ކަރާޗީގައި ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ސަރަހައްދުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި. --ފޮޓޯ:އޭޕީ
06 ފެބުރުއަރީ 2017 - 15:23
ކަރާޗީ (ފެބްރުއަރީ 6) - ޕާކިސްތާނުގެ ދެކުނުގެ ސިޓީ ކަރާޗީގައި ހުންނަ އަފްޣާނިސްތާން ކޮންސިއުލޭޓް ތެރޭގައި ބަޑިޖަހާ އަފްޣާން ޑިޕްލޮމެޓަކު އަވަހާރަކޮށްލައިފި އެވެ.
ލޯކަލް މީޑިއާ އިން ބުނިގޮތުގައި އަވަހާރަކޮށްލާފައި ވަނީ ކޮންސިއުލޭޓުގެ ތާޑް ސެކްރެޓަރީ އެވެ. އިސްލާމްއާބާދުގައި ހުންނަ އަފްޣާން އެމްބަސީން ބުނީ ޑިޕްލޮމެޓް ގަޔަށް ބަޑިޖަހާފައި ވަނީ އެމްބަސީގެ ސެކިއުރިޓީ ގާޑް ކަމަށެވެ. އަދި ގާޑަކީ އަފްޣާން މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. ފުލުހުން މިހާރު ދަނީ ކޮންސިއުލޭޓުގެ ބޭރުގައި ހަރަކާތްތެރިވަމުންނެވެ. ހަމަލާ ދިން ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުންގެ އޮފިޝަލަކު ރޮއިޓާސް އަށް ބުނީ ހަމަލާ ދިން ގާޑު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލެއް ކަމަށްވާ އާޒާދު ޚާން އޭއެފްޕީ އަށް ވިދާޅުވީ ހަމަލާ ދިން ގާޑާއި ޑިޕްލޮމެޓާ ދެމެދު ޒާތީ މައްސަލައެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ.
ޑިޕްލޮމެޓް އަވަހާރަކޮށްލި އަފްޣާން ކޮންސިއުލޭޓާ ކައިރީގައި އިނގިރޭސި ވިލާތާއި ފްރާންސް އަަދި އިންޑޮނީޝިއާގެ މިޝަން ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy