ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް: ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައި
03 އޮކްޓޯބަރ 2023 - 14:03
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ދ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރިޔަސް، އޭނާގެ މައްޗަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަން ޖެހެނީ 13 އަހަރުގެ ހުކުމެކެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތަހުގީގުގައި ކިޔައިދީފައިވާ ވާހަކަތައް އެތެރެ ފުށާއި ބޭރުފުށުން އެއްގޮތް ކަމަށެވެ. އެ ވާހަކަތައް އެ ކުއްޖާގެ މަންމަ އަށް ކިޔައިދިން ކަމަށް މަންމަގެ ހެކިބަހުން ސާފުކޮށް އެނގޭ ކަމަށާއި އެކަމުގައި ފުށުއެރުންތަކެއް ނެތް ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މީހާ ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy