02 ނޮވެމްބަރ 2023 - 14:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭތޯ، އަންނަ އާދީއްތަ ދުވަހަށް ވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައިވާ އިރު، އެ ގަރާރު މި ހަފްތާގައި ހަތަރު ވަނަ ފަހަރަށް އެޖެންޑާކުރި ނަމަވެސް، މިއަދުގެ ޖަލްސާއަށް ވެސް އީވާ ސަލާން ފޮނުއްވާފައިވާތީ ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.
އެއާ އެކު، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ އާދީއްތަ ދުވަހަށް ވެސް ޖަލްސާއެއް ބާއްވަން ތާވަލުކޮށް، ނަޝީދު ވަކި ކުރުމުގެ ގަރާރު އެޖެންޑާކޮށްފަ އެވެ. އެކަމަކު އެ ދުވަހު ވެސް ޖަލްސާ ކުރިއަށް ގެންދެވޭނީ، އީވާ ވަޑައިގެންފި ނަމަ އެވެ.
އެއީ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ނިންމައިފައިވާތީ އެވެ.
އެކަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ގަބޫލުނުކޮށް، އެ ޕާޓީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފަ އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ.
އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ.
އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ފަށަން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށްފަ އެވެ.
ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގޮސް، މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓިފައިވާ އިރު، މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލު ތަކުގެ އިތުރުން، މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު...
03 November 2023
ރަސްމީބަންދުނޫން ކޮންމެދުވަކު އެޖެންޑާކުރަންޖެހޭނެ ގަވާއޮދު ކިއާލީމަ ދޭހަވަނީއެހެން،.....
ކަލަމިންޖާ
02 November 2023
އެކަމު ބުނި ބަރުލަމާނީގަ މެންބަރުކަމުންވެސް ވަކިކުރެވޭނެޔޭ. މުޅިމަޖިލީހުގެ އަޤުލަބިއްޔަތުން އިތުބާރުއޮތްތޯ ބަލާލަން ފުރުސަތުނުދީގެން އުޅޭބަޔަކަށް ކޮން ބަރުދަމާނީއެއް ޕްރެކްޓިސްކުރެވޭނީ
ޑޮޓްޑޭޝް
02 November 2023
ރައްޔިތުންގެ މަންދޫބުންގެނަމުގައި މަޖިލީހެއްހަދައިގެން ބަޔަކުމިގަންނަގަނޑު ރައްޔިތުންނުކުމެނަމަވެސް ނިންމަންއެބަޖެހޭ. ރައްޔިތުންގެ މަންދޫބުންކަމުގައިވާނަމަ، އެރައްޔިތުންގެ ޙައްޤުގައި ޚިޔާލުގެތަފާތުތަށް އެކަހެރިކޮށް އެރައްޔިތުންގެ މާލިއްޔަތަށް ގެއްލުންނުދީ ކަންތައްކުރާނީ ހަރުދަނާކޮށް ހަރުދަނާގޮތުގައި. ކުޅޭނީ ބަތްކައްކާއެއްނޫން. މިއީދެން ކިހާބޮޑު..........
ލަތީފާ
02 November 2023
މިއީ މިގައުމުގެ ހަލާކު! ފަހުގެ ތާރީހުގެ މިގާބޭ! ވަރަށް އަޑި ނުބައި ފިތުނަވެރި މީހެއް! ދެން ލަލާ
ޢަހްމަދ
02 November 2023
7% ވެސް ދެން ނުލިބޭނެ ތިޔަ ތެޅޭ ވައްތަރުން
ބަލިކުދިން
02 November 2023
ބަލިވި ކުދިން ހުއްޓާނުލާތި ތިޔަކަންތައް ނުވަނީސް
ސަސި.
02 November 2023
ލަދުވެސް ނުގަންނަކަން ހިތް ތިރި ރައީސް.
އ
02 November 2023
މިހާރު މިމީހުންގެ ފޮޓޯއެއް ފެނުނަސް ހޮޑުލަވާ.... ހިތައް އަރާ މިމީހުން ކައިރިން މި ގައިމު ސަލާމްތްވާމީ ދެން ކޮން އިރަކުންބާއޭ.... މިއީ އެމްޑީޕީގެ އާއްމު ރައްޔަތުންނައް އެތަކެއް އަނިޔާ ކުރުވި މީހެއް.... މީނަ ހިފި ނުހުރެގެން ދެ ފަހަރައްވެސް ސަރުކާރު ވެއްޓުނީ.... ބޭރުފުށަކުން މީހާގެ އަސްލެއް ނޭގޭނެ....
މުން ޖިދު
02 November 2023
ޤަރާރު ގެ މައްސަލަ ކޯޓުން ބަލަމުން ދަނިކޮށް ތާވަލް ނުކުރެވޭނެ!
ޢަހ.ްމަދ
02 November 2023
ކުރިންކީ ކޯޓަކަށް ނުދެވޭނެޔޭ.. ދެފަހަރު އެކައްޗެއް ނުކިޔާތީއޭ ރައްޔިތުން %7 ދިނީ
ފަޒީމާ
02 November 2023
އެދުަވަހަށް ޑެންގޫ ރަނގަޅުވެދާނެ. އެކަމަކު ބޭރަށް ހިންގުން ޖެހިއްޖިއްތާ ނާދެވޭނެ ނޫންތޯ