ހައި ކޯޓް: ނޫރުގެ ގާތިލަށް ކުށް ސާބިތު ވިޔަސް، މަރުގެ އަދަބު ނުދެވޭތީ އެ މައްސަލަ ވަނީ ދަށު ކޯޓަށް ފޮނުވާފައި
22 އޮކްޓޯބަރ 2023 - 14:40
އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނޫރު އާދަމް ހަސަންފުޅުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ކުއްޖާގެ މައްޗަށް ގާނޫނު އޮތްގޮތުން މިހާރު މަރުގެ އަދަބު ދެވެން ނެތުމުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ހައި ކޯޓުން އަންގައިފި އެވެ.
މާޗް، 2015 ގައި ސައިކަލުތަކެއްގައި ގްރޫޕަކުން ގޮސް ނޫރު އާދަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ ކުދިންގެ މައުލޫމާތު އާންމުކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އޭނާގެ މައުލޫމާތު އޮތީ ސިއްރުކޮށްފަ އެވެ.
އެ ކުއްޖާ މަރަން ކުރި ހުކުމް ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނޫރަށް އެ ކުއްޖާ ހަމަލާދިން ތަން ފެނުނު ކަމަށް ތިން މީހަކު ހެކިބަސް ދީފައިވާއިރު، އެ މީހުންގެ ބަހަށް ބާރު ލިބޭ ގަރީނާތައް ވެސް ހުށަހެޅިފައިވާ ކަމަށެވެ. އަދި ނޫރު މަރުވީ އެ ހަމަލާތަކުގައި އަށް އިންޗި ހުންނަވަރުގެ ވަޅިއަކުން އޭނާއަށް ހަމަލާތަކުގެ ސަބަބުން ކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތުމުން ގަސްދުގައި މީހަކު މެރިކަން އެއްވެސް ޝައްކެއް ނެތި ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، ގަސްދުގައި މީހަކު މަރައިފި ނަމަ އިސްލާމީ ޝަރީއަތުގެ ދަށުން ދެވޭ އަދަބަކީ ވާރިސުން ބޭނުންވާ ނަމަ މަރަށް މަރު ހިފުން ކަމަށް ވިޔަސް، މިހާރު އަމަލުކުރާ ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތްގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ އެ ކުއްޖާގެ މައްޗަށް ވެސް މިހާރު މަރުގެ އަދަބެއް ނުދެވޭނެ އެވެ. އެހެންވެ، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތު ވިޔަސް އޭނާއަށް ދެވޭނެ އަދަބާ މެދު އަލުން ޖުވެނައިލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައިވަނީ މީހަކު މެރިކަން ސާބިތުވުމުން ދިރިހުރުމުގެ ހައްގެއް ގާނޫނީ ގޮތުން އޮވެގެން ނުވާނެ ކަމަށެވެ. އަދި ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިފައި އޮންނަ ހައްގެއް ނަމަވެސް އެއީ ހައްގަކާ ނުލައި މީހަކު މަރާލުމުން މަރުގެ އަދަބު ދިނުމަށް ހުރަސް އެޅޭނެ ސަބަބެއް ނޫން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ. އަދި އެއީ ގާނޫނު ހިނގާ ތަނެއްގައި ކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރި ހުކުމަށް ތާއީދުކުރާ ކަމަށެވެ. އަދި އެ ކުއްޖާގެ މައްޗަށް ކަނޑައެޅޭނެ އަދަބާ މެދު އަލުން ގޮތެއް ނިންމަން ޖުވެނައިލް ކޯޓަށް ތަހުވީލުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.
ނޫރު މަރާލި މައްސަލާގައި އިތުރު ދެ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރި އެވެ. އަދި އެކަމުގައި ބައިވެރިވި އެހެން ކުއްޖެއްގެ މައްޗަށް ހައި ކޯޓުން ކުރިން 10 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލާހު
23 October 2023
ކުޑަކުދިންނެއް މީހުންނުމަރާނެ. ތިޔަ ޤާތިލު މަރާލަާ
އާދަނު123
23 October 2023
ކުޑަކުދިންނެއް މީހުންނެއް ނުމަރާނޭ، 7 އަހަރުވީ އިރު މައްސަލަ ނުނިމޭ ފުރަތަމަ ކޯޓްތައް އިސްލާހު ކުރަންވީ
ދޮން ހަސީނާ
22 October 2023
ކާކަށްތޯ މަރުގެ އަދަބު ދެވުނީ؟
އިބްރ
22 October 2023
މަރުގެ އަދަބު ދެވިފައިވަނީ ދައުލަތަށް. ރައްޔިތުންނަށް ލިބޭ ހުރިހައި ފައިސާ މިފަދަ ޖަރީމާތަށް ހިންގާމީހުނަށް ކާންދީ ބަލަހައްޓަން ޚަރަދުކުރަނީ.
ބައިކިލޯ
22 October 2023
އިސްލާމީޝަރީޢަތުގައި ކުޑަކުދިންގެގޮތުގައި ބަލާ އުމުރާއި ގާނޫނީގޮތުން ބަލާ އުމުރާ ތަފާތު ވާނަމަ އިސްކުރަން ޖެހެނީ އިސްލާމީ ޝަރީޢަތުގައި އޮންނަ ހުކުމްތޯ ނޫނީ ބަޔަކު ހަދާގާނޫނީ ހުކުމްތޯ ފަނޑިޔާރުން ބަލާކަށް ނުޖެހޭތޯ؟
މިގޮތަށް11
22 October 2023
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން، ކީރިތި ޤުރުއާންގެ ސާފު ނައްޞުން ކަނޑައެޅިފައި ނެތްނަމަ، އިސްކުރަންޖެހޭނީ ޤާނޫނުގައި އޮތް ޢުމުރު.
ރަދީފު ބިން ރަފައިދާ
22 October 2023
ކުދިން މީހުންމަރާތަ؟
ކޮސްރަދީފު
23 October 2023
މިއީ ވަރަށް ތާކުން ތާކުން ނުޖެހޭ އާގިއުމެންޓް އެއް
ފިސާރިން
22 October 2023
ޝުކުރިއްޔާ ދިވެހިރާއްޖޭގެ ޝަރީއަތްތަކަށް