ރިޕޯޓް

ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލެއް އަދި އިސްލާހެއް ނެތި ވޯޓަކަށް!؟

މަޖިލީހުގެ ޖަލްސާއެއް: ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ނިންމީ ނިޒާމު ބަދަލުކުރުމުގެ އިސްލާހެއް ފާސް ކުރުމެއް ނެތި --- ފޮޓޯ/މަޖިލިސް

ވާދަވެރި ރިޔާސީ އިންތިހާބެއްގެ މެދުން ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމީ އެވެ. އެކަމަކު ރިޔާސީ އިންތިހާބަކަށް އާ ދައުރެއް ނުފެށެނީސް ވެރިކަން ނިޒާމު ބަދަލު ކުރުމުގެ އިންތިހާބަކަށް ދާއިރު ގެންނަން މި އުޅޭ ނިޒާމެއްގެ ތަސައްވުރެއް މިހާތަނަކަށް ނެތެވެ.

ގާނޫނު އަސާސީގެ 262 ވަނަ މާއްދާ އޮތްގޮތުން ނަމަ ބުނާގޮތުން ވެރިކަމުގެ ނިޒާމު ބަދަލު ކުރާނަމަ އެންމެ ފުރަތަމަ އަމަލު ކުރަންޖެހޭ ގޮތަކީ ގާނޫނު އަސާސީއަށް އެފަދަ އިސްލާހެއް ގެނައުމުގެ ބިލެއް މަޖިލީހުން ފާސް ކުރުމެވެ. އަދި ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނީ އެ އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިންނެވެ. ނަމަވެސް މިހާރު ނިޒާމު ބަދަލު ކުރުމާ ގުޅޭ ކަންކަން މި ހިނގަނީ އެއާ ދިމާ އިދިކޮޅަށެވެ. ގެނައި އިސްލާހެއް ނެތެވެ. ހަމައެކަނި އޮތީ މަޖިލީހުގެ ހިޔާލުތަކެކެވެ.

ބަރުލަމާނީ ނިޒާމު އޮންނާނެ ގޮތް ކަމަށް ބުނެ މަޖިލީހުން ހާމަކުރީ ކަރުދާހުގައި އޮތީ ސެމީ ޕާލިމެންޓްރީ ނިޒާމުގެ ސިފަތަކެއް ހިމެނޭ ގޮތަށް އޮތް ނިޒާމެކެވެ. އެހެންވެ، ބަރުލަމާނީ ނިޒާމެއް ގެންނަން ފެނޭތޯ ވޯޓެއް ނަގާއިރު ގެންނަން މި އުޅެނީ ހަގީގީ ބަރުލަމާނީ ނިޒާމެއްކަން ވެސް ޔަގީނެއް ނޫނެވެ.

މިހާރު މި އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއްތަ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ވޯޓު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން އޭރުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އެންގުމަކަށެވެ. އޭރު އެމްޑީޕީ އާއި ޑީއާރުޕީގެ މެދުގައި ހިންގި ވާދަވެރި ކެމްޕެއިނަކަށް ފަހު އިންތިހާބުގެ ނަތީޖާ އޭރު ބުރަވީ ޑީއާރުޕީން ތާއީދުކުރި ރިޔާސީ ނިޒާމަށެވެ. ނަމަވެސް އެ ނަތީޖާގެ މައްޗަށް ބުރަވެ ގާނޫނު އަސާސީ ލިޔެ ނިމުނުއިރު އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ހިމެނޭ ގޮތަކަށް ނޫނެވެ.

މިސާލަކަށް ރައީސުލް އައްޔަން ކުރާ ނައިބު ރައީސާއި ވަޒީރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް، މަގާމުން ދުރުކުރަނީ ސިޔާސީ ގޮތުން ދަތި ކުރުމަށެވެ. މަގާމުގެ ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ މަޖިލީހުން ވަޒީރުން ވަކިކުރާއިރު އެ ވަޒީރާ ޒިންމާތައް ހަވާލުކުރި ރައީސްގެ ކުރެން ހޭ ވެސް އަހާލުމެއް ނެތެވެ.

މިކަން ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވެސް ފާހަގަ ކޮށްފައިވެ އެބައޮތެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާ މައްސުނިވެފައިވާ ހައިބްރިޑް ނިޒާމެއްގެ މައްޗަށް..." ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމުގައިވެ އެވެ.

އިންތިހާބެއްގައި މީހަކު ވޯޓުލަނީ --- ފޮޓޯ/މިހާރު

މިފަދަ އެތައް މައްސުނި ސިފަތަކެއް މިހާރު ވެސް ރާއްޖޭގެ ގާނޫނު އަސާސީގައި އެބަހުއްޓެވެ. އެހެންވީއިރު ގެންނަން އުޅެނީ ކޮން ވައްތަރެއްގެ އަދި ކިހާ ބާރުތަކެއް އޮތް ބަރުލަމާނީ ނިޒާމެއްކަން ނޭނގެނީސް، ފެންނަ ނުފެންނަ ވޯޓަށް ގޮސްފިނަމަ އަނެއްކާވެސް މި މައްސަލަތައް އަނެއްކާވެސް ދިމާވެދާނެ އެވެ.

ގެންނަން މި އުޅެނީ ފުރިހަމަ ބަރުލަމާނީ ނިޒާމެއް ނޫން؟

އަންނަ މަހު ފެންނަ ނުފެންނަ ވޯޓަކަށް ދާއިރު، ކުރިން ދިމާވި މައްސަލަ މިފަހަރު ދިމާވެދާނެ ކަމަށް ބެލެވޭ ސަބަބުތައް މިހާރު ވެސް މި ދަނީ ފެންނަމުންނެވެ. މިސާލަކަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ކުރެއްވި ކަރުދާހުގައި އޮތީ ބަރުލަމާނީ ނިޒާމު އޮންނަ އެހެން ގައުމުތަކާ ތަފާތުކޮށް ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސަކު އިންތިހާބުކުރާ ގޮތަށެވެ. ނަމަވެސް އެއީ ބަރުލަމާނީ ނިޒާމާ ތަފާތު، ސެމީ ޕާލިމެންޓްރީ ނިޒާމެއްގެ ސިފައެކެވެ.

ހަމައެހެންމެ، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް އެކި ގައުމުތަކުގައި އަމަލުކުރާ މޮޑެލްތައް ތަފާތެވެ. މިސާލަކަށް، ބަރުލަމާނީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި ރައީސަކީ ރަމްޒީ މަގާމެއް ކަމަށް ވިޔަސް، އަނެއް ބައި ގައުމުތަކުގައި ރައީސާއި ބޮޑުވަޒީރަށް ވެރިކަމުގެ ބާރުތައް އޮވެ އެވެ. އަދި ސްރީލަންކާ ފަދަ ބައެއް ގައުމުތަކުގައި ބޮޑުވަޒީރަކީ ނައިބު ރައީސަކާ އެއްފަދަ ޒިންމާތަކެއް އަދާކުރަން ރައީސް އައްޔަން ކުރައްވާ ވަޒީރެކެވެ.

ބަރުލަމާނީ ނިޒާމު އޮންނަ ބައެއް ގައުމުތަކުގައި މަޖިލިސް އުވާލައި، އާ އިންތިހާބަކަށް ގޮވާލުމުގެ ބާރު ރައީސަށް އޮވެ އެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅިފައިވާ ކަރުދާހުގައި ރައީސަށް އެ ބާރެއް ދޭ ގޮތަކަށް ހިމެނިފައެއް ނެތެވެ. މާނައަކީ ރައީސަކީ ފަތްކޮޅު އެރުވުމާއި ބިލް ތަސްދީގު ކުރެއްވުން ފަދަ ރަމްޒީ ދައުރެއް އޮންނާނެ ބޭފުޅެކެވެ. އެހެންވީއިރު، ރަމްޒީ ޒިންމާތަކެއް އަދާކުރަން ރައްޔިތުންގެ ވޯޓަކުން ރައީސަކު ހޮވާ ގޮތަށް ބަދަލު ގެނައުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު އުފެދެ އެވެ.

ހަމައެހެންމެ، މިސާލަކަށް އެ ހުށަހެޅުމަށް ނިޒާމީ ވޯޓުގައި ރައްޔިތުންގެ ތާއީދު ލިބުނަސް ގާނޫނު އަސާސީ އިސްލާހު ކުރާއިރު އިތުރު ބަދަލުތަކެއް އަނެއްކާވެސް ނާންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އަދި ތަސްދީގު ކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް އަނެއްކާވެސް ދާން ޖެހޭނެ އެވެ.

"އިސްލާހު ނުގެނެސް، ފެންނަ ނުފެންނަ ވޯޓަކަށް ނުދެވޭނެ"

ކުރިން ވެސް ފާހަގަކުރި ފަދައިން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށް، ގެންނަން އުޅޭ ބަދަލެއް ޔަގީން ވުމުންނެވެ. ނަމަވެސް އޭގެކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދާން މަޖިލީހުން ނިންމީ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހަށް އޮންނަ ބާރުގެ ބޭނުންކޮށްގެންނެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުން ފާސްކުރާ ގަރާރަކުން އެފަދަ ވޯޓަކަށް ނުދެވޭނެ އެވެ. އަދި ނިޒާމު ބަދަލުކުރުމާ މެދު އެފަދަ ވޯޓެއް ނެގޭނީ ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއްގެ ގޮތަށް އެފަދަ އިސްލާހެއް މަޖިލީހުން ފާސްކޮށްގެން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މަޖިލީހުގެ އެންމެ 35 މެމްބަރުން ފާސްކުރާ ގަރާރަކުން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. މިގޮތަށް ވޯޓު ނެގޭނީ ގާނޫނު އަސާސީގައި ބުނާގޮތަށް ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިއްޔަތުން އިސްލާހު ފާސްކޮށްގެން." އެއް ވަކީލަކު ވިދާޅުވި އެވެ.

ރައީސާއި މަޖިލީހުގެ ރައީސް ސަލާމް ކުރައްވަނީ --- ފޮޓޯ/މިހާރު

ބަރުލަމާނީ ނިޒާމު ރާއްޖޭގައި އޮންނާނެ ގޮތް ބުނެ މަޖިލީހުން މައުލޫމާތުތަކެއް އާންމު ކޮށްފައި ވިޔަސް، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނީ ހައިސިއްޔަތެއް އޮތް އެއްޗެއް ނޫނެވެ. އެހެންވެ، ނިޒާމަށް ގެންނަ ބަދަލެއް ރައްޔިތުންނަކަށް އެނގޭނީ އިސްލާހެއްގެ ގޮތަށް ފާސްކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމެކޭ ބުނާއިރު ކޮން ކަހަލަ ބަރުލަމާނީ ނިޒާމެއްތޯ މި ގެންނަނީ. ވެސްޓްމިނިސްޓާ މޮޑެލްގެ ނިޒާމެއްތޯ. ރިޔާސީ ނިޒާމުގެ ސިފަތަކެއް އެކުލެވޭ ފަދަ ބަރުލަމާނީ ނިޒާމެއްތޯ މިއިން އެއްވެސް ކަމެއް އަދި ނޭނގެ." ދުސްތޫރީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.

"ގަރާރެއް ވިޔަސް އަދި ކޮންމެ ނަމެއް ކިޔަސް މަޖިލީހުގެ ވިސްނުމެއް މިހާރު އެ އޮތީ ފެންނަން. އެއަކަށް ގާނޫނީ ހައިސިއްޔަތެއް ނުލިބޭ. ހައިސިއްޔަތެއް ލިބޭނީ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ގޮތަށް ފާސްކުރީމަ." އޭނާ ވިދާޅުވި އެވެ.

އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިގޮތަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫނެވެ. އެ ބޭފުޅުން ފާހަގަ ކުރެއްވީ 2007 ވަނަ އަހަރު ރިޔާސީ ނިޒާމަކަށް ރައްޔިތުން ތާއީދު ކުރިޔަސް، މައްސުނި ގޮތަކަށް ގާނޫނު އަސާސީ ލިޔެފައި އޮތް އޮތުމެވެ.

"ރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓު ދިނުމުން އެ ނިޒާމުގެ ސިފަތަކުގެ ތެރެއިން ދުސްތޫރުގައި އެކުލެވިގެންވަނީ ހަމައެކަނި އެ ނިޒާމުގައި ވެރިކަން ކުރުމުގެ ބާރު އެކުލެވިގެންވާ ގޮތް. ގިނަ ގުނަ ބަރުލަމާނީ ސިފަތަކެއް މިހާރުގެ ދުސްތޫރުގައި ހިމެނިގެންވޭ." ޑރ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަކީ ވޯޓު ކަރުދާހުގައި ޖަހާލާ އެންމެ ފާހަގައަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ބަދަލު ގެނައުމުން ކުރިން ވެސް ދިމާވި މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

37 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 94%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޭނުވޭ

28 September 2023

އޮޅުވާލުމާ މަކަރުން ފުރިގެންވާ ތިޔަހާ ނުސާފުކޮށް ހަގީގަތް ފޮރުވަން އުޅޭ ކަންކަމުގައި ރައްޔިތުން ގޮތް ނިންމާނީ ނޫނެކޭ ބުނެ. ރައީސްގެ ބާރުތައް ހަނިކޮށްފަ އޮންނަ ނިޒާމަކަށް ވޯޓަށް އަހައިގެން ރައްޔިތުންނަށް އޮޅުވާލަންވެގެން އެ ބުނަނީ ރައްޔިތުން ހޮވާ ރައީސެކޭ ހުންނާނީ.

The name is already taken The name is available. Register?

ޝޯމޭން

27 September 2023

ކީއްވެތޯ ހަބަރުގެ ސްޕީޗް ފީޗަރ ހުރިހާ ހަބަރެއްގަ ނުހުރެ ހަމައެކަނި އެއްބައި ހަބަރުތަކުގަ ހުންނަނީ؟ އަޅުގަނޑު އެފީޗަރ އާދަވެގެން ބޭނުންކުރާތީ ހަމައަހާލީ.

The name is already taken The name is available. Register?

ކލޮލަިަލ

27 September 2023

ޢަމިއްލަ އެދުން ބޮޑު އަންނި

The name is already taken The name is available. Register?

ތަކުރުބެއްޔާ

27 September 2023

ރާއްޖޭ އަށް ރަގަޅީ ރިޔާސީ ނިޒާމް. މިނިސްޓަރުނާއި ނައިބް ރައީސް މަޖްލިސް އިން ވަކި ކުރެވޭ އިސްލާހް އުވާލުން މަޖްލިސް މެމްބަރުންގެ އަދަދު މަދުކޮށް ކޮންމެ އަތޮޅަކުން 2 މެމްބަރުން އަދި މާލެ އިން 2 މެމްބަރުން ހޮވުން. ކޮންމެ ރަށަކަށް ކަތީބަކު އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ވޯޓުން ހޮވުން. ޢަދި އަތޮޅު ވެރިއަކު އަތޮޅު ރައްޔިތުންގެ ވޯޓުން ހޮވުން. ގައުމަށް ހެޔޮއެދޭ ނަމަ މި އިސްލާހް ގެންނަން ވީ...

The name is already taken The name is available. Register?

އައިމިނާ

27 September 2023

ރިޔާސީ ނިޒާމެއްގަ ނުލިބިގެން އުޅޭ އިޚްލާސްތެރިން ބަރުލަމާނީނިޒާމެއްގަ ލިބޭނީ ފަހެ ކިހިނަކުންތޯ. މި އުޅެނީ ނިޒާމެއްގެ މައްސަލައެއް ނޫން ވިއްޔާ. ނިއުޅެނީ ވެރިންގެ މައްސަލަ ވިއްޔާ.

The name is already taken The name is available. Register?

އައިމިނާ

27 September 2023

ތިޔަ ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ރައްޔިތުން މި ތިބީ އަވާމެންދުރެއްގަ. ހޭ ވެސް ބުނެނުލާ.

The name is already taken The name is available. Register?

ނ‫ޮޓް ސޯ ދި ޑިމޮކްރެޓްސް ޕާރޓީ

27 September 2023

‫މިކަން މިހާރުކުރަން މިއުޅޭގޮތް މުއިއްޒު ވިޔަސް އިބޫ ވިޔަސް ނުވަތަ ރައްޔަތުން މަގުމައްޗަށް ނިކުމެގެންވިޔަސް ކުރިޔަ ނުދޭނެކަމަށް އުންމީދުކުރަން. މިހާރު މިއުޅެނީ ސިމްޕަލް ފެނޭ ނުފެނޭ އެއް ހޯދާފައި ޚާއްޞަކޮށް ނަޝީދު އަދި ޑިމޮކްރެޓްސް ބޭނުންވާގޮތަކަށް ބާރުތައް މަޖިލީހަށް ނަގައިގަންނަން ރާވާ ކެހިވެރިރޭވުމެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 September 2023

ގެންނާންއުޅެނީ ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަނަކަށްހިންގާން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ހަދާ، ކޮންމެރީޖަނަކަށް މަޖިލީހުން 30 ގޮނޑި ކަޑައަޅާ އަދި ނެޝަނަލިސްޓުންގެ ގޮތުގައި (އެކިދާއިރާތަކުން މަތީ ތައުލީމާއި ފަންނުވެރިކަން ހޯދާފައިވާ) އިތުރު 10 މީހަކަށްފުރުސަތުދޭ ފެޑަރަލް ޕާލަމެންޓަރީ ސިސްޓަމެއްނަމަ ރާއްޖޭގެ ގިނަރައްޔިތުން ރިޔާސީނިޒާމަށް ވަގުތުން ނޫނެކޭބުނާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 September 2023

ނިޒާމްގައި މައްސަލައެއްނެތް ކަމަށާއި ބޭނުންވަނީ "އިޙްލާސްތެރި ވެރިން" ކަމަށް ބައެއްމީހުން އެބަބުނޭ. އެފަދަމީހުނަށް ނޭގެނީތޯ ނިޒާމް ބަދަލުކުރުމުގެބޭނުމަކީ އިޙްލާސް ވެރިން ހޯދުމާއި އެފަދަ ވެރިންނަށް ފުރުސަތު ފުޅާކޮށް ދިނުންކަން. # މާޒީއަތް ނުވިސްނާ 2007 ގެ ފަހުގެ ވެރިކަންތަކާއި، އެ ވެރިކަންތައް ހިންގި ރައީސުން ކަންކުރިގޮތް އިންސާފުގެ ނަޒަރަކުން ހިތަށްގެނެސް ޙަޤީގަތުގައިވެސް މިއޮތް ނިޒާމަކީ ރައްޔިތުންގެއަތުގައި ބާރުއޮތް ނިޒާމެއްތޯ ވިސްނާލަބަލަ.

The name is already taken The name is available. Register?

ބާބް

27 September 2023

އަނެއްކާ ބޯގޯސް ވާހަކަ ދައްކަން ފަށައިފި. ކެނެރީ ނަޝީދާއި ޖާބިރާއި ސަން ޝިޔާމްމެންނަށް ބޮޑުވަޒީރުކަން ލިބުންތޯ އިޚުލާސްތެރިން ވެރިކަމަށް އައުމަކީ.

The name is already taken The name is available. Register?

ނަމަރާ

27 September 2023

ދެން ކޮބާ ރަށްޔިތުންގެ އަތުގައި ބާރު އޮތް ނިޒާމަކީ.. މިހާރު މެމްބަރު ވެސް ޖެހެނީ އޭން ޕާޓީ އިން ބުނާ ގޮތައް ވޯޓް ދޭން. ޕާޓީ ހިގަނީ ޕާޓީ ބޮޑު މީހާ ބުާ ގޮތައް.

The name is already taken The name is available. Register?

2000

27 September 2023

މަނިކުފާނު ބަރުލާމާނިން އަށް ނޯ

The name is already taken The name is available. Register?

ޙަލަމް

27 September 2023

އިސްލާހު ގެނެވޭނީވެސް ރައްޔިތުންނަށް ފެންނަ ނަމަ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454