ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ކުރެހުމެއް: ކުޑަކުއްޖަކަށް ރައްޔިތުކަން ދޭން ކަމަށް ބުނެ މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅުމުން ކޯޓުން ވަނީ އެ ފުރުސަތު ނުދެވޭނެ ކަމަށް ނިންމާފައި
01 ނޮވެމްބަރ 2023 - 07:59
ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމުގެ މައްސަލައަށެވެ. އެ މައްސަލަ ދައުލަތުން ގުޅުވަނީ މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތު ކުރުމާ އެވެ. ނަމަވެސް މިއީ ކުއްޖަކަށް ރައްޔިތުކަން ދިނުމަށް ވުރެ މާ ބޮޑު މައްސަލަ އެކެވެ.
އިންޑޮނީޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖެއްގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް، ޝަރުއީ ގޮތުން ދަރި ލައްވާ މުއްދަތު ހަމަނުވާތީ އެއީ ކުއްޖާގެ ބައްޕަ ކަމަށް ކަނޑައެޅޭކަށް ނެތެވެ. އަދި އެ ކުއްޖާ އުފަންވީ ރާއްޖޭގައި ކަމަށް ވިޔަސް، ގާނޫނު އަސާސީ އޮންނަ ގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެއްސަކަށް ލިބޭ ދަރިންނަށް އެކަންޏެވެ. އެހެންވެ، ދައުލަތުން އެދުނީ އެ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަން މަދަނީ މިންގަނޑުން ސާބިތުކުރާށެވެ. ނަމަވެސް ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
ޝަރުއީ ގޮތުން ބަލާއިރު އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން ސާބިތު ނުވާނެ ކަމަށް ދައުލަތުން ވެސް އެއްބަސްވެ އެވެ. އެއީ ކުއްޖާ އުފަންވީ ދަރި ލައްވާ މުއްދަތުގެ ކުރިން ކަމަށްވާތީ އެވެ. ނަމަވެސް ދައުލަތުން ބުނާގޮތުން ކުއްޖާގެ ބައްޕައަކީ އެ ފިރިހެން މީހާ ކަން މަދަނީ މިންގަނޑުން ސާބިތު ކުރަން ޖެހެނީ އެ ކުއްޖާއަށް ދިވެހި ރައްޔިތުކަން ނުލިބި އެތައް ހައްގުތަކެއް ގެއްލިގެންދާނެތީ އެވެ. ނަމަވެސް ހަގީގަތުގައި ކަން އޮތީ މުޅިން އެހެނެއް ނޫނެވެ.
ހައި ކޯޓު --- ފޮޓޯ/މިހާރު
ބައިނަލްއަގްވާމީ މުއާހަދާތައް އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް ކޮންމެވެސް ގައުމެއްގެ ރައްޔިތު ކަން އޮންނަން ޖެހޭތީ އެ ކުއްޖާއަށް ވެސް ކޮންމެވެސް ގައުމެއްގެ ރައްޔިތުކަން ލިބެން ޖެހޭނެ ކަމާ މެދު ދެބަސްވުމެއް ނެތެވެ. އަދި އެކަން ކުރެވޭނެ އެހެން ގޮތްތައް މިހާރު ވެސް އެބައޮތެވެ.
އެ ކުއްޖާ ވިހެއީ ރާއްޖޭގައި ކަމަށް ވާއިރު، އެ ކުއްޖާގެ މަންމައަކީ އިންޑޮނޭޝިއާގެ އަންހެނެއް ކަން ދިވެހި ސަރުކާރުގެ ރަސްމީ ލިޔުންތަކުން ކަށަވަރުވެ އެވެ. އަދި އިންޑޮނޭޝިއާގެ ގާނޫނު ބުނާގޮތުން އެ ގައުމުގެ އަންހެނުން ވިހާ ކުދިންނަށް އެ ގައުމުގެ ރައްޔިތުކަން ދެވެ އެވެ. އެހެންވެ، އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިވެގެން ވެސް އެ ކުއްޖާއަށް އެ ގައުމުގެ ރައްޔިތުކަން ދޭން މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވެސް ދައުލަތަށް އެބައޮތެވެ.
ނަމަވެސް ދައުލަތުން މިގޮތަށް މަސައްކަތެއް ނުކުރެ އެވެ. ހައި ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެ ކުއްޖާގެ މަންމަ ރާއްޖެއިން ބޭރުގައި އުޅޭތީ އޭނާ ހޯދުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މަސައްކަތްކުރި އެވެ. ނަމަވެސް މިއިން ކަމެއް އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ކުރިކަމެއް އެނގޭކަށް ނެތެވެ.
ހައި ކޯޓުން ވެސް ފާހަގަކުރީ އެއް ކަމަކީ އެއީ އެވެ. އެ ކުއްޖާގެ މަންމައަކީ ކާކުކަން ސާފުކޮށް އެނގޭއިރު ވެސް އިންޑޮނޭޝިއާގެ ރައްޔިތުކަން އެ ކުއްޖާއަށް ދޭން މަސައްކަތް ކުރުމުގެ ބަދަލުގައި އެހެން މަގަކުން އެކަން ކުރަން އުޅޭ ސަބަބެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
"އެ ކުއްޖާގެ ބައްޕައަކީ ކާކުކަން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނީ އަދި ޝަރުއީ ހަމަތަކުން ސާބިތުކޮށްދެވެން ނެތްނަމަ އެ ކުއްޖާ އެ ކުއްޖާގެ މަންމަގެ ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ރައްޔިތަކަށް ނުވާންވީ އެއްވެސް ސަބަބެއް ދައުލަތުން ބަޔާނެއް ނުކުރެ އެވެ." ހުކުމުގައިވެ އެވެ
ހަމައެހެންމެ، މިސާލަކަށް އިންޑޮނޭޝިއާގެ ރައްޔިތުކަން އެ ކުއްޖާއަށް ނުލިބުނަސް މީގެކުރިން ރާއްޖޭގައި މިފަދަ ކަންކަމުގައި އަމަލުކުރި އުސޫލުން ބަލާއިރު ވެސް ހައްލެއް ހޯދެން އެބައޮތެވެ. މީގެކުރިން މަންމައަކީ އަދި ބައްޕައަކީ ވެސް ކާކުކަން ނޭނގޭ ފަދަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ހާލަތްތަކުގައި ވަގުތީ އައިޑީކާޑެއް އެފަދަ ކުދިންނަށް ދެ އެވެ. އަދި ރާއްޖޭގެ ރައްޔިތު ކަމަށް އެދެވޭ އުމުރު ހަމަވުމުން ސިޓިޒެންޝިޕް ގާނޫނުގެ ދަށުން އެފަދަ ކުދިންނަށް ރައްޔިތުކަން ދިނުމުގެ ފުރުސަތު އޮވެ އެވެ.
އޭގެ ބަދަލުގައި އެގޮތަށް އަމަލު ނުކޮށް، މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރުމުން ނިކުންނަ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. ސަބަބަކީ ޝަރުއީ ގޮތުން ބަލާއިރު ދަރި ލެއްވުމަކީ އޭގެ މައްޗަށް ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވާތީ އެވެ. މިސާލަކަށް ވަލީ އާއި ތަރިކަ މުދަލާއި އެ ނޫން ވެސް ޝަރުއީ އެތައް ކަމެއް ހިމެނެ އެވެ. އެހެންވެ، ދައުލަތުން އެދޭގޮތަށް އަމަލުކޮށްފިނަމަ މިކަންކަމާ ކަންކަމާ ގުޅޭގޮތުން ވެސް އިތުރު މައްސަލަތަކެއް އުފެދިގެންދާނެ އެވެ.
ހައި ކޯޓުން ވެސް ފާހަގަކުރި އެއް މައްސަލައަކީ އެވެ. އަދި މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރުމާއި ޝަރުއީ ގޮތުން ދަރި ލެއްވުމާ އޮތް ތަފާތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
"ކުއްޖާގެ ބައްޕައަކީ ކާކުކަން ކަނޑައެޅެން ނެތް ހާލަތުގައި ވަކި ފިރިހެނަކީ އެއީ އެ ކުއްޖާގެ ބަފައި ކަމަށް ކަނޑައަޅައި، ނިސްބަތްކޮށްފިނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ފިރިހެން މީހާގެ މައްޗަށް ކުރެވޭ ގަޒްފަކަށެވެ." ހުކުމުގައިވެ އެވެ.
ރާއްޖޭގެ ގާނޫނުތައް --- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރަން ފެށުމަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ ހިލާފްވުމުގެ އިތުރުން ވަރަށް ގިނަ ގާނޫނީ އިތުރު މައްސަލަތަކެއް ނިކުންނާނެ ކަމެކެވެ.
"އެ އުޅެނީ މުޅިން ނުބައި ކޮންސެޕްޓެއްގެ ތެރެއިން މިކަން ކުރެވޭނެ ގޮތެއް ހޯދަން." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވާ ގޮތުގައި މަދަނީ މިންގަނޑުން ބައްޕަ ސާބިތު ނުކޮށް ވެސް ރައްޔިތުކަން ދިނުމުގެ ފުރުސަތު ދައުލަތަށް އެބައޮތެވެ. އެގޮތުން ސިޓިޒެންޝިޕްގެ ގާނޫނުގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް ރައްޔިތުކަން ދެވޭ އުސޫލުން އެފަދަ ކުދިންނަށް ރައްޔިތުކަން ދެވޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެއީ ކޮންމެހެން ކޯޓަށް ގޮސްގެން އެހެން ގޮތަކަށް ބައްޕަ ސާބިތުކުރަން ޖެހޭ ކަމެއް ނޫން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ކުއްޖަކަށް ރައްޔިތުކަން ހޯދައިދޭށޭ ކިޔާފައި ދައުލަތުން ކޯޓަށް ދާކަށް ނުޖެހޭނެ. ގާނޫނު އޮތްގޮތުން މިވަގުތު ރައްޔިތުކަން ދެވޭކަށް ނެތިއްޔާ ކޯޓުން ވެސް ހުކުމް ކުރާނީ ގާނޫނުގައި އޮތްގޮތަށް. އެހެންވީމަ ސިޓިޒެންޝިޕްގެ ގާނޫނު އިސްލާހު ކުރަންވީ މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ރައްޔިތުކަން ދެވޭ ގޮތަށް. އަދި ފަހުން އެހެން ގައުމެއްގެ ރައްޔިތުކަން ލިބިއްޖެއްޔާ އެ ކުއްޖެއްގެ ދިވެހި ރައްޔިތުކަން އަތުލެވޭ ގޮތަށް." އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާއަށް ކޮންމެވެސް ގައުމެއްގެ ރައްޔިތުކަން ލިބެން ޖެހޭނެ އެވެ. އަދި އެކަން ކުރެވޭނެ މަގުތައް މިހާރު ވެސް އެބައޮތެވެ. އޭގެ ބަދަލުގައި މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ފެށުމަކީ ޝަރުއީ ގޮތުން ގިނަ މައްސަލަތަކެއް ނިކުންނާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީއޮކްސީރައިބޯނިޔުކިލިކްއެސިޑް
05 November 2023
މީ 21 ވަނަ ގަރުނު! ޑީއެންއޭ ގަބޫލު ކުރަން ޖެހޭ އެބެ ކޯޓު ތަކުން! ސައިންސަކަށް ދޮގެއް ނެހެދޭނެ، މީހުން ގަޔާ ވިޔަސް ނުވިޔަސް!
ހަމަ
20 November 2023
ހަތް އުޑުމަތިން ބާވާލެއްވި އިލާހީ ޤާނޫނަކު ނޯވޭ ޑީއެންއޭ ހަދާކަށް. އޭގާ ކިތަންމެ ގިނަ ޙިކްމަތް ތަކެއް ފޮރުވިގެންވޭ. ސައިންސްގެ އެހީގައި އޭނާގެ ބަޔޮލޮޖިކަލް ބައްޕަ ހޯދުނަސް، އެދަރި އެބައްޕައަށް ނިސްބަތް ނުކުރެވޭނެ. އެއީ އިސްލާމީ ޝަރީޢަތް. އެއަކާ ޚިލާފެއް ނުވެވޭނެ އަހަރުމެން މުސްލިމުން ނަކަށް
ފިނރުޓޭ
05 November 2023
ކޮބާހޭ މަދަނީ ގޮތުން ދަރިލައްވާ ގޮތާ ސަރުއީ ގޮތުން ދަރި ލައްވާ ގޮތަކީ؟ މި ތަފާތު އަޅެ ބުނެލަ ދިންނަމަހީ ދޯ؟ ކީކޭ ދެން އަޅެ ބުނާނީ! ޑީއެންއޭ ޓެސްޓް އެއީ ކީއްކުރާ އެއްޗެއްހޭ މި ބުނީ!
Fax
01 November 2023
އުރެދުމަކަށް ވެދާނެ ދަރި ސާބިތުކުރުން ވަކި ގޮތަކަށް ކަޑައެޅިފައިއޮއްވާ އެނޫންގޮތެއް ގެނެސްގެންފިނަމަ، އިންސާނާ ޚަަލްޤް ކުރެއްވި ފަރާތުން ނަސަބު ސާބިތުކުރާންވާނީ މިގޮތަށެވެ. ޢަމުރުވެވުނީމާ ސައިންސާ ޑީ އެން އޭ އެކަމަކަށް ބަލައިގަތުމަކީ ހެއުވާނެކަމެއްނޫން.
ޝެއިޚް ދީދީ
01 November 2023
ދީނުގަ މިކަމުގަ ހައްލުއޮތީ ވަރައް ފަސޭހައިން ބުނެދީފަ. އުދަގޫ ވެގެން އުޅެނީ ހަރާން ދަރިން އެހެން މީހެއްގެ ބޮލައް ޖަހަން އުޅެގެން
ސަލީމް2
01 November 2023
އެ ކުޑަ ކުއްޖާގެ ހައްގު އިސްކުރާންޖެހެ ހުރިހާ ކަމެއްގެ މައްޗަށް.. ބައްޕަކީ ބައްޕަކަން ކަނޑައެޅި ބަޔާން ކުރުމަކީ އެ ކުއްޖާގެ ހައްގެއް.. ދެން މަންމަ އާ ބައްޕަ ގޯހެއް ހަދާފާއިވާނަ އެކަމުގެ އަދަބުދީ އެ ދެމީހުންނަށް.. އެ ކުއްޖާގެ ބައްޕައަކީ ބައްޕަ ނޫން ކަމަށް ކަނޑައަޅާ، އެއީ ބައްޕަ ނެތް ކުއްޖެއްކަމަށް ބުނުމަކީ ކުއްޖާއަށް ދެވޭ ވަރަށް ބޮޑު ދެރައެއް، އަދަބެއް.. އެއީ ހަގީގަތުގާވެސް ބައްޕަތޯ ޔަގީން ކުރެވޭނެ މިޒަމާނުގަ..
ސަލީމަށް
01 November 2023
އެކުއްޖާ ދުނިޔެއްށް ެުފަންވުމުގެ އަސްލު ފިރިހެނަކީ އެކުއްޖާގެ ބައްޕަ އަކަށް ދީނީގޮތުން ނުވޭ. ޢެމީހާ އަކަށް އެކުއްޖާގެ ބަލަދެއް ނާރާނެ. ޓަރިކަ މުދަލުނއ ވާރުތަ އެއް ނުކުރާނެ. ދީނުގަ އޮތް ގޮތް ބައްލަވާ. ދީނުގަ ކަންކަން އޮތީ ހުރިހާ ޒަމާނެއްގަ އެއް ގޮތަކަށް ޢަމަލުކުރަން.
އިސްމާލި
01 November 2023
މޑޕ އާއި މި ސަރުކާރުން ކުރާ ކޮންމެ ކަމެއްގައިވެސް އޮންނާނެ ހީލަތްތެރި އަމާޒެއް. ވެދާނެ މިހެން ޕްރެސީޑެންޓް ސެޓް ކޮށްފައި އިންޑިއާ އަންހެހުން މިތަނަށް އައިސް ވިހާފައި ދިޔައީމައި އެކުދިން ދިވެހިރައްޔިތުންނަށް ހަދަން އުޅެނީ ކަމަށް. ދުރު މުސްތަގުބަލުގައި ދިވެހިއްގެ ތެރޭގައި އިންޑިއާ މީހުން އާލާވެ އިތުރުވުމަށް ހުޅުވާލެވޭ ދޮރެއް.
ބަލަގަ
01 November 2023
އެހެން ވީމާ ސައިންސް އެއްކޮށް އުވާލަންވީ. ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅީ ދަނޑުވެރިކަމާ މަސްވެރިކަން. ޑޮކްޓަރުންނާއި ހޮސްޕިޓަލްތައްވެސް އުވާލަންވީ. ސްކޫލުތައްވެސް ބަންދުކޮށްލަންވީ.
ސައެންސް
01 November 2023
ސައެންސާއި ޓެކްނޯލޮޖީއަކީ ހުރިހާ ކަމެއް އެނގޭނެ އެއްޗެއް ނޫން. އިންސާނުން ކިތަންމެ ވަރަކަށް ހޯދިޔަސް ނުހޯދޭނެ ކަންކަމާއި ނޭނގޭނެ ކަންކަން ވަނީ މި ކައުނުގައި ލައްވާފައި. އިންސާނާގެ ހަށިގަނޑުގައިވެސް ވަނީ ލައްވާފައި. އެހެންވެގެން ދަރި ސާބިތުކުރުމުގައި ސައެންސާއި ޓެކްނޯލޮޖީއަށް ބުރަ ނުވެ އެކަން ކުރުމަށް އަންގަވާފައި އޮތީ.
ބަރުޒަންޖީ
01 November 2023
ކުއްޖާގެ ބަޔަލޮޖިކަލް ބަފަޔަކީ ކާކުކަން އެގިގަތުމަކީ ކުއްޖާގެ ހައްގެއް.
ބޮޑުގޮހޮޑާ
01 November 2023
ދީނުގައި އޮންނަ ގޮތް ނޫން އެހެން ހުރިހާ ގޮތަކަށް މި ކަންކަން ކުރަން އެމްޑީއެން ސަމީމު އުޅޭނެ
ޢަބްޑުޅް. +
01 November 2023
ކޮން ސަރިޔަތެއް؟ މީ ދިވެހިރާއްޖެޔޭ. ޔަމަނެއްނޫން.