ދުނިޔެ / އަގްސާ ތޫފާން

އަޒްހަރުގެ ވަރުގަދަ ބަޔާނެއް: އިޒްރޭލަކީ ލެޔަށް ދަތިވެތިވެފައިވާ ބައެއް

ޝައިހުލް އަޒުހަރު އަޙްމަދުލް ޠައްޔިބު، އޭނާ އަކީ މިސްރާއި އިސްލާމީ ދުނިޔޭގައިވެސް ޝަރަފުވެރި އަދި ފާހަގަކޮށްލެވޭ ބޭފުޅެއް

01 ނޮވެމްބަރ 2023 - 13:48

3 comments

ގާހިރާ (ނޮވެމްބަރު 1) - ޒަޔަނިސްޓް އަދުއްވުން މިހާރު އެވަނީ ދައުލަތެއްގެ ސިފަ ގެއްލި، އިންސާނުންގެ ލެޔަށް ކަރު ހިއްކައިގެންފައިވާ، އަނިޔާވެރި ވަލު ކުއްތާއަކަށް ބަދަލުވެފައި ކަމަށް، މިސްރުގެ އަލް އަޒްހަރުއް ޝަރީފް އިން އިއްޔެ ބުނެފި އެވެ.

ސުންނީ މުސްލިމުންގެ އެންމެ ބޮޑު ދީނީ މުއައްސަސާކަމަށްވާ އަލް އަޒްހަރުން މި މޭރުމުން އިޒްރޭލަށް ރައްދު ދިނީ، އިއްޔެ ޣައްޒާގެ ޖަބަލިއްޔާ ފޭލިގެ އަވަށުގައި އިޒްރޭލުން ހިންގި ގަތުލުއާންމު ކުށްވެރިކޮށް ނެރުނު ބަޔާނުގަ އެވެ. ޖަބާލިއްޔާ ފޭލިގެ އަވަށަށް އިއްޔެ މެންދުރު ފަހު ފުލުފުލުގައި ވައްޓައިލި ހަ ބޮމުގެ ސަބަބުން، މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު ވަނީ 400 އަށް ވުރެ މަތިވެފަ އެވެ.

އެކްސް (ކުރީގެ ޓްވިޓާ)ގައި އަޒްހަރުން އިއްޔެ އާންމު ކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަހްޔޫނީ އަދުއްވުން މިހާރު ތިބީ ފަލަސްތީނުގެ ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން ގަތުލު ކުރުމަށް ދަހިވެތިވެފަ އެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން ގަތުލުކޮށް އެމީހުންގެ މުޅަ މަސް ކައި އެމީހުންގެ ލޭ ބުއިމަށް ކަރުހިއްކައިގެންފައިވާ ވަލު ކުއްތާއެއް ފަދައިން އިޒްރޭލުގެ އުދުވާނީ އަމަލުތައް ތަކުރާރު ކުރަމުން އަންނަ އިރު ވެސް، އެކަން މަނާކުރާނެ އަދި އެކަން ބަލާނެ ބަޔަކު ވެސް ނެތް ކަމަށް، އެ ބަޔާނުގައިވެ އެވެ.

"އެ އަމަލުތައް ހިންގުމަށް ސަހްޔޫނީ އަދުއްވުންނަށް ހިތްވަރު ލިބެނީ، ގަބުރުތަކެއްގެ ހަނުހިމޭންކަން ފަދަ ހަނުހިމޭންކަމެއް އަދުގެ ބައިނަލްއަގުވާމީ މުޖްތަމައަށް ވެރިވެފައިވާތީ. އަދި އެމީހުންގެ މި އުދުވާނީ އަމަލުތައް ނިމުމަކަށް ގެނައުމުގަޔާއި، ކޮންމެ ދުވަހަކު ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންގެ މުޅަ މަސް ކައި ލޭ ބޮމުން ދާއިރުވެސް އެކަން ނިމުމަކަށް ގެނައުމުގައި ބައިނަލްއަގުވާމީ މުޖްތަމައު ނުކުޅެދިފައިވާތީ،" އަޒްހަރުގެ ބަޔާނުގައިވެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ މަދަދާއި ސިޔާސީ ތާއީދާއެކު، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓުވާނެ އެއްވެސް ގައުމެއް ނެތްކަން ފާހަގަކޮށް، އަޒްހަރުގެ ބަޔާނުގައި ވަނީ ޣައްޒާގެ ނިކަމެތި ރައްޔިތުން ސަލާމަތް ކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވައިފަ އެވެ.

"އޭ މުސްލިމުންނޭވެ! އެމީހަކު ހުރި ކޮންމެ ތަނެއްގައި، މިފަދަ ހާލަތްތަކުގައި ކީރިތި ނަބިއްޔާ ކުރެއްވި ދުޢާ އިން، ތިޔަ އެންމެހައި މުސްލިމުން ކޮންމެ ނަމާދަކަށް ފަހުގައި ދުއާ ކުރެއްވުމުގެ ވަގުތު އަދި ފާއިތެއް ނުވޭ. އެ ދުއާއަކީ؛ (اللَّهُمَّ مُنْزِلَ الكِتَابِ، ومُجْرِيَ السَّحَابِ، وهَازِمَ الأحْزَابِ، اهْزِمْهُمْ وانْصُرْنَا عَلَيْهِمْ)

ގާޒާގެ މެދުތެރޭގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަކީ، އެ ސިޓީގައި މިވަގުތު އެންމެ ގިނަ ބަޔަކަށް ސިއްހީ ފަރުވާ ދެމުން އަންނަ އިންޑޮނީޝިޔާ ހޮސްޕިޓަލާ ވަރަށް ކައިރީގައި އޮންނަ އަވަށެކެވެ. އެ އަވަށުގައި ކައިރި ކައިރީގައި ހުރި އިމާރާތްތަކަކަށް ފުލުފުލުގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ.

ޖަބާލިޔާ ފޭލިގެ އަވަށަށް އިއްޔެ ދިން ހަމަލާގައި އިޒްރޭލު ސިފައިން ބޭނުންކުރި ހަ ބޮމުން ކުރެ ކޮންމެ ބޮމެއްގައި އެއް ޓަނުގެ ގޮވާ ތަކެތި އެކުލެވެ އެވެ. ޖަބާލިޔާ އަށް ދިން ވަރުގަދަ ހަމަލާގައި، އެ ސަރަހައްދުގައި ހުރި އިންޑޮނީޝިޔާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންނަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 26 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 22000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3600 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2200 އަށް ވުރެ ގިނަ އަންހެނުންނާއި 600 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

އޭގެ އިތުރުން ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2150 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަންޑު33

03 November 2023

ޚާދިމުލް ޙަރަމައިނި އައްޝަރީފައިނި، ސައުދީ ރަސްގެފާނު އެބައުޅޭ ފަންޑު ހުޅުވައިގެން.

The name is already taken The name is available. Register?

ކުރުސީސް

01 November 2023

އަރަބިންނަކީ ދަތްނެތް ސިންގާ

The name is already taken The name is available. Register?

ކޮމާކޯޅި

01 November 2023

މިހާރު ނޫހުން ގެނެސްދޭ ޣައްޒާގެ ކޮންމެ ހަބަރެއްގެ ފަހުބައިގައި އަގްސާ ތޫފާނު ފެށުނުގޮތާ އެެއަށް ރައްދު ދޭން ޒަޔަނިސްޓުން ފެށި އެކަތައިގެ ކަނޑިއެއްގެ ވާހަކަ ކޮމާކޯޅި އަކަށްލާފަ އެެއޮންނަނީ، އެކަތައިގެ ކަނޑި މާޚާއްސަވީމަތަ؟ ކޮމާކޯޅި އަށް ލާފައި އޮންނަނީ އެ ޖުމްލަ ނުވަތަ ބަހަކަށް އިތުރު ސަމާލުކަން ދޭން. ތިއެކަތައިގެ ކަނޑިއަށްވުރެ " އަޤްސާ ޠޫފާން" ކޮމާކޯޅިއަށްލުން މާ ރަނގަޅު ތޯއްޗެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454