14 އަހަރުން ދަށުގެ އަންހެން ސެމީގައި ފ. އަތޮޅު ސްކޫލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
31 އޮކްޓޯބަރ 2023 - 12:13
މިއަހަރުގެ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ތިން ކެޓެގަރީއެއްގެ ފައިނަލަށް ފ. އަތޮޅު ސްކޫލް ހޮވިއްޖެ އެވެ.
ފ. އަތޮޅު ސްކޫލް ހޮވިފައި ވަނީ 14 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކެޓެގަރީގެ ފައިނަލާއި 16 އަހަރުން ދަށުގެ އަންހެން ކެޓެގަރީގެ ފައިނަލަށެވެ.
ހަތަރު ޓީމު ވާދަކުރި 14 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ ފައިނަލުން ފ. އަތޮޅު ސްކޫލު ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.
ދެވަނައަށް ދިޔަ ވ. ކެޔޮދޫ ސްކޫލާއި ތިންވަނައަށް ދިޔަ މުހްޔިއްދީން ސްކޫލް ވަނީ މިދިޔަ ހޮނިހިރު ދުވަހު ސެމީ ފައިނަލް މެޗެއް ކުޅެފަ އެވެ. ސީދާ ތިން ސެޓުން 25-15، 25-11، 25-8 އިން މުހްޔިއްދީންގެ މައްޗަށް ކުރި ހޯދައިގެން ފައިނަލުން ޖާގަ ހޯދީ ކެޔޮދޫ ސްކޫލެވެ.
ފ. އަތޮޅު ސްކޫލާއި ކެޔޮދޫ ސްކޫލް ބައްދަލުކުރާ 14 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ ފައިނަލް ކުޅޭނީ މިރޭ 8:45 ގަ އެވެ.
14 އަހަރުން ދަށުގެ އަންހެން ސެމީގައި ފ. އަތޮޅު ސްކޫލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސާދަ އަހަރުން ދަށުގެ އަންހެން ކެޓެގަރީގެ ފައިނަލްގައި ފ. އަތޮޅު ސްކޫލް ބައްދަލުކުރާނީ ތ. މަޑިފުށި ސްކޫލެވެ.
އަންހެން ކެޓެގަރީގައި ބައިވެރިވި އަށް ޓީމުގެ ކުޅުން ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް 1 ގެ ތިން މެޗު ވެސް ކާމިޔާބުކުރި މަޑިފުށި ސްކޫލުން ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި 25-17، 25-9، 25-15 އިން ދެވަނަ ގުރޫޕްގެ ދެވަނަ ހޯދި ކެޔޮދޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ދެވަނަ ގުރޫޕްގެ އެއްވަނަ ހޯދި ފ. އަތޮޅު ސްކޫލް ފައިނަލަށް ދިޔައީ އިއްޔެ ކުޅުނު ސެމީގައި، 1 ވަނަ ގުރޫޕްގެ ދެވަނަ ހޯދި ތާޖުއްދީން ސްކޫލްގެ މައްޗަށް 25-6، 25-10، 25-9 އިން ކުރި ހޯދައިގެންނެވެ.
ކެޔޮދޫ ސްކޫލާއި ތާޖުއްދީން ބައްދަލުކުރާ ތިންވަނަ ހޮވާ މެޗު މިއަދު ހަވީރު 3:45 ގައި ކުޅޭނެ އެވެ. ފ. އަތޮޅު ސްކޫލާއި މަޑިފުށި ސްކޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.
އިއްޔެ މަޑިފުށި ސްކޫލާއި ކެޔޮދޫ ސްކޫލް ބައްދަލުކުރި 14 އަހަރުން ދަށުގެ އަންހެން ސެމީ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފ. އަތޮޅު ސްކޫލް ދެން ވާދަކުރާނީ 16 އަހަރުން ދަށުގެ އަންހެން ކެޓެގަރީގެ ފައިނަލުގަ އެވެ. މާދަމާ އޮންނަ މި ފައިނަލް މެޗުގައި ފ. އަތޮޅު ސްކޫލް ނުކުންނާނީ އދ. ކުނބުރުދޫ ސްކޫލާ ދެކޮޅަށެވެ.
ފ. އަތޮޅު ސްކޫލްގެ ސޯޅަ އަހަރުން ދަށުގެ އަންހެން ޓީމު ފައިނަލަަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި 25-18، 25-17، 25-18 އިން ކެޔޮދޫ ސްކޫލް ބަލިކޮށްގެންނެވެ. ކުނބުރުދޫ ސްކޫލުން ވަނީ 25-18، 25-8، 25-18 އިން އިމާދުއްދީން ސްކޫލް ބަލިކޮށްފަ އެވެ.
ކުނބުރުދޫ ސްކޫލާއި ފ. އަތޮޅު ސްކޫލް ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ.
ތިންވަނަ ހޮވާ މެޗުގައި އިމާދުއްދީނާއި ކެޔޮދޫ ސްކޫލް ބައްދަލުކުރާނީ މިރޭ 7:45 ގައެވެ.
14 އަހަރުން ދަށުގެ އަންހެން ސެމީގައި ފ. އަތޮޅު ސްކޫލާ ދެކޮޅަށް ތާޖުއްދީން ސްކޫލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާދަމާ އޮންނަ ސޯޅަ އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ ފައިނަލްގައި ބައްދަލުކުރާނީ ކުނބުރުދޫ ސްކޫލާއި އދ. އަތޮޅު ސްކޫލެވެ.
އދ. އަތޮޅު ސްކޫލް ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި 25-15، 25-22، 25-20 އިން ފ. އަތޮޅު ސްކޫލް ބަލިކޮށްފަ އެވެ. އަދި ކުނބުރުދޫ ސްކޫލް ވަނި 25-17، 25-11، 25-15 އިން ކެޔޮދޫ ސްކޫލް ބަލިކޮށްފަ އެވެ.
ކެޔޮދޫ ސްކޫލާއި ފ. އަތޮޅު ސްކޫލް ބައްދަލުކުރާ ތިންވަނަ ހޮވާ މެޗު އިންނާނި މިއަދު ހަވީރު 4:45 ގައެވެ.
ތިން އަހަރަށް ފަހު ކުރިއަށްގެންދާ އިންޓަ ސްކޫލް މުބާރާތުގެ 19 އަހަރުން ދަށުގެ މުބާރާތް ފަށާނީ ބުރާސްފަތި ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy