމުރަށް އެމީހުން ބޭނުން ކަމެއް މިތަނުގާ ކުރެވޭނެތީ.!! ދިވެހިން ހޭލަންވެއްޖެ!!

The name is already taken The name is available. Register?

ބަރުލަމާނީ ކިންގް

21 September 2023

މި ގައުމުގެ މަދު ނަމަވެސް މީހުން ބަރުލަމާނީ ނިޒާމަށް ނަފްރަތުކުރަނީ، އެމީހުންނަކީ އަސްލު ވައްކަމާއި، ޙިޔާނާތާއި، އަނިޔާވެރިކަމާއި، ޙުދުމުޙްތާރު ވެރިކަމަށް ތާއިދުކުރާ ބަޔަކަށްވާތީ. ދުނިޔޭގެ 10 ގައުމު ފިޔަވާ ދެން އޮތް ހުރިހާ ގައުމެއްގައި، ހާއްސަކޮން އެންމެ ކުރިއަރާފައިވާ 45 ގައުމުގައިވެސް އޮތީ ބަރުލަމާނީ ނިޒާމު. ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމު 2008 އިން ފެށިގެން ތަޖްރިބާ ކުރެވިއްޖެ. ގައުމަށް ކުރިއެރުމެއްނެތް.

The name is already taken The name is available. Register?

އަދީބު-ފައްޔާޒް

21 September 2023

ރިޔާސީ ނިޒާމްގަ ރައީސް އާއި ބްރޯ ކާން ގައުމުގަ ލާރި އޮވޭތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454