ފިރުޒުލް: ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ނުފެށުމުން އިންތިގާލީ އޮފީހުން ކަންބޮޑުވުން ފާޅުކުރި
31 އޮކްޓޯބަރ 2023 - 14:33
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް އެ މަސައްކަތް ނުފެށުމުން އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ ގަވައިދުގެ 211 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ނޮވެމްބަރު 1ގެ ކުރިން މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންޖެހެ އެވެ. އެ މާއްދާ އެހެން އޮތުމުން މިއަދުގެ ޖަލްސާއަށް ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރި ނަމަވެސް، އެމްޑީޕީން ވަނީ އިހްތިޖާޖްކޮށް، ޖަލްސާ ބާއްވަން ހުރަސްއަޅައިފަ އެވެ.
އެމްޑީޕީން އެކަމަށް ހުރަސްއެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނަވަ އެވެ.
އިންތިހާބީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މިއަދަކީ ބަޖެޓް ހުށަހަޅަންޖެހޭ ދުވަސް ކަމަށްވާއިރު، މިއަދު އެކަން ނުވެ ދިޔުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގައި ހުރަސްތަކެއް އޮތުމަކީ ކަންބޮޑުވާ ކަމަކަށްވާއިރު، އެ ހުރަސްތައް ވީއެންމެ އަވަހަކަށް ނައްތާލުމަށް އުއްމީދު ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތިން ބާރުން ވެސް ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މިއަދު ޖަލްސާއަށް ވަޑައިނުގެންނެވި ނަމަވެސް، މިނިސްޓަރު ވަނީ ބަޖެޓް މަޖިލީހަށް ފޮނުވައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓް ވެބްސައިޓްގައި ވެސް އާންމުކޮށްފައިވާއިރު އަންނަ އަހަރަށް ލަފާކުރަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިރުޒުލް ވިދާޅުވީ ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ބަޖެޓްގެ އަދަދު 49 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުކުރުން ކަމަށެވެ. އެއީ އާމްދަނީ އާއި ދަރަނީގެ ފަރަގު ބޮޑު ނުވާނެ ގޮތަށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އިސްކަންދީގެން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ޖައިޝަމް
01 November 2023
އެމްޑީޕީ ކުދިން ހަޖަމް ކޮށްލަބަލަ ދެން މުއިޒް އިންޝާﷲ ގައުމު އާރާސްތުކޮށް ގައުމު ކުރިއރުވާނެކަން ޔަގީން
ޖައިބެ
01 November 2023
ކޮން ކަމެއް ނުވެގެންތޯ ސޯލިހު މިއުޅުއްވަނީ. ރައްޔިތުންނަށް އިތުރަށް ހަރާން ނުކޯރުވާ ސިޔާސީ މައިދާނުން އެކަހެރިވެލައްވާ
ހައިޝަމް ދެއްވަދޫ
01 November 2023
އެމްޑީޕީދެކެ ވަރަށް ފޫހިވެއްޖެ. ދެން އަންނަ ރައީސަކަށް ގައުމު ހިންގަން ފުރުސަތު ދޭންޖެހޭ. އެއްބާރުލުން ދޭންޖެހޭ
ޖޭމުގަސް ހަސަނާ
01 November 2023
މިފަދަ ހަޔާތްކުޑަ ރައްޔިތުންގެ މަޖިލިސް މެންބަރުން ދެވަނަ ފަހަރަށް ވޯޓު ހޯދަން އައިމާ ރައްޔިތު މީހާ ވިސްނާލަން ޖެހޭ
ޖާސިރު
01 November 2023
އެމްޑީޕީ ބަދަލުވާކަށް ނޫޅޭ. އެމްޑީޕީއަށް ތާއިދުކުރަން އުޅުނަސް މިފަދަ ހަޑި މުޑުދާރު އަމަލުތަކުގެ ސަބަބުން އެމްޑީޕީ ދެކެ ފޫހިވޭ
އައްޑޫ ސުހައިލް
01 November 2023
ބާ ނުވާ އެމްޑިޕީގެ މުޑުދާރު އުސޫލު. މިފަދަ މީހުން މަޖިލީހަށް ނުހޮވަން ގަދައަޅާ މަސައްކަތް ކުރަން ޖެހޭ.
ހާޔާ
01 November 2023
ކިތަންމެ ވަރަކަށް ދުއްޕާން ކުރިއަށް ގައުމު އާރާސްތުކުރާނެ މުއިއްޒު. ބަލި ހަޖަމް ކޮއްލަން އެބަޖެހޭ އިބްރާހިމް ސޯލިހު
މަނާލް އީސަ
01 November 2023
ތި ބަޖެޓް ފާސްކޮއްދިނީމަ ފައިދާވާނީ ދިވެހި ރައްޔިތުންނަށާއި ގައުމަށް. ތި ހަޑި އަމަލުތަށް އަދިވެސް އެމްޑީޕީއިން ހުއްޓާލަން ނޫޅުމަކީ ދެރަކަމެއް
ޝަހު އިސްމާއިލް
01 November 2023
އިބްރާހީމް ސޯލިހަށް އަދިވެސް ބަލި ގަބޫލެއް ނުކުރެވޭ. ވެރިކަމުގެ އަޖަލު ހަމަވާން 17 ދުވަހަށް ވީއިރު އަދިވެސް ތިމާގެ ގަދަކަން ދައްކަން މަސައްކަތް ތިކުރަނީ. އެމްޑީޕީއަކީ ގައުމަށް ޖެހިފައިވާ ވަބާއެއް
ޝަބީން ރަޝީދު
01 November 2023
ބަޖެޓް ފާސްވީމަ ފައިދާވާނީ ދިވެހި ރައްޔިތުންނަށް. މުއިއްޒުއަށް ނޫނީ އަންނިއަކަށް ނޫން. މަޖިލީހުގައި ތި ޖައްސާ ހަޑި އަމަލުތައް ހުއްޓާލަން ޖެހޭ. އާންމު މީހާއަށް ވިސްނާލަން ޖެހޭ