ޚަބަރު / ރާއްޖެ-އ.ދ

2033 ގައި އދ. ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވާދަކުރަނީ

އ.ދ ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ސްޓޭޓް ފޮރިން މިނިސްޓަރު ޚަލީލް ތަގުރީރު ކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

އދ. ގެ އެންމެ ބާރުގަދަ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއަށް ރާއްޖޭން ކުރިމަތިލާފައިވާ ކަން ހާމަކޮށްފި އެވެ.

މިކަން ހާމަކުރެއްވީ އދ. ގެ އާންމު މަޖިލީހުގެ އާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ދެއްވި ތަގުރީރެއްގަ އެވެ.

އެ ތަގުރީގުގައި ހަލީލް ވިދާޅުވީ، ކުޑަ ގައުމެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ މަޝްރަހުގައި ހަރަކާތްތެރިވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 2033 އިން 2034 ގެ ދައުރަކަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

ޖުމްލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ކައުންސިލްގައި ފަސް ދާއިމީ މެމްބަރުންނާއި 10 ވަގުތީ މެމްބަރުން ތިބޭ އިރު، އޭގެ ތެރެއިން ކޮންމެ އަހަރަކު ފަސް ގޮނޑިއަކަށް ގައުމުތައް އިންތިހާބު ކުރެ އެވެ.

ވީޓޯ ކުރުމުގެ ބާރާ އެކު ސެކިއުރިޓީ ކައުންސިލުގެ ފަސް މެމްބަރުންގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ، އެމެރިކާ އާއި ޗައިނާ އާއި ފްރާންސާއި ރަޝިއާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ.

ސެކިއުރިޓީ ކައުންސިލުގެ އިތުރުން، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ 2027 އިން 2029 ގެ ދައުރަކަށް އަދި ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ 2025 އިން 2029 ގެ ދައުރަކަށް ރާއްޖޭން ކުރިމަތިލާފައިވާކަން ހަލީލް ދެއްވި ތަގުރީގުގައި ވިދާޅުވި އެވެ.

ދުނިޔެ އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގައި ކުދި ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ރާއްޖޭން ވަނީ ބަޔާންކޮށްފަ އެވެ.

އ.ދ ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފްދު --ފޮޓޯ: ފޮރިން މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، ރާއްޖޭން ވަނީ ޖައްވުގެ ހޫނުމިން އިތުރު 1.5 ޑިގްރީ ސެލްސިއަސް އަށް އުފުލިއްޖެ ނަމަ ދުނިޔޭގެ ދިރުމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެދާނެތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެއާ އެކު، ރާއްޖޭން ވަނީ ކުރިއަށް އޮތް ކޮޕް-28 އަށް ރިއާޔަތްކޮށް، ޕެރިސް އެގްރީމެންޓްގެ އަމާޒުތަކަށް ވާސިލުވުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ގޮވާލައިފަ އެވެ.

ރާއްޖޭގެ ފަރާތުން ހަލީލް ދެއްވި ތަގުރީގުގައި، ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލޯނާއި ގްރާންޓް ދިނުމުގައި ގެންގުޅޭ އެލިޖިބިލިޓީ ކްރައިޓީރިއާ މުރާޖައާކޮށް، މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް ބަލައިގަތުމަށް ގޮވާލެއްވި އެވެ.

ފަހަކަށް އައިސް ޔޫރަޕުގެ ބައެއް ގައުއުމުތަކުގައި ތަކުރާރުކޮށް އާންމު ތަންތަނުގައި ކީރިތި ގުރުއާންގެ މުސްހަފްގެ ހުރުމަތް ކަނޑަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ އަމަލުތައް ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދިފާއު ނުކުރެވޭނެ ކަމަށް ރާއްޖޭން ބުންޏެވެ. އެއާ އެކު، އިސްލާމްދީނާ މެދު ނަފްރަތު އުފެއްދުމާއި ނަފުރަތު އުފެދޭފަދަ ބަސްމަގު އިތުރުވުން ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ރާއްޖޭން ވަނީ ފާހަގަކޮށްފަ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއަށް ރާއްޖޭން 2018 ވަނަ އަހަރު ވެސް ވާދަކުރި އެވެ. އެކަމަކު އިންޑޮނީޝިއާއާ ވާދަކޮށް ރާއްޖެއަށް ނާކާމިޔާބުވީ 98 ވޯޓުގެ ތަފާތަކުންނެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބޫ

27 September 2023

ތީ ވަރަށް ސިކަމެއް. އޭރުން ދިވެހިސިފައިންނަށްވެސް އެމީހުން ހަދާފާހުރި ޓްރޭނިންތަކުގެ ބާރު ވަޒަންކޮށްލާން އެނގޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454