01 ނޮވެމްބަރ 2023 - 08:05
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވެސް ސަލާން ފޮނުއްވާފައިވާތީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ، ފާއިތުވި ތިން ދުވަހަކޭ އެއް ގޮތަށް މިއަދުގެ ޖަލްސާ އަށް ވެސް ވަޑައިނުގެންނެވޭކަން އަންގަވައި، އީވާ ސަލާން ފޮނުއްވާފައިވާތީ ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.
މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު އީވާ ސަލާމުގައި ހުންނެވުމުން، ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވެމުން، އެ ގަރާރު ފަހަތަށް ޖައްސައިލުމަށް ފަހު، މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަރުގެ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާ އިން އިއްޔެގެ ޖަލްސާ އަށް އެޖެންޑާ ކުރި އެވެ. އެއީ އެ އިދާރާ އިން ބުނި ގޮތުގައި، މާލިއްޔަތު ގާނޫނުގައިވާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ދެން އަންނަ އަހަރެއްގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހޭ އިރު، އިއްޔެ އަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަހެވެ.
އެކަމަކު، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެމްޑީޕީ މެމްބަރުން ވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިށީނދެވަޑައިގަތުމަށް ހުރަސްއަޅައި، އިއްޔެގެ ޖަލްސާ ހުއްޓުވައިފަ އެވެ.
ބަޖެޓު ހުށަހަޅަން އިއްޔެގެ ޖަލްސާއަށް ތާވަލުކުރިޔަސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، މަޖިލިހަށް ބަޖެޓް ހުށަހެޅުން ވަނީ މަޑުޖެހިފަ އެވެ. އެކަމަކު، ބަޖެޓްގެ ތަފުސީލްތައް ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި އެވެ.
މާދަމާއަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫނަސް، އެއީ ސަރުކާރު ބަންދު ނޫން ދުވަހަކަށް ވާތީ، ނަޝީދު ވަކިކުރުމުގެ ގަރާރު މާދަމާ އަށް ވެސް އެޖެންޑާ ކުރެވިދާނެ އެވެ. އެކަމަކު، މާދަމާ ޖަލްސާއެއް ބާއްވަން މަޖިލީހުގެ އިދާރާ އިން އަދި ތާވަލުކޮށްފައެއް ނުވެ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ބަލައިގެންފައިވިޔަސް، އެ ދުސްތޫރީ މައްސަލަ އަދި ނުފަށަ އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ.
އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ.
އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
02 November 2023
އަބަދު ސަލާންޖަހާ މީހުނައްވެސް މަޖްލިސްއައް ވަދެވެންޏާވާނީތިހެން.
ހަންނި
01 November 2023
ޖަލްސާ ނުބޭއްވުމަށް ނިންމުން އެއީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއް. ޢަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ސިފައިންނާއި އޭރުގެ ޑިފެންސް މިނިސްޓަރު މިހާރުވެސްވީ އެމައްސަލާގައި ކުރި ހުކުމަށް ޖަލުގައި. ކަން ކުރަން އަމުރު ކުރެއްވި ބޭފުޅާ އެހުންނެވީ މިނިވަންކޮށް. އަމީންއާމް އަދި ކައުންސިލް ޖެނެރަލް ވިސްނަވާނެކަމަށް އުންމީދުކުރަން.
ވަސީމޫ
01 November 2023
މުޅި ދިވެހި ގައުމުގެ މަސްލަހަތު ވަކި މީހަކަށް ހިފަހަށްޓާލެވޭ ގޮތަށް އޮންނަ އުސޫލަކީ ބާތިލް އުސޫލެއް. ވަގުތުން ވަގުތަށް ބަދަލުކުރަންޖެހޭ
ލޮއްލަ
01 November 2023
އީވާ ވެސް ބޭރުކުރަންވީ.. ނަޝީދުވެސް ބޭރުކުރަންވީ. މުޅި ގައުމު ހުއްޓުން އަރައިފި މި ދެމީހުންގެ ދުއްތުރާ ބޮޑު ކަމުން..
ގޯނި
01 November 2023
ނޮވެންބަރު 16 ވަނަ ދުވަސް ނިމެންދެން ހުންފުޅު ވަރަށް ގަދަވާނެކަމަށް ބެލެވޭ އަދި 17 ވަނަ ދުވަހު ހާލުކޮޅު ވަރަށް ރަގަޅުވާނެކަމަށް ފެންނީ. އަދި އިތުބާރުނެތް ރައީސް ގެ ރިޔާސަތުގައި މުއިއްޒުލަވާ ހުވާ ކުރުވާނެ.
ދާނި
01 November 2023
ބޮޑު ބޭބޭ ބޮޑު ވަޒީރުކަމާ ހަވާލުވަންދެން އާލާސްކަންފުޅު ރަގަޅެއް ނުވާނެކަންނޭންގެ. ހެޔޮއެދޭ އެންމެ ބޭފުޅުން ދުއާކޮށްދެއްވާ އަވަހަށް ބޮޑު ބޭބެއަށް ބޮޑުވަޒީރުކަން ލިބޭތޯ. ހާދަ ވޭނުގައޭ އެކަމަނާ އެއުޅުއްވަނީ.
ގައީވާ
01 November 2023
މަ ސަލާމޭ މިކަމާ...
ސަލާމްބުނާތި
01 November 2023
ބޮޑުވަޒީރުގެ ކަންތައް ހަމައަށްއެޅުނީމައި މީނައަށްވެސް ސަލާމްބުނަންވާނެ.
ޙުވާ
01 November 2023
އީވާމެން ހަމަ ބޭނުންވަރަކަށް ސަލާން ބުނަންވީ. އެކަމަކު އަހަރުމެން ދެދުވަހަށްވުރެ ގިނަވެއްޖެއްޔާ މެޑިކަލް ސެޓްފިކެޓެއްނެތިއްޔާ ޒަމާން ދިޔައީ. ހަމަހަމަކަން..
މާހިރު
01 November 2023
އެމައްސަލަ އެޖެންޑާގައި އޮތްހާ ހިނދަކު އެކަމަނާގެ ބަލި ފަސޭހަ ނުވާނެއެވެ. ޑިމޮކްރެޓުންނޭ ކިޔައިގެން އުޅޭގޮތުން ލަދުން ބޯހަލާކުވާވަރު ވެއްޖެއެވެ. އަންނި އާއި އީވާއަކަށްވެސް މަޖިލީހުގެ ރިޔާސަތު ހިސޯރުކުރެވިގެން ނުވާނެއެވެ. މަޤާމު ދިފާޢުކުރަން ބޭނުންނަމަ ރީތިގޮތުގައި ދިފާޢު ކުރަން މަސައްކަތް ކުރާށެވެ. ތިއުޅުއްވާ ގޮތުން ވެއްޓޭނީހަމަ ކަމަނާމެންގެ އަގެވެ.