ކުޅިވަރު / ދުނިޔޭގެ ކުޅިވަރު

އާޓެޓާގެ އާސެނަލް އެންމެ ފަހުން ޕެޕްގެ ސިޓީ ބަލިކޮށްފި

މާޓިނެއްލީ، ސިޓީ ކޮޅަށް ގޯލު ޖަހައި އާސެނަލް މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 9) - މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް، ގެބްރިއެލް މާޓިނެއްލީ ކާމިޔާބު ކޮށްދިން ގޯލާ އެކު 1-0 އިން މޮޅުވެ، އަށް އަހަރު ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައިފި އެވެ.

މީގެ ކުރިން އާސެނަލް އިން ލީގުގައި ސިޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ ލެޖެންޑަރީ ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން 2015 ގަ އެވެ. އޭގެ ފަހުން ދެ ޓީމު ބައްދަލުކުރި 15 ލީގު މެޗުގެ ތެރެއިން ދެ މެޗު އެއްވަރު ވި އިރު، އެންމެ ފަހު 12 މެޗު ވެސް ކާމިޔާބު ކުރީ ސިޓީ އެވެ.

ލީގުގައި ސިޓީ ޑޮމިނޭޓް ކުރަމުން ދިޔަ ނަމަވެސް މި މުއްދަތުގެ ތެރޭގައި އާސެނަލް ވަނީ 2017 އަދި 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ސިޓީ ބަލިކޮށް، ފައިނަލުގައި ޗެލްސީގެ މައްޗަށް ކުރި ހޯދައިގެން ތަށި އުފުލާލައިފަ އެވެ. ހަމަ އެއާ އެކު މި ސީޒަން ފަށަން ކުލުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ވެސް އާސެނަލުން ވަނީ ސިޓީ ބަލިކޮށްފަ އެވެ.

ސިޓީގެ މައްޗަށް ކުރި ހޯދި މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ދަނޑުމަތީގައި އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލް ވަނީ މެޗުގައި މޮޅަށް ކުޅެ، ސިޓީގެ އެޓޭކުތައް ހުއްޓުވަން ފުރިހަމަ މަސައްކަތެއް ކޮށްފަ އެވެ. މުޅި މެޗުގައި ވެސް ސިޓީ އަށް ހަތަރު ހަމަލާ ފޮނުވާލެވުނު އިރު، މިއީ ފާއިތުވި 13 އަހަރު ތެރޭ ސިޓީން އިދިކޮޅު ގޯލަށް އެންމެ މަދުން ހަމަލާ ފޮނުވާލި މެޗެވެ.

"އަހަރުތަކެއް ވެއްޖެ އެމީހުން ބަލިނުކުރެވޭތާ، އަހަރެމެން މި ބަލިކުރީ ދުނިޔޭގެ އެންމެ މޮޅު ޓީމު،" އާސެނަލް އަށް ކުޅެމުން ކުޅުން ހުއްޓާލުމަށް ފަހު ސިޓީގައި ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު 2019 އިން ފެށިގެން އާސެނަލްގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވެ ހުރި މިކެލް އާޓެޓާ ބުންޏެވެ.

"މި މޮޅާ އެކު ޓީމަށް މުހިއްމު މެސެޖެއް އެ ލިބުނީ، މިއީ ކުރާ މަސައްކަތަށް ފުރިހަމައަށް އިތުބާރު ކޮށްގެން ކުރިއަށް ދިޔުމުގެ ނަތީޖާ. ހުރިހާ ކުޅުންތެރިންނަށް ވެސް ތައުރީފް ހައްގު."

މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ މަޓެއޯ ކޮވަސިޗް ވަނީ ދެ ފަހަރު މަތިން ރަތް ކާޑެއް ނުލިބި ސަލާމަތް ވެފަ އެވެ. ކެޕްޓަން މާޓިން އޮޑެގާޑަށް ކުރި ނުރައްކާތެރި ފައުލަށް ވީއޭއާރު ރިވިއު އަށް ފަހު ވެސް ރީނދޫ ކާޑަކުން ރެފްރީ ފުއްދާލި އިރު، އިރުކޮޅެއް ފަހުން މިޑްފީލްޑަރު ޑެކްލަން ރައިސްގެ ފަޔަށް ޖެހި ޓެކުލަށް ރެފްރީ ކާޑެއް ނުދައްކަ އެވެ.

ސިޓީ އަށް އެއްވަނަ އަށް ނޭރުނު

މި ނަތީޖާއާ އެކު މެންޗެސްޓާ ސިޓީ އަށް ވަނީ އަލުން އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. އާސެނަލް ވަނީ ސިޓީ ފަހަތަށް ވައްޓާލައި، ލީގުގެ ދެވަނައަށް ޖެހިލައިފަ އެވެ.

ސިޓީ ބަލިވުމުން ލީގު އެއްވަނައިގައި އޮތީ، ހޮނިހިރު ދުވަހުގެ ރޭ ލޫޓަން ޓައުން ބަލިކޮށްގެން ވަގުތީ ގޮތުން އެއްވަނައަށް ޖެހިލި ޓޮޓެންހަމް ހޮޓްސްޕާ އެވެ. ޓޮޓެންހަމް ވަނީ އަށް މެޗުން 20 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލް ދެވަނައިގައި އޮތީ ވެސް އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.

މެންޗެސްޓާ ސިޓީ ތިންވަނައިގައި އޮތީ އަށް މެޗުން ލިބުނު 18 ޕޮއިންޓާ އެކު އެވެ. ޕޮއިންޓެއް މަދުކޮށް ހަތަރުވަނައިގައި އޮތީ ލިވަޕޫލެވެ.

ސިޓީ އަށް ވުރެ ކުރިއަށް ޖެހިލަން ލިވަޕޫލަށް ވެސް ފުރުސަތު އޮތެވެ. ނަމަވެސް ރަށުން ބޭރުގައި ރޭ ބްރައިޓަންއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 އިންނެވެ.

މެޗުގެ ކުރީކޮޅު ބްރައިޓަން އިން ލީޑު ނެގި ނަމަވެސް މުހައްމަދު ސަލާހުގެ ދެ ގޯލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ލީޑެއް ނެގި އެވެ. އެކަމަކު މެޗު ނިމެން ގާތްވެފައި ވަނިކޮށް ބްރައިޓަން އަށް ޕޮއިންޓެއް ހޯދައިދިނީ ލެވިސް ޑަންކް އެވެ.

މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދި ނިއުކާސަލް ޔުނައިޓެޑް ރޭ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

09 October 2023

މަރުހަބާ އާސެނަލް.ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ލީގްގަ ސިޓީ ބަލިކުރުން އެއީ ހާއްސަ އުފަލެއް ލިބުނުކަމެއް.ލީގްގަ ދެން އާސެނަލްއަށް އޮތީ ވެސް އުނދަގޫ މެޗެއް.އާދެ ޗެލްސީ.މަމެންގެ ކޮމިޝަނަރަށް ބުނެލަން އޮތީ އިނގިރޭސިވިލާތުގެ ކުޑަ ކްލަބުން އެ ބަލިކޮށްލީ ޔޫރަޕްގެ ވެސް 1 ވަނަ ޓީމޭ.ނަމަވެސް ކުރިއަށް ހުރި މެޗުތަކުގަ ސިޓީން މި ބަލި ރިކަވާކޮށް ޓޭބަލްގެ 1 ވަނައަށް އަރާނެކަމަށް ބީބީސީގެ ޗީފް ފުޓްބޯލް ރައިޓަރ ވެސް ލަފާކުރޭ.ވ.ވެދުން COYG #COYG ޕުތަސިޓީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454