ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

މެމްބަރުންގެ އިމްތިޔާޒޭ ބުނާއިރަށް އާންމުން ރަތަށް!

ރައްޔިތުންގެ މަޖިލިސް: މެމްބަރުންނަށް އާންމުން ކުރާ އިތުބާރު ގެއްލި، އެ ބޭފުޅުންނަށް ކުރާ އިހްތިރާމު ވެސް ވަނީ ކުޑަވެފައި.-- ފޮޓޯ: މަޖިލިސް

އެއް މެމްބަރަކު އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެންނެވެ. އޭނާ ނޫނަސް، 10 މިލިއަން ނުވަތަ އެއަށް ވުރެ ވެސް މާ ގިނަ ފައިސާ ހޭދަކޮށްގެން މަޖިލީހުގެ ގޮނޑި ހޯއްދެވި ބޭފުޅުން އެބަތިއްބެވި އެވެ. ބޭނުމަކީ، ޝަރަފެވެ، އިއްޒަތެވެ. އިމްތިޔާޒުތަކެވެ.

އެކަމަކު، އެ ގޮނޑީގެ އިމްތިޔާޒުތައް ދޭން ރައްޔިތުން ބޭނުންވާހެނެއް ހިޔެއް ނުވެ އެވެ. މަޖިލީހުގެ ގަވައިދުގައި އޮންނަ އިމްތިޔާޒުތައް ނުލިބިގެން މެމްބަރުން ޝަކުވާކުރާ ކޮންމެ ފަހަރަކު ރައްޔިތުންގެ އުދާސްތައް ދަނީ ކޮޅުންލައިގެންނެވެ. ރުޅިގަނޑު ދަނީ ފަޅައިގެންނެވެ. -- އެއީ ކީއްވެހެއްޔެވެ؟

މިދިޔަ ހަފުތާގެ ތެރޭގައި، މަޖިލިސް މެމްބަރުންގެ ކާރުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިގެން މެމްބަރުން އެކަމުގެ ޝަކުވާ ކުރުމުން ވެސް އާންމުން އެކަމަށް ޖެހީ ޖޯކެވެ. އެ ޚަބަރު "މިހާރު"ގައި ޖެހުމުން ހަތްދިހައެއްހާ ކޮމެންޓް ޝާއިއުކުރި އެވެ. އެ ކޮމެންޓުތަކުގައި މެމްބަރަކަށް ހެޔޮހިތުން އެއްޗެއް ބުނެލި ހަމަ އެކަކު ވެސް ނެތެވެ. މެމްބަރުންގެ އިމްތިޔާޒުތަކާ ގުޅޭ މި ކަހަލަ ކަންކަމުގެ ވާހަކަ އަޑުއަހަން އާންމުން މިހާރު ހަގީގަތުގައި ވެސް ފޫހިވެ އެވެ.

ހަގީގަތަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމެވެ. މަޖިލީހަކީ، ބައެއް މީހުންގެ ނަޒަރުގައި މިހާރު އެއްވެސް އޮއްޓަރެއް އޮތް ތަނެއް ކަމަކަށް ނުދެކެ އެވެ. އަދި، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، މަޖިލީހަކީ "ބޭކާރު" ތަނަކަށް ވެސް ވެއްޖެ އެވެ! އިއްޒަތް ދޭން ބޭނުން ނުވަނީ އެހެންވެ ކަމަށް ވެދާނެ އެވެ.

"ރައްޔިތުންނަށް ދަތިވާ ކަންތައްތައް ނުބަލާ މި މީހުންނަށް ދަތިވާ ކަންތައްތައް ބެލުމުގައި ވަގުތު ބޭކާރު ކޮށްލަނީ. ތިވަރު މީހުންނަށް އިއްޒަތްތެރިންނޭ ކިޔާނީ މޮޔައިން،" ކޮމެންޓެއްގައި މީހަކު ބުންޏެވެ.

"މީ ދެން މާ މަތީ ބައެއް ހިތުން. އެއްވެސް ބަޔަކު ކުޑަމިނުން ރެސްޕެކްޓެއް ވެސް ނުކުރާ ބޭކާރު ބައެއް. މި މީހުން ހޮވާނެ ކަމެއް ނެތް. ދުވަހަކު ޖަލްސާއަކަށް ނުދިޔަސް ބަރާބަރަށް މުސާރަ ނަގައިގެން ތިބޭނީ،" އެ ހަބަރަށް "ބޭކާރު" ނަމުގައި ކޮމެންޓް ކުރި މީހަކު ބުންޏެވެ.

"ކީއްކުރަން؟ ރިޔާސަތުގައި ބަގުނޑި ބައްދައިގެން ނެއްޓެން ނޭނގިގެން އުޅެން ހަދައިގެން މަސައްކަތެއް ނުކުރާތާ ހަ މަސްވެގެން ދަނީ. މެމްބަރުން އިތުބާރު ނެތޭ ބުނީމާ ވެސް ވޯޓަކަށް އަހާލަން ނުކެރިގެން ބަހަނާ ދައްކާލަ ދައްކާލަ ތިބެނީ. ތި މީހުންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ވެސް ކަނޑާލަންވީ،" އެހެން ކޮމެންޓެއްގައި ވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝާއިއު ކުރި އެ ޚަބަރަށް މުޅިން ވެސް ލިބުނީ މި ކަހަލަ ކޮމެންޓުތަކެވެ.

މެމްބަރުންގެ ޝަކުވާ ބޮޑުވީ އެ ބޭފުޅުންގެ ކާރުކޮޅު ވެލާނާ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ދޮރުމައްޗާ ހަމަ އަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީ އެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، މެމްބަރުންގެ ކަންކަން ބަލަހައްޓާ މަޖިލީހުގެ "މެމްބަ ސާވިސް އެންޑް ޕްރޮޓޮކޯލް"ގެ ފަރާތުން ވަނީ އާންމު ކޮމެޓީ އަށް ޝަކުވާތައް ހުށަހަޅައި މަޝްވަރާ ފަށައިފަ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ މެމްބަރުންގެ ކާރުތަކަށް ހާއްސަ ޕާކިން ސްޓިކާއެއް ބޭނުންކޮށްގެން އަދި ޕާކިން އޭރިއާއެއް ކަނޑައަޅައިގެން އެ މައްސަލަ ހައްލުކުރެވި ދާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލް އާއި ފުލުހުންނާ އެކު ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރަން ތާއީދު ކުރެއްވި ނަމަވެސް، ބައެއް މެމްބަރުން ވަނީ ކޮމެޓީ ބައްދަލުވުމުގައި އެކަމާ ދެކޮޅު ވެސް ހައްދަވައިފަ އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މެމްބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އޭނާ ތާއިދު ކުރެއްވިޔަސް، އެއާޕޯޓުގެ ރެސްޓްރިކްޓެޑް އޭރިއާއެއް ނުވަތަ ސެކިއުރިޓީ މަތިކޮށްފައި އޮންނަ ސަރަހައްދެއްގައި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވެރިންގެ ކާރުކޮޅު ޕާކުކޮށްފައި ބޭއްވިދާނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.

"ނަމަވެސް އެތަނަށް އަރާވަޑައިގަންނަވާއިރާއި ފައިބާވަޑައިގަންނަވާއިރު، އެ ބޭފުޅުންނަށް ގޮސް އެތަނުގައި ކުޑަ އިރުކޮޅަކަށް މަޑުކޮށްލަން ފުރުސަތު އޮތުން ރަނގަޅު. އެކަމަކު އެތަނުގައި ގޮސް ޕާކުކޮށްގެން ތިބެން އިންތިޒާމު ހަމަޖެއްސުން އެއީ އެހާ ރަނގަޅު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މި ނޫނަސް މެމްބަރުންގެ އިމްޒިޔާޒުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވި އެވެ. އެއް މެމްބަރަކު މީގެ ކުރިން ގަލޮޅު ދަނޑަށް ކިޔޫގައި ވަންނަވަން ޖެހިވަޑައިގަތުމުން އޭގެ ޝަކުވާ ވެސް ކުރެއްވި އެވެ. މިއީ، މީޑިއާއާ ހަމައަށް ތިލަވި މައްސަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހާއްސަ އިމްތިޔާޒުތަކެއް އޮންނަ ބައެކެވެ. ރާއްޖޭގައި ވެސް އެކަން އެކަން އޮންނަނީ އެހެންނެވެ. ދައުލަތަށް ކުޅަދާނަ ނުވާ ވަރުގެ ބޮޑު މުސާރައެއްގެ އިތުރުން އަނބިދަރިންނަށް ވެސް ރާއްޖެ އިން ބޭރުން ހިލޭ ބޭސްފަރުވާ އާއި އެހެނިހެން ބައިވަރު އިނާޔާތްތައް މިހާރު ވެސް ދެ އެވެ. އެކަމަކު، އާންމުން ކުރާ ސުވާލަކީ، ރައްޔިތުންގެ ފައިސާ އިން އެހާ ބޮޑު ހަރަދެއް މެމްބަރުންނަށް ކޮށްދޭ އިރު މެމްބަރުން އެ އެ ބޭފުޅުންގެ ޒިންމާ އަދާކުރައްވާ ހެއްޔޭ އެވެ؟

މެމްބަރުންނަށް ކޮށްދެވުނީ ކޮންކަމެއް؟

"ތިޔައީ މިހާރު ރައްޔިތުންގެ މަޖިލީހެއް ނޫން. ތިޔައީ މެންބަރުންގެ މަޖިލީހެއް،" ކޮމެންޓެއްގައި ބުނެފައި އޮތެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: މެމްބަރުންނަށް އާންމުން ކުރާ އިތުބާރު ގެއްލި، އެ ބޭފުޅުންނަށް ކުރާ އިހްތިރާމު ވެސް ވަނީ ކުޑަވެފައި.-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ދައުރެއް ނިމެން ކައިރިވާ އިރު، މެމްބަރުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ އާންމުން ސުވާލު އުފައްދަ އެވެ. އަހަރެއްހާ ދުވަސް މި ދަނީ މަޖިލީހުގެ އެންމެ ޖަލްސާއެއް ވެސް ފުރިހަމަ އަށް ކުރިއަށް ނުގެންދެވި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެ އެވެ. މެމްބަރުންނަށް ކަންކަން ފަސޭހަކޮށް ދޭން އެދޭ އިރު، އާންމުންނަށް ވީ ފަސޭހައެއް ދައްކަބަލާށޭ ވެސް އެބަ ބުނެ އެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގައި އިންނަވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ މެމްބަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްގެން ޒިންމާދާރު މަގާމަކަށް އައްޔަންކުރާ ބޭފުޅުންނަށް ވާތީ، އެ މަގާމާ އެކުގައި މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، މެމްބަރުންގެ އަމަލުތައް ހުންނަ ގޮތުން އާންމުން މިހާރު މި ކަހަލަ ކަންކަމަކީ މާ ސީރިއަސް ކަންކަމުގެ ގޮތުގައި ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ފަންސަވީހަކަށް އަހަރު ކުރިން ދިވެހިން މަޖިލިސް މެމްބަރުންނަށް ވަރަށް އިހްތިރާމު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، މިއަދު ދިވެހިން ބުނަނީ މަޖިލިސް މެމްބަރުންނަކީ ބޮޑު މުސާރަ އާއި އިޔާނަތްތައް ނަގައިގެން އާންމުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކޮށް ނުދޭ ބައެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ އިތުބާރު ކުޑަ މުއައްސަސާތަކުގެ ލިސްޓުގެ ކުރީގައި، މިފަހަކަށް އައިސް އަބަދުވެސް، ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ވެސް އޮތީ ރައްޔިތުންގެ މަޖިލިސް،" އޭނާ ވިދާޅުވި އެވެ.

އެ އިތުބާރު ގެއްލުނީ، އުޝާމް ވިދާޅުވި ގޮތުގައި، މެމްބަރުންނާ ހަވާލުކޮށްފައި އޮތް ގާނޫނީ ޒިންމާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތުންނެވެ.

ރައްޔިތުން މިއަދު ގަބޫލެއް ނުކުރޭ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާވާ މަސައްކަތެއް ކުރާ ކަމަކަށް. ރައްޔިތުން މިއަދު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދި ސިޔާސީ ޕާޓީތަކުގެ މަސްލަހަތު އިސްކޮށްގެން ކަންކަން ކުރާ ތަނެއްގެ ގޮތުގައި: އުޝާމް

"ރައްޔިތުން މިއަދު ގަބޫލެއް ނުކުރޭ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާވާ މަސައްކަތެއް ކުރާ ކަމަކަށް. ރައްޔިތުން މިއަދު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދި ސިޔާސީ ޕާޓީތަކުގެ މަސްލަހަތު އިސްކޮށްގެން ކަންކަން ކުރާ ތަނެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މި އަހަރަށް ބަލައިފި ނަމަވެސް ކޮންމެ މަހަކު މެމްބަރުންނަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެބަ ލިބޭ މުސާރައިގެ ގޮތުގައި. ނުވަތަ އެއަށް ވުރެ ވެސް ގިނައިން. ހަތްދިހަ، އައްޑިހަހާސް ކޮންމެ މަހަކު އެބަ ލިބޭ. އެކަމަކު އެއް އަހަރު ދުވަހުގެ ތެރޭގައި އަސްލު ހަގީގަތުގައި ރައްޔިތުންނަށް ފައިދާ ހުރި ކޮން މަސައްކަތެއްތޯ އަޅުގަނޑުމެންނަށް ކުރެވުނީ."

މަޖިލީހުގެ އެހެން ބައެއް ބައެއް މެމްބަރުން ވެސް ބުނި ގޮތުގައި، އަހަރެއްހާ ދުވަސް މި ބޭކާރުކޮށްލީ ސިޔާސީ ދެބަސްވުންތަކާއި ޒުވާބުތަކުގެ ތެރޭގަ އެވެ. އާންމު މީހާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ އެއްވެސް ނިންމުމެއް މަޖިލީހަކަށް ނުނިންމުނެވެ. އެހެންވީމާ، އާންމުން މެމްބަރުންނަށް ޖޯކު ނުޖަހަންވީ އެއްވެސް ސަބަބެއް ނެތެވެ.

63 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހައްމަދޫ

29 October 2023

ކޮން އިމްތިޔާޒެއްތަ. ތަޅާބޭރުކުރަންވެފަ ތިބިބަޔެއް. ބޭކާރު ތަނެއް. ވަގުތުން އުވާލާފަ ތިތާ މާރަނގަޅުވާނެ ރައްޔަތުންނައް ފައިދާވާނޭ އެހެންް ތަނެއް ހެދިއްޔާ.

The name is already taken The name is available. Register?

ގޮވެލި

28 October 2023

ތިޔަ މަޖިލީހުން ކުޅޭ ކުޅިގަނޑު މާދަމާ އަނެއްކާވެސް ފެންނާނެއެވެ. ތި މީހުންނަށް ދޭންވީ އިމްތިޔާޒެއް ނޫނެވެ. އިމްތިހާނެކެވެ. އަޅެފަހެ މި އަހަރު އަދި ރަގަޅަށް ޖަލްސާއެއް ނުބާއްވައެވެ. އެކަމަކު ކޮންމެ ދުވަހު ކެޔުމަށާއި ކޮފީއަށްވެސް ލައްކައިން ރުފިޔާ ޚަރަދުކޮށްލައެވެ. އަނެއްކާ ޖަލްސާތަކުގަވެސް އޮއްޓަރެއްހުރި ވާހަކައެއް ދައްކާނަމަވެސް ރަގަޅުތާ. އެއްބަޔަކު އަނެއް ބަޔަކާ ދިމާކުރުމާއި ހަޅޭއްގޮތުން ނޫން ކަމެއް ނުކުރެއެވެ.

The name is already taken The name is available. Register?

ޚަދީޖާ އަޙްމަދު

28 October 2023

އަދި އެއް ދައުރު ކާށިދޫ މީހުން ޖާބިރަށް ދޭންޖެހޭ. ޖާބިރު މަޖްލިހަށް ލައިގެން މުޅި މަޖްލިސް އެންޓަޓައިން ކޮށް ދިނީތީ ކާށިދޫ ކުދި ބޮޑު އެންމެންނަށް ޝުކުރިއްޔާ .

The name is already taken The name is available. Register?

ޔޫއެން ކަހަލަ ބޭކާރު ތަނެއް.

28 October 2023

މާލޭގެ 10 ބުރީގެ އިމާރާތުގެ އޯނަރަކަށްވެ އަމިއްލަ ކުންފުނި ހަދާ، މަހުޖަނަކަށް ވާން ވަންނަ ތަނެއް. ބަޔަކަށް ކަމެއް ކޮށްދޭން ވަންނަ ތަނެއް ނޫން. އަދިވެސް ވައްދަންވީ ޕާޓޭންނާ. ހުރިހާ ޖަރީމާއެއް ހިންގާމީހުން. ނަށާ ކުދިންނާ ތައުލީމީ ގޮތުން ހަތެއްގެ ފެންވަރު ވެސް ނުހުންނަ މީހުން ވައްދަންވީ. ގާނޫނީގޮތުން އެއްވެސް ތައުލީމެއް ތަހްޒީބެއް ނެތް ބަޔެއް ހޮވީމަ ހުންނާނީ ވާނެ އެތި ވެފަ

The name is already taken The name is available. Register?

ކަމުދާނީ

28 October 2023

މަޖްލީހުގެ މެމްބަރުންނަށް އިމްތިޔާޒު ތަކެއް އޮތުން ރަނގަޅު ހަމައެގޮތަށް މަޖްލީހަށް ހޮވޭ މެމްބަރުންނަކީ އެއީ ގާނޫނީ ދާއިރާއިން މާސްޓަރސް ހަދާ އަދި ރާއްޖޭގެ ކޮލެޖަކުން ގާނޫނީ ދާއިރާއިން ޑިގްރީ އެއް އޮންނަ މީހަކަށް ވެފައި އަދި އެމީހަކީ އާންމުންގެ މެދުގައި އިތުބާރު ކުރެވޭ މީހަކަށްވެ އަދި އެމީހަކީ ރައްޔިތުން އައުމުން ސިޓީ ލިޔެދީ ސަރުކާރުގެ އިދާރާ ތަކަށް ގުޅައިގެން ރައްޔިތުން ބުނާ ކަންކުރަން ނުހުންނަ މީހަކަށް ރައްޔިތުން އަމއިްލަ އަށް ހަދަންވީ އެއިރުން

The name is already taken The name is available. Register?

އާބަކުރު

28 October 2023

ރައްޔިތުން އެބަޖެހޭ ކޮންމެ އިންތިޚާބަކާ ދިމާކޮށް ހެޔޮއެދިގެން ކަމަށް ހެދިގެން ރައްޔިތުން ގާތަށް އަންނަ މީހުންނާދޭތެރޭ ފުންކޮށް ވިސްނަން. ވޯޓުގަނޑުގެ ދަހިވެތި ކަމުގައި އަންނަ މީހާ ސިއްރުންވިޔަސް ދިއްކޮއްލާ ފައިސާގައި ހިފުމަކީ ހުއްދަ ކަމެއް ނޫންކަން ބުނެދީ އެއީ ރިޝްވަތުކަން އޭނާއަށް އަންގައި ނުހިފައި ދޫކޮށްލަން.

The name is already taken The name is available. Register?

ސޯޓް

28 October 2023

ގާނޫނުއަސާސީއާއި ހިލާފަށް އައިރުގާނޫނީ މަޖީލީހެއް އެކުލަވާލައިގެން ކުޅޭކުޅިގަނޑަކުން ރައްޔިތުންނަށް އޮތީ ގެއްލުން. އައިރުގާނޫނީ ގޮތުން ގާނޫނުއަސާސީއާ ހިލާފަށް އެކުލަވާލާ މަޖީލީސް އެއް ހިނގާނީ ގޭންގް އުސޫލުން. ޢިންތިހާބީ ދާއިރާ ތަމްސީލެއް ނުކުރެވޭނެ. ތަމްސީލުކުރެވޭނީ އެބޭފުޅުންގެ ބޮސް އާއި އެ ގޭންގް ބައިގަނޑުގެ ސިޔާސަތު. ވިޕްނެރެގެން ކުރަނީވެސް އެކަންތައް. ފެންނަނީ ހައްދުފަހަނަޅާފަ އޮތް ބޮޑަތި ކޮރޮޕްޝަނާއި ނާޖާއިޒު މަންގާ ނަގަމުންދާތަން.

The name is already taken The name is available. Register?

އާމިނާފުޅު

28 October 2023

މެންބަރުންވެއްޖެއްޔާ ކާރުކޮޅު. އެކަމަކު އެބޭފުޅުންގެ ވާހަކަ ދެއްކުމުގެ އަޚުލާގަށް ބަލާއިރު އޭބޭފުޅުންގެ އަނގަފުޅުން ބައެއްފަަހަރު ހައިސްޕީޑްފުޅުގައި ނިކުމެ ވަޑައިގަންނަވާ ބަސްފުޅުތަކަކީ ރޯ އައުގުރާނަ ފުޅުކަމަށްވާތީ ސުވާލުފުޅަކީ އެބޭފުޅުންނަކީ ހުރިހާ ހާލުފުޅެއްގައިވެސް އިއްޒައްތެރި މެންބަރުފުޅުންތޯއޭ

The name is already taken The name is available. Register?

އަމީނު

28 October 2023

ތިއީ އަވަގުރާނަ ގޮވާބައެއް ތިތަން ތެރޭ. ކޮން އިމްތިޔާޒެއްގެ ވާހަކަ ދައްކާކަށް

The name is already taken The name is available. Register?

ޖަލަޕީނޯ

28 October 2023

އިއްޒައްތެރި މެންބަރުންނޭ، އަޅުގަޑުމެން މީ ކުޑަކުޑަ ޖަޒީރާ ގައުމެއްގައި އުޅޭ ނިކަމެތި މަދުމީސްކޮޅެއް. އަޅުގަޑުމެންނަކީ އުފެއްދުންތެރި ބައެއްނުން ހުރިހާ އެއްޗެއް އިންޕޯޓްކުރަނީ. އަހަރުމެންނަށް އެންމެ ބޮޑު ފޮރިންކަރަންސީއެއްލިބޭ ޓުއަރިޒަމަކީ ވަރަށް ނާޒުކުއެއްޗެއް، ދިމާވާ ކަމެއްގައި އެމީހުން އައުން މަދުވެއްޖެޔަސް ބޮޑުގެއްލުމެއްވާނެ. އެކަހަލަ ހާއްލެއްގައިތިބި ގައުމެއްގެ ރައްޔަތުން ފެލަން ލަދެއްނުގަނޭތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454