ކުޅިވަރު / ޗެމްޕިއަންސް ލީގު

ޔުނައިޓެޑް ސަލާމަތްކޮށް މެގުއާ އާއި އޮނާނާ މަލާމާތުގެ އަނގަތައް ބަންދުކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗުގައި، މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އޮނާނާ އާއި މެގުއާ: އޮނާނާ ވަނީ ޕެނަލްޓީ މަތަކޮށްފަ މެގުއާ ވަނީ ލަނޑު ޖަހާފަ --- ފޮޓޯ: ގެޓީ އިމޭޖަސް

25 އޮކްޓޯބަރ 2023 - 10:00

މެންޗެސްޓާ (އޮކްޓޯބަރު 25) - މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވާ ދެ ކުޅުންތެރިން ކަމަށްވާ، ހެރީ މެގުއާ އާއި އަންޑްރޭ އޮނާނާ ޗެމްޕިއަންސް ލީގުގައި ކޯޕެންހޭގަންއާ ދެކޮޅަށް ރޭ ޔުނައިޓެޑް ސަލާމަތްކޮށް ދީފި އެވެ.

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވުމުން، ރޭ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ވެފައި އޮތީ އެ ޓީމަށް މަރުގެ މެޗަކަށެވެ. އެ މެޗުން ބަލިވި ނަމަ، މުބާރާތުން ކަޓެމުގެ ބިރު ޔުނައިޓެޑަށް ބޮޑުވީ ހެވެ.

މުހިންމު އެ މެޗުގައި އެ ޓީމު ސަލާމަތްކޮށްދިން، މެގުއާ ވަނީ ލަނޑު ޖަހައިފަ އެވެ. އަދި އޮނާނާ ވަނީ އެންމެ ފަހު ވަގުތުގައި ޕެނަލްޓީ ޕެނަލްޓީ ހުއްޓުވާފަ އެވެ.

މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ވަނީ، މިދިޔަ ހޮނިހިރު ދުވަހު މަރުވި ޔުނައިޓެޑްގެ ލެޖެންޑް ބޮބީ ޗާލްޓަން އަށް އިހުތިރާމް އަދާކޮށްފަ އެވެ. އޯލްޑް ޓްރަފޯޑް އަކީ ޑްރީމް ތިއޭޓާގެ ގޮތުގައި ޗާލްޓަން ސިފަ ކުރި ދަނޑުގައި މެގުއާ މެޗުގެ ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފުގައި ކްރިސްޓިއަން އެރިކްސަން ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

އެ ލަނޑަކީ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ފެބްރުއަރީ 2022 ގެ ފަހުން ޖެހި ފުރަތަމަ ލަނޑެވެ.

އެހާހިސާބުން މެޗު ނިމުނީކީ ނޫނެވެ. ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނީ އަށް ހެދުނު ގޯހެއްގައި ކޯޕެންހޭގަން އަށް ޕެނަލްޓީއެއް ލިބުނެވެ. އިންޓަ މިލާން ދޫކޮށް މި ސީޒަނަށް ޔުނައިޓެޑަށް ބަދަލުވި އޮނާނާ އަށް ރޭގެ މެޗާ ހަމައަށް ވެސް ފާޑު ކިޔުންތަކުން އަރައެއް ނުގަނެވުނެވެ. އެކަމަކު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކޯޕަންހޭގަންގެ ޖާޑަން ލާސަން ފޮނުވާލި ޕެނަލްޓީ ދިފާއު ކުރުމުން ޔުނައިޓެޑްގެ ދަނޑު ކެކިގެން ދިޔަ އެވެ.

"މިއީ އަދަޔާ ހިލާފް ރެޔެއް. ހާއްސަކޮށް މެޗުގެ އެންމެ ފަހު ވަގުތު އަހަރެމެންނާ ދެކޮޅަށް ޕެނަލްޓީއެއް ލިބުނަސް އަންޑްރޭ އޮނާނާގެ މޮޅު ސޭވެއް ފެނިގެން ދިޔަ. ހެރީ މަގުއާ މޮޅު ކުޅުމެއް ދެއްކި އިރު އަންޑްރޭ އޮނާނާ ވެސް ވަރަށް ރަނގަޅު. ފުރަތަމަ ހާފުގައި ތަންކޮޅެއް ދަށް ކުޅުމެއް އަހަރެމެންނަށް ދެއްކުނު. ނަމަވެސް ހަމަޖެހިލައިގެން ދެވަނަ ހާފުގައި އަހަރެމެންނަށް ފިޔަވަޅު އެޅުނު. އެމީހުންނަށް ވުރެ ގިނަ ފުރުސަތުތަކެއް ލިބުނު. އާހިރުގައި ނަތީޖާއާ މެދު ހިތްހަމަޖެހޭ،" މެޗަށް ފަހު ޔުނައިޓެޑް ކޯޗު އެރިކް ޓެން ހަގް ބުންޏެވެ.

އެ ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ބެޔާން މިޔުނިކާއި ގަލަތަސާރާއީ ކުޅުނު މެޗު، ބެޔާން ކާމިޔާބު ކުރީ 3-1 ންނެވެ. އެ ޓީމަށް ލަނޑުތައް ޖަހައި ދިނީ ހެރީ ކިންގްސްލީ ކޯމަން، ހެރީ ކޭން އަދި ޖަމާލް މުސިއާލާ އެވެ. ގަލަތަސަރާއީގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ޖެހީ މައުރޯ އިކާޑީ އެވެ. ބެޔާން އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް 9 ޕޮއިންޓް ހޯދައިގެންނެވެ. ގަލަތަސަރާއީ ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ޔުނައިޓެޑަށް ރޭ ގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އޮތީ ތިންވަނައިގަ އެވެ. ކޯޕަންހޭގަން އެއްވަނައިގައި އޮތީ އެންމެ ޕޮއިންޓަކާ އެކު އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454