މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މޯދީއަށް މަރުހަބާ ދަންނަވާ ސަލާމްކުރައްވަނީ: މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވެސް މޯދީއަށް ދައުވަތު ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
07 އޮކްޓޯބަރ 2023 - 14:42
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދޭން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ.
އަންނަ މަހުގެ 17 ގައި ބާއްވާ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އަންނަނީ ހަމަޖައްސަމުންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް އިއްޔެ ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެއްވުމަށް މުއިއްޒު ބޭނުންފުޅުވެ އެވެ.
އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ މުއިއްޒަކީ "އެންޓި-އިންޑިއާ" އަދި "ޕްރޯ-ޗައިނާ" ބޭފުޅަކަށް ވެސް ނުވާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ބައިނަލްއަގުވާމީ މީޑިއާތަކުން ރާއްޖޭގެ ރިޔާސީ އިންތިހާބަކީ ޗައިނާ އާއި އިންޑިއާ ދެމެދު އޮތް ވާދަވެރިކަމެއްގެ ގޮތުގައި އަދި މުއިއްޒަކީ ޕްރޯ-ޗައިނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރިޔަސް، އެއީ ހަގީގަތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދިންތޯ ބައެއް ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ އެ ރަސްމިއްޔާތަށް އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު ދިނުމުގެ ކަންކަން ކުރައްވަމުން އަންނަ ކަމަށެވެ. ދައުވަތު ދެނީ އިންޑިއާ އަށް އެކަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ "އިންޑިއާ އައުޓް" ކެމްޕެއިނެއް ނޫނެވެ. އެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބުވީ ރައްޔިތުން އެހެން ވެރިއަކު ބޭނުންވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ވިދާޅުވި އެވެ.
"އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގި ކެމްޕެއިން އޮތީ ވަރަށް ބޮޑަށް މަޑުޖެހިލައިފައި އަދި އެއީ އެ ކެމްޕެއިންގެ މައިގަނޑު ސަބަބެއް ވެސް ނޫން... އަޅުގަނޑަށް ހީވަނީ އެ ބޭފުޅާ [މުއިއްޒު] އަޅުގަނޑުމެންގެ ފޮރިން ޕޮލިސީ ދަމަހައްޓަވާނެހެން. އެ ބޭފުޅާއަށް ވެސް އެނގިވަޑައިގަންނަވާ ރާއްޖެ-އިންޑިއާ ގުޅުމަކީ އެތައް ޒަމާނެއްވީ ގުޅުމެއް ކަން. އަދި އަޅުގަނޑަކަށް ވެސް ނުފެނޭ ސަރުކާރު ބަދަލުވުމަކުން އެކަމަށް [ދެ ގައުމުގެ ގުޅުމަށް] ބަދަލެއް އައިސްދާނެ ތަނެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ރާއްޖޭގައި ތިބި އިންޑިއާގެ 75 ސިފައިންގެ މީހުން މިތަނުގައި ތިބެން މުއިއްޒު ހުރަސް ނާޅުއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ. އެކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަދި އެކަން ކުރައްވާނީ ވެސް ހާރިޖީ ގުޅުންތަކަށް ބުރު ނާރާނެ ގޮތަށް ޑިޕްލޮމަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ކަމަށް އިންތިހާބީ ރައީސް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާލް
09 October 2023
ރަނގަޅު، ދައުވަތުދީފަ ހުވާކުރާ ރަސްމިއްޔާތުގައި އިންޑިއާ އައުޓް ކިޔާފަ ބޭރުކޮއްލަންހިނގާ!
ހަވާދު
08 October 2023
ދައުވަތު ދިނަސް މޯދީ އަންނާނެހެން ހިއެއްނުވޭ.
ހައްވައްތަ
08 October 2023
އިންޑިއާގެ އެންމެ ބޮޑު ނޫސް "ދަ ހިންދޫ" އިން މީގެ ދެދުވަސް ކުރިން ނެރުނު ވީޑިއޯގައި ބުނަނީ ރާއްޖޭގެ ތަފާތު މަރްކަޒުތަކުގައި ގާތްގަނޑަކަށް އިންޑިއާގެ 2000 ހާސް ސިފައިން ތިބިކަމަށް!!! އެހެންވީމާ މިތަނަށް މޯދީ ގެނައުންތާ ނުވެފައި އޮތް ކަމަކީީ!!! އަހަރުމެން މުޢިއްޒު ހޮވީ މޯދީ ގެންނާކަށް ނޫން!!!
ދަ ޑިމޮކްރެޓްސް.
08 October 2023
އިންޑިއާ ''އައުޓް'' ކޮށްގެން އަހަރެމެން ''އިން'' ވާނީ ކޮންތާކަށް؟ އިިންޑިޔާއިން ކާއެތިކޮޅެއް ދިނިއްޔާ ކައިގެން ވެލިކޮޅެއް ދިނިއްޔާ ގެދޮރުއަޅައިގެން އަހަރެމެން މިއުޅެނީ. ކާއެތިކޮޅު ދީފައި ވެލިކޮޅު އެކަނި ނުދިނަސް އަހަރެމެންގެ ދުވަސް ދިޔައީ. ޢާއިލާމީހަކަށް ނުވަތަ ތިމާއަށް ކަމެއްދިމާވިއަސް ބޭސްފަރުވާއަށް ދުއްވައިގަންނަން މިއޮތީ ހަމަ އިންޑިޔާއަށް. މުޢިއްޒަކީ ނިކަން ދުރުވިސްނޭ ޤާބިލު ބޭފުޅަކަށް ވާނެކަމަށް އުންމީދުކުރަން.
ޢެމެރިކާ
08 October 2023
އިންޑިޔާ ސިފައިން ޖެހޭނީ ފައިބަން.
އަލިއަހްމަދު
08 October 2023
މިހާރު އެނގިއްޖެ ތިބި ސިފައިންގެ އަދަދުވެސް. ގެނައިމީހަކަށްތާ އެނގޭނީ ތިބި އަދަދާ ކުރާ ކަމަކާވެސް. މިނޫނީ ނުހުންނާނެ 2 ހެލިކޮޕްޓަރ ދުއްވަން 75 ސިފައިން ލައިގެން ތިބި ޤައުމެއް. ސަބަބުވެރި ކޮންމެ އިންސާނަކަށްވެސް އެނގޭނެ އަހަރަކު އެންމެ ބަލިމީހަކު އުފުލަން 75 އިންޑިއާ ސިފައިން މިރާއްޖޭގައި ތިބި ނަމަ އެއީ ކޮންމެވެސް އެހެން ބޭނުމަކު ތިބޭބައެއްކަން. މިކަހަލަ ޣައްދާރުން ރާއްޖޭގެ ރައީސްކަމުގައި ބައިތިއްބަން ވޯޓުލާ ދިވެހިންތިބޭތީ ދެރައީ.
ނޫމާން އަލީ
08 October 2023
އެއްވެސް ގައުމަކާ ނުޖެހި ހުރިހާ ގައުމަކާވެސް ގުޅުން ބާއްވަންވާނެ ވަރަށް ރަގަނޅު ކަމެއްމީ
އުސްމާން
08 October 2023
ވަރަށް ރަގަނޅު ސާބަހޭ ރައީސް މުއިޒް
ސުއާދު ސައީދު
08 October 2023
މީގަ ކޮބާތޯ މައްސަލައަކީ؟
މޫސާ ޔައީޝް
08 October 2023
މުއިޒް އަކީ ތަފާތު ބޭފުޅެއްކަން މި އިނގެނީ މިކަމުންވެސް